އިރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގައި އެމަނިކުފާނު އަވަހާރަވެފައިވާކަން އީރާންގެ ރަސްމީ މިޑިއާއިން ކަށަވަރު ކޮށްދީފިއެވެ.

މި ހާދިސާގައި އީރާނުގެ ރައީސްގެ އަރިހުގައި ދަތުރުކުރެއްވި ވަފުދުގެ އެއްވެސް ބޭފުޅަކު ސަލާމަތް ނުވާކަން ވެސް އީރާނުގެ ރަސްމީ މިޑިއާއިން ވަނީ ޔަގީންކޮށްދީފައެވެ.

އީރާންގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރ ރެސްކިއު ޓީމުން މިހާރު ހޯދާފައިވާއިރު މިހާދިސާގައި ހެލިކޮޕްޓަރު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ރެސްކިއުޓީމުން އާންމުކޮށްފައިވާ ފޮޓޯ ތަކުން އެނގެއެވެ.

މި ހާދިސާގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އާމިރު އަބްދުﷲ ހިއާންވެސް ވަނީ އަވަހާރަވެފަ އެވެ.

މިލިޓަރީ އެނަލިސްޓަކާ ހަވާލާދީ ސީއެންއެންއިން ބުނީ ރައީސީ ދަތުރުކުރެއްވީ ބެލް-212 ހެލިކޮޕްޓަރެއްގައި ކަމަށް ބެލެވޭ ކަމަށެވެ. މިއީ ވަރަށް ބާ ހެލިކޮޕްޓަރެއް ކަމަށާއި އެއީ އިރާނަށް 1979 ވަނަ އަހަރު ގެނައި އިންގިލާބުގެވެސް ކުރިން ބޭނުންކުރި ހެލިކޮޕްޓަރެއް ކަމަށެވެ.

އަދި އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ހެލިކޮޕްޓަރަށް ބޭނުންވާ ރަނހަޅު ސްޕެއާތައް ނުލިބި މައްސަލަތައް ދިމާވީ ކަމަށް ބެލެވޭ ކަަމަށް ވެސް ސީއެންއެންއިން ބުނެއެވެ.

އިރާނުގެ ރައީސް އަވަހާރަވުމުން ދެން އެމަގާމާ ހަވާލުވާނީ ނާއިބު ރައީސް މުހައްމަދު މޮހްބާރު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން