އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ޑިފެންސް މިނިސްޓަރ ޔޯއަވް ގަލާންޓް ހައްޔަރު ކުރުމަށް ބައިނަލަޤްވާމީ ކުރިމިނަލް ކޯޓުގައި އެ ކޯޓުގެ ޗީފް ޕްރޮސެކިއުޓަރ އެދިވަޑައިގެންފިއެވެ.

ކުރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް އަޙްމަދު ޚާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ދެމީހުން ހައްޔަރު ކުރަން ކޯޓުގައި އެދިފައިވަނީ ފަލަސްތީނުގައި 8 އޮކްޓޯބަރ 2023 އިން ފެށިގެން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ މައްޗައް ބިނާ ކޮށްފައެވެ. ކޯޓަށް ހުށައެޅި މައްސަލައަށް ބާރު ލިއްބައިދޭ ހެކިތައް ވެސް ހުށައަޅުއްވާފައިވާނޭ ކަމަށް ޚާން ވިދާޅުވިއެވެ.

ނަތަންޔާހޫ އާއި ގަލާންޓް ހައްޔަރު ކުރަން ހުށައަޅާފައިވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި އާންމުން ބަނޑުހައިހޫނުކަން ތަހައްމަލްކުރުވުން، ހަށިގަނޑަށާއި ސިއްޙަތަށް ބޮޑެތި އަނިޔާތަކެއް ދިނުން، ގަސްތުގައި އިންސާނުން މެރުން، އަދި އިތުރު ލާއިންސާނީ އަމަލުތައް ހިންގާފައި ވާތީއެވެ. އިސްރާއީލުން އަމިއްލަ ދިފާއުގައި ފިޔަވަޅުތައް އެޅޭނެ ކަމަށްވެސް ޚާން ވިދާޅުވިއެވެ. އެކަމަކު، އަޅާ ފިޔަވަޅުތައް އަޅަންޖެހޭނީ ބައިނަލަޤްވާމީ އިންސާނިއްޔަތުގެ ޤާނޫނުގެ ހަމަތަކުގެ ތެރެއިން ކަމަށްވެސް ޚާން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 35000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ހޮސްޕިޓަލްތަކަކަށް މިހަމަލާތައް އަމާޒުކޮށްފައިވާއިރު، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއެޅުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ބަނޑަށްޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން