ދެވެރިއަކަށް ބައިޢަތު ހިފަން ދިމާ ވެއްޖެނަމަ ދެވަނަ މީހާ ޤަތުލު ކޮށްލާށެވެ.

ދެވެރިންނާ ބެހޭ ޙަދީޘު:

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا بُويِعَ لِخَلِيفَتَيْنِ فَاقْتُلُوا الْآخَرَ مِنْهُمَا (މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. ދެ ޚަލީފާއަކަށް ބައިޢަތު ހިފަން ދިމާވެއްޖެނަމަ ތިޔަބައިމީހުން އެދެމީހުންގެ ތެރެއިން ދެވަނައަށް ނިކުންނަމީހާ ޤަތުލުކޮށްލާށެވެ.

ޙަދީޘު ރިވާކުރެއްވި އިމާމުން:

މިޙަދީޘު ރިވާކުރެއްވި ބޭކަލުންނަށް ބަލާއިރު، ހަތަރު އިމާމުންގެ ތެރޭންނާއި ހަ އިމާމުންގެ ތެރޭން ވެސް އިމާމު މުސްލިމު ފިޔަވައި އެހެން ބޭކަލަކު މިޙަދީޘު ރިވާކުރަށްވާފައި ނުވެއެވެ. އެހެނަސް އެކަލޭގެފާނުންގެ އިތުރުން އިމާމު ބައިހަޤީއާއި އަބޫ ޢުވާނާއާއި އިބްނި ޙަޒްމާއި އިބްނި ޢަސާކިރާއި ބައްޒާރު މިޙަދީޘު ނެރުއްވާފައި ވެއެވެ. އަދި އިމާމު ޠަބަރާނީ އަލް އައުސަޠުގައި އިމާމު ޛަހަބީ އައްނުބަލާގައި ނެރުއްވާފައި ވެއެވެ. އަދި ނޫރައްދީން ހައިޘަމީ މަޖްމަޢުއް ޒަވާއިދުގައި އިބްނިލް އަޘީރު އައްނިހާޔާގައި ވެސް ނެރުއްވާފައި ވެއެވެ.

ޙަދީޘުގެ ސަނަދު:

حَدَّثَنِي وَهْبُ بْنُ بَقِيَّةَ الْوَاسِطِيُّ حَدَّثَنَا خَالِدُ بْنُ عَبْدِ اللَّهِ عَنْ الْجُرَيْرِيِّ عَنْ أَبِي نَضْرَةَ عَنْ أَبِي سَعِيدٍ الْخُدْرِيِّ (އެބަހީ އިމާމު މުސްލިމު ވިދާޅުވަނީ މިޙަދީޘު ތިމަންގެ ޝައިޚު ވަހަބުގެ ކިބައިން ރިވާކުރެއްވި ކަމަށެވެ. އެކަލޭގެފާނު ޚާލިދު އިބްނި ޢަބްދު ﷲގެ ކިބައިންނެވެ. އެކަލޭގެފާނު އަލްޖުރައިރީގެ ކިބައިންނެވެ. އެކަލޭގެފާނު އަބޫ ނަޟީރުގެ ކިބައިންނެވެ. އެކަލޭގެފާނު މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ ކިބައިންނެވެ.)

ދެޚަލީފާގެ މުރާދަކީ ކޮބާ؟

މިތާގައި ދެ ޚަލީފާއިންގެ މުރާދަކީ އެއްފަހަރާ ދެވެރިން އަންނަ ވާހަކައެއް ނޫނެވެ. އެއީ ވެރިއަކު ކަނޑައެޅިފައި ހުއްޓައި ދެވަނަ މީހަކު އޭނާގެ ދައުރުގައި ވެރިކަމަށް ދަޢުވާ ކުރާ ކަމުގައި ވާނަމަ، އެފަދަ ޙާލަތެއްގައި ރައްޔިތުން ކަންކުރާނެ ގޮތުގެ ވާހަކަ ޙަދީޘުގައި ބަޔާންކުރަށްވާފައި އޮތީއެވެ. ދެވަނަ މީހާ އެކަމުން ދުރުކުރުމަށް ރައްޔިތުންނަށް ވެވުނު މިންވަރަކުން މަސައްކަތް ކުރުމަށްފަހު ދެން އެއްވެސް ގޮތެއް ނެތިއްޖެނަމަ އެޙާލަތުގައި އޭނާއާ ހަނގުރާމަ ކުރުން ހުއްދަވެގެންވާ ކަމަށެވެ. އެއީ އޭނާއަކީ ބާޣީއަކަށް ވާތީއެވެ. އެހެނަސް ސުވާލަކީ ފުރަތަމަ ވެރިޔާއަކީ ރައްޔިތުން ޤަބޫލުކުރާ ފެންވަރުގެ މީހެއްތޯ ނުވަތަ ނޫންތޯ، ބަލަންޖެހޭ މައްސަލައެެވެ. ނުވަތަ ދެވަނަ އަށް އެނިކުތްމީހާ ކުރަމުންދާ ދަޢުވާ ޞައްޙަތޯ ނުވަތަ ނުންތޯ ބެލުމުގެ މައްސަލައެވެ. ހަމަގައިމު ޙުޖުރާތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲގެ ވަޙީ ބަސްފުޅު އައިސްފައިވަނީ މިފަދައިންނެވެ. وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ۖ فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَىٰ فَقَاتِلُوا الَّتِي تَبْغِي حَتَّىٰ تَفِيءَ إِلَىٰ أَمْرِ اللَّهِ (މާނައީ: މުސްލިމުންގެ ދެބަޔަކު ކަމަކާމެދު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ! އެހެނަސް އޭގެތެރެއިން އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ބަޣާވަތް ކޮށްފިނަމަ، އެ ބަޣާވަތް ކުރިމީހުން ﷲގެ އަމުރުފުޅަށް އެނބުރި އަތުވެއްޖައުމަށް ދާނދެން އެއުރެންނާ ހަނގުރާމަކުރާށެވެ!)

ޢުޡްމާނުގެފާނަށް ފަހު މުސްލިމުންގެ މެދުގައި ހިނގި ބޮޑެތި ހަމަނުޖެހުން:

އިސްލާމީ ތާރީޚަށް ބަލާއިރު، މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޡްމާނުގެފާނު އަވަހާރަކޮށްލުމާ ގުޅިގެން ޢަލީގެފާނަށް މުސްލިމުން ބައިޢަތު ހިފައި އެކަލޭގެފާނު މުސްލިމުންގެ ހަތަރުވަނަ ޚަލީފާއަކަށް ޢައްޔަން ކުރެވުނެވެ. އޭގެފަހުން ޢަލީގެފާނާ އިދިކޮޅަށް އަމީރު މުޢާވިޔާ ނިކުމެ ވަޑައިގަތެވެ. އޭގެފަހުން މުޢާވިޔާއާ އިދިކޮޅަށް ޙަސަންގެފާނު ނިކުމެވަޑައިގަތެވެ. މުޢާވިޔާގެ ދަރިކަލުން ޔަޒީދާ އިދިކޮޅަށް ޙުސައިންގެފާނު ނިކުމެވަޑައިގަތެވެ. ޔަޒީދު އަވަހާރަވުމުން ޢަބްދުﷲ އިބްނުއްޒުބައިރު ޙިޖާޒުކަރައިގައި ވަކިވެރިކަމެއް އިޢުލާންކުރެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅު ދަށުގައި ޙިޖާޒުގެ އިތުރުން މިޞުރާއި ޔަމަނާއި ޢިރާޤާއި އީރާނާއި އަފްޣާނިސްތާނުގެ ސަރަޙައްދު އޮތެވެ. އަދި ޝާމު ކަރައިގެ އޭރު ހުންނެވި ބޭކަލެއް ކަމުގައިވާ ޟައްޙާކު އިބްނި ޤައިސްވެސް ޢަބްދު ﷲގެފާނުންގެ އަތްޕުޅަށް ބައިޢަތު ހިއްޕެވެ. އޭގެ ނަތީޖާއަކަށް އައީ ޝާމު ކަރައިގެ ބޮޑު ބައެއްވެސް ޢަބްދު ﷲގެފާނުންގެ ދަށަށް ދިއުމެވެ. މިހިސާބުން ޢަބްދު ﷲގެފާނު އިސްލާމީ ދައުލަތުގެ ޚަލީފާކަމުގައި އިޢުލާން ކުރަށްވައިފިއެވެ. އަދި އެކިތަންތަނުގެ ތިއްބެވި ވެރިންނާއި ޞަޙާބާއިން ވެސް ޢަބްދު ﷲ އަށް ބައިޢަތު ހިއްޕަވައިފިއެވެ. މިސާލަކަށް ދިމަޝްޤުން ޟައްޙާކު އިބްނި ޤައިސެވެ. ޙިމްޞުން ނުޢުމާން އިބްނި ބަޝީރެވެ. ފަލަސްޠީނުން ނާތިލް އިބްނި ޤައިސެވެ. މިނޫނަސް އެކިއެކި ރަށްރަށުގެ ވެރިންނެވެ. މިކަން ހިނގީ ހިޖުރައިން 64 ގައެވެ. ނަމަވެސް ޔަޒީދު އަވަހާރަވުމަށްފަހު ޔަޒީދުގެ ދަރިކަލުން މުޢާވިޔާ އިބްނި ޔަޒީދު ވެރިކަން ޤަބޫލު ނުކުރެއްވުމުން، ޝާމު ކަރައިގެ ބައެއް ރައްޔިތުން މަރުވާން އިބްނި ޙަކަމަށް ބައިޢަތު ހިއްޕެވެ. މަރުވާނަށް ވެރިކަން ހޯދައި ދިނުމަށް އެންމެ އިސްކޮށް މަސައްކަތްކުރީ ޢިރާޤުން ފިލައިގެން ސީރިޔާއަށް ދިޔަ ޢުބައިދު ﷲ އިބްނި ޒިޔާދެވެ. އޭރުމިބޭފުޅުންގެ އަތްދަށުގައި އޮތީ ޝާމު ކަރައިން މިހާރު ޖޯޑަން ކިޔާ ސަރަޙައްދާއި ސީރިޔާގެ ދިމަޝްޤުގެ ބަޔަކާއި އެހިސާބުގެ ބައެއް ވިލެޖްތަކެވެ.

މިހުރިހާ ޙާދިޘާއެއް މިގޮތަށް ހިނގަމުން ދިޔައިރު މިކަމަކާ ލޮބުވެތި ރަސޫލާގެ އަޞްޙާބު ބޭކަލުން މިފަދަ އެއްވެސް ޙަދީޘެއް ނަންގަވައިގެން އެކަމަށް ފާޑުވިދާޅުވެ ހައްދަވައިފައި ނުވެއެވެ.

އުމަވީ ފުރަތަމަ ދައުލަތް ނެތި ދިއުމާއި ދެވަނަ ދައުލަތް އުފެދުން:

ޙަސަންގެފާނަށް ފަހުން އަމީރު މުޢާވިޔާ އަވަހާރަ ވަންދެން މައްކާފިޔަވައި ދެން އޮތް ހިސާބެއްގައި އޮތީ އުމަވީ ވެރިކަމެވެ. މުޢާވިޔާއަށްފަހު އޭނާގެ ދަރިކަލުން ޔަޒީދު އައެވެ. އޭނާ މަރުވެ ދިއުމުން އުމަވީ ވެރިކަން ނެތިގެން ދާން އުޅެނިކޮށް ކުރީން ބުނިފަދައިން މިވެރިކަން ނަގާ ކޮޅަށްޖެހީ މަރުވާނެވެ. މަރުވާން ވެގެން ދިޔައީ އުމަވީ ދެވަނަ ދައުލަތުގެ ބާނީއަކަށެވެ. އަދި އެދައުލަތުގެ ފުރަތަމަ ވެރިޔާއަކީ ވެސް މަރުވާނެވެ. މަރުވާން ރަސްކަމާ ޙަވާލުވެ ވަޑައިގަތްތާ ނުވަވަރަކަށް މަސް ވީތަނާ ހިޖުރީ ސަނަތުން 65 ގައި މަރުވާން އަވަހާރަ ވެއްޖެއެވެ. އެކަލޭގެފާނަށްފަހު އުމަވީ ރަސްކަމާ ޙަވާލުވެ ވަޑައިގަތީ މަރުވާންގެ ދަރިކަލުން ޢަބްދުލް މަލިކު އިބްނި މަރުވާންއެވެ. އޭރުވެސް މުސްލިމުންގެ ތެރޭގައި އޮތް ބޮޑު ދައުލަތަކީ ޢަބްދު ﷲ އިބްނި ޒުބައިރުގެ ދައުލަތެވެ. މަރުވާން ގެންދެވީ އޭނާ އަވަހާރަ ވަންދެން ޢަބްދު ﷲ އިބްނުއް ޒުބައިރުގެ ދައުލަތާ ހަނަގުރާމަ ކުރަށްވަމުންނެވެ. ޝާމުކަރައާއި މިޞްރު މަރުވާނުގެ ދަށަށް ދިޔައެވެ. ދެން މަރުވާން އަވަހާރަ ވުމަށްފަހު ޢަބްދު ﷲ އިބްނުއް ޒުބައިރުގެ ބާރުގެ ދަށުގައި ހުރި އެހެން ތަންތަން ވެސް ޢަބްދުލް މަލިކު މަޑުމަޑުން ހިއްޕަވަން ފަށްޓަވައިފިއެވެ. މުސްލިމުންގެ މެދުގައި ބޮޑެތި ހަނގުރާމަތަކެއް ހިނގަމުން ދިޔައެވެ. މިގޮތުން ޢަބްދުލް މަލިކު ފުރަތަމަ ހިއްޕެވީ ޢިރާޤެވެ. އަދި ޢިރާޤާ ހަނގުރާމަ ކުރަށްވައި ޢަބްދު ﷲ އިބްނި ޒުބައިރުގެ ފަރާތްޕުޅުން ޢިރާޤުގެ ގަވަރުނަރަކަށް ހުންނެވި އެކަލޭގެފާނުންގެ ކޮއްކޯފުޅު މުޞްޢަބު އިބްނި ޒުބައިރު އަވަހާރަކުރަށްވައި ޢިރާޤު ހިއްޕެވީއެވެ. އަދި މުޞްޢަބުގެ އިސްތަށިފުޅު އޭނާގެ ބޭބެ ޢަބްދު ﷲއާއި އޭނާގެ މަންމަ އަސްމާ ބިންތި އަބީ ބަކުރުގެ އަަަަރިހަށް ފޮނުއްވިއެވެ.

އުމަވީންގެ އަނިޔާތައް ހައްދުފަހަނަޅައިދިއުން:

އެންމެފަހުން ގޮސް ޢިރާޤުގެ ގަވަރުނަރަކަށް ޙައްޖާޖު އިބްނި ޔޫސުފު ކަނޑައެޅުއްވުމާ ގުޅިގެން އޭނާގެ އަނިޔާތައް ބޮޑުވެ މަދީނާގެ މީހުންނަށް ބިރުދައްކައި ހެދިއެވެ. އަދި މައްކާއަށް ޙަމަލާދީ ގެފުޅު ތަޅައި، ޢަބްދު ﷲ އިބްނުއްޒުބައިރު އަވަހާރަކޮށް، މައްކާ ހިފިއެވެ. އަދި ޢަބްދު ﷲ އިބްނުއް ޒުބައިރާއި އެކަލޭގެފާނުންގެ ބައެއް ބައިވެރިންގެ އިސްތަށިފުޅު ބުރިކޮށްލައިގެން، މަދިނާއަށް ގެންގޮސް ޢާއްމު ރައްޔިތުންނަށް ފެންނާނެހެން ޞަލީބަށް އަރުވާފައި ބެހެއްޓިއެވެ. މިކަން ހިނގާފައިވަނީ ހިޖުރީ ސަނަތުން 73 ގައެވެ. މިހިސާބުން ޢަބްދު ﷲ އިބްނުއް ޒުބައިރުގެ ވެރިކަން ނިމިގޮސް، މުޅި އިސްލާމީ ދައުލަތް ދެވަނަ ފަހަރަށް އުމަވީންގެ ދަށަށް ދިޔައީއެވެ. އެހެންނަމަވެސް އުމަވީންނަށް އޮތް ބިރަކީ ޞަޙާބާއިން ފެށިގެން ކީރިތި ރަސޫލާގެ އާލުބައިތުންނަށާއި ޢަލީގެފާނަށާއި އެކަލޭގެފާނުންގެ ދަރިފަސްކޮޅަށް މުސްލިމުންގެ ހިތްތަކުގައި ދެވިފައިއޮތް ޤަދަރަކާއި ލޯތްބެއްގެ ބިރުވެރިކަމެވެ. މިކަން ނަތްތާލަން އުމަވީ ވެރިން ދިޔައީ ޢަލީގެފާނަށް ތާއީދުކުރާ މީހުން މަރައި ހުސްކުރަމުންނެވެ. މިހަނގުރާމާގައި ދުނިޔެ ނުދެކޭފަދަ އަނިޔާވެރިކަމާއި ބަދަލު ހިފުމާއި ހައްދުފަހަނަޅާ ދިއުން އުމަވީ ދައުލަތުގެ ވެރިންނާއި ޙައްޖާޖުގެ ފަރާތުން މުސްލިމުންނަށް ލިބިގެން ދިޔައެވެ. މިވާހަކަ ސިފަ ކުރަށްވަމުން ލޮބުވެތި ރަސޫލާގެ ޞަޙާބީއެއް ކަމުގައިވާ މާތް ﷲ ރުއްސުންލެއްވި އަބޫ ބަރްޒަތުލް އަސްލަމީގެ ބަސްފުޅު އިމާމު ބުޚާރީ މިފަދައިން ރިވާ ކުރަށްވާފައި ވެއެވެ. މިޙަދީޘުގެ ތަފްޞީލު ފަތުޙުލްބާރީގައި އިބްނި ޙަޖަރު ލިއުއްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. أَلَا تَرَى مَا وَقَعَ فِيهِ النَّاسُ إِنِّي احْتَسَبْتُ عِنْدَ اللَّهِ أَنِّي أَصْبَحْتُ سَاخِطًا عَلَى أَحْيَاءِ قُرَيْشٍ إِنَّكُمْ يَا مَعْشَرَ الْعَرَبِ كُنْتُمْ عَلَى الْحَالِ الَّذِي عَلِمْتُمْ مِنْ الذِّلَّةِ وَالْقِلَّةِ وَالضَّلَالَةِ وَإِنَّ اللَّهَ أَنْقَذَكُمْ بِالْإِسْلَامِ وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى بَلَغَ بِكُمْ مَا تَرَوْنَ وَهَذِهِ الدُّنْيَا الَّتِي أَفْسَدَتْ بَيْنَكُمْ إِنَّ ذَاكَ الَّذِي بِالشَّأْمِ وَاللَّهِ إِنْ يُقَاتِلُ إِلَّا عَلَى الدُّنْيَا وَإِنَّ هَؤُلَاءِ الَّذِينَ بَيْنَ أَظْهُرِكُمْ وَاللَّهِ إِنْ يُقَاتِلُونَ إِلَّا عَلَى الدُّنْيَا وَإِنْ ذَاكَ الَّذِي بِمَكَّةَ وَاللَّهِ إِنْ يُقَاتِلُ إِلَّا عَلَى الدُّنْيَا މާނައީ: މިއަދު މުސްލިމުންގެ މެދުގައި ހިނގަމުން މިދާ ހަމަނުޖެހުންތަކާ މެދު ވިސްނާ ވަޑައި ނުގަންނަވަމު ހެއްޔެވެ؟ ތިމަން ދެކޭގޮތުގައި މިމީސްމީހުންގެ މައްޗަށް ހުރީ ﷲގެ ރުހިވޮޑި ނުގަތުމާއި އެއިލާހުގެ ކޯފާއެވެ. އަދި ތިމަން ދެކޭގޮތުގައި މިއީ އެއްވެސް ގޮތެއްފޮތެއް ނެތްބަޔެކެވެ. ޤުރައިޝުވަންހަ މުޅިން ބަދުނާމު ކޮށްފިއެވެ. ދަންނާށެވެ! އޭ ޢަރަބިންނޭވެ! މީގެ ކުރިން ތިޔަބައިމީހުން އުޅުނު ޙާލު ތިޔަބައިމީހުންނަށް އެބައެނގޭ ނޫންހެއްޔެވެ؟ ނިކަމެތިކަމާއި ބަލިކަށިކަމާއި މަގުފުރެދިފައިވާވަރާއި މިކަންކަމަކީ ތިޔައިން އެކަކަށްވެސް ވަންހަނާވެފައި އޮތް ކަމެއް ނޫނެވެ. އެހެނަސް މާތް ﷲގެ ދީލަތިވަންތަ ކަމުން ތިޔަބައިމީހުންގެ ގާތަށް ޢާލަމްތަކަށް ކައުކުރެއްވި މުޙައްމަދުގެފާނު ނަބީކަމާއިގެން ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނުންގެ ޒަރިއްޔާއިން ތިޔަބައިމީހުންނަށް ލިބިގެންދިޔަ ޢިއްޒަތާއި ޤަދަރު ތިޔަބައިމީހުންނަށް ވަންހަނާވެގެނެއް ނުވެއެވެ. މިއަދު މިއޮތީ ދުނިޔޭގެ ޖާހާއި މުދަލާހުރެ ތިޔަބައިމީހުންގެ މެދުގައި ފިތުނަފަސާދަ އުފެދިފައެވެ. ﷲ ގަންދީ ބުނަމެވެ. ޝާމުކަަރާގައި އެއުޅުއްވާ ބޭކަލަކު (އެބަހީ މަރްވާން ނުވަތަ ޢަބްދުލް މަލިކު އިބްނި މަރްވާން) އެކުރަށްވާހައި ހަނގުރާމައަކީ ހަމައެކަނި ދުނިޔޭގެ އެދުމުގައި ކުރަށްވާ ހަނގުރާމަތަކެވެ. އަދި މިބަޞަރާގައި ތިބެގެން ދީނީ ޢިލްމުވެރިން (އެބަހީ ޚަވާރިޖުން) ދީނުގެ ނަމުގައި އެއުފައްދާހައި ފަސާދައަކީ ހަމައެކަނި ދުނިޔޭގެ އެދުމާއި ޖަހާލަތުގެ ސަބަބުން ނޫނީ ކުރާ ކަމެއް ނޫނެވެ. ހަމައެހެންމެ މައްކާގައި އެއުޅުއްވާ ބޭކަލަކު (އެބަހީ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނުއް ޒުބައިރު) އެކުރަށްވާ ހަނގުރާމަވެސް ދުނިޔޭގެ ޢިއްޒަތުގެ ބޭނުންފުޅުގައި ކުރަށްވާ ކަމެއްކަމުގައި ނޫނީ ތިމަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ.

މިޒަމާނުގެ އިންތިޚާބާއި މިޙަދީޘާ ގުޅެއް އެބައޮތްބާ!

މިހާރުގެ ބައެއް ޝައިޚުން ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިޚާބަށް ވޯޓުލުމާއި ކެނޑިޑޭޓުން އެއްބަޔަކު އަނެއް ބަޔަކަށް ވާދަކުރުން މިޙަދީޘުގެ އަލީގައި ހުއްދަނުވާނެއެވެ. ވެރިޔަކު އެކަކު ހުއްޓައި އޭނާ މަރު ނުވަނީސް އަނެކަކު އޭނާ ވައްޓާލަން ނިކުތުމަކީ ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ.

މިހިރީ ދީން ބަދުނާމުކުރަން ދެކެވޭ ވާހަކައެވެ. އިސްލާމް ދީނުގައި ވެރިޔަކު ހޮވާނެ އެއްވެސް އުޞޫލެއް، ޤަވާޢިދެއް ބަޔާންވެފައި ނެތެވެ. އެހެންކަމުން ޤައުމެއްގެ ރައްޔިތުން ތިމާމެންގެ ވެރިއަކު ހޮވާނެ ގޮތެއް ކަނޑައަޅައި އެކަން ޤަބޫލު ކުރުމުން އެއޮތީ އެގޮތް ދީނީ ފަލްސަފާގެ ތެރެއަށް ވަދެ ދީން އެކަމަށް ތަރުޙީބު ދީފައެވެ. އެހެންވެ މިޒަމާނުގައި ނަގަމުންދާ ވޯޓަކީ އިހުގައި ހިފަމުން ދިޔަ ބައިޢަތެވެ. ޒަމާން ތަފާތުވުމުން ޢަމަލުކުރެވޭގޮތާއި ވައްޓަފާޅި ތަފާތުވަނީއެވެ. އެއަށް ކޮންމެ ނަމެއް ކިއުނު ކަމުގައި ވިއަސް ކަނޑައެޅިގެން ދީނުން މަނާކޮށްފައިވާ ޞަރީޙަ މަނަލަކަށް އަރަައިނުގަންނަހާ ހިނދަކު އެކަމެއް ގޯސް ނުކުރެވޭނެއެވެ.

މިޙަދީޘުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދުން:

އިމާމު މުސްލިމު ގެންނެވި މިޙަދީޘަކީ އިމާމު މުސްލިމު ގިނިކަންޏާ ރިވާކުފެއްވި ޙަދީޘެކެވެ. އިމާމު ނަވަވީ ޙަދީޘުގެ ސަނަދާމެދު އެއްވެސް ބަސްފުޅެއް ވިދާޅުވެފައި ނުވެއެވެ. ނަމަވެސް މިޙަދީޘުގެ ރާވީންގެ ތެރޭގައި ތިއްބެވި ޚާލިދު އަލްޠައްޙާނާއި ސަޢީދު އަލްޖުރައިރީއާ ބެހޭގޮތުން ޖަރަޙަ ތަޢުދީލުގެ އިމާމުން ވާހަކަފުޅު ދައްކަވާފައި ވެއެވެ. އިމާމު އަޙްމަދާއި އިމާމު އަބޫ ޖަޢުފަރު އަލްޢުޤައިލީއާއި (އަވަހާރަވީ 322ހ. ގައި) އިބްނުލް ޤައްޠާން (އަވަހާރަވީ 628ހ ގައި) ފަދަ ބޭބޭކަލުން މިރާވީންނާ ބެހޭގޮތުން، ސަނަދުގައި އެއިން ބޭކަލަކު އެކަނި އައިސްފައި އިތުރު ހެއްކެއް ނެތްޙާލު ޤަބޫލު ނުކުރަށްވާ ކަމަށް މިޒަމާނުގެ މުޙައްޤިޤެއް ކަމުގައިވާ ޑރ. ޚާލިދު އަލްޙާޔިކު އޭނާގެ ޕޭޖު (دَارُ الْحَدِيثِ الضِّيَائِيَّة) ގައި ލިއުއްވާފައިވެއެވެ. އަދި އިމާމު އަލްޢުޤައިލު އެކަލޭގެފާނުންގެ އައްޟުޢަފާ ގައި ދެތަނެއްގައި މިޙަދީޘު ޟަޢީފު ކުރަށްވާފައި ވެއެވެ. އެކަލޭގެފާނު އެފޮތުގެ (3/457) ވަނަ ޞަފްޙާގައި ވިދާޅުވެފައި ވަނީ "وَالرِّوَايَةُ فِي هَذَا الْبَابِ غَيْرُ ثَابِتَةٍ" މާނައީ: މިބާބުގައި ބަޔާންވެގެންވާ ރިވާޔަތް ސާބިތުވެގެން ނުވެއެވެ. އަދިވެސް އެކަލޭގެފާނު އެފޮތުގެ (1/259) ވަނަ ޞަފްޙާގައި ވިދާޅުވެފައި ވެއެވެ. "وَلاَ تَصِحُّ فِي هَذِهِ الْمُتُونِ عَنِ النَّبِيِّ عَلَيْهِ السَّلاَمُ شَيْءٌ مِنْ وَجْهٍ يَثْبِتُ" މާނައީ: މިމާނާގައި އެއްވެސް މަގަކުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން އެއްވެސް ޞައްޙަ ބަސްފުޅެއް ސާބިތުވާކަށެއް ނެތެވެ.

ޚާލިދު އަލްޠައްޙާނާއި ޖުރައިރީއާ މެދު އިތުރު ތަޙްޤީޤެެއް:

މިޙަދީޘުގެ މައްޗަށް ކުރެވިފައިވާ ނަގުދާމެދު ތަންޤީދީ ނަޒަރަކުން ބަލައިލާއިރު އަޅުގަނޑަށް ދޭހަވި އެއްޗަކީ ޚާލިދު ބިން ޢަބްދު ﷲ އަލްޠައްޙާނާއި އޭނާގެ ދަރިކަލުން މުޙައްމަދާއި ދެބޭކަލުންގެ މެދުގައި ފާޑުވިދާޅުވި ބޭކަލުން އެދެބޭކަލުން އޮޅުވަލެއްވީ ކަމަށެވެ. ޙަޤީޤަތުގައި ޚާލިދަކީ އިތުބާރު ކުރެވޭ ޘިޤާ ބޭކަލެކެެވެ. އަވަހާރަވީ ހިޖުރީ ސަނަތުން 182 ގައެވެ. އެކަލޭގެފާނުންގެ އަރިހުން ޢިލްމުވެރިންގެ ބޮޑު ޖަމާޢަތެއް ރިވާކުރަށްވާފައި ވެއެވެ. އެބޭކަލުން އެކަލޭގެފާނަކީ ޘިޤާއެއް ކަމުގައި ބަޔާން ކުރަށްވާފައި ވެއެވެ. ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި އިމާމު އަޙްމަދާއި އަބޫ ޒަރުޢާއާއި ނަސާއީއާއި އަބޫ ޙާތިމާއި ތިރްމިޛީ ހިމެނިވަޑައި ގަންނަވައެވެ. އަބޫ ޙާތިމު ވިދާޅުވަނީ އެކަލޭގެފާނު ޞައްޙަ ކަމަށެވެ. އަޙްމަދު ވިދާޅުވަނީ ޞާލިޙު ކަމަށެވެ. ތިރްމިޛީ ވިދާޅުވަނީ ޘިޤާ، ޙާފިޡެއް ކަމަށެވެ. އިބްނި ޙިއްބާނު އެކަލޭގެފާނުންގެ ފޮތް ޘިޤާތުގައި ބަޔާން ކުރެއްވިއެވެ. (6/267) އިބްނު ސަޢުދު ޠަބަޤާތު (7/313) ގައި، އައްތަހްޛީބު: (3/100-101 ނަންބަރު 187) ގައި، އައްތަޤްރީބު: (1/215 ނަންބަރު 469 ގައެވެ.) މިމަޢުލޫމާތުތައް އަޅުގަނޑު ނަގާފައިވަނީ ޚާލިދު އިބްނި މުޙައްމަދު އައްރާޖިޙީ އޭނާގެ ޕީއެޗްޑީއަށް ލިއުއްވި ތީސެސްގެ 136 ވަނަ ޙަދީޘުގެ ތަޙްޤީގުންނެވެ. (2/501- 1401-1422ހ) މިއެވެ. އިމާމު ޛަހަބީ އައްނުބަލާގެ 6/154 ގައި ދެފަރާތުގެ ބޭކަލުން ގެންނެވި ވާހަކަވެސް ނަގުލު ކުރަށްވާފައި ވެއެވެ.

އިމާމު އަބޫ ޙާތިމުގެ ކިބައިން ނަަގުލުވެގެންވަނީ އެކަލޭގެފާނު ފަހު ޢުމުރުގައި އޮޅުވާލައްވާ ކަމަށެވެ. އަދި ޔަޙްޔާ އިބްނި ސަޢީދާއި އެނޫންވެސް ބައެއް ބޭކަލުން އެކަލޭގެފާނަށް ނަގުދު ކުރަށްވާފައި ވެއެވެ. ކޮންމެއަކަސް އަލްޖުރައިޖީއާ ބެހޭގޮތުން ބޮޑަށް ބުރަވެވެނީ އޭނާގެ ފަހު ޢުމުރުގައި އޮޅުވާލައްވާ ކަަމަށެވެ. އެހެނަސް މިތާ އުފެދޭ ސުވާލަކީ ޚާލިދު މިޙަދީޘު ރިވާކުރަށްވާފައިވަނީ ފަހު ޢުމުރުފުޅުގައިތޯ ނުވަތަ އޭގެ ކުރީކޮޅުގައިތޯއެވެ؟ އެހެންކަމުން އިމާމު ޖުވައިރީއާ ބެހޭގޮތުން އެކަލޭގެފާނުންގެ ޢުމުރުފުޅުގެ ފަހުކޮޅުގައި އޮޅިވަޑައިގަންނަވާ ވާހަކަ އެކަލޭގެފާނުންގެ ސިޔަރަތުގައި އައިސްފައި ވެއެވެ. އެހެނަސް އެކަލޭގެފާނުންގެ އަރިހުން ޚާލިދުގެފާނު ރިވާކުރެއްވީ އޭގެ ކުރީންކަމެއް ނުވަތަ ފަހުންކަމެއް ސާބިތުވާން ނެތްހިނދު ޙަދީޘު ޟަޢީފު ކުރެވެން ނޯންނާނެ ކަމަށް އިމާމު އަބޫ އިސްޙާޤު އަލްޙުވައިނީގެ އަރިިހުން އަލްއަލްޤާބު ވަލްއަންސާބުގައި (1939،1938 ވަނަ ޞަފްޙާގައި، ރާވީ ނަންބަރު 4548 ވަނަ ބޭކަލަކަށް ބަޔާން ކުރަށްވާފައި ވެއެވެ. އޭގައި އިމާމު އަބޫ ދާއޫދުގެ އަރިހުން ޖުވައިރީގެ އަރިހުން ޚާލިދުގެ ރިވާޔަތްތައް (ޖައްޔިދު) ރަނގަޅު ކަމުގައި ބަޔާން ކުރަށްވާފައި ވެއެވެ. އަދި އިމާމު އިބްނި ޙަޖަރު އަލްފަތުޙުގައި އަބޫ ދާއޫދަށް ތާއީދު ކުރަށްވާ ލިއުއްވާފައި ވެއެވެ. (އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އިމާމު އަބޫ އިސްޙާޤުގެ ނަޘްލުއްނިބާލި ބި މުޢުޖަމިއްރިޖާލި- 1428-2007، 1 ވަނަ ބައި، މަންޝޫރާތު އައްދާރު ތަޢައްބުރު، 1 ވަނަ ޗާފު) ބައްލަވާށެވެ.

މުސްލިމުގެ ރިވާޔަތަށް ގަދަކަން ލިބޭ އިތުރު މަގުތައް:

މިޙަދީޘު އިމާމު މުސްލިމުގެ އިތުރުން އަދި ބައްޒާރާއި ޠަބަރާނީ (އަލްއައުޞަޠުގައި)ވެސް ގެންނެވިއެވެ. މަޖްމަޢު ޒަވާއިދުގައްޔާއި އައްނިހާޔާ ފީ ޣަރީބިލްޙަދީޘް ގައިވެސް ގެނެވިފައި ވެއެވެ. އަދި އިމާމު ބައިހަޤީއާއި އަބޫ ޢުވާނާއާއި އިބްނި ޙަޒްމާއި އިބްނި ޢަސާކިރު މިޙަދީޘު ނެރުއްވާފައިވެއެވެ. އަދި ބައްޒާރާއި ޠަބަރާނީ (އަލްއައުޞަޠުގައި) ވެސް ގެންނެވިއެވެ. މިބޭކަލުންގެ ތެރޭން ބައްޒާރާއި ޠަބަރާނީ ގެންނަވާފައިވަނީ އެހެން ރިވާޔަތެކެވެ. އެއީ އަބޫ ހުރައިރާގެ އަރިހުންނެވެ. އޭގައި ވަނީ އަބޫ ހިލާލެވެ. އެކަލޭގެފާނަކީ ޘިޤާ ރާވީއެއް ކަމުގައި ބައްޒާރާއި ޠަބަރާނީ ވިދާޅުވެފައި ވެއެވެ. އެހެނަސް ކުރީގައި ބަޔާންވެދިޔަ އިމާމު އަބޫ އިސްޙާޤު އަލްޙުވައިނީގެ ބަސްފުޅާމެދު އަޅުގަނޑަށް ކުރެވޭ އިޢުތިރާޒެއް އެބައޮވެއެވެ. އެއީ އަލްޖުރައިޖީގެފާނުންގެ އަރިހުން ޚާލިދުގެފާނު ރިވާކުރެއްވީ ޖުރައިޖީ ހަނދުމަފުޅު ނެތެން ފެށުމުގެ ކުރީންކަމެއް ނުވަތަ ފަހުންކަމެއް ސާބިތުވާން ނެތްހިނދު ޙަދީޘު ޟަޢީފު ކުރެވެން ނޯންނާނެ ކަމަށް ވިދާޅުވި ބަސްފުޅެވެ. އަޅުގަނޑަށް އެކަމުގައި ދޭހަވަނީ އޭގެ އިދިކޮޅަށެވެ. އެފަދަ ޙާލަތެއްގައި ޙަދީޘު ޞައްޙަ ކުރެވެން ނޯންނާނެއެވެ.

އެއްވެސް ޒަމާނެއްގައި މުސްލިމުން މިޙަދީޘަށް ޢަމަލު ކުރިބާ!

މިތާގައި އުފެދޭ ސުވާލަކީ އިސްލާމީ ތާރީޚުގެ ފަށްފުތް އުކާލާއިރު ޢުޡްމާނުގެ ފާނުންގެ ދައުރުގެ ފަހުކޮޅުން ފެށިގެން އައިސްފައިވަނީ އުއްމަތުގައި ހަމަނުޖެހުންތަކެވެ. ޢަލީގެފާނުންގެ ދައުރުން ފެށިގެން އެއްބަޔަކު އަނެއް ބައެއްގެ މެދުގައި އައީ ހަނގުރާމަ ހިނގަމުންނެވެ. މުޢާވިޔާ ޢަލީގެފާނާ އިދިކޮޅަށް ބަޣާވަތް ކުރެއްވިއެވެ. ޔަޒީދުގެ ދައުރުގައި ކީރިތި ރަސޫލާގެ އާލު ބައިތުން ހުސްކޮށް ނަތްތާލެވުނެވެ. މަދީނާއަށް ޔަޒީދުގެ ލަޝްކަރުއަރާ ތިން ދުވަސްވަންދެން މަދީނާ ލޫޓުމާރުކޮށް ގަދަކަމުން އަންހެނުންގެ ޢިއްފަތަށް އަރައިގަނެވުނެވެ. މަރުވާނާއި އޭނާގެ ދަރިކަލުން ޢަބްދުލް މަލިކާ ދެބޭކަލުންމެ، ޢަބްދު ﷲ އިބްނި ޒުބައިރުއާ އިދިކޮޅަށް ބަޣާވަތް ކުރެއްވިއެވެ. ޢައްބާސީން ބަޣާވާތްކޮށް އުމަވީ ދައުލަތް ވައްޓާލިއެވެ. ޢަލީގެފާނުންގެ ޢާއިލާއަށް ލިބެމުންދިޔަ އަނިޔާތަކާއި ދުއްތުރާތަކަށް ކެތްނުކުރެވިގެން ޢަލީގެފާނުންގެ މުނިކާފަ ދަރިކަލުން ޒައިދު އިބްނި ޢަލީ އިސްވެ ހުންނަވައިގެން އުމަވީ ދައުލަތުގެ ވެރިޔަކަށް ހުންނެވި ހިޝާމު އިބްނި ޢަބްދުލް މަލިކާ އިދިކޮޅަށް ހަނގުރާމަ ފެއްޓެވިއެވެ. މިހަަަަަަަނގުރާމައިގައި އިމާމު އަބޫ ޙަނީފާވެސް ހުންނެވީ ސިޔާސީ ގޮތުން ޢަލީގެފާނުންގެ ޝިޔާއާ އެކުގައެވެ. އަދި މިނޫނަސް މިފަދަ އެތަކެއް ހަނގުރާމައެއް މުސްލިމުންގެ މެދުގައި ހިނގާފައި ވެއެވެ. އެއުރެންގެ މެދުގައި ގިނައިން ހިނގާފައިވަނީ ބަދަލު ހިފުމުގެ ހަނގުރާމަތަކެވެެެެެެެެ. މިއިން ދޭހަވަނީ އަޅުގަނޑުމެންގެ މިއަދުގެ ޙަދީޘު ކަމުގައިވާ "ދެވެރިން އަތުވެއްޖެނަމަ ދެވަނަ އަށް އަންނަ މީހާ މަރާލާށޭ" އޮތް ޙަދީޘަކަށް ޢަމަލު ވެވިފައި ނެތް ކަމެކެވެ. ނުވަތަ އެޙަދީޘަކީ އޭގައި އެއްވެސް އަޞްލެއްނެތް، މިކޯޅުންގަނޑުގެ ތެރޭ ހަދާފައި އޮތް އެއްޗެއް ކަމެކެވެ. އިމާމު އަލްޢުޤައިލުގެ ބަސްފުޅުގައި ބަޔާންވެދިޔަ ފަދައިންނެވެ. މިއީ އަޞްލެއް ނެތް ޙަދީޘެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން