ދިވެހި ތާރީޚުގައި ނުފެންނަފަދަ ހިތާމަވެރި މަންޒަރެއް، މިދިޔަ ޖުމާދަލް އާޚިރާ މަހުގެ ތެރޭގައި، ފ. އަތޮޅު ނިލަންދޫގައި ތަމްސީލް ވެގެން ހިނގައްޖެއެވެ.....

ނިލަންދޫ ޙަސަން މޫސާގެ ޙައްވާ އަކީ، ޢުމުރުން 7 އަހަރުވީ، ލަޠީފް އަންހެން ކުއްޖެކެވެ. ޖުމާދަލް އާޚިރާ މަހު 16 ވިލޭރެއި، މެންދަންވީއިރު، އޭނާއަށް އޮތީ ވަރުގަދައަށް ނިދިފައެވެ. މެންދަމުން އަލިވިތަނާ، އެރަށުގައި އުޅޭ ހިމިތީ ބަނޑޭރި އިބްރާހީމްގެ އާދަމް، ޙައްވާގެ ގެއަށް ވަދެ، އެ ނިކަމެތި ފަކީރު، ކޮނޑަށްލައިގެން ދިޔައީ، ރަށުގެ ފުއްޓަރު ފަރާތު އަތިރިމައްޗަށެވެ... އެ ދިޔަގޮތަށް ގޮސް އުނަގަޑުތާ ފެނަށް އެރި، ކުއްޖާގެ ކަރުގައި ދެއަތުން ހިފާފައި މޫދަށް ގަންބައި ކަރަށް ފައިން އަރައި ބާއްވައިގެން މަރާލީއެވެ. މޫދަށް ފައްތާފައި ބައިގަޑިއެއް ހާއިރު ބޭއްވިކަމަށް ވެއެވެ. މަރުވުމަށްފަހު، ބޮއްކުރައަކަށް ލައިގެން ގެންގޮސް ބޭރަށް ކޮށްޕައިލީއެވެ.
އެ ނުލަފާ މުޖުރިމަކީ އެރަށުގައި ހުންނަ މަޝްހޫރު ވަގެކެވެ. އޭނާ އެ އަންހެން ކުއްޖާ މަރާލީ، ވައްކަން ކޮށްކޮށް ނުކުޅަދާނަވެގެން، އަދަގޮޑިޖަހާން ޤަސްދު ކޮށްފައިވާ ދުވަހުގެ ކުރީ ރެއެވެ. އޭނާ އަދަގޮޑި ޖަހާން އުޅުނު މީހުންނަށް ބޮނޑިއެއް ދިނުމުގެ ނިޔަތުގައެވެ. ކުޑަކުޑަ ޙައްވާ އަކީ، ނިލަންދޫ މުދިންމަނިކުގެ ދޮން ދަރިފުޅެކެވެ. މިކުޑަކުޑަ ޙައްވަ އަށް މާތް ރަސްކަލާންގެ ސުވަރުގޭގައި މަތިވެރި ދަރަޖަ ދެއްވާށި އެވެ!
އެ ނުލަފާ ކަންތައް ކުޅަ އާދަމް، ބުރިހަން ނަގަފައި އަރުވާލައިފިއެވެ. އާދޭހެވެ! ހިތާމައަކީ، އެފަދަ "ޖައްބާރު" ން ނަށް ދިނުން އެކަށީގެންވާފަދަ އަދަބެއް، ދިވެހި ޤައުމުގައި އަދި ކަނޑައެޅިފައި ނުވާކަމެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. އެ ނުލަފާ ކަލޭގެއަށް ޙައްޤު ވެގެންވާ އޮތީ، އެންމެ އަދަބެކެވެ................. މަރެވެ.

(ނޯޓް: މީގެ 70 އަހަރު ކުރިން ފ. ނިލަންދޫގައި ޢުމުރުން 7 އަހަރުގެ އަންހެން ކުއްޖަކު، އަނިޔާވެރި ރަޙުމުކުޑަ ގޮތަކަށް މަރާލި ޚަބަރު. މިއީ ހިޖުރައިން 1 ޝަޢުބާން 1369 (19 މެއި 1950މ.) ގެ ސަރުކާރުގެ ޚަބަރު ނޫހުގައި ލިޔެފައިވާ ޚަބަރެކެވެ.)

ކިޔުންތެރިންގެ ހިޔާލު