ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކާމެދު އެމްޑީޕީންވެސް ސަރުކާރާއެކު މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ މެމްބަރު ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ މެންބަރުން އިސްކުރަންޖެހޭނީ ޕާޓީ މަސްލަޙަތު ނޫންކަމަށާއި ގައުމުގެ މާލީ މަސްލަޙަތު ކަމަށެވެ. އަދި ޤައުމުގެ މަސްލަޙަތުގައި އިޚްލާސްތެރި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އަވަށްޓެރި ލަންކާ ބަނގުރޫޓުވާން ދިޔައިރު ދުނިޔޭގެ ބޮޑު އެއްވެސް ގައުމަކުން އެހީ ނުދިނީ އިގްތިސާދެއްގައި ހުންނަންޖެހޭ އެންމެ މުހިންމު ކަންކަން ލަންކާގައި ފުރިހަމަ ނުކުރެވި ހުރުމުން ކަމަށެވެ. އަދި ހިލޭ އެހީ ދިނުމަކީ ދުނިޔޭގެ އެއްވެސް ގައުމަކުން އަބަދު ކުރާނެ ކަމެއް ނޫންކަމަށާއި ރާއްޖޭގެ މާލީ ހާލަތު އެންމެ ރަނގަޅު ނޫންނަމަ ބޭރުގެ މާލީ އިދާރާތަކުން ބުނާ "ހިތި ބޭސް" ބޯންޖެހޭކަން ސާފުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޓެކްސް ބޮޑުކުރުން ނުވަތަ އެ ނޫން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އަންނަ އަހަރުގެ ބަޖެޓް ފާސްކުރަންދެން މަޑުނުކޮށް, ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީއަށް އެކަން ސާފުކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވުދާޅުވި އެވެ.

އެކަމާ ގުޅިގެން ރީކޯ އެކްސްގައި ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ހާލަތާ ގުޅޭގޮތުން މަޖްލީހުގެ ނާއިބު ރައީސް ދެއްކެވި ވާހަކަތަކާމެދު އިދިކޮޅުޕާޓީންވެސް މައުލޫމާތުހޯދަން ޖެހޭ ކަމަށެވެ.

"ރައްޔަތުންނަށް އިޤްތިސާދީ ދަތިކަމެއް ދިމާނުވާނެގޮތުގެ މަތީން ސަރުކާރާ މަޝްވަރާކޮށް ކަންކަން ހަމަމަގަށް ގެންދިއުމަށް ބާރުއެޅުމަކީ އެމްޑީޕީގެ ވެސް ޒިއްމާއެކެވެ." ރީކޯ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން