މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް
މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް
އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް މަރުވި ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ ޑީއެންއޭ ރިޕޯޓުގައި މަރުގެ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ މިންވަރަށް ހެކި ނެތްކަމަށް ދަޢުލަތުން މިއަދު ކޯޓުގައި ބުނެފިއެވެ.

މާވިންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ 2022 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މޭރީގެ މަރުގެ މައްސަލާގައި ހިމެނޭ ދެމީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ވަކިވަކިން ކުރިއަށް ގެންދާއިރު މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާ ދެކޮޅަށް ދަޢުލަތުން 110 ހެއްކެއް ކޯޓަށް ހުށައަޅާފައިވެއެވެ. މާވިން އާ ދެކޮޅަށް ދަޢުލަތުން ހުށައަޅާފައިވަނީ 74 ޝަފަހީ ހެއްކާއި 36 ކިތާބީ ހެއްކެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މާވިންގެ މަންމަ މާރީ ވާގަސް އާއި މޭރީގެ ޑީއެންއޭ ރިޕޯޓު ތައްޔާރުކުރި އޮފިސަރާއި ޑީއެންއޭ ރިޕޯޓަށް ބައެއް ސްކޭންތައް ހެދި ޑޮކްޓަރުގެ އިތުރުން މޭރީގެ ލޭ ތަހުލީލު ކުރި އޮފިސަރުގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ޑީއެންއޭ ރިޕޯޓާ ގުޅުން ހުރި ހެކިންގެ ހެކިބަސް ނުނަގަން ނިންމީ ޑީއެންއޭ ރިޕޯޓު ލިބުނުއިރު އެ ރިޕޯޓުގައި މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެއްކެއް ނެތް ކަމަށް ދައުލަތަށް ޤަބޫލު ކުރެވޭތީ ކަމަށެވެ. ހަމައެއާއެކު މާވިންގެ މަންމަގެ ހެކިބަސް ނުނެގުމަށް ނިންމީ އޭނާގެ ފަރާތުން ސާބިތު ކުރަން ބޭނުންވާ ގިނަ ކަންކަން، ދައުލަތުން ހުށަހެޅި އެހެން ހެކިންގެ ހެކިބަހުން ސާބިތުވާން އޮތުމުން ކަމަށް ވަކީލް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދިފާއީ ވަކީލުން ވަނީ ދައުލަތުން ހަތަރު ހެއްކެއްގެ ހެކިބަސް ނުނަގަން އެދި ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީ ހިއްސާ ކޮށްދިނުމަށް އެދިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ އެކަމަށް އިދާރީ އަޑުއެހުމެއް ބާއްވައި ދެއްވާނެ ކަމަށެވެ.

މޭރީގެ މަރުގެ މައްސަލާގައި ނަރުހުގެ ފިރިމީހާ 29 އަހަރުގެ މާވިން ހައްޔަރުކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މޭރީގެ މަރުގެ މައްސަލާގައި މާވިންގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދަޢުވާ މާވިންގެ މައްޗަށް ކުރަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ ފިލިޕީންސް އަންހެން މީހާ އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ރިޕޯޓް ކުރުމުން ފުލުހުން އެތަނަށް ދިއުމުގެ ކުރިން އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

އަދި އެ މަރަކީ ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާ މަރެއްނޫންކަމާއި އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުންވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެއެވެ. އަދި މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާފައިވަނީ އޭނާ މަރުވެފައިވަނީ "ބްލަންޓް އިންޖަރީ" ނުވަތަ އެއްޗެއް ބޭނުން ކޮށްގެން މީހަކު ދިން އަނިޔާއެއްގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން