އިމާމުވެ ކޭތަ އަދި ހުކުރު ނަމާދުކުރުމުގެ ވަގުތީ ހުއްދަ ގްރޭޑު 6 އިން ފެށިގެން މަތީގެ ކުދިންނަށް ދޭން ސަރުކާރުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކުރި އުސޫލުގައިވާ ގޮތުން ވަކި ހާއްސަ ހާލަތްތަކުގައި ގުރޭޑު ހައަކަށްވުރެ މަތީ ގުރޭޑުތަކުގައި ކިޔަވާ ދަރިވަރުންނާއި، އުމުރުން 65 އަހަރުން މަތީ މީހުންނަށް ހުކުރު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ވަގުތީ ހުއްދަ ހަ މަހަށާއި އެއް މަހަށް ދެވިދާނެއެވެ.

އެ އުޞޫލުގައިވާ ގޮތުން، އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ތެރެއިން ގްރޭޑް 10 ނުވަތަ ގްރޭޑް 11 ނުވަތަ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެއް ނަމަ އެ ދަރިވަރަކަށް އިމާމުވެ ހުކުރު ކުރުމާއި ޢީދު ނަމާދާއި ކޭތަނަމާދު ކުރުމުގެ ދާއިމީ ހުއްދަ ދޭނީ، މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިޙާނަކުން އެންމެ މަދުވެގެން 75 އިންސައްތަ މާކްސް ލިބިފައިވުމާއި މިނިސްޓްރީން ކަނޑައަޅާ ޚަޠީބުކަމުގެ ތަމްރީނު ފުރިހަމަކޮށް އެ ތަމްރީނަށް ކަނޑައަޅައިފައިވާ ދިހަ އިންސައްތަ މާކްސް ލިބިގެންނެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ކުދިންނަށް ހުއްދަ ދިނުމުގައި ބަލާނީ އިމާމުވެ ހުކުރު ކުރުމަށް ހުއްދަ ދިނުމަށް ބަލާ އާންމު މިންގަނޑާ އެއްގޮތަށެވެ. އެ މިންގަނޑުގައިވާ ގޮތުން ސާނަވީ އިމްތިޙާނަކުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން އިސްލާމާއި ދިވެހި މި ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އިމާމުކަމުގެ ދާއިރާއިން ދަށްވެގެން އެމްކިޔުއޭގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނޫނީ މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިޙާނުން އެންމެ މަދުވެގެން ވެސް 85 އިންސައްތަ މާކްސް ލިބިގެންނެވެ.

ހަމައެއާއެކު ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރްއާން ކިޔަވަން ދަންނަ އަދި ނަމާދުގެ ޙުކުމްތައް އެނގޭ ދަރިވަރުންނަށް ތަމްރީނު ދިނުމުގެ ބޭނުމުގައި ވަގުތީ ހުއްދައެއް ދޫކުރެވިދާނެ ކަމަށް އަމަލުކުރަން ފެށި އުޞޫލުގައި ބުނެފައިވެއެވެ. އެގޮތުން ހުއްދަ ދެނީ، އިމާމުވެ ހުކުރު ނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރެވޭ ފެންވަރަށް ތަކެތި ދަންނަ މީހެއްކަމަށް ކައުންސިލުން ނުވަތަ މި އުސޫލުގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތަކުން ކައުންސިލަށް ކަށަވަރުކޮށްދީފައިވާ ނަމައެވެ.

ހުއްދައަށް އެދޭއިރު، 18 އަހަރު ނުވާ ކުއްޖެއްނަމަ އެ ކުއްޖެއްގެ ޝަރުޢީ ބެލެނިވެރިޔާ ނުވަތަ ޤާނޫނީ ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. އަދި ސްކޫލު/ މަދަރުސާގައި ކިޔަވާ ދަރިވަރެއް ނަމަ ކިޔަވަމުންދާކަން އަންގައިދޭ ލިޔުމެއް ވެސް ހުށަހަޅަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން