އެންމެ މާތް ދުއާއަކީ އަރަފާތު ދުވަހުގެ ދުއާ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ ހައްޖު ދުވަހަކީ އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސް ކަމަށެވެ. އަދި އެ ދުވަހަކީ އަރަފާތު ދުވަސް ކަމަށާއި އަދި ހައްޖުގެ އެންމެ މަތިވެރި އަޅުކަން އަދާކުރާ ދުވަސް ވެސް ކަމަށެވެ.

އަރަފާތު ބިމުގައި ޙައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭއިރު "ހައްޖަކީ އަރަފާތުގައި ހުރުން"ކަމަށް ކީރިތި ރަސޫލާ ހަދީސްވެސް ކުރައްވާފައިވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި އެންމެ މާތް ދުއާ އަކީވެސް އަރަފާތުގައި ކުރާ ދުއާ ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނީ އަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަސް ވެސް ކަމަށެވެ.

އެހެންވެ އަރަފާތު ދުވަހަކީ ބަރަކާތްތެރި ދުވަހެއް ކަމަށާއި. އަދި ހައްޖުވެރީން އަރަފާތުގައި ތިބޭ އިރު، މާތް الله ފަހުރުވެރިވެވޮޑިގަންނަވައި އެކަލާނގެ މަލާއިކަތުންނަށް އަންގަވައި ވަހީކުރައްވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.

"ހައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާ އިރު އެ ޖަމާއަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ އަމަލުކުރުން ހުށްޓެވެ." ހުތުބާގައި ބުނެފައި ވެއެވެ.

"އަރަފާތު ދުވަހާއި ބެހޭ ގޮތުން ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ޢަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ." މިއަދުގެ ހުތުބާގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން