ސަޕޯޓަރެއްގެ މަރުގެ ތުހުމަތުގައި އިންޑިޔާގެ ފިލްމީތަރި ދަރުޝަން ތޫގުދީޕާ ހައްޔަރުކޮށް 6 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންނާ ހަވާލާދީ އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެކްޓަރު ހައްޔަރު ކުރީ އޭނާގެ ގާތް އެކުވެރިޔަކާ ބެހޭ ގޮތުން ފުރައްސާރަކޮށް ވާހަކަ ދެއްކި ކަމަށް ބުނާ މީހަކު މަރާލި މައްސަލައާ ގުޅިގެން އަންގާރަ ދުވަހު އެވެ.

ފުލުހުން ބުނާ ގޮތުގައި ދަރުޝަން ތޫގުދީޕާ އާއި އިތުރު 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި އެ ހުރިހާ އެންމެންނާ ސުވާލުކޮށް މައްސަލަ ބަލަން ވަނީ ފަށާފައެވެ. މި ހާދިސާގައި މަރާލާފައި ވަނީ ރެނޫކަސްވާމީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ޗިޓްރަދުރުގާގެ ބޭސް ކުންފުންޏެއްގެ މުވައްޒަފެއް ކަމަށްވާ ރެނޫކަސްވާމީ ވަނީ ދަރުޝަންގެ ގާތް އެކުވެރިއެއް ކަމަށްވާ ބަތަލާ ޕަވިތުރާ ގައުޑާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ވާހަކަ ދައްކާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި މައްސަލައިގައި ޕަވިތުރާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނާ ގޮތުގައި ކަމަކްޝިޕަލިޔާގެ ޕަޓަނާގޭރޭގެ ޕެޓްރޯލް އަޅާ ތަނެއްގައި ރެނޫކަސްވާމީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ޖަންގްޝަނެއްގެ ކައިރީގައި ނައްތާލާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިންގި ޕެޓްރޯލް އަޅާ ތަނަކީ ދަރުޝަންއާ ގުޅުން ހުރި ތަނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން