މަސްވެރިން މުޒާހަރާކުރަމުންދާ މަންޒަރު/ ފޮޓޯ- މީސްމީޑިޔާ
މަސްވެރިން މުޒާހަރާކުރަމުންދާ މަންޒަރު/ ފޮޓޯ- މީސްމީޑިޔާ
އެކި ދުވަސްތަކުގެ މަތީން ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފޮކޯއިން) އިން ދިވެހި މަސްވެރިންގެ އަތުން ގަނެފައިވާ ފައިސާ ނުދެވި އެބަހުއްޓެވެ. މިއީ މިއަދަކު އެކަނި ވީ ކަމެއްނޫނެވެ. މިއީ ނިމިދިޔަ ދެ ސަރުކާރުން ވެސް ފެނުނު ކަމެކެވެ. ނިމިދިޔަ ސަރުކާރުގައި މި ހާލަތު މާ ގޯހެވެ.

އޭރުވެސް މަސްވެރިން ފައިސާ ނުލިބޭތީ މުޒާހަރާ ކުރިއެވެ. މިއަދުވެސް އެކުރަނީ ހަމަ އެކަމެވެ. ތަފާތަކީ މި ސަރުކާރުން އެކަން ގަބޫލުކޮށް މަސްވެރިން އިހުތިޖާޖު ކުރަން ފުރުސަތު ދިނުމެވެ. އެމީހުން ނުކުނެ ސަރުކާރުގެ ކުންފުންޏެއްގެ މަސައްކަތް ހުއްޓުވައި މުވައްޒަފުން ނެރުނީމާވެސް ފުލުހުން މުގުރެއް ނުނަގައެވެ. މިރުސް ދުމެއް ނުޖަހައެވެ.

މިފަހަރު އިހުތިޖާޖު ކުރަނީ އައްޑޫ ސިޓީގެ މަސްވެރިންނެވެ. މަސްވެރިން މުޒާހަރާތައް ފަށާފައި ވަނީ މިދިޔަ ދޮޅުމަސް ދުވަހު އެފަރާތްތަކުން މިފްކޯއަށް ވިއްކި މަހަށް ލިބެންޖެހޭ ފައިސާ ނުލިބޭތީއެވެ. އެ މުއްދަތުގެ ތެރޭގައި މިފްކޯއިން 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދައްކަން ޖެހެއެވެ.

މިމަހުގެ 13 ވަނަ ދުވަހު މިފްކޯއިން ބުނީ އެ ހަފުތާ ނިމުމުގެ ކުރިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ޖަމާކުރާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މި ފައިސާ މަސްވެރިންނަށް ލިބިފައި ނުވާކަމަށް މަސްވެރިން ބުނެއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ހަފްތާތަކެއް ވެފައިވާއިރު މިއީ މި ސަރުކާރުން ވައުދުވި ގޮތާ މުޅިން ހިލާފު ކަމެއްކަން މަސްވެރިން ފާހަގަ ކުރެއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ފައިސާ ޖަމާ ކުރުމަށެވެ.

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބި އެތައް ދުވަހެއް ވެފައިވާއިރު މަސްވެރިންގެ އަޑު މީސްމީޑިޔާގައިވެސް ދަނީ ގަދަވަމުންނެވެ. މި ސަރުކާރުން މަސްވެރިން ބާކީ ނުކުރާނެ ކަމަށް ވީ ވައުދުތަކާ މުޅިން އިދިކޮޅަށް ކަންތައްތައް ވަމުންދާ ކަމަށްބުނެ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައްވެސް މިހާރު ދަނީ އަމާޒުވަމުންނެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވަނީ ކީއްވެ؟

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވާ މައިގަނޑު ސަބަބަކީ ދައުލަތުގެ މާލީ ހާލަތު ދަށަށް ގޮސްފައިވާތީ ކަމަށް ބެލެވެއެވެ. ސަރުކާރުން މީގެ ކުރީގައި ބުނެފައި ވަނީ ރައީސްގެ ވައުދުފުޅު ނުފުއްދެނީ ސަރުކާރުގެ މާލީ ހާލަތު ހުރި ގޮތުން ކަމަށެވެ. އަދި ސަރުކާރާއި މިފްކޯގެ މާލީ ހާލަތު ރަނގަޅު ނުކޮށް މިފަދަ ވައުދުތައް ނުފުއްދޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

މި ސަރުކާރު އައި އިރުވެސް ދައުލަތް އޮތީ މަސްވެރިންނަށް ދަރާފައެވެ. އެގޮތުން ކުރީގެ ސަރުކާރުގައި މަސްވެރިންނަށް ދައްކަން ޖެހޭ 250 މިލިއަން ރުފިޔާ ނުދެއްކި އޮތުމުން އެ ފައިސާއާއެކު 850 މިނިއަނަށް ވުރެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން މަސްވެރިންނަށް ފައިސާ ދިނީ ފައިސާ ޗާޕު ކޮށްގެން ކަމަށް މިސަރުކާރުން ބުނެއެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މަސް ގަންނަ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑު ކުރުމުން މަސް ކުންފުނި އިތުރަށް ދަރަނިވެރިވިއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ފައިސާގެ އަގު ވެއްޓި ވޭތުވެދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެ ދަރަނި ނުވާ ވަރަށް މިދިޔަ ދައުރުގައި ރާއްޖެ ވަނީ ދަރަނިވެރި ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން