ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ކައުންސިލްތަކަށް ރައީސް އާއި ނައިބުރައީސް އެކަނި އިންތިޚާބު ކުރުމަށ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމް.ޑީ.އޭ ގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތައް އުފައްދާފައިވަނީ ވަރަށް މާތް މަތިވެރި މަޤްސަދެއްކައި ކަމަށެވެ. ނަމަވެސް ކައުންސިލްތަކަށް ދަޢުލަތުން ކުރަމުންދާ ޚަރަދާ އަޅާބަލާއިރު ރަނގަޅު ނަތީޖާއެއް ނުފެންނަ ކަމަށް އައްބާސް ވިދާޅުވިއެވެ.

"ކައުންސިލްތަކަށް މިއަދު ބިމުކުލީގެ އިތުރަށް ދަޢުލަތުގެ ބަޖެޓުންވެސް ބޮޑު ޕަސެންޓެއް ދޭ. ނަމަވެސް އެކައުންސިލް މެންބަރުން ތިއްބަވައިގެން ރަށްރަށަށް އައި އުމްރާނީ އެއްވެސް ތަރައްޤީއެއް ނެތް." އައްބާސް މިއަދު ވިދާޅުވިއެވެ.

އައްބާސް މިއަދު ވަނީ ކައުންސިލްގެ ރައީސް އާއި ނައިބުރައީސް އެކަނި އިންތިޚާބު ކުރަންޖެހޭ ގޮތަށް ލޯކަލް ކައުންސިލްގެ ނިޒާމް އިސްލާޙް ކުރުމަށް ގޮވާލައްވާފައެވެ. އަދި އެއީ ދަޢުލަތަށް އެތައް ބިލިއަން ރުފިޔާއެއް ލުއިވެގެންދާނެ ކަމެއް ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

އައްބާސް މި ބީދައިން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުން ހުއްޓުވުމުގެ މަސައްކަތް ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިހާރުވަނީ ފަށާފައެވެ.

އަދި ނިމިގެންދިޔަ އެމް.ޑީ.ޕީގެ މަޖިލީހުން ދަޢުލަތަށް ބުރަ ބޮޑުކޮށްފައިވާ ގޮތަށް ކައުންސިލަރުންގެ ޢަދަދަށްވެސް ހަސަތޭކަ ކައުންސިލަރުން އިތުރުކުރި ކަމަށް ޕީ.އެން.ސީ.ގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އިއްޔެ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން