ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެއް އަހަރު ދުވަހުގެ ތެރޭގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ދައްކައިފި އެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއިއެކު މެމްބަރުންގެ މާލީ ބަޔާން ހާމަކުރަންޖެހެއެވެ. ނަމަވެސް މެމްބަރުންގެ އަނބިދަރީންގެ މާލީބަޔާން ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮޑިޓަޖެނެރަލް އަށެވެ. މަޖިލިސްގެ ގަވާއިދަށް ގެނެވުނު ބަދަލާއިއެކު އާންމުކުރި މާލީ ބަޔާންތަކުގެ ތެރެއިން މިކަމަށް އެންމެ ފުރަތަމަ އިސްނަންގަވައި މާލީ ބަޔާން އާންމުކުރެއްވި މަޖިލިސް ރައީސްގެ މާލީ ބަޔާނުން އެމަނިކުފާނަށް އަހަރެއްގެ ތެރޭގައި 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއެވެ.

އެގޮތުން މިދިޔަ އަހަރުގެ މެއި މަހު 27 އިން ފެށިގެން މިއަހަރުގެ މެއިމަހުގެ 28 އަށް ރައީސް ނަޝީދަށް މުސާރައާއި އިނާޔަތުގައި ގޮތުގައި ލިބިބަޑައިގެންފައި ވަނީ، 3.18 މިލިއަން ރުފިޔާ އެވެ. ބޭންކް އިންޓްރެސްޓްގެ ގޮތުގައި ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ، 36،029 ރުފިޔާ އެވެ.

ތިން ބޭންކެއްގައި އެމަނިކުފާނުގެ އެކައުންޓް އޮތް އިރު، އެންމެ ގިނަ ފައިސާ ހުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާގަ އެވެ. އެ ބޭންކުގައި 1.59 މިލިއަން ރުފިޔާ ހުރި އިރު، ބީއެމްއެލް އެކައުންޓުގައި ހުރީ 41،471.71 ރުފިޔާ އަދި އިސްލާމިކް ބޭންކް އެކައުންޓުގައި ހުރީ 76،979.62 ރުފިޔާ އެވެ.

މަޖިލިސް ރައީސަށް މަހަކު ލިބވަޑައިގަންވަނީ 73،000 ރުފިޔާ އެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން، ކުރީގެ ރައީސުންނަށް ދޭ މާލީ އިނާޔަތާއި އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި އެމަނިކުފާނަށް 172،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދަކީ މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީއަށް ވުރެ ގިނައިން ފައިސާއާއި ތަނަވަސްކަން ސިޔާސީ އެކި މަޤާމުތައް ފުރުއްވާ ބޭފުޅުންނަށް ލިބިވަޑައިގެންނަވާތީ އެކަމުގެ ޝަކުވާ އެންމެބޮޑަށް ކުރައްވާ އެއްބޭފުޅާއެވެ. މި ބަޔާނުން މަޖިލިސް ރައީސަށްވެސް މުސާރަޔާއި އިނާޔަތްތަކުގެ ބޭރުން ކޮންމެވެސް ސިފައެއްގައި އިތުރު ފައިސާ ލިބިވަޑައިގެންފައިވާކަން ހާމަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން