ޞާދިރު ޢަލީދީދީ   15 ސެޕްޓެމްބަރު 2020 - 15:2
ސަންޑޭ
ސަންޑޭ
އެޕިސޯޑް 23

...............

[އޯހް ކިޑެއް އެބައޮތްދޯ؟ ކީއްވެތަ އަންގާނުލީ...ކޮބާ ހަޒްބަންޑް.....] ފާތިނާ ނިދާފައި އޮތް ޒާހިންއާ ލޯބިކޮށްލިއެވެ. ނަދުހާ އެނދުގައި އިށީނެވެ.

[އޮފީހުގަ. ކޯސް ކިހިނެއް، ޑޮކްޓަރަކަށްވީދޯ؟] ނަދުހާއަށް ބެލުނީ ފާތިނާއަށެވެ. އޭނާއަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުންނެވެ. ބޮލުގައި އިހު އޮންނަ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވުމުގެ އިތުރަށް ހެދުން އެޅުމުގެ ފާޑުގަނޑުވެސް ވަނީ ކުރިޔާ ޚިލާފަށް ނިކަން ބޮޑަށް ބަދަލުވެފައެވެ. ފެންނަ ފެނުމަށް މިހާރު ބޮޑަށް ފާޑުވަނީ ހުޅަނގުގެ ތަހުޒީބީ އަންހެނަކާއެވެ.

[އިރާދަކުރެއްވީތީ މަޤްޞަދު ޙާޞިލްވެއްޖެ. ދެންއޮތީ ކައިވެންޏަކާ ދޭތެރޭ ވިސްނުން.] ފާތިނާ ނަދުހާގެ ގާތުގައި އިށީނެވެ.

[ކޮބާ ސުހޭލު.....ފާތިނާ ފުރިފަހަކުން އޭނަގެ ޚަބަރެއްވެސްނުވޭ....] ނަދުހާ ބުންޏެވެ. ވަގުތުން ފާތިނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ހީވީ ނަދުހާގެ މަޥްޟޫޢާ ދޭތެރޭ އޭނާގެ ހިތް ގަޔާނުވީހެންނެވެ.

[އޭނާގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާ....ފިރިހެނުންނަކީ އިންތިޒާރުކޮށް ކެތްކުރަން އެނގޭ ބައެއް ނޫން....] ފާތިނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. އޭރު ނަދުހާ ހުރ ސީދާ ފާތިނާގެ ލޮލަށް ބަލަހައްޓައިގެންނެވެ.

[ޑޮކްޓަރުކަން ކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހުންނަށް.] ނަދުހާ ފާތިނާގެ ލޮލަށް ބަލަން ހުރެފައި ބުންޏެވެ.

[ތިބުނީ އަހަރެންގެ ހިތްވަރެއް ނެތޭތަ؟ ސުހޭލް މީހަކާ އިން ޚަބަރު އަހަންނަށް ލިބުނީ، އަހަރެން ކިޔެވުމާއިގެން އެންމެ ބިޒީކޮށް އުޅުނު ދުވަސްވަރު. މިހާރު ހިތަށްއަރާ، އަހަންނަކީ ވަރަށް ހިތްވަރުގަދަ މީހެކޭ.] ފާތިނާގެ ދެލޯ ފޮހެލަމުން ފަޚްރުވެރިވާފަދަ ގޮތަކަށް ބުނެލިއެވެ.

[ސުހޭލް މީހަކާ އިނީޔޭ! ކޮންއިރަކު.....] ނަދުހާ ޙައިރާންވިއެވެ.

[އަހަރެން ބޭރަށް ފުރތާާ ނުވާނެ ދެތިންމަސްވެސް. އޭގެ ދެއަހަރުފަހުން ޚަބަރު ލިބުނު، އެކައިވެނި ރޫޅުނު ވާހަކަ.] ފާތިނާ ފުން ނޭވާއެއްލިއެވެ.

[ބައެއް ފިރިހެނުންގެ ހާދަ ގޮތެއް ނުހުރެއޭ. އަދިވެސް ފާތިނާ އޭނާދެކެ ލޯބިވޭތަ؟] ނަދުހާ އެހިއެވެ. ފާތިނާ ބޯޖަހާލިއެވެ. އެއީ ތެދެކެވެ. އަދިވެސް އޭނާ ސުހޭލުދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް، ސުހޭލުކަހަލަ ބޭވަފާތެރި ފިރިހެނެއްގެ ޙަޔާތަށް އެނބުރި ދިޔުމަކީ ފަހަރެއްގައިވެސް އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

[ލޯބިވިޔަސް ލޯތްބާޖެހި އަހަރެން މޮޔައެއް ނުވާނެ.] ނަފްސަށް ލިބިފައިވާ އިތުބާރާއެކު ފާތިނާ ބުންޏެވެ.

[މިހާރު ތީ ރާއްޖޭގައި ހުރި މޮޅު ޑޮކްޓަރެއް. ސުހޭލް ބޭނުންވެދާނެ، އަލުން ފާތިނާ އޭނާގެ ޙަޔާތަށް ގެންނަން. އެހެންވެއްޖެ ހިނދެއްގައި ފާތިނާ ހަދާނީ ކިހިނެއް؟] ނަދުހާ ބުންޏެވެ.

[އެއްހޮރަކުން ދެފަހަރަކު ބުއްދިވެރިއެއްގެ ގަޔަކަށް ކައްޓެއް ނެހެރޭނެ.] އެއީ ފާތިނާ ޢަޒުމް ކަނޑައަޅާފައިވާ ގޮތެވެ. އޭނާއަކީ އަބަދުވެސް ބަހާއި ޢަމަލު އެއްގޮތް ކުރެވޭތޯ ނިކަން މަސައްކަތްކުރާ އަންހެނެކެވެ. ރާއްޖެއިން ބޭރުގައި ތަޢްލީމް ޙާޞިލް ކުރުމަށްޓަކައި ހައަހަރު ދުވަސް ހޭދަކުރުމަށްފަހު، ރާއްޖެ އައިއިރުވެސް އޭނާގެ ހިތް ބަދަލުނުވާކަމީ އޭގެ ސާބިތު ހެއްކެވެ.

ރަޝިޔާގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ތަފާތު އެތައް ބަޔަކާ ދިމާވެ ބައްދަލުވިއެވެ. ބައެއް ފަރާތްތަކުން އޭނާގެ ލޯބި ޙާޞިލް ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވެސްވެއެވެ. ނަމަވެސް އޭނާ ބޭނުންވީ އޭނާ އެންމެ ލޯބިވާ މީހާގެ ޙައްޤެއްގެ ގޮތުގައި މާލެ އާދެވެންދެން ހުންނާށެވެ.

ނަމަވެސް މިހާރަކު އޭނާގެ އެޢަޒުމެއް ނެތެވެ. މިހާރު ސުހޭލާ ދޭތެރޭ ވިސްނާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ސުހޭލަކީ ބޭވަފާތެރިއެކެވެ. މާގިނަ ދުވަސްތަކެއްނުވެ މާލޭގެ މަޝްހޫރު ހޮސްޕިޓަލެއްގެ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ ވަޒީފާ ހަމަޖެހުނެވެ.

[ކޮންގްރާ.....އަހަރެންވެސް ވަރަށް އުފާވެއްޖެ. އަހަރެންގެ ރަޙްމަތްތެރިޔާއަށް ވަޒީފާ ހަމަޖެހުނީމަ....ފާތިނާއަށް ވަޒީފާ ހަމަޖެހުމުން، ފާތިނާއަށް އެންމެ ފުރަތަމަ މަރްޙަބާކީ ނަދުހާއެވެ.

[ނަދޫ ނުޖެހޭނެ ހޮސްޕިޓަލަށްދާކަށް. ޢާއިލީ ޑޮކްޓަރެއްހެން އަހަރެން ހުންނާނަން.] ފާތިނާ ބުންޏެވެ.

[ވަރަށްބޮޑު އުފަލެއް.....] ނަދުހާ ހިނިތުންވެލިއެވެ.

[ނަދޫ އަދިވެސް ނަދޫ ނުވޭތަ ކުއްޖަކު ހޯދާކަށެއް....ކިތަންމެ ދޮންކުރިޔަސް، ދުނބުރިއެއް އަނބަކަށް ނުވާނެ. މިބުނީ ނަވާލް އެހެން ކައިވެންޏެއްކޮށް ލިބިފައިވާ މިދަރިފުޅު، ދުވަހަކުވެސް ނަދުހާގެ ދަރިއަކަށް ނުވާނޭ......] ފާތިނާ މަޥްޟޫޢު ބަދަލުކޮށްލިއެވެ. ނަދުހާގެ މޫނުމަތީގެ އަސަރު ބަދަލުވިއެވެ.

[އަހަންނަށް ނުލިބެންޏާއޯ؟] ނަދުހާ އިސްޖަހާލިއެވެ. ފާތިނާ ހީކުރީ ނަދުހާ ދެރަވީ ކަމަށެވެ.

[ނުވާނެ ތިހެނެއް....އަހަރެން ބޭނުން ނަދޫ ޓެސްޓް ކުރަން.] ރަޙްމަތްތެރިޔާއަށް އެހީވާން ފާތިނާ ބޭނުންވިއެވެ. ނަމަވެސް އެއީ ނަދުހާ ބޭނުންވާ ގޮތެއް ނޫނެވެ. ފާތިނާ އޭނާ ޓެސްޓްކޮށްފިއްޔާ، ފާތިނާގެ ކުރިމައްޗަށް ހުރިހާ ޙަޤީޤަތް ބަންޑުން ކޮށްލަން އޭނާއަށް މަޖުބޫރުވާނެއެވެ.

[އަހަރެން ޓެސްޓްކުރާހިތެއް ނެތް.....މިހާރުވެސް ނަވާލަށް އެނގޭނެ، އަހަންނަށް ދަރިން ނުލިބޭކަން....ޕީރިއަޑް މައްސަލަ ހުންނަ އަންހެނުންނަށް ދަރިން ލިބުން އުނދަގުލީ ތޯއްޗެ.......] ނަދުހާ ހީކުރީ އޭނާ އެހެން ބުނީމާ ފާތިނާ ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް ފާތިނާއަކީ ނަދުހާ ހީކުރިވަރަށްވުރެ ނަދުހާއާ ދޭތެރޭ ވިސްނާ ރަޙްމަތްތެރިއެކެވެ.

[މިހާރު ނުވާތާ ކިހާ ދުވަހެއް ވެއްޖެ؟] ފާތިނާ އެއްސެވެ.

[އެއްމަސް ފާއިތުވެއްޖެ ނުވެ.] ނަދުހާ ޖަވާބުދިނެވެ.

[ހިނގާ އަވަހަށް ސްކޭނެއް ހަދަން. އެއްވެސް ޚަރަދެއް ނުދާނެ. ހުރިހާ ކަމެއްވެސް ކުރާނީ އަހަރެން. އެ ސްކޭނުން ހުރިހާ އެއްޗެއް އެނގޭނެ......] އެންމެފަހުން ނަދުހާއަށް މަޖުބޫރުވީ އެކަމަށް އެއްބަސްވާށެވެ. ކޮންމެ ގޮތެއްވިޔަސް، ވަރިހަމަކޮށްފައެވެ. ބަނޑުގައިވާ ދަރިފުޅަކީ ކޮންމެކަހަލަ ކުއްޖަކަށްވިޔަސް ވަރިހަމަކޮށްފައެވެ. އެއީ ނަވާލްގެ ދަރިއެކޭ ބުނުމުގެ ފުރްޞަތު އޭނާއަށް ލިބިފައިވެއެވެ. އެކަމަކު އޭނާގެ ބަނޑުން ރޫޙާނީ އެއްޗެއް އުފަންވާ މަންޒަރު، ނަވާލްމެންގެ ލޯތަކަށް ފެންނަހިނދު ވާނީ ކިހިނެއްބާއެވެ؟ އޭނާގެ ހިތުގައި އުފެދޭ ސުވާލަކީ އެއީއެވެ. އެއީ މުނާޒްގެ ސަބަބުން އޭނާއަށް ކުރިމަތިވެފައިވާ ބިރެކެވެ.

[ބިރުނުގަނޭ ނަދުހާ، ތިދަރިފުޅު އުފަންވުމަށްފަހު މިގޭގަ އުޅޭނީ ތިދަރިފުޅު އެކަނި......އެހެން މީހެއްގެ ދަރިއަކަށް ތިގެއިން ޙިމާޔަތެއް ނުލިބޭނެ.] ނިދިފައި އޮތް ނަދުހާއަށް ހޭލެވުނީ މުނާޒްގެ އަޑަށެވެ. ހީވީ މުނާޒް ސީދާ އޭނާގެ ކަންފަތްދޮށުގައި ބުނެލިހެންނެވެ. އެނދުން ބުރަކަށި ތެދުކޮށްލެވުމާއެކު، ނަދުހާގެ ނަޒަރު ހުއްޓުނީ، ޒާހިން ނިދާފައި އޮތް އެނދާ ދިމާއަށެވެ. އެއެނދާ ދިމާއަށް ގުދުވެ އޮތީ މުނާޒެވެ. ކުޑަކުޑަ ޒާހިން އޭރު ތެޅިފޮޅެނީއެވެ. ނަވާލްވެސް އޮތީ ގަދަ ނިދީގައެވެ. ނަދުހާ ފުންމައިގެން ތެދުވިއެވެ.

[މުނާޒް.....މިތަނުން ނުކުމޭ. ތިކުއްޖާއަށް ތިހެން ނަހަދާ.....] ނަދުހާ އަޑުގެކޮޅަށް ހަޅޭއްލަވަމުން ގޮސް މުނާޒްގެ ކަރުގައި ހިފާ ދުރަށް ކޮއްޕާލިއެވެ. އެއާއެކު ކުޑަކުޑަ ޒާހިން ރޮއިގަތެވެ. އެއަޑަށް ނަވާލަށް ހޭލެވުނެވެ. އޭރު މުނާޒް، އެމީހުންގެ ލޯމަތިން ގެއްލިއްޖެއެވެ. ނަދުހާ ޒާހިން ލޮއްސޭތޯ ކޮނޑުމަތީގައި ބާއްވައިގެން ކޮޅުކޮޅަށް ހިނގަން ފަށައިފިއެވެ.

[ކިހިނެއްވީ؟] ނަވާލް ތެދުވެގެން އައިސް ނަދުހާގެ އަތުން ދަރިފުޅު އަތުލިއެވެ.

[ނޭނގެ. ކުއްލިއަކަށް ވަރަށް ބާރަށް ރޮއިގަތީ....މަދިރިއެއް ހެފީހެން ހީވަނީ....] ނަދުހާ ވާހަކަ ދައްކަމުންގޮސް ބުއްފުޅި ގިރިއެވެ. ނަވާލް ކޮނޑުމަތީގައި ބާއްވާލައިގެން ދެކޮޅަށް ހިނގާލިތަނާހެން އެސޮރު ނިކަން ފަސޭހައިން މަސަލަސް (ލޮއްސިއްޖެ) ވެއްޖެއެވެ.

[ބަނޑުހައިވެގެންހެން ހީވަނީ....އަވަހަށް ތިފުޅި ހިހޫކޮށްގެން ގެނެސްބަލަ.] ނަވާލް ދަރިފުޅު އުރާލައިގެން ގޮސް އެނދުގައި އިށީނދެއްޖެއެވެ. ނަދުހާ ބުއްފުޅި ހިހޫކޮށްގެން ގެނެސް ނަވާލް އަތަށް ދިނެވެ. އެއަށްފަހު ބަދިގެފަރާތަށް ޖެހިލާފައި އެބައަންނަމޭ ބުނެފައި، އޭނާ ކޮޓަރިން ނުކުތީ މުނާޒާ ބައްދަލުކޮށް، ރުޅިގަނޑު ބާލަން ބޭނުންވާތީއެވެ. އޭނާ ކޮޓަރިން ނުކުމެގެން ގޮސް ވަނީ ބަދިގެއަށެވެ. މުނާޒް ހުރީ އެތާނގައެވެ.

[ކަލޭމެން ހާދަ ރަޙުމްކުޑައޭ....އަމިއްލަ އެދުމާހެދިވެސް ތީ ބޮޑުވަރު. އެމަޢްޞޫމް ކުއްޖާގެ ކޮން ކުށެއް އޮވެގެންތަ، ކަލޭ އެސޮރު މަރާލަން ތިއުޅުނީ.....] މުނާޒް ފެނުމާއެކު ނަދުހާ ރުޅިގަނޑު ބޭލިއެވެ.

[އެ ނަވާލްގެ އަމިއްލަ އެދުމުގެ މިންވަރު ވަކިކުޑަތަ؟ އޭނަވެސް އޭނާގެ ދަރިއަށް ލޯބި އުނިވެދާނެތީ، ރަނާ މިގެއިން ބޭރުކޮށްލީނު.....] ދިފާޢުގައި މުނާޒް ހެކި ދެއްކިއެވެ.

[ރަނާއަކީ ސީދާ އަހަރެންގެ ބަނޑުން އުފަންވެފައިވާ އަހަރެންގެ ދަރިއެއްކަން ނަވާލަށް އެނގޭނަމަ، ނަވާލް ރަނާއަށްވެސް ލޯބިދޭނެ....އޭނާ ރަނާ މިގޭގަ ގެންގުޅުމަށް ހުއްދަވެސްދޭނެ....ހުރިހާ ތުރާލަކީވެސް ކަލޭ......] އަދިވެސް ނަދުހާގެ ރުޅިގަނޑު ކޮންޓްރޯލެއް ނުވިއެވެ.

[ތިހެންވީއިރު ނަވާލް ގާތު ބުނަންވީނު. ރަނާއަކީ ސީދާ ނަދުހާގެ ދަރިއެކޭ.....ނުކެރޭނެދޯ. ނުކެރެންޏާ އަހަރެން ބުނެފާނަން، މައްސަލައެއްނަތް؟] މުނާޒް ބުންޏެވެ. ނަދުހާގެ ގާތަށް ކުރިއަށްވުރެވެސް ރުޅިއައެވެ.

[ޚަބަރުދާރު....ކޮންކަހަލަ މީހެއްތީ....އަހަރެން މޮޔަކުރަންތަ ތިއުޅެނީ.....ހިތްހަމަޖެހިގެން ދެދުވަސް ހަމައަށް އަހަރެން އުޅުނަނުދޭ.....] ނަދުހާއަށް ރޮވުނެވެ. ނަދުހާ ރޯން ފެށުމުން މުނާޒް ދެރަވެއްޖެއެވެ. އެއީ އަބަދުވެސް އާދައެވެ. އޭނާގެ ކުރިމަތީގައި ނަދުހާ ކަރުނައަޅާ ރުއިމަކީ އޭނާއަށް ކެތްވާވަރުގެ ކަމަކަށްނުވެއެވެ.

[ނުރޮއޭ....ނަދޫ ކިތަންމެ ދުވަހަކު ނަވާލާ އިނދެގެން އުޅުނަސް، ނަދޫއަކަށް ނަވާލްދެކެ ލޯތްބެއް ނުވެވޭނެ. އެއީ ކަށަވަރު ކަމެއް. އަހަރެން އަބަދުވެސް އެދެން، އަހަންނަށްޓަކައި ނަދޫ ހުސްވުމަށް.] މުނާޒް ނަދުހާގެ ގާތަށް ޖެހިލިއެވެ.

[ނުވާނެ.......ލޯތްބަށްޓަކައި އަހަރެންގެ މުޅި ދިރިއުޅުން ޤުރްބާންކޮށެއް ނުލެވޭނެ. ކީއްވެތަ، މުނާޒަށް އަހަރެންގެ ދިރިއުޅުމުން ދާން ނުކެރިގެން ތިއުޅެނީ؟] ރޮއިރޮއިފައި ނަދުހާ ބުންޏެވެ.

[ލޯބިވާތީ.....] މުނާޒް ނަދުހާގެ އަތުގައި ހިފެހެއްޓިއެވެ.

[ލޯބިވާ މީހުން ކެއްސެއް ނުދޭނެ. ކަލޭގެ ސަބަބުން އަހަރެން ތަޙައްމަލު ކުރަމުން މިދަނީ ކިހާބޮޑު ހިތްދަތިކަމެއް. މިފަހަރު ބަނޑުގައިމިވާ ދަރިއާ ދޭތެރޭ އަހަރެން ބުނާނީ ކީކޭ؟] ނަދުހާ މުނާޒްގެ އަތް ފޮޅުވާލިއެވެ.

[ނަވާލްގެ ދަރިއަކަށް ބަލިވެއިން ވާހަކަ ނަވާލް ގާތު ބުނޭ. މާދަމާ ފާތިނާ ސްކޭން ކުރާނެއެއްނު. ސްކޭނުން ޔަޤީންވާނެ ބަނޑުބޮޑުކަން.] މުނާޒް ބުންޏެވެ. ނަދުހާގެ ދެލޯ ފޮހެމުން، އެތަނުން ނުކުންނަން ހިނގައިގަތީ ނަވާލް އޭނާ ހޯދާނެކަން އެނގޭތީއެވެ.

ނަދުހާ ކޮޓަރިއަށް ވަންއިރު ނަވާލް ކޮޓަރީގެ ހޮޅިބުރި ދިއްލައިގެން ކުޑަދަރިފުޅު ޒާހިންއަށް ބަލަހައްޓައިގެން އިނެވެ. އޭނާއަށް އެކުއްޖާގެ ހަށިގަނޑުން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވުނީއެވެ. އޭނާ ބަލަންހުއްޓާ އެކުއްޖާގެ ހަށިގަނޑު އެއްކޮށް ރީނދޫވަމުން ދަނީއެވެ. ނަވާލް ހާސްވެ ކަންބޮޑުވެއްޖެއެވެ. އޭނާ ދަރިފުޅު ނަގާ ކޮޑުމަތީގައި ބާއްވާލިއެވެ.

[ނަދޫ....ނިކަން އަވަހަށް ގޮސް މަންމައަށް ގޮވާބަލަ....] ނަވާލް ބުންޏެވެ. އުދުރަކަށް (އިސާހިތު) ނަދުހާ މަންމަ ގޮވައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

[މަންމާ....މިސޮރަށް ބަލައިލަބަލަ. އަހަރެން ބަލަންހުއްޓާ ރީނދޫވަމުންގޮސް މުޅިން ރީނދޫވެއްޖެ....] ނަވާލް މަރީނާގެ އަތަށް ދަރިފުޅު ދިނެވެ. މަރީނާގެ ދެލޯ ބޮޑުވިއެވެ.

[މާބާރަށް ރޮއިގަތް އަޑަށް އަހަންނަށް ހޭލެވުނީ....ހީވީ ތަނަކަށް ތަދުވަމުން ރޮއިގަތްހެން.] ނަދުހާ މަންމައަށް ކިޔާދިނެވެ.

[ކުށުވެރިކަމެއްކަންނޭނގެ.....މިހާރު އެއޮއް އިރުއެރީ. ދަރިފުޅު ނިކަން އަވަހަށް ގޮސް ކާސިމްބެ ހޯދައިގެން އައިސްބަލަ.....ކާސިމްބެ މިހާރު ހުންނާނެ އިބްރާހީމް މިސްކިތުގައި......] މަރީނާ ހުން ހުރިތޯ ދަރިފުޅުގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. ނަދުހާ ހާސްވެ ކަންބޮޑުވެއްޖެއެވެ. ލައިގަންނަން މިއުޅެނީ ކޮންފަދަ ކަންތައްގަނޑެއްބާއޭ ހިތަށްއަރަން ފެށިއެވެ. ކާސިމްބެ އައުމުގެ ކުރިން ކޮންމެވެސް ބަހަނާއެއް ދައްކައިގެން ނަމަވެސް އެގެއިން ނުކުންނަން އޭނާ ބޭނުންވެއްޖެއެވެ.

[މަންމާ....އަހަރެން އެބަޖެހޭ ހައެއް ޖަހާއިރަށް ޑޮކްޓަރަށް ދައްކަން ދާން....ފާތިނާ ހުންނާނެ އިންތިޒާރުގައި....އަހަންނަށް ހީވަނީ ނަވާލް އަނެއްކާވެސް ބައްޕައަކަށް ވަނީހެން....] ނަދުހާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ބުންޏެވެ.

[ފިސާރި ތެދެއް...މަންމަ ވަރަށް އުފާވެއްޖެ....ތިދެކުދިންނަށް ކުއްޖަކު ލިބޭނެ ދުވަހަކަށް މަންމަ އިންތިޒާރު ކުރާތާ ލައްކަ ދުވަސް ވެއްޖެ. އަވަހަށްދޭ ތައްޔާރުވެލައިގެން ދާން.] މަރީނާ ބުންޏެވެ. ނަދުހާ ކުޑަގޮތަކަށް ނަލަހެދިލައިގެން ގެއިން ނުކުތެވެ. ނަދުހާ ދިޔަތާ މާގިނައިރުތަކެއްނުވެ ނަވާލް ކާސިމްބެ ގޮވައިގެން އައިސް ވަދެއްޖެއެވެ. މަރީނާ ޒާހިން އެނދުމަތީގައި ބާއްވާލުމަށްފަހު ދުރަށް ޖެހިލިއެވެ. ކާސިމްބެ އެނދުގެ މަގަތުގައި އިށީނދެ، އެދަރިފުޅުގެ ބޮލުން ފެށިގެން ފައިގެ ބޮޑުވާ އިނގިއްޔާ ހަމައަށް ކަޅި ހިންގާލިއެވެ.

[މިގޭގަ ޖިންނި އަވަލާފަ އެއްވެސް މީހަކު އުޅޭތަ؟ މިބުނީ އެއްވެސް މީހަކު ޖިންނި މޮޔަވިހޭ ކުރިން......؟] ފާލުބަލަން ފޮތް ހުޅުވަމުން ކާސިމްބެ އެއްސެވެ. ނަވާލަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. މަންމައަށް އިސްޖަހާލެވުނީއެވެ. އެކަކަށްވެސް ޖަވާބު ނުދެވިގެން އުޅެނިކޮށް ކާސިމްބެ ފާލުބަލަން ފެށިއެވެ.

[ރޫޙާނީ އެއްޗެއް މިކުއްޖާ މަރާލަން މަސައްކަތް ކޮށްފައި މިހުރީ. މިކުއްޖާ ސަލާމަތް ކުރުމަކީ ވަރަށްބޮޑު މަސައްކަތަކަށްވާނެ.] ފާލު ބަލައިލުމަށްފަހު ކާސިމްބެ އެނބުރުނީ ނަވާލާ ދިމާއަށެވެ.

[ކީކޭ؟] މަރީނާއާއި ނަވާލާ ދެމައިންނަށް އެކުއެކީގައި ބުނެވުނެވެ.

ރަނގަޅަށް މިބުނީ. މިސޮރުގެ ކަރުގައި ރަތް އަރާފައި މިހުރި ތަންތަނަކީ، އެ އެތީގެ އިނގިލީގެ ނިޝާން. ފުރަތަމަ އަހަރެމެން ޖެހޭނީ، އޭތި އަހަރެންގެ ބާރުގެ ދަށަށް ގެންނަން.] ކާސިމްބެ ކުޑަކުޑަ ޒާހިންގެ ކަރުގައި ހުރި ނިޝާންތަކުގައި އަތް ކާއްތާލިއެވެ. އޭރު އެމަންޒަރު ބަލަން އެމީހުންނަށް ނުފެންނާނޭހެން ކުޑަދޮރުން ބަލަހައްޓައިގެން ނަދުހާ ހުއްޓެވެ. އޭނާހުރީ ހާސްވެ ގޮތްހުސްވެފައެވެ.

[ކާސިމްބޭ....ރަނގަޅު ކުރެވޭނެތަ؟.....] ނަވާލްގެ ދެލޯ ފެންކަޅިވެއްޖެއެވެ.

[އާނ، އެއެތި އަންދާލަންޖެހޭނީ....އަހަރެން އޭތީގެ ފުށުން މިކުއްޖާ މިންޖުކުރާނަން...ހިތްވަރުކުރޭ....] ކާސިމްބެ ނަވާލަށް ހިތްވަރުދިނެވެ. ނަވާލަށް ހިތްވަރު ލިބުނުއިރު، ދުރުގައި މަންޒަރު ބަލަންހުރި ނަދުހާގެ ކަރު އެލުނު ކަހަލައެވެ. އޭނާގެ ހުރިހާ އުފާތަކެއްގައި ނިމުމުގެ ސިއްކަ ޖެހުނީ ކަމުގައި އޭނާއަށް ޤަބޫލު ކުރެވެން ފަށައިފިއެވެ. ނަދުހާ ދެލޯ މަރާލިއެވެ. ހަމައެއާއެކު، އޭނާގެ ލޮލުގެތެރެއަށް ތަޞްވީރުވާން ފެށީ އޭނާގެ އުފާތަކުގައި ނިމުމުގެ ސިއްކަޖެހިގެންދާ މަންޒަރުތަކެވެ.

ކާސިމްބެ ފަހުން އަންނާނަމޭ ބުނެ، ކުޑަކުޑަ ޒާހިންގެ އުނަގަނޑުގައި ތަވީދެއްލިޔެ އަޅުވައިދިނުމަށްފަހު، އެގެއިން ނުކުތީ ނަދުހާ އެޚިޔާލުގައި ހުއްޓައެވެ. ނަދުހާއަށް ކާސިމްބެދިޔަކަން މޭރުންވީވެސް، ކާސިމްބެދިޔަތާ ފަސްވަރަކަށް މިނިޓްވީފަހުންނެވެ. އޭނާ އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އޭރު ޒާހިން އުރާލައިގެން އިނީ މަރީނާއެވެ.

[އަނހަ، ހާދަ އަވަހަކަށް ހޮސްޕިޓަލުން ތިއައީ....މަންމަމެން އުފާވާކަހަލަ ޚަބަރަކައިގެންތަ ތިއައީ؟] ނަދުހާ ކޮޓަރިއަށް ވަނުމާއެކު، މަރީނާ އެއްސެވެ. ނަދުހާގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަވަރު ފާޅުވިއެވެ.

[އާނ މަންމާ....ނަވާލް ދެވަނަފަހަރަށް ބައްޕައަކަށްވަނީ.] ނަދުހާގެ މިޖުމްލައިން ނަވާލްގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ވިދައިގަތެވެ.

[ހަމަ ރަނގަޅަށްތަ ތިބުނަނީ؟] ލިބުނު އުފަލާއެކު ނަވާލަށް ހިފެހެއްޓުނީ މަންމަގެ އަތުގައެވެ. އުފާވެފައި ހުރި ނަދުހާ ބޯޖަހާލިއެވެ.

[ކުރީފަހަރުހެން މިފަހަރުވިޔަދީގެން ނުވާނެ. މިބުނީ ނަދުހާ ގޭތެރޭ މަސައްކަތުގައި މާބުރަކޮށް އުޅެގެން ނުވާނޭ. އިރާދަކުރެއްވިއްޔާ، މީ އަހަރެންގެ އުއްމީދުތައް ފުރިހަމަވާފަހަރު.] މަރީނާ ޒާހިން ނަވާލްގެ އަތަށް ދިނުމަށްފަހު ގޮސް ނަދުހާގެ ބުރަކަށީގައި ފިރުމާލިއެވެ.

[ދަރިފުޅުގެ މަންމަމެނަށް ތިއުފާވެރި ޚަބަރު ދީފިންތަ؟ ދަރިފުޅު ބަނޑުބޮޑުކަން އެނގޭހިނދު، އެމީހުންވެސް ހާދަ އުފަލެއްވާނެޔޭ.....] މަރީނާ ނަދުހާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.

[މަންމަ ގާތު ބުނެފިން.....] މަންމަ ގާތު ބުނެފީމޭ ބުނެ ނަދުހާ ހެދީ ދޮގެވެ.

[މަންމަ މިދަނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން. ދަރިފުޅު އަރާމްކޮށްލާ...ނަވާލް....ކާސިމްބެ ހަވީރު އަންނަންވާއިރަށް، އޭނާ ހޯދަން އެބުނި ތަކެތި ހޯދަން ހަނދާން ބަހައްޓާތި.....] ނަދުހާ ގާތު އަރާމުކުރަން ބުނެފައި ދާން ހިނގައިގަންނަމުން ނަވާލާ ދިމާއަށް އެނބުރި މަރީނާ ހަނދާންކޮށްދިނެވެ.

[އާނ މަންމާ، ދިވެހިބޭސް ވިއްކާ ފިހާރައިން އެހުރިހާ އެއްޗެއް ލިބޭނެއެއްނު. އޭނާ އެކީހާ ނަންތަކެއްވެސް އަހަންނަކަށް ނޭނގެ. ބައްޕަ މެންދުރު އައީމަ ބައްޕަ ގާތު ބުނެގެން ހޯދާނީ. ދިވެހި ބޭހުގެ ބާވަތްތައް، އެންމެ ރަނގަޅަށް ދަންނާނީ ބައްޕަ.] ނަވާލް މިހެން ބުނެފައި، ނަދުހާގެ ގާތުގައި އެނދުގައި އިށީނެވެ. އޭރު ޒާހިންއަށް އޮތީ ނިދިފައިކަމުން، އޭނާ ޒާހިން އެނދުގައި ބާއްވާލިއެވެ.

[ނަވާލްވެސް ފަންޑިތައަށް ތަބާވަންދޯ؟ އެކަމަކު އަހަރެން ޤަބޫލުކުރާ އެއްޗެއް ނޫން ފަންޑިތައަކީ. ގިނަފަހަރު މުޅިންވެސް ހަދާނީ މަކަރާއި ޙީލަތް.] ނަދުހާ ބޭނުންވަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކައިގެން، ނަވާލް ކާސިމްބެއަށް ކުރާ އިތުބާރު ގެއްލުވާލާށެވެ. އަމިއްލަ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ.

[ކަން ދިމާވެފައިވާ ގޮތުން އެކަންތައްތައް އަހަންނަށް ޤަބޫލުކުރަންޖެހޭ. ފާޑަކަށް މޮޔަވެގެން އަހަރެން އުޅުނުގޮތް، ނިކަން ގާތުން ނަދޫއަށްވެސް ވާނީ ފެނިފައި. ކާސިމްބެ ނޫނަސް، އެފަދަ އެހެން މީހެއްގެ މަސައްކަތުން އަހަރެން ފުރިހަމަ ޞިއްޙަތަކަށް ގެނައީ....] ނަވާލް ހެކި ދައްކަމުން ފަންޑިތަވެރިން ދިފާޢު ކުރިއެވެ. ނަދުހާގެ ގާތަށް އައީ ހިންޏެވެ.

[ތިހެންވީއިރު ދުނިޔޭގައި ހުރިހާ ތަނަވަސް ކަމެއްވެސް އޮންނާނީ ތިފަދަ ފަންޑިތަވެރިންނަށްތާ؟] ދެންވެސް ނަދުހާ ކުރީ މަލާމާތެވެ.

[ދެން ތިވާހަކަ ހުއްޓާލާ. ބަނޑަށް ކިތައް މަސް ވެއްޖެއޭތަ ބުނީ؟] ނަވާލް ބޭނުންވަނީ މަޥްޟޫޢު ބަދަލުކޮށްލާށެވެ.

[އަށް ހަފްތާ. ދެމަސް ފުރެނީ.] ނަދުހާ އަމިއްލައަށް ބަނޑުގައި އަތް ކާއްތާލިއެވެ. އެވަގުތު ބޮޑު ކޮޓަރިން ނަވާލްގެ މަންމައާއި ބައްޕަ ފާއިޒް ވާހަކަ ދައްކާ އަޑު އިވުނެވެ. މަރީނާ ޒާހިންނަށް ދިމާވެގެން އުޅޭ ކަންތައްތައް ފާއިޒަށް ކިޔާދިނެވެ. ފާއިޒް ނަވާލްމެންގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަނެވެ.

[ދަރިފުޅަށް ކިހިނެއްވިއްޔޭ....؟] ވާހަކަ ދައްކަމުން އެތެރެއަށް ވަން ފާއިޒް، އެނދުގައި އޮތް ދަރިފުޅު ފެނުމުން ޙައިރާންވިއެވެ. ދަރިފުޅު ފެނުމާއެކު ދަރިފުޅުގެ ޙާލަތު ފާއިޒަށްވެސް އެނގުނެވެ.

[އަދިވެސް މިކަންތަކުން މިންޖު ނުވަނީތާ....މިފަހަރު ހިފާނީ ދޭތިން އެކައްޗަށް....] ދަރިފުޅުގެ ބޮލުގައި އަތް ކާއްތާލުމަށްފަހު، ނިކަން ރުޅިއައިސްފައި ފާއިޒް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އޭނާ އެދިޔަގޮތަށް ދިޔައީ ކާސިމްބެ ހޯދަން ބުނި ތަކެތި ހޯދަން ދިވެހި ބޭސް ވިއްކާ ފިހާރައަކަށެވެ. ނަދުހާގެ ނުތަނަވަސްކަން އިންތިހާއަށްދިޔައެވެ.

ފާތިނާ ނަދުހާގެ ޚަބަރެއް ނުވާތީ، ނަދުހާގެ ގެއަށް (ނަވާލްމެން ގެއަށް) ނަދުހާ ބަލައި ދިޔުމަށްޓަކައި ނުކުތީ، އޭނާގެ ގަޑި ނިމުނީމައެވެ. ދުވަސްތަކަކަށްފަހު އޭނާއާ ސުހޭލާ ދިމާވީ އެވަގުތެވެ. ސުހޭލް ހޮސްޕިޓަލްތެރޭ ހުރި ބޭސްފިހާރައިން ބޭހެއް ގަނެގެން ނުކުންނަނީއެވެ. ފާތިނާ ފެނުމާއެކު، ހީވީ ސުހޭލު ކަރަންޓްގައި ޖެހުނީހެނެވެ. އިސްޖަހާލުމަށްފަހު ފާތިނާ ހޮސްޕިޓަލުން ނުކުމެގެން ހިނގައިގެންފިއެވެ. ފަހަތުން ސުހޭލަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ފަހަތުން ސުހޭލް އަންނަކަން މޭރުންވުމާއެކު، ފާތިނާ މަގުމަތިން ޓެކްސީއެއް ނެގިއެވެ. އެވަރަކުންވެސް ސުހޭލް ދުލެއް ނުދެއެވެ. އޭނާ ކާރުގެ ފަހަތުން ސައިކަލަށް އަރައިގެން ދުއްވާލައިފިއެވެ. ހީވާކަހަލައެވެ. މިހާރު ސުހޭލް ބޭނުންވަނީ ފާތިނާ ވަންނަނީ ކޮންގެއަކަށްތޯ ބަލާށެވެ. އޭނާއާ ރައްޓެހިވެގެން އުޅުނުއިރު އުޅުނު ގޭގައި ފާތިނާ މިހާރު ނޫޅޭކަން އޭނާއަށްވަނީ އެނގިފައެވެ.

ކާރު ނަވާލްމެންގޭ ދޮރުމައްޗަށް މަޑުކުރި ވަގުތު ސުހޭލުވެސް ސައިކަލްގައި އައިސް މަޑުކުރިތަން ފާތިނާއަށް ފެނުނެވެ. ފާތިނާ ސުހޭލަށް ބަލައިވެސްނުލާ ދޮރާށި ހުޅުވާފައި އެތެރެއަށް ވަނެވެ. ސުހޭލް ހުއްޓުނެވެ. އޭނާ މާޔޫސްވިއެވެ. އޭނާ ހީކުރީ އޭނާ އެހާވަރުން ފަހަތުން އައީމަ، ފާތިނާ އޭނާއާ އަނގައިން ނުބުނެ އެތެރެއަށް ނުވަންނާނެ ކަމަށެވެ. ނަމަވެސް މިއަދު ފާތިނާ އެހެން ކަންތައް ކުރިޔަސް، އަނގަ ހުޅުވުމުގެ ފުރްޞަތެއް މިއަދު އޭނާއަކަށް ލިބިގެނެއް ނުވެއެވެ. މިއަދު އޭނާ އެވަނީ ފާތިނާގެ ކުރިމަތީގައި ލަދުވެތިވާން ޖެހިފައެވެ. ފާތިނާގެ އެއްވެސް ކުށަކާނުލާ ފާތިނާއަށް ބޭވަފާތެރިވެ، ފާތިނާގެ ހިތް ރޮއްވާލީ ޚުދު އޭނާއެވެ. ވަގުތީ އަރާމާއި ހިތްހަމަޖެހުމަށްޓަކައެވެ. އޭނާ ރައުފާއާ ކައިވެނިކުރީ ފަހަރެއްގައިވެސް ލޯބިވާތީއެއް ނޫނެވެ. ހަމައެކަނި އޭނާ ބޭނުންވަނީ ކައިވެންޏެއްކޮށް އަންބެއްގެ ރާޙަތު ލިބިގަތުމަށެވެ. ލޯބިވެގެން ހަތަރު ފަސް އަހަރެއްހާ ދުވަސް ވަންދެން އުޅުނުއިރުވެސް ފާތިނާގެ ފަރާތުން އޭނާގެ ހިތް އެދުނުފަދަ ހިތްހަމަޖެހުމެއް ނުލިބޭމެއެވެ.

އެއީ ފާތިނާގެ ނަޞީބޭ ނޫނީ ބުނެވޭކަށް ނެތެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ޚަޒާނާއަކީ އެކުއްޖެއްގެ ޢިއްފަތެވެ. އެކަން ފާތިނާއަށް ވިސްނޭތީ، އޭނާ އޭނާގެ ޢިއްފަތަށް ވަރަށް ފަރުވާތެރިވެއެވެ. އަދިއަދަށް ދާންދެންވެސްމެއެވެ.

ފާތިނާ ވަންއިރު ނަދުހާމެން ތިބީ ކޮޓަރީގައެވެ. ފާތިނާ ދޮރުގައި ޓަކިޖަހާލިއެވެ. ދޮރު ހުޅުވީ ނަވާލެވެ.

[އަނހަ....ފާތިނާ!؟] ނަވާލް ކޮޓަރިން ނުކުތެވެ. ފާތިނާ ވަނީ ކޮޓަރިތެރެއަށެވެ. ހިރިވެސްނުލާ ނަދުހާ އެނދުގައި އިނީއެވެ. ފާތިނާ ގާތު ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނާށެވެ. ފާތިނާ ވަންގޮތަށް އައިސް ނަދުހާގެ ގާތުގައި އެނދުގެ މަގަތުގައި އިށީނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން