ރައީސް ޔާމީނާއި އޭރުގެ ނާއިބް ރައީސް އަދީބު؛ އަދީބު ވިދާޅުވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ހުރިހާ ކަމެއްގެ މޭސްތިރިއަކީ ރައީސް ޔާމިން ކަމަށް
ރައީސް ޔާމީނާއި އޭރުގެ ނާއިބް ރައީސް އަދީބު؛ އަދީބު ވިދާޅުވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ހުރިހާ ކަމެއްގެ މޭސްތިރިއަކީ ރައީސް ޔާމިން ކަމަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ވާހަކަތައް، އެކަމުގެ އެންމެ މުގުލުގައި ހުންނެވި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެ ދެއްވަން ފެށްތެވުމާއެކު ޚިޔާނަތާ ގުޅޭގޮތުން ކުރިން ނޭގޭ އާ ވާހަކަތަކެއް ތިލަވެގެންދިޔައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާ ހޯދިގޮތާއި އެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ވާހަކަ ޚިޔާނަތުގެ މޭސްތިރިޔާ އަހުމަދު އަދީބުގެ އަމިއްލަ އިއުތިރާފަކީ މިމައްސަލައިގެ އަޑިހޯދުމުގައި ލިިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މިވާހަކަތައް އަދީބު ވިދާޅުވެދެއްވަނީ ޕްރޮސިކިއުޓަރ ޖެނެރަލާއެކު ހައްދަވާފައިވާ "ޑީލް" އެއްބަސް ވުމެއްގެ ދަށުންނެވެ. ދައުލަތުގެ ފަރާތުން މިޑީލް ހެއްދެވުމުގައި އިސްކޮށް ހުންނެވީ އަހުމަދި އަދީބުގެ މިތުހުމަތުތަކުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާ ކުރެއްވި ޕީޖީ ޝަމީމެވެ. ބުނެވޭ ގޮތުގައި އަދީބުގެ އަތްޕުޅުގައި ހުރި ގިނަ ލިޔުނަތަކުގެ ކޮޕީތަކާއި އަދީބުގެ ފޯނުގައި ހުރި ގިނަ މައުލޫމާތު ތަކާއި އޭރުގެ ބައެއް ލިއުންތައް ވެސް ފުރަތަމަ އަރާފައިވަނީ ޝަމީމުގެ އަތްޕުޅަށެވެ. ވާނީވެސް އެހެންތާއެވެ. އެއީ މިމައްސަލަގަނޑު ފުރަތަމަ ހިލުނު އިރު އަދީބާއި އެމްއެމްޕީއާރްސީގެ އެމްޑީ ޒިޔަތު ވެސް ދިފާއުކުރައްވަން ހުއްޖަތުތައް ނެރުއްވި ކުޅަދަނާ ވަކީލެވެ.

ކޮންމެއަކަސް ޕީޖީއާއެކު ހެއްދެވިކަމަށް ބުނާ ވަރުގަދަ އެއްބަސްވުމާއި އެއްގޮތަށް އަދީބު އެވަނީ ބޮޑު ޚިޔާނާތުގެ ދަފުތަރު ހުޅުވާލައި އޭގެ އެންމެ އެތެރޭގައި ހުރި މަުލޫމާތުތައް ވެސް ހާމަކުރަށްވަން ފަށްޓަވާފައެވެ. ދަށުކޯޓުގައި ބޭއްވި ފުރަތަމަ ޝަރީޢަތުގެ އަޑުއެހުމުގައި އަދީބު ދެއްކެވި ވާހަކަތަކަށް ބަލާއިރު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު، ކުރީގެ ރައީސުންނާއި ސިޔާސީ ޕާޓީތަކަށާއި، މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުވައްސަސާތަކުގެ މެމްބަރުންނާއި ކޯޓްތަކުގެ ފަނޑިޔާރުންނަށް ކުރެވެއެވެ. އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހި އެކައި، ބޮއި، ބައެއް މީހުން އެފައިސާއިން ގެދޮރާއި އޮޑިދޯނިފަހަރު ގަނެ ބޮޑެތި ވިޔަފާރިތައް ފަށައި ބައެއް މީހުން އެ "ލާރިގަނޑު ހިފައިގެން" ފިލާ ރައްކާވެގެން ގޮސް އުޅުމަށްފަހު "ހުދު ފޮތިކޮޅަކަށް" ވެގެން ގިނަ ބަޔަކު ތިއްބާ އަދީބު ޝަރީއަތުގެ މަޖިލީހުގައި، ޚިޔާނާތް ހިންގެވި ގޮތާއި އެ ފައިސާ ދައުރުވި ގޮތް ވިދާޅުވެދެއްވައި އެ ފަރާތްތައް އޭނާ ވަނީ ބޭޒާރުކޮށް ހަވަރަށް ދެއްވާފައެވެ.

ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ތެރޭގައި "ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ" ކަމަށް އަދީބު ވިދާޅުވި އެވެ. އަދީބު ވިދާޅުވާގޮތުން ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާ އެކު ދައުލަތުގެ ހުރިހާ ފަންތިއެއްގައި އެ ފައިސާ ދައުރުވިއެވެ.

އަދީބުގެ މި އިއުތިރާފާ އެކު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުން އެ ޚިޔާނާތުގައި އެ ޕާޓީތަކުގެ ދައުރެއް ނެތް ކަން ސާބިތުކޮށްދޭން ބަޔާންތައް ވަނީ ނެރެން ފަށާފައެވެ. އެންމެ ފަހުން ޕީޕިއެމާއި ޕީއެންސީ އަށް ވެސް ޚިޔާނަތުގެ ފައިސާ ލިބިފައިނުވާ ކަމަށް އެކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވުމާއެކު ޚިޔާނަތުގެ ފައިސާ ލިބުނު ހަމަ އެއްވެސް ޕާޓީއެއް މި ދިވެހި ރާއްޖޭގައި ނެތްކަން މިހާރު މިވަނީ ބަޔާނާއި އަނގަބަހުން ޔަގީން ވެފައެވެ.

ޚިޔާނަތުގެ ފައިސާ ނުލިބޭ ކަމަށް ބުނެ ޕާޓީތަކުގެ މައުސޫމްކަން ހާމަކޮށްދީގެން އެމީހުން ހިތުން ގަބޫލުކޮށްގެން އެތިބީ މި ތުހުމަތުތަކުން ބަރީޢަ ވެގެންނެވެ. އަދާލަތު ޕާޓީން ކުރި ޓުވީޓްތަކެއްގައި ބުނެފައި ވަނީ، އަދީބު އިޝާރާތް ކުރެއްވި ސްކޭމްގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ހިންގަވަމުން ގެންދެވި ޣައިރު ގާނޫނީ ކަންކަމުގެ ވާހަކަ ކުރީގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮވެ ދައްކަން ފެށީ އެ ޕާޓީން ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.އެ ޕާޓީން ބުނީ ޔާމީންގެ ވެރިކަމުގައި ހިންގަމުން ދިޔަ ޚިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ ދެއްކެން އޮތް އެންމެ އަޑު ހަރުކޮށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ދައްކާފައިވާނެ ކަމަށެވެ.

"އަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވަން އޮތް ޔަގީންކަމަކީ މި ޚިޔާނާތުގެ ތެރެއިން ހޯދި ކަމަށް ތުހުމަތުކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާއެއް މި ޕާޓީން ހޯދާފައި ނުވާނެ ކަމުގެ ޔަގީން ކަމެވެ." އަދާލަތުގެ ޕާޓީން ބުނެފައިވެއެވެ.

މިހާހިސާބުން އެޕާޓީ ހުދު ކާފޫރަށްވެ ނިމުނީއެވެ. އެކަމަކު ރައީސް ޔާމިންގެ ވެރިކަމުގައި ދިގުމުއްދަށް ޖަލަށް ހުކުމް ޖަހާފައި ހުރި ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވެސް މިނިވަން ވެވަޑައިގެންނެވީ "އެބުނާ ފައިސާ ތަކެއް" ދީގެން ނެރުނު ފެބްރުއަރީ އެކެއްގެ ހުކުމުގެ ސަބަބުންނެވެ.

މިހެން މިކަން އޮއްވާ އެޕާޓީން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާއި ހިންގާފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލް ކަމާގުޅުން ހުރި ހުރިހާ މުއައްސަސާތަކުން ހާމަކުރުމަށް ގޮވާލާފައެވެ.

"އެކިޔާ ފައިސާއެއް ދީގެން" ނެރުނު ކަމަށް ބުނާ ފެބްރުއަރީ އެކެއްގެ ހުކުމުން އެންމެ ބޮޑު ފައިދާއެއް ކުރި ރައީސް ނަޝީދު ވެސް ވަނީ އަދީބު އެވިދާޅު ތަނުން އެއްވެސް އެތިކޮޅެއް ލިބިވަޑައިގެންފައި ނުވާކަން ތަކުރާރު ކުރަށްވައި އެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު އެކަހަލަ ފައިސާއެއްގައި ނުޖެހޭނެކަން އެޕާޓީގެ މެންބަރުންނަށް ޔަގީންވާތީ އެވާހަކަ މެދު ނުކެނޑި އެދަނީ ދައްކަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމާއި ބަދުނާމް އެޅޭކަށް އެ ޕާޓީން ބޭނުން ނުވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާ އިން ބައިކުޅަ ބައި ލިބިފައި ތިބި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި އެ ނޫން ވެސް މީހުންގެ ނަންތައް ހާމަކޮށް ޝަރީއަތްކޮށް އިންސާފު ގާއިމްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެ ބަދުނާމު އެޅޭކަށް ގައިމު ވެސް އެމްޑީޕީ ބޭނުމެއް ނޫން." ހަސަން ވިދާޅުވި އެވެ.

އަދީބު އެވިދާޅުވާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭރު ނެގި ވޯޓުތަކުން އެކި ބޭފުޅުންނަށް އެތިކޮޅުކޮޅު ލިބިފައިވާކަން ހަސަންއަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރެވެއެވެ. ހަމަ ގައިމުވެސް އަދީބު އެވިދާޅުވާ ފަދަ ވޯޓުތަކުގައި އެ ޕާޓީގެ ބައެއް މެންބަރުންގެ ހިއްސާ އެބައޮތެވެ. އެއީ ކަށަވަރު ކަމެކެވެ. އޭގެތެރެއިން ބައެއް ބޭފުޅުން ވިދާޅުވާ ކަމަށް ވަނީ އެބޭފުޅުން އެކަން ކުރެއްވީ ޕާޓީގެ ލީޑަރަށް ޓަކައެވެ.

ޖުމުހޫރީ ޕާޓީގެ ތަރުޖަމާން، އަދި މި ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ބިލިއަނުން ގައުމު ލޫޓުވުމަށް ފަހު، އޭރުގެ އެންމެ އިސް ބޭފުޅުން ޝަރީއަތުގެ މަޖިލީހުގައި ރޯ ބުހުތާނު ދޮގު ހެދުމުން ދެކޮޅެއް ނުޖެހޭ ކަމަށެވެ.

"ޖޭޕީ އާއި އަހްމަދު އަދީބާ އެއްވެސް އިރެއްގައި ގުޅުމެއް ނޯންނާނެ." އަލީ ސޯލިހް ވިދާޅުވި އެވެ.

ޢަލީ އެހެން ވިދާޅިވެއްޖެއްޔާ އެވާނީ ހަމަ ތެދަށެވެ. އެބޭފުޅުން އެކަހަލަ ކަންކަމުގައި އެއްގޮތަކަށް ވެސް އިތުރުފުޅެއް ނުހައްދަވާނެއެވެ.

އޭރު ވެރިކަމުގައި އޮތް އަދި އެބުނާ ކަޅު ކޮތަޅުތައް އުފުލި ކަމަށް ވިދާޅުވާ މެންބަރުން ތިއްބެވި ޕީޕީއެމާއި ޕީއެންސީން ވެސް އަދީބުގެ ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ. އެމީހުން ދޮގުކޮށްފިއްޔާ ދެން އެކަން ހަމަ ޔަގީން ކުރަންވީއެވެ. އެއީ އެބުނާ ފައިސާއެއް އަތުގައި ހޭކި ދަތުގައި ވެސް ހާކައިގެން ތިއްބެވި އެންމެ ގިނަ ބޭފުޅުން ހިމެނޭ ދެ ޕާޓީއެވެ. އެކޯލިޝަންގައި އެންމެ އިސްކޮށް މިހާރު ހުންނެވި އަބްދުރަހީމް ނޫނީ އަދުރޭ ވިދާޅުވެއްޖެއްޔާ ދެން އެއީ ހަމަ ޝައްކެއްވެސް ނެތް މިންވަރަށް ޔަގީންވާ ތެދެކެވެ. އަދުރޭ އަކަށް އެއިން އެއްވެސް އެތިފުކެއް ނުލިބޭނެކަން ހަމަ ކަށަވަރު ކުރަށްވާށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަކަށް [ހިޔާނާތުގެ ފައިސާ] ނުލިބޭ. އަޅުގަނޑުމެން ނެތިން އެކަން ދޮގުކޮށް ބަޔާން ނެރޭކަށެއް. އެކަމާ ދޭތެރޭގައި ކަންބޮޑުވާ ބޭފުޅުން އެބަ ބަޔާންތައް ނެރުއްވާ." ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވިއެވެ.

ހިޔާނާތުން މަންފާވި ނަންތައް ޝަރީއަތުގެ މަޖިލީހުގައި، ހާމަކުރައްވާ އިރު އިންސާފުވެރިކަމާ އެކު އެކަން ކޮށްދެއްވަން ވެސް އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.

"ސަރުކާރާ އެކީގައި ހެދޭ އެއްބަސްވުމެއްގެ ދަށުން ތިމާގެ އަދަބު ލުއިކޮށްދެއްވުމަށްޓަކައި ދޮގު ވާހަކަތައް ދައްކާ ކަމާ ނުބެހޭ މީހުން ބަދުނާމުކޮށް ތިމާގެ ހިތުގައި ހަސަދަވެރިކަން އޮތް މީހުންގެ މައްޗަށް ހަސަދަ ފިލުވާލުމަކީ ތައުބާވުމެއް ނޫނޭ." އެފައިސާއިން ހަމަ އެންމެ އެތިކޮޅެއްވެސް ލިބިވަޑައި ނުގަންނަވާކަން ޔަގީން ކޮށްދެއްވަމުން އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީމާ ދެން އެކަން ގަބޫލުކުރަށްވާށެވެ. ވާނީ ވެސް އެހެންތާއެވެ. މިހާރަކު އެއިން ފައިސާ ފޮށްޗެއް ލިބުނު މީހަކު ލިބުނު ޕާޓީއެއް މި ގައުމަކު ނެތެވެ. އެހެންވީމާ އަދީބު އެދައްކަވަނީ އެހެން ގައުމެއްގެ ވާހަކަ ކަންނޭނގެއެވެ. ފަހަރެއްގައި ޖަލުގައި އެހާ ގިނަދުވަހު އޮންނަން ޖެހިވަޑައިގަތީމާ ބުއްދި ފިލާދާގޮތްވީ ވެސް ކަންނޭގެއެވެ. ނޫނީ އޭރުގެ ހަނދާންތައް މުޅިން ފޮހެވުނީއެވެ. އަލުން އެކަންކަން އަދީބަށް ހަދާން ކޮށްދޭން ދެން ޖެހޭނީ އޭރު އެކަމުގައި އުޅުނު މީހުން ކުރިމައްޗަށް ގެންގޮސް ރަނގަޅަށް ހަދާން ވޭތޯ އަލުން ޑްރާމާ ކުޅުވާށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ފެށީ 2015 ގައި ރައީސް ޔާމިންގެ ސަރުކާރުގައެވެ. މި ސަރުކާރުގައި ވެސް ތަހުގީގު ދިގުދެމިގެން ގޮސްފައިވާ މި ޚިޔާނާތުގައި މިހާތަނަށް ދައުވާ އުފުލީ ރައީސް ޔާމީނާއި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. ޚިޔާނަތުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ވައްކަމަށް އިންސާފު ހޯދައިދޭން އައި ސަރުކާރަށް ދެ އަހަރު ވި އިރު ވެސް ތަހުގީގު ކުރުމުގެ މަރުހަލާ ނިމޭގޮތެއް ނުވެއެވެ. ވަރަށް އަވަހަށް އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން އުޅޭ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައި ވީނަމަވެސް އެ މުއްދަތުގައި އެކަމެއް ނުކުރެއެވެ. އަދި އެ ދައުވާތަކަށް ވީގޮތެއްވީ ހިސާބެއް ވެސް ނޭގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން