ޓުއަރިޒަމް މިނިސްޓަރުކަމުން ވަކި ކުރި އަލީ ވަހީދާއި ދެކޮޅަށް ރޭޕް ކުރަން އުޅުނު ކަމުގެ ދައުވާ އާއިކު ދައުލަތުން ހަ ދައުވާއެއް އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އަލީ ވަހީދުގެ މައްޗަށް 6 ދައުވާ އެއް އުފުލައި އެމައްސަލަތައް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އަލީ ވަހީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނީ އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ދައުވާ ކުރުމަށް 18 ނޮވެންބަރު 2020 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. އަދި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވެއެވެ.

އަލީ ވަހީދު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މުވައްޒަފުން ބުނެފައިވަނީ އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް މިނިސްޓްރީގެ މުވައްޒަފުން ބުނެފައިވެއެވެ.

އެ އަމަލުތައް ތަހައްމަލު ނުކުރެެވިގެން އެވާހަކަ ރައީސް ސޯލިހާއި ހިއްސާ ކުރެއްވުމުން އެމަނިކުފާނު ވަނީ އަލީ ވަހީދަށް އިސްތިއުފާ ދޭން އަންގަވައި އެގޮތަށް އަމަލު ނުކުރުމުން މަގާމުން ވަކިކުރައްވާފައެވެ.

އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން އޭނާ ދިރިއުޅުއްވަމުން ގެންދަވާ އެޕާޓްމަންޓް ބަލާ ފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ރާއްޖެއިން ފުރުން ވެސް ވަނީ މަނާކޮށްފައެވެ. އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަށް އޭނާ ވަނީ ދޮގުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން