ރައީސް ނަޝީދާއި ރައީސް މައުމޫން ސެލްފީއެއް ނަންގަވަނީ
ރައީސް ނަޝީދާއި ރައީސް މައުމޫން ސެލްފީއެއް ނަންގަވަނީ
ރައީސް މައުމޫންގެ 30 އަހަރުގެ އަނިޔާވެރި ކަމުގެ ވާހަކައާއި ޚުދުމުޚުތާރު ސިފަ ތަކުގެ ވާހަކައަކީ ރައީސް ނަޝީދާއި ނަޝީދުގެ ގާތް ބޭފުޅުން ތަކުރާރުކޮށް ދައްކަވަމުން އަންނަ ވާހަކައެކެވެ. އަދި އެވިދާޅުވާ ވާހަކަ ތަކުގެ ހެއްކާއި ދަލީލުވެސް ރައީސް ނަޝީދު ދައްކަވައެވެ. ރައީސް ނަޝީދުގެ އެވާހަކަތައް ރައްޔިތުންނަށް ގަބޫލުކުރެވެން ފެށީ ޖަލުގައި މީހުން މެރުމާއި ބަޑި ޖެހުމާއި އަނިޔާވެރިވުމާއި، އަދިވެސް އެފަދަ އެހެން ވެސް ހާދިސާ ތަކާއި ގުޅިގެންނެވެ. އެމްޑީޕީ ވުޖޫދުވީއްސުރެ ދައްކަމުން އައި އެވާހަކަތައް ރައްޔިތުން ބަލައިގަތެވެ. ރައީސް ނަޝީދު އެވިދާޅުވާ 30 އަހަރުގެ ވެރިކަން ރައްޔިތުންގެ ވޯޓުން ނިންމާލީ އެވާހަކަތައް ގަބޫލުކޮށް ބަދަަލަކަށް ބޭނުންވާތީ ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ.

ރައީސް ނަޝީދު އަބަދުމެ ދައްކަވާ މިވާހަކަ ރޭގައި މިވަނީ އަނެއްކާވެސް ތަކުރާރު ކުރަށްވާފައެވެ. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ އަނިޔާ ވެރިކަން ރައީސް ނަޝީދު ސިފަކުރެއްވީ ވަރަށް ވެސް އަސަރާއި އެކުގައެވެ. ރައީސް ނަޝީދު ވިދާޅުވަނީ ރައީސް މައުމޫންގެ ވެރިކަމަކީ އިންތިހާއަށް އަނިޔާވެރި ފިތްކަނޑައިގެން ދާވަރުގެ އަނިޔާވެރި ވެރިކަމެއް ކަމަށެވެ.

"މައުމޫނަކީ އިންތިހާ އަށް އަނިޔާވެރި 30 އަހަރުގެ ދިގު ހުދުމުހުތާރު، އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް. ދިވެހިން ފިތްކަނޑައިގެންދާ ވަރުގެ އަނިޔާވެރި ވެރިކަމެއް ކުރެއްވި. އަޅުގަނޑު އެކަން ބެލީ ތާރީހުގެ ފަތް ފުށަށް ގެންދެވި އަޅުގަނޑުމެންނަށް ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރަމުން ދެވޭނެ ގޮތެއް ހޯދަން،" ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައްޔިތުންނާ ލައިވްކޮށް ބައްދަލުކުރަށްވައި ބައެއް ފަރާތްތަކުގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ސިޔާސީ ގޮތުން މިފަދަ ވަރަށް ގިނަ ވާހަކަ ދައްކަވާ ބޭފުޅަކަށް ވާތީއާއި، މައުމޫންގެ 30 އަހަރުގެ ވެރިކަން ނުދެކޭ ނޫންނަމަ އެވެރިކަމުން އެފަދަ އަނިޔާވެރިކަމެއް އިހުސާސް ނުކުރެވޭ ބޭފުޅުންނާއި މައުމޫނަށް ތާއީދު ކުރަށްވާ ބޭބޭފުޅުން ނަޝީދުގެ މިވާހަކަތައް ގަބޫލު ނުކުރަށްވަފާނެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫން ހައްޔަރު ނުކޮށް ވެރިކަން ކުރެއްވި ކަމަށް ވިދާޅުވާ ވާހަކަފުޅަކީ ހަމަ ސައްތައިން ސައްތަ ހަގީގަތެކެވެ. އެއްވެސް މީހަކަށް ދެބަސް ވެވެން ނެތް ވާހަކަފުޅެކެވެ.

އެހެން ނަމަވެސް ރައީސް މައުމޫންގެ މައްސަލައެއް ބެއްލެވުމަށް ކަމަށް ބުނެ އެމަނިކުފާނު ފުލުހުންގެ އޮފީހަށް ހާޒިރު ކުރަން ރައީސް ނަޝީދުގެ ވެރިކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރަށްވައިގެން އެކަން ކާމިޔާބުވެސް ކުރެއްވިއެވެ. އެކަމަކު އެވަރުވެސް ރައީސް ނަޝީދަށް ކުރެއްވުނީ ވަރަށް ބޮޑު ހައިޖާނު ގަނޑެއްގެ ތެރޭގައެވެ. މިހާދިސާގެ އެކޮޅު މިކޮޅަށް ރަނގަޅަށް ވިސްނާ ފިކުރު ކޮށްލާއިރު އުފެދޭނެ ސުވަލަކީ ރައީސް ނަޝީދު، ރައީސް މައުމޫން ހައްޔަރު ނުކުރީތޯ ނުވަތަ "ނުކުރެވުނީތޯ" އުފެދޭނެ ސުވާލެވެ. މިސުވާލު އުފެދޭނެ ޖާގަ އެބައޮތެވެ. މިސުވާލު އުފެދޭ ސަބަބު ވެސް ދަންނަވާލާނަމެވެ.

ރާއްޖޭގައި އަލަށް އެކުލަވާލި ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ނަޝީދަށް ކާމިޔާބު ކުރެއްވުނީ އެމަނިކުފާނުގެ ފުރިހަމަ ބާރަކުން ނޫނެވެ. އެކާމިޔާބަކީ އެތައް ބަޔަކު ގުޅިގެން ރައީސް މައުމޫނާ ދެކޮޅަށް ލިބިވަޑައިގެންނެވި ހަނި ކާމިޔާބެކެވެ. ދެން އޮތީ އެމަނިކުފާނު ވެރިކަން ކުރައްވަން ޖެހިވަޑައިގެންނެވި މާހައުލު އޮތް ގޮތުގެ ވާހަކައެވެ. ހަމަ ގައިމުވެސް މިހާރު އެއޮތް ގޮތަށް ރައްޔިތުން މަޖިލީހަކު ހަނި މެޖޯރިޓީއެއް ވެސް އޭރަކު ލިބިވަޑައި ގެންފައެއް ނެތެވެ. އެމަނިކުފާނު ވިދާޅުވާ ގޮތަށް ޝަރުއީ ނިޒާމު ވެސް އޮތީ އެފަދަ ކަމަކަށް ޖާގަ ލިބޭފަދަ ހާލަތެއް ގައެއް ނޫނެވެ. ރައީސް ނަޝީދުގެ އަތްޕުޅުގައި އޭރު އޮތީ ހަމައެކަނި ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ތިން ބާރުގެ ތެރެއިން ވެރިކަމުގެ ބާރެވެ. އެހެންވީމާ މައުމޫންފަދަ ތިރީސް އަހަރުގެ ދިގު މަސައްކަތުން ޖަހާފައި ހުރި ވަރުގަދަ ތަނބެއް އެހާ ފަސޭހައިން އުފުރާލާ އެއްލާލުމަކީ ރައީސް ނަޝީދާއި އެމްޑީޕީ އޭރުގައި ކިތަންމެ ބޭނުން ވިޔަސް ކުރެވޭ ވަރުގެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

އެކަމަކު މިއަދު ރައީސް ނަޝީދު އެވިދާޅުވާ ހާލަތު އޮތީ މުޅިން ބަދަލުވެފައެވެ. އެމްޑީޕީ މިއަދު ވެރިކަމުގައި އެތިބީ ކުރީގެ ތަޖުރިބާގެ އަލީގައި ކިތަންމެ ފިލާވަޅެއް ދަސްކޮށްގެންނެވެ. ކިތަންމެ ތަޖުރިބާއެއް ހޯދައިގެން އެތައް ފިލާވަޅެއް މުޠާލިޢާ ކޮށްގެންނެވެ. މިއަދު އެމީހުން ކަމެއް ކުރާނީ ހަގީގަތުގައި ވެސް ކުރިއަށް ހަކުޅި ކުޅެފައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ރައީސް ނަޝީދު އަބަދުވެސް ކަމެއް ކުރެއްވުމުގެ ކުރިން ހަކުޅި ކުރިއަށް ކުޅުއްވާ ވާހަކައެވެ. ނަމަވެސް ހަގީގަތުގައި އެމަނިކުފާނަށް އޭރު ހަކުޅި ކުރިއަކަށް ނުކުޅުއްވުނެވެ. ކުޅުއްވާން އުޅުއްވިއަސް ވަކި ހިސާބަކުން ސައި ވަނީއެވެ.

ނަމަވެސް މިއަދު އޮތީ މުޅިން ތަފާތު މާހައުލެކެވެ. ކޯލިޝަނޭ ކިޔަސް މުޅި ސަރުކާރު އޮތީ ރައީސް ނަޝީދުގެ ބާރުގެ ދަށުގައެވެ. އެމަނިކުފާނުގެ މުށު ތެރޭގައެވެ. ވެރިކަމުގައި ހުންނެވީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިއާއެވެ. އޭގެ އިތުރުން ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ "ލޮނު މަޑު، ދުވެލި މަޑު، ވަރަށް އަބުއި" ބޭފުޅެކެވެ. ބައެއް ބޭފުޅުންނަށް ދެ ފޮޓޯ ދޭތެރެއިން ފެންނަ މަންޒަރަކީ އެތެރެ ފުށުން ދެބޭފުޅުން ވަރަށް ގުޅިވަޑައިގެން ބޭރުފުށުން "ގަރްގަރް ކީ ކަހާނީ،" ޑްރާމާ ކުޅުއްވާ މަންޒަރެވެ. އޭގެ އެއްހެކި އިހަށްރޭ ފެނިގެން އެދިޔައީއެވެ.

ދަންނަވަން މިއުޅެނީ ފުލުހުންގެ ބިލަށް ގެނައި އިސްލާހުގެ ވާހަކައެކެވެ. ބައެއް ބޭފުޅުން ހީކުރެއްވީ ދެ ވެރިން އެދައްކަވާ ދެމޫނުފުޅަކީ ހަމަ ހަގީގަތެއް ކަމަށެވެ. އެހެން ވެގެން މަޖިލީހުގެ ތަޅުމުގައި އެ ބިލުގެ އިސްލާހުތަކާ ދެކޮޅަށް އެބޭފުޅުން ތެޅި ގަތީއެވެ. ކަރުގެ ހަން ދިއުން ނޫން ކަމެއް ނުވެއެވެ. މިކަމުގެ ސަބަބުން ވިސްނުން ދެކަފި ބޭފުޅުން ހުނިޖަހާލާފައި ވަކި ކޮށްލާން ރައީސް ނަޝީދަށް އެނގިވަޑައިގެންނެވުން ނޫން ކަމެއް ނުވިއެވެ.

އެހެންވީމާ މިއަދު އެމްޑީޕީ ކުރަމުން އެދާ ވެރިކަމާއި އިއްޔެ ކުރި ވެރިކަމުގައި ވަރަށް ބޮޑު ތަފާތު އެބަހުއްޓެވެ. މިއަދު އެމްޑީޕީ ވެރިކަމުގައި އެއޮތީ ފުރިހަމަ ބާރުގައެވެ. މަޖިލިހުގައި ރައީސް ނަޝީދު އެއިންނެވީ ވެސް އެހާމެ އާރާއި ބާރުގައެވެ. އެމަނިކުފާނު ޖެހޭނީ ހަމަ ފުށްޓަތްކެއް ޖައްސަވާ ލައްވާށެވެ. ސާޖަންޓް އެޓް އާމްސް އައިސް އެމީހަކު ތަޅުމުން ނެރެލާނެއެވެ. ރައްޔިތުންގެ މަޖިލީހުން ބޭނުން ނުވާ ވަޒީރަކަށް ސަރުކާރަކު ނުހުރެވޭވެއެވެ. ރައްޔިތުން މަޖިލީހުން ބޭނުން ނޫން ކަމެއް ސަރުކާރުގެ އެއްވެސް ވުޒާރާއަކަށް ވެސް އިދާރާއަކަށް ވެސް ނުކުރެވޭނެއެވެ. މިހާލަތުގައި އޮތް ވެރިކަމެއްގައި ކުރީގެ ރައީސަކު ހައްޔަރުކޮށްގެން ގެންގުޅެވުނަސް އަދި ރައީސްކަން ކުރެއްވި ބޭފުޅަކާއިމެދު ފުލުފުލުގައި ދައުވާތައް ކުރި ނަމަވެސް އެކަމަށް ނޫނެކޭ ބުނެ އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހަކުވެސް އެއްވެސް މުއައްސަސާއެއްވެސް އެއްވެސް ގާނޫނެއް ވެސް ނެތެވެ.

ނަޝީދު ރޭގައި ވިދާޅުވެފައިވަނީ ވެރިކަން ކުރެއްވި ބޭފުޅުން ޖަލަށް ނުލައި ވެސް އެމަނިކުފާނަށް ވެރިކަން ކުރެއްވުނު ކަމަށެވެ. އެކަމަކު، އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ޖަލަށް ގެންދެވި ކަމަށެވެ. އެއީ ހަމަ ހަގީގަތެކެވެ. އޭރު ވެރިކަން ކުރަމުން ގެންދިޔައީ މިހާރު ވެސް މިއޮތް ފަދަ އާރާއި ބާރުގައެވެ. ރައީސް ޔާމީން ގެ ވެރިކަމުގައި ޝަރީއަތް ހިންގައި ހުކުމް ވެސް އިއްވީއެވެ. އެހެންވީމާ އޭރު ރައީސް ނަޝީދުވެސް ހައްޔަރު ކުރީއެވެ. ރައީސް ޔާމިންގެ ވެރިކަމާއި ދެކޮޅަށް ތެދުވި އިސް ލީޑަރުންވެސް ހައްޔަރުކުރީއެވެ. އޭރު އެކަމަށް ދެކޮޅު ހަދާނެ މީހަކުވެސް މުއައްސަސާއެއްވެސް ނެތެވެ. އޭރު އެކަމާއި ދެކޮޅު ގާނޫނެއް ވެސް ނެތެވެ.

ދެން ރައީސް ނަޝީދުގެ މިވާހަކަފުޅުގެ މުރާދާއި މެދު ތަންކޮޅެއް ފުންކޮށް ވިސްނާލަމާ ހިންގަވާށެވެ. ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާ މެދުގައި ހަރުކަށިކޮށް އަމަލު ކުރުމާއި ވެރިކަން ކުރަށްވާފައި ތިއްބެވި ބޭފުޅުން ޖަލަށްލުމުގެ ސަގާފަތް ހުއްޓަން އެބަޖެހެއެވެ. ހަގީގަތުގައި ވެސް އެއީ ހަމަ ވަރަށް ތެދު، މުހިންމު ވާހަކަފުޅެކެވެ.

އެވިދާޅުވާ ވާހަކަފުޅުގެ ހަގީގަތް ވިސްނޭނީ އަމިއްލަ ނޭފަތުގެ ކުރިއަށްވުރެ ދުރު ފެނިވަޑައިގަންނަވާ ބޭފުޅުން ނަށެވެ. މާދަމާ ވެރިކަމުގައި ތިއްބޭނީ ކޮންބައެއް ކަމެއް ރައީސަކަށް ހުންނަވަނީ ކޮން ބޭފުޅަކު ކަމެއް ނޭނގެއެވެ. ދެން ވެރިކަމަށް އަންނާނީ ކޮންބައެއް ކަމެއް އަދި އެމީހުން އައިސް ވެރިކަން ކުރާނީ ކިހާ ވަރެއްގެ އާރަކާއި ބާރަކާއި އެކުގައި ކަމެއްވެސް ދަންނަވާކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ރައީސް ނަޝީދު އެދެއްވާ މެސެޖްގެ ސާފު ކަމެވެ. މާދަމާ ވެރިކަމަށް އައީ އިދިކޮޅު ފަރާތްތަކުން ކަމަށްވާނަމަ ބަދަލު ހިފާނެ ކަމުގެ ޔަގީން ކަމެވެ. މިހާރުގެ ވެރިން ޖަލަށް ވަންނާން ޖެހޭނެ ކަމުގެ ޔަގީން ކަމެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބުނު އެތައް ބަޔަކު އެބަ ތިއްބެވެ. ޖަލުގައި މީހުން މެރިކަން އެނގެއެވެ. ޖަލުގައި ބަޑިވެސް ޖެހިއެވެ. ބަޑިޖެހި މީހުންގެ މައްސަލަތައް ބަލައި ބައެއް މީހުން ޖަލަށް ވެސް ލިއެވެ. އަދަބު ދިނެވެ. އެކަމަކު އެއިން އެއްވެސް ކަމެއްގައި ރައީސް މައުމޫންގެ މައްޗަކަށް ދައުވާކޮށް ޝަރީއަތެއްވެސް ނުހިންގައެވެ. އެހެންވީމާ އެމަނިކުފާނާއި މެދު ކުރެވެން އޮތީ ތުހުމަތެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޖަލު ބެލެހެެއްޓުމުގެ ޒިންމާ ހަވާލުވެ ހުރި މީހަކު ނުވަތަ ތިބި ބަޔަކު ބަޑި ޖެހީ ރައީސް މައުމޫން އަންގަވައިގެން ނޫން ކަމަށް ވާނަމަ އެ މީހުން ބަޑި ޖެއްސަސް އެމަނިކުފާނު ޖަލަށްދާކަށް ނުޖެހޭނެތާއެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނަވަނިކޮށް ދައުލަތުގެ ފައިސާ ބަލަހައްޓާން ތިބި މީހުން ޚިޔާނާތްތެރިވީ އެމަނިކުފާނު ވިދާޅުވެގެން ކަމަށް ނުވާނަމަ އެމަނިކުފާނު ޖަލަށް ވަޑައިގަންނަވާން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ކިތަންމެ ގޯހެއް ހިނގި ކަމަށް ބަޔަކު ބުންޏަސް އެމަނިކުފާނު އެއިން ކަމެއްގައި ކުށްވެރި ނުވާނަމަ ނުވަތަ ޝަރުއީ ކޯޓެއްގައި ސާބިތު ނުކުރާހާހިނދަކު އެމަނިކުފާނަކީ ކުށެއް ކުރެއްވި ބޭފުޅެއް ނޫންކަމަށް ނިންމުމުގެ ޖާގަ އެބައޮތެވެ.

އެހެންވީމާ އެއްނަޒަރަކުން ބަލާއިރު ރައީސް ނަޝީދު ވެރިކަން ކުރެއްވީ ރައީސް މައުމޫން ޖަލަށް ނުލައޭ ވިދާޅުވެވޭނެ ޖާގަ އެބައޮތެވެ. ރައީސް ނަޝީދުގެ ހިތްޕުޅުގައި ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ބިންވަޅު ނެގިފައި އޮތް ނަމަވެސް ބޭރުފުށުން ބަލާއިރު މިހާތަނަށް އެކުގައި ތިއްބެވުނީ އެކަން ނުފެންނާތީއެވެ. ދެ ބޭފުޅުން މިހާރު އެދަތުރު ކުރަށްވާ ގޮތަށް އެއްއޮޑީގައި އެތިއްބެވެނީވެސް އެހެން ވެގެން ކަމުގައި ދެންނެވިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން