ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނީ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ދަނީ
ކޯވިޑް-19 ގެ ސަބަބުން މަރުވާ މީހުން އެންދުން ސްރީ ލަންކާ ސަރުކާރުން މަޖްބޫރު ކޮށްފައިވާތީ، އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމު ހަމަޖައްސައިދޭން ދިވެހި ސަރުކާރުން ހުށަހަޅައިފި ކަމަށް ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނެފިއެވެ.

ޑެއިލީ މިރާއިން ރިޕޯޓްކުރާ ގޮތުގައި، އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލައިދޭން ތައްޔާރަށް އޮތް ކަމަށް ދިވެހި ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ލަންކާގެ ފޮރިން މިނިސްޓްރީއަށް ރަސްމީކޮށް އަންގައިފަ އެވެ.

އެކަމާ ގުޅިގެން ލަންކާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސާވިސް ޑރ. ހެމަންތަ ހެރަތަ އާ ޙަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އެކަމަކީ ކުރެވިދާނެ ކަމެއްތޯ ބަލައި ދިވެހި ސަރުކާރަށް އަވަސް ޖަވާބެއް ދެއްވުމަށް އެދިފައިވާ ކަމަށާއި، އެކަމާ ގުޅޭ ގައިޑްލައިންތައް ހެދުމަށް ލަންކާގެ ފޮރިން މިނިސްޓްރީގެ ފަރާތުން ހެލްތު މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.

"މިކަން ކޮށްދޭން ރާއްޖޭން ހުށަހަޅާފައިވަނީ، ރާއްޖޭގެ ރަށްތަކަކީ ވަކިވަކިން ހުރި ރަށްތަކަކަށްވެފައި، ލަންކާއަށް މިކަމުގައި ދިމާވާ މައްސަލަތައް ރާއްޖެއަށް ދިމާނުވާތީ. ދިވެހި ސަރުކާރުން ހުށަހަޅާފައި ވަނީ ބަލީގައި މަރުވާ މީހުން ވަކި ރަށެއްގައި ވަޅުލައި ދޭން" ޑރ. ހެރަތް އާ ޙަވާލާދީ އެ ނޫހުގައި ވެއެވެ.

ލަންކާގައި ކޮވިޑްގައި މަރުވާ މުސްލިމުން ވެސް އެންދުމަށް ނިންމާފައިވާ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ ކޮވިޑް ބަލީގައި މަރުވާ މުސްލިމުން ވަޅުލުމަށް އެކަށީގެންވާ ބިމެއް އޮތްތޯ ބެލުމަށް ލަންކާގެ ސިއްހީ ތަޖުރިބާކާރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މިކަމުގައި އެންމެ ފަހު ގޮތް ނިންމަވާނީ ބޮޑުވަޒީރު ކަމަށް އެނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

މިފަދަ ހުށައެޅުމަށް ދިވެހި ސަރުކާރުން ހުށައަޅާފައިވާ ކަމެއް އަދި ރާއްޖޭގެ ރަސްމީ ފަރާތަކުން ކަށަވަރެއް ނުކޮށްދެއެވެ.

ލަންކާގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 29،300 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން 142 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން