ޗައިނާގެ ސިނޮވެކް ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނަކީ 50.4 އިންސައްތަ ރައްކާތެރި ވެކްސިނެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ބްރެޒިލްގައި ކުރިއަށްގެންދެވުނު ސިނޮވެކް ވެކްސިންގެ ތަހުލީލުތަކުން ލިބުނު ނަތީޖާއެވެ. މިގޮތުން 50.4 އިންސައްތައިން ވެކްސިންގެ ރައްކާތެރިކަން ދައްކައިދިނުމަކީ ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންތައް ބޭނުން ކުރުމަށް ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމުގައިވެއެވެ.

ބްރެޒިލްގެ ކުންފުންޏަކުން އާންމުކޮށްފައިވާ މިދިރާސާ އާއި ގުޅިގެން ޗައިނާގެ ވެކްސިނަށް ގިނަބަޔަކު ކުރަމުން އައި އުންމީދުމިވަނީ ފަނޑުވެފައެވެ. އަދި މިދިރާސާ އާންމު ކުރުމާއެކު ގިނަ ސައިންސްވެރިންނާއި ސިއްހީ މާހިރުން ވަނީ ބްރެޒިލްގެ ކުންފުންޏަށް ފާޑު ކިޔާފައެވެ. ސައިންސްވެރިންނާއި ސިއްހީ މާހިރުން ދެކޭގޮތުގައި ޗައިނާގެ ވެކްސިނާ މެދު އާންމުން ދެކޭ ގޮތް ބަދަލު ވުމަކީ އެކަށީގެންވާކަމެއް ކަމަށާއި އަދި މިފަދައިން ފުރިހަމަ ނުވާ ޑާޓާ ތަކަކުން ވެކްސިންގެ ރައްކާތެރިކަމާ ބެހޭގޮތުން ގޮތެއް ނުނިންމޭނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޗައިނާގެ ސިނޮވެކް ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނުގެ ރައްކާތެރިކަމާ ބެހޭގޮތުން މިދިޔަ ހަފްތާގައި ބްރެޒިލްގެ ދިރާސާއިން ދައްކައިފައިވަނީ މިވެކްސިނަކީ 78 އިންސައްތަ ރައްކާތެރި ވެކްސިނެއްގެ ގޮތުގައެވެ.

ޗައިނާގެ ސިނޮވަކްގެ ވެކްސިނުގެ ރައްކާތެރިކަމާއި ބެހޭގޮތުން، ބްރެޒިލް އިން ދެފަހަރަކު ދެއަދަދެއް ހާމަކޮށްފައިވާއިރު، ތުރުކީ އިން މިދިޔަ މަހު ނެރެފައިވާ ދިރާސާއިން، މިވެކްސިނަކީ 91.25 އިންސައްތަ ރައްކާތެރި ވެކްސިނެއް ކަމުގައި ހާމަކޮށްފައިވެއެވެ. އަދި އިންޑޮނޭޝިޔާގައި ކުރިއަށް ގެންދެވުނު ތަހުލީލުތަކުން މިވެކްސިނަކީ 65 އިންސައްތަ ރައްކާތެރި ވެކްސިނެއްކަމުގައި ނިންމައި، ކުއްލި ހާލަތުގައި މިވެކްސިން ބޭނުންކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ހުއްދަދެވިފައެވެ.

އެކި ގައުމުތަކުގައި ކުރިއަށް ގެންދެވުނު މިވެކްސިނުގެ ތަހުލީލު ތަކުން ވެކްސިނުގެ ރައްކާތެރިކަމާ ބެހޭގޮތުން އެކި ނަތީޖާ އާންމު ކޮށްފައިވީނަމަވެސް، މިވެކްސިނުގެ ހުރިހާ ތަހުލީލުތަކަކުން ލިބުނު ޑާޓާ އަދި އޭގެ މައްޗަށް ބިނާކޮށް ވެކްސިނުގެ ރައްކާތެރިކަމާ ބެހޭގޮތުން ވެކްސިން ތައްޔާރުކޮށްފައިވާ ކުންފުނި، ޗައިނާގެ ސިނޮވެކް ކުންފުނިން އަދި ރަސްމީ އިއުލާނެއް ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން