އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިން
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިން
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ ފޯރުކޮށްދިން އެއްލައްކަ ޑޯޒްގެ ކޯވިޑް ވެކްސިނަކީ އިންޑިއާ ސަރުކާރުގެ ހަދިޔާއެއް ކަމަށާއި، މިއީ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ވެކްސިނެއް ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނާ ޙަވާލުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން މި އެހީއަށް ޓަކައި އިންޑިއާ ސަރުކާއި ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި މިއީ އިންޑިއާއިން އަވަށްޓެރި ޤައުމުތަކަށް ބަހައްޓަވާ ގާތްކަން ހާމަވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދިނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިން ކަމަށެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެއް ކަމަށާއި، މި ވެކްސިން ވަނީ ޓެސްޓިން 3 ފަށަލަވެސް ފުރިހަމަ ކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރާއްޖެ އަކީ އިންޑިއާއިން ހިލޭ ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުކަމަށެވެ. އަދި މި ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން