ކާށިދޫ ދާއިރާގެ މެންބަރު ޗެއާމަން ޖާބިރު ނުވަތަ ޢަބްދުﷲ ޖާބިރަކީ ކާށިދޫ ދާއިރާގެ ގޮނޑި ހޯއްދެވުމަށް ވަރަށް އާދަޔާ ޚިލާފު، ތަފާތު ވަޢުދެއް ވެވަޑައިގެންނެވި ބޭފުޅެކެވެ. 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންނާއި ޕާޓީ ތަކުން ތަފާތު ވަޢުދުތައް ވެވަޑައިގެންނެވިއެވެ. ނަމަވެސް ޗެއާމަން ޖާބިރު ވެވަޑައިގެންނެވީ ހަމަ ގައިމުވެސް ދިވެހި ރައްޔިތަކު ހިތައްވެސް ގެންނާން ދަތިވާނެ އަދި ގަބޫލުކުރާންވެސް ދަތިވާނެ ކަމަކަށެވެ. ނަމަވެސް ޖާބިރު ކާށިދޫ ދާއިރާގެ ރައްޔިތުންގެ ގާތުގައި ވިދާޅުވީ ކާށިދޫ ދާއިރާގައި ހިމެނޭ ބިޔަ ބޮޑެތި ކަނޑުތަކުގެ މަތިން ރަށްތައް ގުޅުވާލާނީ ކޭބަލް ކާރުން ކަމަށެވެ.


ޖާބިރުގެ މިވަޢުދާއެކު ދުރުގައި ތިބި މީހުން ޖާބިރަށް ވަރަށް ބޮޑަށް ހަޖޫ ޖަހާ ހެދިއެވެ. ގިނަ ބަޔަކު ގަބޫލުކުރީ ޖާބިރުގެ އެވާހަކައަކީ ހަމައެކަނި ގޮނޑި ހޯއްދަވަން ދެއްކެވި ތާކުންތާކު ނުޖެހޭ ހޮޅި ވާހަކައެއް ކަމުގައެވެ. ނަމަވެސް ޖާބިރު ވިދާޅުވަމުން ގެންދެވީ ރައްޔިތުން އޭނާއަށް އެދާއިރާގެ ގޮނޑި ދެއްވައިފި ނަމަ އެކަން ކުރަށްވާނެ ކަމަށެވެ. އެކަން ކުރަށްވާނެ ގޮތާއި އެކަމުގެ އިންޖިނިއަރިންއާއި އެކަމަށް ހޭދަކުރައްވާނެ ފައިސާ ވެސް އޭނާ ހޯއްދަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކާށިދޫއާއި އެދާއިރާގެ އެހެން ރަށްރަށް ކޭބަލް ކާރުން ގުޅާލީމާ އޮންނާނެ ގޮތުގެ ތަސައްވަރާއި ކުރެހުން ކުލަކޮށް ކުރައްސަވާލަ ދެއްވިއެވެ. ޖާބިރުގެ އެ ވަޢުދު ރައްޔިތުން ގަބޫލުކުރިކަން ކަށަވަރުވެގެން ދިޔައީ ޖާބިރު އިންތިޚާބު ކާމިޔާބު ކުރައްވައި ދާއިރާގެ ގޮނޑި ކަށަވަރު ކުރެއްވުމާއި ހަމައިންނެވެ. ފައިސާ ބެހިވާހަކައާއި ރަށުގެ ހުސްބިންތަކާއި ހުސް ގެތައް ބޮޑު އަގުދީފައި ދިގު މުއްދަތަށް ކުއްޔަށް ނެންގެވުމާއި ބައެއް ގޯއްޗާއި ގެވަޅު ވަގުތުން ފައިސާ ކޮޅެއް ދެއްވާފައި ބައްލަވައިގެންނެވި ވާހަކައަކީ މި ކެމްޕޭންގެ ހަވާސާގައި ދެކެވުނު ވާހަކަ ތަކެކެވެ.

ދޭތެރެއަކުން ނޫސްވެރިން ސުވާލު ކޮށްލުމުންނާއި ޓީވީ ތަކަށް އަރާވަޑައިގެން ޖާބިރު އަމިއްލަ ފުޅަށް ވެސް އެވާހަކަ ދައްކަވައި މަޝްރޫޢުގެ އަދާހަމަ މައުލޫމާތު ވެސް ހިއްސާ ކުރަށްވައެވެ. އެގޮތުން ބޭރުގެ ދޮން މީހުން ގެނަސްގެން ދިރާސާ ހަދާ ވާހަކައާއި އެމަސައްކަތް ހަވާލު ކުރާނެ ކުންފުނި ވެސް ކަނޑައަޅާ ނިންމާފައިވާ ކަމަށް ޖާބިރު އެކި މުނާސަބަތުގައި ވިދާޅުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ކޮންމެއަކަސް ޖާބިރުގެ ކޭބަލް ކާރުގެ ވަޢުދު ވެގެން ދިޔައީ އެދުވަސްވަރު ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުހީތަކުން އެންމެ ގިނައިން ޖާގަ ހޯދި ވާހަކައަށެވެ. އެންމެ ގިނަ ބަޔަކު އެވާހަކައެއް ދެއްކި ވެސް ވާހަކައަށެވެ. ރައީސް ޑރ. މުހަންމަދު ވަހީދުގެ ވެރިކަމުގައި ބައި އިލެކްޝަނަކުން އެ ގޮނޑި ޖާބިރު ހޯއްދެވީ ރައީސް ވަހީދުގެ ވެސް އެހީފުޅާއި އެކުގައެވެ. ނަމަވެސް ފަހުން އެގޮނޑީގައި އިންނަވައިގެން ވަހީދަށް ވެސް އެންމެ ހުތުރުކޮށް "ބަވާލި" އެއް ބޭފުޅަކަށް ޖާބިރު ވާނެއެވެ.

ދާދިފަހަކާ ޖެހެންދެން އަޅުގަނޑުވެސް ގަބޫލުކުރަމުން އައީ ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑި ހޯއްދެވީ ކޭބަލް ކާރުގެ ހުވަފެން އެ ދާއިރާގެ ރައްޔިތުންނަށް ދައްކައިގެން ކަމަށެވެ. އަދި ގިނަ ބަޔަކު އޭނާއާއި ދިމާއަށް އެހެން ގޮވަމުން ވެސް ދިޔައެވެ. ނަމަވެސް މިއަދު ކާށިދޫ ދާއިރާގެ ރައްޔިތަކަށް ވެސް އަދި އެނޫން މީހަކަށް ވެސް ޖާބިރު އެވަޢުދު ނުފުއްދަވާ ކަމަކަށް ވިދާޅު ވެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ޖާބިރު އެވަނީ އޭނާގެ ކޭބަލް ކާރު ވަޢުދު ރަނުން ރަނަށް ފުއްދަވައި ދެއްވާފައެވެ. ރަނުން ރަނަށް ކަމެއް ކުރުމަކީ އެއްބަޔަކަށް ހީވެފައި އޮތީ ފުދި އިތުރުވާ ވަރަށް ނުވަތަ ވަރަށް ބަރާބަރަށް އެކަން ކުރުން ކަމަށެވެ. ނަމަވެސް ދިވެހި ބަހުގެ ރަދީފުގައި އެބަސް މާނަ ކޮށްފައި ވަނީ ހަމަ ކިރިޔާ ވާވަރަށް ކަމެއް ކުރުން ކަމަށެވެ. ނޫނީ މަޖާޒީ ގޮތެއްގައި މިބަހަކީ "ހުރި ތަކެތީން ކިރިޔާ ކަމަށް ފޯރާވަރުވީމާ ބުނެ އުޅޭ ގޮތަށް" ބޭނުންކުރާ ބަހެކެވެ.

އެހެންވީމާ ޖާބިރު އެވަނީ ހަމަ ރަނުން ރަނަށް އެވަޢުދު ފުއްދަވައި ދެއްވާފައެވެ. އެކަމަކު އޭނާއަށް ކޭބަލް ކާރު ރައްޔިތުންނަށް ދައްކާލެވޭ ވަރުވީ ހަމަ ކިރިޔާ ކުރެހުމާއި ހަމައަށެވެ. އެއަށްވުރެ ބޮޑަކަށް އެކަން ވާކަށް ނެތެވެ. އޭނާ އެކަން ކުރާން ހުއްދަ ހޯދުމަށް ސަރުކާރަށް ހުށައެޅިއެވެ. އެކަމަކު ސަރުކާރުން އެކަމަށް ހުއްދައެއް ނުދިނެވެ. މިނިސްޓަރ އަސްލަމް ވަނީ އެވާހަކަ ރައްޔިތުންގެ މަޖިލީހުގައި ހުންނަވައިގެން ރައްޔިތުންގެ ގާތުގައި ވަރަށް ސާފު ޞަރީހަ އިބަރާތުން ވިދާޅުވެ ދެއްވާފައެވެ. ޖާބިރު ރައްޔިތުންނަށް ވަޢުދުވީ ކޭބަލް ކާރު އެޅުމަށެވެ. އޭނާ ދެން ރައްޔިތުންނަށް ވިދާޅުވެ ދެއްވީ އެކަން ކުރަށްވާނެ ގޮތެވެ. އިންޖިނިއަރިންނާއި ފައިސާ ހޯއްދަވާނެ ގޮތެވެ. ދެން އެކަން ނުކުރެވޭނެ ކަމަށް ސަރުކާރުން ބުނުމަކީ ނުވަތަ އެކަން ކޮށްގެން ކަމަކު ނުދާނެ ކަމާއި ދެކޮޅު ނުޖެހޭނެ ކަމަށް ސަރުކާރުން ބުނުމަކީ އޭނާ ކުރާނެ ކަމެއް ނޫންތާއެވެ. އެހެންވީމާ އޭނާއަށް ކޭބަލް ކާރު އަޅައިދެވެން މިވަގުތު އޮތް މިންވަރަށް އެއޮތީ އަޅައި ދީފައެވެ. އެހެން ނަމަވެސް ޢަމަލީ ގޮތުން އެކަންކޮށް، އެ ކާރަށް ރައްޔިތަކަށް އެރޭވަރަށް އެކަން ނުކުރެވުނީ ސަރުކާރުން އެކަމަށް ހުރަސް އެޅީމާއޭ ޗެއާމަން ޖާބިރަށް ވިދާޅުވެވޭނޭ ފުރުޞަތު އެބައޮތްތާއެވެ.

ޗެއާމަން ޖާބިރަށް ރައްޔިތުން ދިން ގޮނޑި އެބަލަހައްޓަވަނީ ކޯޓު ފަޓުލޫނުގައި ހުންނަވައިގެންނެވެ. ހަމަ އެންމެ ދުވަހަކުވެސް، "ހަމައިގައި ހުއްޓަސް ނެތަސް" ކޯޓު ފަޓުލޫނުގައި ނޫން ގޮތަކަށް މަޖިލީހަށް ވަދެވަޑައެއް ނުގަންނަވައެވެ. ބައެއް ފަހަރު ރައީސް މީހާއާއި ދިމާއަށް ވެސް ހެއްދެވި ނެހެއްދެވިއަށް، ވެސް ގޮވާލައެވެ. އަނެއް ބައި ދުވަހު ހީވާނީ ހަމަ އެއަށްވުރެ މާތް މީހަކު މިދުނިޔެމަތީގައި ވެސް ނެތް ހެނެވެ. އެންމެ ގިނަ ގަރާރާއި ބޭގަރާރުވެސް މަޖިލީހަށް ހުށައެޅުއްވުމުގެ ރެކޯޑް ޗެއާމަން ޖާބިރުގެ އަތްޕުޅުގައެވެ. މީހަކު ބަލައިގަތުމާއި ނުގަތުމާއި، ހަމަޖެހުމާއި ނުޖެހުން އެއީ އަދި ތަފާތު ކަމެއް ތާއެވެ. މަޖިލީހުގައި އިޓަލީ ބަހުން ވާހަކަ ދެއްކެވުމުގެ ރެކޯޑާއި އެންމެ ގިނަ ޖަލްސާގައި "ވާނުވާގައި" ކުރިއަށް ވަޑައިގެންނެވުމުގެ ވެސް ރެކޯޑް އޮތް ކަމަށް ބެލެވެނީ ޖާބިރުގެ އަތްޕުޅުގައެވެ. މަޖިލީހުގެ ތަޅުމުގައި ހަމަ ކޮންމެ އެއްޗެއްވެސް ވިދާޅުވާން ކެރިވަޑައިގަންނަވާ ބޭފުޅަކީ ހަމަ ޗެއާމަން ޖާބިރެވެ.

މިހާރު ދެން އަޅުގަނޑުގެ ހިތައް އަރަނީ އަޅުގަނޑުމެންނަކީ، ހާދަހާވާ ގުނބޯ ހެއްދޭވެސް ބައެކޭ އެވެ. އަޅުގަނޑުމެން އަތުން ވޯޓު ހޯދަން މިހާރު އެއްޗެއް ނުދިނަސް ކަމެއް ނުކޮށް ދިނަސް މޮޅު މެނިފެސްޓޯއަކާއި މޮޅު ވާހަކައެއް ދައްކާލައިގެން ވެސް އެކަން ވާނެކަން މިވަނީ ކަށަވަރު ވެފައެވެ. މީހަކު ރަން އިލޮށިން ކަދުރު ކާންދޭނަމޭ ބުންޏަސް ރައްޔިތުން މިތިނީ އެވާހަކަ ގަބޫލުކޮށްގެން ދުވެފައި ނުކުމެ ވޯޓު ފޮށިތައް ފުރާލާށެވެ. ރިސޯޓަކާއި ދެލޮޕްޓަކުން ގައުމު ހިންގާލެވޭނެ ކަމަށް ބުނީމާ ވެސް އަޅުގަނޑުމެން ހަމަ ބާރަށް އަތް ޖެހީއެވެ. ކޮންމެ ގޮތަކަށް ފައިސާ ހޯދިޔަސް އެފައިސާ ހޯދި ގޮތެއް އަނބިމީހާ ނާހާނެ ކަމަށް ބުނީމާ ވެސް އަޅުގަނޑުމެން ހަމަ ބާރަށް އަތްޖެހީއެވެ. އަނިޔާވެރި ގޮތަކަށް މަރާލި ބޭފުޅެއްގެ މަރުގެ މައްސަލައިގެ ހެކި މިހިރިއްޔޭ ކިޔާފައި ކަރުދާސް ތަކެއް ދެއްކީމާ ވެސް ހަމަ ބާރުބާރަށް އަޅުގަނޑުމެން އަތްޖެހީއެވެ. ރައްޔިތުންގެ ޖީބަށް ދެން ވަންނާނީ ޕައުންޑޭ ބުނީމާ ވެސް އަތަށް ތަދުވާ ވަރަށް އަޅުގަނޑުމެން އަތްޖެހީއެވެ.

2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ވަރަށް ތަފާތު ވަޢުދުތަކާއި އަހުދުތަކާއި މަންޒަރުތައް ފެނިގެން ދިޔަ އިންތިޚާބެކެވެ. ޖާބިރުގެ ކޭބަލް ކާރު ނޫނަސް އެފަދަ ވަރަށް ބިޔަ ބޮޑެތި ވަޢުދުތަކާއި ހޮޅި އަހުދުތައް، ފެނިގެން އިވިގެން ދިޔަ ކެމްޕޭނެކެވެ. އެގޮތުން ފާދިއްޕޮޅު ހިންނަވަރާއި އެރަށް ކައިރީގައި ހުރި ރަށްތައް ގުޅާލަން ބްރިޖެއް އެޅުމަށް ޕާޓީއެއްގެ ލީޑަރަކު ވަޢުދުވެ ވަޑައިގެންނެވި އެވެ. އެވަޢުދުވެސް މިހާރު ފުއްދައިފި ކަމަށް އެދާއިރާގެ ބައެއް ރައްޔިތުން ބުނެއެވެ. އެކަމަކު އަޅުގަނޑަށް އެތަން ނުފެންނާތީ އެކަން ޔަގީންކަމާއެކު ދަންނަވަން ނޭނގެނީއެވެ. މާލޭމީހުން ވެސް އަޅުގަނޑު ހިތުން މިހާރު އެތިބީ ވަރަށް އުފަލުން ދަތްމައްޗަށް ތުންނާރައެވެ. މާލޭ މީހުންނަށް ގޯތި ގަނޑެއް ކަނޑައި ނުދޭތާ އެތައް ދުވަހެއް ވެފައި އޮއްވާ އެކަން ހަނދާން ކޮށްދީ އެފަދަ ވަޢުދެއް އެޖެންޑާއެއްގެ ދަށުން އަޑުއިވިގެން ދިޔައީމައެވެ. އެވަޢުދުވެސް ފުއްދައިފި ކަމަށް މީސް މީޑިއާގައި ބައެއް މީހުން ބުނެ އުޅޭތީ ދެކެމެވެ. އެކަމަކު އެކަން ވެސް އަޅުގަނޑަށް އިހުސާސް ވެސް ނުކުރެވޭތީވެ އެކަން ޔަގީން ކަމާއެކު ދަންނަވާން ދަތީއެވެ.

ކިޔުންތެރިންގެ ހިޔާލު


3

ޝޭމް

29-Jan-2021

ލިޔުންތެރިޔާގެ މޮޔަކަން، ޖާބިރަށް ވޯޓު ދީފައިވަނީ ކޭބަލްކާރު ވައުދަށް ކަމަށް ހީވުމަކީ.... ޖާބިރު އެނގުނަސް ކާށިދޫ ރައްޔިތުންނެއްް ނޭންގުނެއްނު...


-1

ފުނަމާ

28-Jan-2021

ޒާތީ ތަޢައްސަބުން ފުރިފައިވާ ލިއުމެއް


3

އަލީ

27-Jan-2021

ވަރަށް ހަޤީޤަތަށް ލިޔެފަވާ ލިޔުމެއް


7

ދަތުރު

27-Jan-2021

ޖާބިރު ވައުދީ އަޑު ރައްޔިތުން އެހިނަމަވެސް އެ ދާއިރާގެ ގޮޑި ކާމިޔާބު ކުރީ ފައިސާ ޚަރަދު ކޮއްގެންނެވެ. އެބުނާ ވައުދަށް ވޯޓުދިންކަން ގައުމުގެ ރައްޔިތުން ވެސް ގަބޫލު ކުރާނެއެވެ. ކޭބަލް ގަންނަ ހުރި ލާރިން ވޯޓުގަތީމާ ދެން އެ ބަޖެޓް ހުސްވާނޭނުންތޯ