ޞާދިރު ޢަލީދީދީ   2 ފެބްރުއަރީ 2021 - 14:46
ވޭނީކަރުނަ
ވޭނީކަރުނަ
40 ވަނަ ބައި

..................

ރަމްލާ ތެދުވެލާފައި ތަށްޓަށް ސޭންޑްވިޗެއް ލިއެވެ. އެއާއެކު ޔާދިރު އޭނާގެ ތަށި ދިއްކޮށްލާފައި ބުންޏެވެ. [އަހަރެންގެ ތަށްޓަށްވެސް ކޮންމެވެސް އެއްޗެއް ވައްޓާލަ ބަލާށެވެ.]

ރަމްލާ ސޭންޑްވިޗް އަޅާފައިހުރި ތަށިނަގާ ދިއްކޮށްލިއެވެ. އޭނާ އަމިއްލައަށް ނެގުމަށްޓަކައެވެ. އެހެން ނަމަވެސް އޭނާ ލޮލުގެ އިޝާރާތުން ނޫނެކޭބުނެ އިންކާރު ކޮށްފައި ބުންޏެވެ. [ރަމްލާގެ ތަށްޓަށްލީ އެތިކޮޅު އަހަރެންގެ ތައްޓަށް ލައިދޭށެވެ. އަހަރެން ކާނީ ހަމަ ތިޔަ އެތިކޮޅެވެ. އެހެން އެކައްޗެއްވެސް ބޭނުމެއްނޫނެވެ.]

ކީއްވެގެން ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ.... ތަށިނަގާ އޭނާގެ ބޮލަށްއަޅާލަން ރަމްލާގެ ހިތަށްއެރިއެވެ. އަހަރެން އިޝާރާތަށް ނައްޓުވަން ކަލެޔަކީ ކާކު ހެއްޔެވެ؟ މިއަދާ ހަމައަށް އަހަރެންގެ ފިރިމީހާއަކަށްވެސް ތިޔަހެންބުނުމުގެ ހިތްވަރެއް ނުލިބެއެވެ..... އެހެން ނަމަވެސް އޭނާ އަވަސް އަވަހަށް އޭނާގެ ތަށީގާ އޮތް ސޭންޑްވިޗް ނަގާ ޔާދިރު ތަށީގާ ބާއްވައިފިއެވެ. އަދި އެހެން އެތިކޮޅެއް ހިފައިގެސް އައިސް އިށީނދެއްޖެއެވެ.

އެވަގުތު ޖައްޔިދާ ތިންތަށި ކޮފީ ހިފައިގެން އެތެރެއަށް ވަދެއްޖެއެވެ.

[ރަމްލާއެވެ. ވާހަކައެއް ބުނަން ހެއްޔެވެ؟]

ޖައްޔިދާ، ރަމްލާއަށް ކޮފީތަށްޓެއް ދެމުން ބުންޏެވެ.

[ޔާދިރަކީ، ވަރަށް އަނގަމަޑު މީހެކެވެ. އޭނާއަކީ ވަރަށް ހިތްހެޔޮ މީހެކެވެ.]

ިހިތްހެޔޮ ރަނގަޅު މީހުން އެހެންމީހުންގެ ހިތްތަށް ލޫޓުވަނީ ކީއްވެގެން ހެއްޔެވެ؟... ސޫރައަށް ބަލާއިރު ހީވަނީ ފޮޅިފައި އިން ފިނިފެންމަލެއް ހެންނެވެ. ޤުދުރަތުން ދެއްވާފައިވާ ލޮލަކީ އެލޮލުގެ ތެރެއަށް ފީނައިގެންފައި ދެވަނަ ފަހަރަށް މައްޗަށް އެރުމަށް ހިތްނޭދޭފަދަ ލޮލެކެވެ. ދަތްތަކަކީ، ހަމަ ކުރިމަތީގައި އަމިއްލަ ހިތްކަފާ ކުދިކުދިކޮށްލި ކަމުގައި ވިޔަސް ޗުޕްވެސް ނުބުނެވޭފަދަ ދަތްތަކެކެވެ. އަދި ތުންފަތުގައި އަބަދުވެސް އަލިފާން ހުޅުކޮޅެއް، ފެންނަން ހުރެއެވެ.... އެ ހުޅުކޮޅު ކައިރިއަށްގޮސް އަމިއްލަ ފުރާނަ ޤުރްބާން ކޮށްލުމަށް ހިތަށްއަރައެވެ.... މިކަހަލަ މީހުންނަކީ ކިހާބިރުވެރި ބައެއް ހެއްޔެވެ؟.... އެމީހުން ކުރިމަތީގައި އަހަރެމެން މިތިބެނީ ތުރުތުރު އަޅައަޅައެވެ.... އަލިފާންގަނޑު ރޯކޮށެއް ނުލެވެއެވެ.... ނިއްވައެއް ނުލެވެއެވެ.

[ރަމްލާއަކީ ވަރަށް ލަދުވެތި ކުއްޖެކެވެ. އޭނާ އުޅެބޮޑުވީ ދީންވެރިކަމުގެ ތެރޭގައެވެ. އަހަރެން ހަނދާން އެބަހުއްޓެވެ. އަހަރެމެން ކޮލެޖްގައި ލަދުވެތި ހެއްވާ ވާހަކައެއް ދައްކަން ފަށައިފިއްޔާ އޭނާ ރުޅިއައިސް ރަތްވެދެއެވެ.

އަހަރެމެންނާ ވަކިވެގެންގޮސް ދުރުގައި އިނދެއެވެ.] ޖައްޔިދާ ބުންޏެވެ.

[އަހަންނަށް ހީވަނީ އަދިވެސް އެއިންނަނީ، އެންމެންނާ ރުޅިވެގެން ހެންނެވެ.] އެހެން ނޫން ހެއްޔެވެ؟ ޖައްޔިދާއެވެ..... ބަލާބެލުމުން ރަމްލާއަކީ، ހިތްތައް ކަތިލާ ޝަހެޒާދީއެކެވެ.] ޔާދިރު ޖެހިލުމެއްނެތި ބުންޏެވެ.

ރަމްލާ މަޑުމަޑުން ހިނިތުން ވެލިއެވެ. އަދި އެއްއަތުން ކޮފީތަށީގައި ހިފައިފިއެވެ. ދެން ބުންޏެވެ.

[އަހަންނަކީ، ތިޔަހާ ވަރަށް ތަޢުރީފް ލިބުން ޙައްޤު މީހެއްނޫނެވެ.]

[ކޮންމެ އަންހެން ކުއްޖަކުވެސް ތަކުރާރުކޮށް ޔަޤީންކަން ލިބުމަށް އެދެއެވެ. ޖައްޔިދާއެވެ! ދެކެބަލާށެވެ! އަހަރެން ބުނީ ތެދުވާހަކެއް ނޫން ހެއްޔެވެ؟ އަންހެން ކުދިންގެ ރީތިކަމާމެދު އެކުދިންނަށް ޔަޤީންކަން ދިނުން ކޮންމެހެން ބޭނުމެވެ. މިހާރު ރަމްލާ އެދެނީ އޭނާއާއި ބެހޭގޮތުން އަހަރެމެން ވާހަކަދެއްކުމެވެ. އަދި އެހެނިހެން ކަންތައްވެސް ކުރުމަށެވެ.

ރަމްލާ ލަދުގެންފިއެވެ. އެކަމަކު އޭނާ އެދެނީ އޭނާއާއި ބެހޭގޮތުން ކުރެވޭ ތަޢާރަފްތައް އަޑު އެހުމަށެވެ. ޝައުޤާއެކުގައެވެ. އުފަލާ އެކުގައެވެ.

[އަހަރެން ކުޑަކޮށް އުދުނުގެ ދިލަ މަޑުކޮށްލާފައި އަންނާނަމެވެ.] ޖައްޔިދާ ކުއްލިއަކަށް ތެދުވެގެން ބަދިގެއާއި ދިމާއަށް ދުއްވައިގަތެވެ.

[ރަމްލާއެވެ. ތިމާގެ ސިފަ ކިހާރީތިކަން މިއަދު އެނގިއްޖެއެވެ.] ޔާދިރު މަޑުމަޑުން ބުންޏެވެ.

އަހަންނަށްވެސް ކަލޭގެ ސިފަ ރީތިވެއްޖެއެވެ. ތެދަށް ބުނާނަމަ ކަލެޔާ ބެހޭގޮތުން އަހަރެން ވިސްނާތާ މިހާރު ތިންދުވަސް ވެއްޖެއެވެ. އަހަންނާ ބެހޭގޮތުން ވިސްނަނީ ކީއްވެގެން ހެއްޔެވެ. ކަލެޔަކީ އަހަރެންގެ ރަޙްމަތްތެރިޔާގެ ފިރިމީހާއެވެ. ކަލޭ އޭނާއާއި އިނދެގެން އުޅޭތާ މިހާރު ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ. އަދި މިއަދު ކަލޭ އަހަރެންގެ ކުރިމަތީގައި.....

ރަމްލާ ވިސްނަމުން ދިޔައީ ކޮންއެއްޗެއް ކަމެއްވެސް ނޭގެއެވެ. އޭނާ އިނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. ހުވަފެނެއްގެ ތެރެއަށް ގެއްލިފައެވެ. ނިދިފައެވެ.

[ނިދަނީ ހެއްޔެވެ.] ރަމްލާގެ މިލާ މޯޅިވެފައިވާ މޫނަށް ބަލާލާފައި ޔާދިރު ބުނެލިއެވެ.

[ތިޔަދައްކަވަނީ ވަރަށް ބިރުގަންނަ ޒާތުގެ ވާހަކަތަކެކެވެ.] އެންމެފަހުން ރަމްލާ އަނގައަށް ގޮތެއް ހަދާލާފައި ބުންޏެވެ. [ތިޔަކަހަލަ ވާހަކަތަކެއް އަޅުގަނޑުގެ ސިކުނޑިއަކަށް ނުވަދެއެވެ.]

ނާދިރު ބާރަށް ހީނގަތެވެ. އަދި ބުންޏެވެ.

[މަޑުމަޑުންގޮސް ވިސްނިދާނެއެވެ. ހެދިހުރި ރީތިސިފައަށް ބަލާއިރު ރަމްލާއަކީ އެހާ ސިކުނޑި ޅަކުއްޖަކު ކަމުގައެއް ނުފެނެއެވެ.....]

ޔާދިރުގެ ހުނުމުގެ އަޑުއަހާފައި ޖައްޔިދާ ދުވެފައި އަތުވެއްޖެއެވެ.

[ކޮންކަހަލަ މަޖާކަމެއްތޯއެވެ؟ އަޅުގަނޑު ގާތުގައިވެސް ބުނުއްވަ ބައްލަވާށެވެ؟]

[އަހަރެން ދައްކަނީ ވަރަށް ބިރުވެރި ވާހަކަތަކެކޭ ރަޙްމަތްތެރިޔާ ބުނަނީއެވެ.]

[ޔާދިރު ރަމްލާ ބިރުގަންނަވަން މަސައްކަތް ކުރެއްވީ ދޮގެއްތޯއެވެ؟] ޖައްޔިދާ، ޔާދިރާއި ދިމާއަށް ލޯއަޅާލިއެވެ.

[އަހަރެން އެކަހަލަ ވާހަކައެއް ނުދައްކަމެވެ.] ޔާދިރު އަތްމައްޗަށް ނަގާފައި ބުންޏެވެ.] ރީތި އަންހެން ކުއްޖަކާ ދިމާއަށް ކަލޭ ހާދަރީއްޗޭ ބުނުމަކީ ބިރުވެރި ކުށަކަށް ވެއްޖިއްޔާ އަހަންނަށް އަދަބުދޭށެވެ.]

ޖައްޔިދާވެސް ހޭން ފަށައިފިއެވެ.

[ރަމްލާއެވެ. ޔާދިރަށް މަޢާފު ކޮށްދޭށެވެ. ރީތިކަމަކީ އޭނާގެ ބަލިފައޭ އަހަރެން ބުނީމުނޫންހެއްޔެވެ؟ ރީތި އަންހެނަކު ފެނިއްޖިއްޔާ އޭނާގެ ހިތާ ދުލުގެ މައްޗަށް ބާރެއް ނުހިންގޭނެއެވެ. ބިރުނުގަންނާށެވެ. އޭނާގެ ލަގަންއޮތީ އަހަރެންގެ އަތުގައެވެ.]

ރަމްލާ ޙައިރާންވެފައި ޖައްޔިދާއަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައިވަނީ އިޚްލާޞްތެރިކަމުގެ އަލިކަމެވެ. ރަމްލާ އިންތިހާއަށް ލަދުގެންފިއެވެ.

އެވަގުތު ޖައްޔިދާގެ އަތުގައި އުނދުޅިއެއް އޮތެވެ. އޭނާ އަނެއްކާވެސް ބަދިގެއަށް ހިނގައްޖެއެވެ.

ރަމްލާ އަތުކުރީގައި އޮތްގަޑިއަށް ބަލާލާފައި ބުންޏެވެ.

[މިއަދު ހުކުރު ނަމާދަކަށް ނުދުރުވަންތޯއެވެ؟]

[އަހަރެންގެ މަޒުހަބަކީ ހަމައެކަނި ޢިޝްޤެވެ.] އޭނާ އަޑުގައި މަސްތުކަން އެކުލަވަމުން ބުންޏެވެ.

[ޢިޝްޤުގެ ތެރޭގައި ނަމާދެއް ނުވޭތޯއެވެ؟]

[ވެއެވެ..... ލޯބިވެރިޔާ ކުރިމަތީގައި ބައިންދައިގެން ލޮލުން ސަޖިދަކުރުމަކީ އަހަރެންގެ ނަމާދެވެ.]

މިހާރު ދެން މިތާނގައި އިނުމަކީ ރަމްލާއަށް އުނދަގޫކަމަކަށް ވެއްޖެއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ތެދުވެގެން ބަދިގެއަށް ހިނގައްޖެއެވެ.

[ޖައްޔިދާއެވެ. ތިޔަކުރަނީ ކޮންހާ މަސައްކަތްތަކެއް ހެއްޔެވެ؟]

[އަހަރެން މިއުޅެނީ އަހަރެންގެ ކެއްކުމުގެ ރަހަތައް ރަމްލާއަށް ދައްކާލަން ވެގެންނެވެ. އަވަސް އަރުވާލާފައި މިއުޅެނީ އެހެން ވެގެންނެވެ.

[އެހާ ވަރަކުން އުޅޭނެ ކަމެއްނެތެވެ. އަހަންނަކީ ކެއުމަށް އެހާ ފޯރި ހުންނަ މީހަކީމެއް ނޫނީމެވެ.]

އެވަގުތު ބޭރުން ރަނގަބީލު ވެއްޖެއެވެ. ޖައްޔިދާ ދޮރާ ދިމާއަށް ދުއްވައިގެންފިއެވެ. ދޮރުކައިރީގައި ހުރީ ރަމްލާމެން ގޭގެ ނޯކަރެކެވެ. އޭނާއައީ ރަމްލާއަށް ފޯނެއް އައިސް އޮތް ވާހަކަ ބުނަންވެގެންނެވެ.

ފޯނު............!!!؟؟

ރަމްލާ ކަންބޮޑުވެއްޖެއެވެ. އޭނާ ކުއްލިއަކަށް ބޭރަށް ނުކުމެއްޖެއެވެ. އޭނާ މިގެއަށް އައުމުގައި އެތައްހާސް މޭލެއް ކަޑައްތުކުރިއެވެ. އެހެން ނަމަވެސް އެނބުރި ދިއުމުގައިވީ ހަމަ ކުޑަކުޑަ ހިނދުކޮޅެކެވެ. މަޢޫޒު ކޮނޑުމަތީގައި ބާއްވައިގެން މަންމަ ހުއްޓެވެ. ވަރަށް މަޑުމައިތިރި ގޮތަކަށެވެ.

[ކަރާޗީން މުޢާޒުގެ ކޯލެކެވެ.]

ރަމްލާ ފޯނު ކައިރިއަށް ހިނގައްޖެއެވެ.

[ފޯނު މިއޮތީ ކެނޑިފައެވެ.]

[ތިޔަތާނގައި މަޑުކޮށްލާށެވެ. އޭނާ އިރުކޮޅަކުން ގުޅާނެއެވެ. މާގިނައިރުވާތީ އަހަރެން އަތްގަނޑު ބޭއްވީއެވެ.]

ރަމްލާ ގޮނޑީގައި އިށީނދެއްޖެއެވެ. އަދި މަޢޫޒުއާއި ދިމާއަށް ބަލާލާފައި ސުވާލުކުރިއެވެ.

[މީނާ ހޭލީތޯއެވެ؟]

[ދަރިފުޅު ހަމަދިޔަތަނާ ހޭލައިފިއެވެ. މިކުއްޖާފުޅަށް މިވަނީ ކީއްކަމެއް ނޭނގެއެވެ. ދަރިފުޅު ގޭގައި އުޅެންޏާ ބަސްއަހައިގެން ނިދަންއޮވެދާނެއެވެ. އެކަމަކު ހަމަގެއިން ނުކުންނަ އިރަށް ހޭލާނެއެވެ. މިއަދު ދަރިފުޅު މާބޮޑަށް ލަސްކޮށްލައި ފީމުއެވެ. ކުޑައިރުކޮޅަކަށް ދިޔަމީހާ ތިޔައައީ ބަރާބަރު ދެގަޑިއިރު ކޮށްފައެވެ.]

ދެގަޑިއިރު ވީއެވެ. ދޭނެ ޖަވާބެއް ރަމްލާއަކަށް ނުވިސްނުނެވެ. ހަމަ އެވަގުތު ފޯނުގެ ރަނގަބީލު ވެއްޖެއެވެ. އޭނާ ރިސީވަރު ނަގައިފިއެވެ. އަނެއްކޮޅުން ވާހަކަ ދައްކަނީ މުޢާޒެވެ.

ހަމަ އެއަޑެވެ. ލޯބިން ފުރިފައިވާ އަޑެވެ. މަޑުމައިތިރި އަޑެވެ.

މިއަދު ހަވީރު ނާދެވޭނެ ކަމުގައި އޭނާ ބުންޏެވެ. ދެން އާދެވޭނީ މާދަމާނޫން އަނެއްދުވަހު ހަވީރުއެވެ. އޭނާ މަޢޫޒުގެ ޙާލު އޮޅުން ފިލުވުމަށްފަހު ފޯން ކަނޑާލައިފިއެވެ.

މާދަމާނޫން އަނެއްދުވަހު ހެއްޔެވެ. ނުވަތަ އެއްގަރުނު ފަހުން ހެއްޔެވެ؟

ރަމްލާ ފިނިނޭވާއެއް ދޫކޮށްލިއެވެ. އޭނާ މުޢާޒުއާއި ވަރަށް ދުރަށް އަތުވެއްޖެއެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން