މާލޭގައި އަަންނައުނު ވިއްކާ ފިހާރައެއް
މާލޭގައި އަަންނައުނު ވިއްކާ ފިހާރައެއް
މުދަލާ ނުބައްދަލު އަގުގައި މުދާ ވިއްކާ ނަމަ، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ މުދަލާ ނުބައްދަލު ބޮޑުއަގެއްގައި މުދާ ވިއްކަމުންދާނަމަ، ރާއްޖޭގައި ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އެއިރެއްގެ އިޤްތިޞާދީ ހާލަތަށް ރިއާޔަތްކޮށް، މުދަލުގެ އަގު ކޮންޓްރޯލްކުރުމުގެ އިހުތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.

އަދި، މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން، އެ ގާނޫނާ ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، ތަކުރާރު ކުރާ ފަރާތް 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އެންމެ ގިނަވެގެން ހަ މަސް ދުވަހުގެ މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މާލޭގައި ލޮކްޑައުންގެ ޙާލަތު އިޢުލާން ކޮށްފައިވާއިރު، ވިޔަފާރިތަކުން ދެމުންއަންނަ ޑެލިވަރީގެ ޚިދުމަތުގައި ބައެއް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ، ހިދުމަތް ދިނުމުގައި ވިޔަފާރިތަކުން ތަފާތުކުރާނަމަ އަދި އޮންލައިންކޮށް މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންދާއިރު، ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އޮޅުވާލާނަމަ އެކަން އީމެއިލް މެދުވެރިކޮށް އެ މިނިސްޓްރީ އަށް ރިޕޯޓު ކުރުމަށް އެދިފައެވެ.

މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފުވާ ކޮންމެ ފަރާތަކަށްވެސް، ކޯވިޑް-19 އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކުރެވިފައިވާ މުއްދަތުގައި ވިޔަފާރިކުރުމަށް ނުވަތަ މުދާ ޑެލިވާ ކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، ވިޔަފާރިކުރާ ތަނަކުން ވިއްކާ މުދަލެއް ވިއްކުމުގައި، ނުވަތަ ހިދުމަތް ދޭ ފަރާތަކުން އެފަރާތަކުންދޭ ހިދުމަތެއް ދިނުމުގައި، ނަހަމަގޮތެއްގައި ވަކި ފަރާތެއް ތަފާތު ކުރުމާއި، އެފަދަ ގޮތެއްގައި، މުދަލެއް ވަކި ފަރާތަކަށް ނުވިއްކުމާއި ވަކި ފަރާތަކަށް ހިދުމަތް ނުދިނުމަކީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ވިިޔަފާރި ކުރުމުގައި މީގެ ކުރިން އަމަލު ކުރަމުންދިޔަ އުސޫލަށް ބަދަލު އައިސް ޑެލިވަރީ އަށް ބަރޯސާވެފައިވާއިރު، ރާއްޖޭގައި އުޅޭ ބިދޭސިންނަށް މުދާ ވިއްކުމަށް ބައެއް ފަރާތްތަކުން ދެކޮޅުހަދާކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިރޭ ކުރި އިއުލާނުގައި ބުނީ މިހާރުގެ ހާލަތަށް ބަލާއިރު، އޮންލައިންކޮށް މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންދާއިރު، ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތަކީ، ވަކި ފެންވަރެއްގެ ހިދުމަތެއްކަމަށް ހަގީގަތް އޮޅުވާލައިގެން ބަޔާންކުރުމަކީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެެ (ނ) ގެ ދަށުން މަނާކަމެއް ކަމަށެވެ.

ރާއްޖޭގެ ބާޒާރުގައި ބައެއް އަސާސީ ކާބޯތަކެތީގެ އަގު އުފުލެމުންދާތީ އެ މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ފިޔާ، ބިސް އަލުވި އަދި ރީނދޫ މުގުގެ އަގު ކޮންޓްރޯލުކޮށްފައެވެ. ރާއްޖޭގައި ވިއްކާ ހަނޑޫ، ހަކުރު އަދި ފުށަކީވެސް އެ ގާނޫނުގެ ދަށުން އަގު ކޮންޓްރޯލު ކުރެވިފައިވާ ތަކެއްޗެވެ.


ކިޔުންތެރިންގެ ހިޔާލު


10

ާަާްފަރު

25-Apr-2020

ޥެސްޓްޕާކު ކައީ ގާހުރި ފާަތުމާ ޓްރާޑާސް އިން އަގުބޮޑުކޮށް ތަކެތިވިއްކާކަން ފާހަކުރެވެ.



ޓްރެންޑިން