ޞާދިރު ޢަލީދީދީ   15 މާރިޗު 2021 - 14:51
ވޭނީކަރުނަ
ވޭނީކަރުނަ
58 ވަނަ ބައި

.................

ފިރިމީހާ ބޭރުތަނެއްގައި ހުރެފައި އެނބުރި އަންނަހިނދު އަނބިމީހާގެ ނިދާފައިވާ ޖަޒުބާތުތައް ހޭލައިގަނެއެވެ. އޭނާގެ އުއްމީދުތައް އަލަތު އަންބަކަށް ވެދެއެވެ. ހިތުގެ ވަތްގަނޑު ތަކުގައި އުފާވެރިކަމުގެ ބައްތިތައް ދިއްލެއެވެ. އުފާވެރި ރޭގެ އަލިކަން އޭނާގެ ލޮލުން ފާޅުވާން ފަށައެވެ. ރެއަށް އިރުއޮއްސުމަށްފަހު ފިރިމީހާ ލަސްވި ވަރަކަށް ލޯބި އިތުރުވަމުން ދެއެވެ. ކެތްތެރިކަން ކުޑަވަމުން ދެއެވެ. އުއްމީދުތައް ދަގަނޑު ފަދައިން ހަރުވެގެންދެއެވެ. އަދި ނޭވާގެ މަޑު ދިލަފަށް ހުޅުފަޅާލައެވެ.

އެކަމަކު ރަމްލާއަށްވީ ކިހިނެއްކަމެއް ނޭނގެއެވެ. ފުރަތަމަ އޭނާގެ ހިތް އެފަދަ ކަންތައްތަކަކަށް ނޭދެއެވެ. އެހެން ނަމަވެސް އެދުވަހު އޭނާ އިނީ ބިރުންނެވެ. އަމިއްލަ ކޮންމެ ޙަރަކާތެއްދެކެ ބިރުންނެވެ. ހިނިތުން ވެލާހިނދު ބިރުގަނެއެވެ. އެއީ ތުންފަތުގެ ޙަރަކާތްތަކުގެ ސަބަބުން ސިއްރު ފަޅާ އަރާފާނެތީއެވެ. ވާހަކަ ދައްކާއިރު ހުންނަނީ އިސްދަށަށް ޖަހައިގެންނެވެ. ގާތަށް އައިސް އިށީންނަހިނދު ހިތްހަމަ ނުޖެހުމުގެ ވަސްދުވާފާނެތީ ބިރުގަނެއެވެ..... ކައިރިއަށް ހިނގައި ގަންނަން ހީކޮށްލައިފިއްޔާ ފިޔަވަޅުތައް ހުއްޓެވެ.....

މުޢާޒު ބުނާނީ ކީކޭ ހެއްޔެވެ.........؟

ކޮންކަމެއްގެ މައްޗަށް ފަރުދާ ވައްޓާލަންވެގެން އަޅާފިޔަވަޅެއް ހެއްޔެވެ........... އޭނާ އަމިއްލައަށް ވަހުމުތަކުގެ ތެރެއަށް ފީނައިގަނެއެވެ.....

މުޢާޒު އިރުގަނޑެއް ވަންދެން އުޑުތިލަމަތިން އޮތެވެ. ދެން ބުންޏެވެ.

[ރަމޫއެވެ! އަހަރެން ބޭރުގައި ހުރިހާ ހިނދަކު އަހަރެންގެ ހަށިގަނޑަކީ ރަމްލާގެ އަމާނާތެއް ކަމުގައި ދުށީމެވެ. ކައިވެނީގެ ކުރީގެ ދުވަސްތަކަކީ އަދި މުޅިން އެހެން ކަހަލަ ދުވަސް ތަކެކެވެ. ކައިވެންޏެއް ނުކުރާހާހިނދު ފިރިހެނުންނަކީ ވަލު ޖަނަވާރެއްފަދަ އެއްޗެކެވެ. އެހެންކަމުން ހަމަކޮށްމެ މައިދާނަކުން އޭނާ ވީދާ ކާނެއެވެ. އެކަމަކު ބައެއް ފިރިހެނުން ކައިވެންޏަށް ފަހުގައި ކައިވެނީގެ އުޞޫލުތަކަށް އިޙްތިރާމް ކުރެއެވެ. މިވޭތުވެދިޔަ ފަސްމަސްދުވަހުގެ ތެރޭގައި ރަމްލާނޫން އެހެން އަންހެނެއްގެ ޚިޔާލެއް އަހަރެން ނުކުރަމެވެ. މިއީ ފިރިހެނުންގައި ފޮރުވިފައިވާ ކަމެކެވެ. ފިރިހެނުންގެ ބަނޑުހައި ހޫނުކަން އާދައިގެ ހޮޓަލަކުންވެސް ފިލުވާ ލެވިދާނެއެވެ. އެކަމަކު އަނބިމީހާގެ ބަދިގޭގައި ކައްކާ ކާއެއްޗެތީގެ މީރުކަން ހިތަށް އަރުވާލާފައި ބޭރުގައި އުޅޭއިރު ހައިބަނޑާ ހުރެދެއެވެ. އަދި ގެއަށް އާދެވުނު އިރަކުން ބަނޑުފުރާ ކާލައެވެ.

ރަމްލާ ހަށިފުރާ ނޭވާއެއްލިއެވެ. އަދި ވިސްނާލިއެވެ.

މިހާ ސިފަހުތުރު މީހަކާ ވާހަކަދައްކާނީ ކާކު ހެއްޔެވެ. އޭނާގެ އަނބިމީހާގެ ގާތަށް އަންނަން ޖެހޭނެކަން ރަނގަޅަށް އެނގޭތީ މަޑުން ހުންނަނީއެވެ.

އެވަގުތު މުޢާޒު ތެދުވެ އިށީނދެއްޖެއެވެ. އޭނާ ބާލީހު ކައިރީގައި އޮތް ސިގިރޭޓް ފޮށިނަގާފައި އެއިން ސިގިރެޓެއް ރޯކޮށްލިއެވެ. ދެން އޭގެ ދުންތައް ފަޟާގެ ތެރެއަށް ފޮނުވަންފެށިއެވެ. އެއަށްފަހު އޮށޯވެގެންއޮތް ރަމްލާގެ ބޮޑު ދެލޮލާއި އޭނާގެ ދެލޯ ގުޅުވާލިއެވެ.

މުޢާޒުގެ ލޮލަކީ ރީތި ލޮލެއްކަމުގައި ފުރަތަމަ ފަހަރަށް ރަމްލާއަށް އިޙްސާސް ކުރެވުނެވެ. އެއީ ކޮންކަހަލަ ލޮލެއްކަމެއްވެސް ނޭނގެއެވެ. ހަމައެކަނި އެންމެ ބަލާލުމަކުން އެސްފީނާ ޖައްސައިފިއެވެ. އޭނާ ޖަޒުބާތުތައް ލޮލަށް އެއްކޮށްގެން ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް އޭނާގެ ލޮލަކީ އިޙްސާސްތަކުގެ ވަޅުގަނޑެއް ކަހަލަ ލޮލެކެވެ. ހުދު ލޮލެކެވެ. އެލޮލުގެ ބައެއްގައި ވަރުބަލިކަމުގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ.

އެވަގުތު މުޢާޒު ބާރު އަޑަކުން ބުންޏެވެ.

[އަހަންނަކީ އެހެން އަންހެން ކުދިންގެ އުފާތައް ޙާޞިލު ނުކުރެވޭފަދަ ސިފަހުތުރު މީހެއް ކަމުގައި ފަހަރެއްގައިވެސް ހީނުކުރާށެވެ. ދުނިޔޭގައި ކޮންމެހެން ފިރިހެނުން ރީތިވުން ލާޒިމެއް ނޫނެވެ. ބޭނުންވަނީ ފައިސާއެވެ. ނޫނީ ހައިޘިއްޔަތެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އަންހެނުން އެބައުޅެވެ. އެމީހުންގެ ނަޒަރުތައް ހުއްޓިފައިވަނީ ފިރިހެނުންގެ ޖީބުގެ މައްޗަށެވެ. ދުނިޔޭގައިވާ ހުރިހާ ނާކާމިޔާބު ފިރިހެނުންގެ އަމާޒުފަތްގަނޑަކީ ރަންޑީ އަންހެނުންނެވެ. އެމީހުންގެ ގާތަށްދާ ފިރިހެނުންނާއިމެދު ފަހަރެއްގައިވެސް ފޫހިކަމެއް ނުދައްކައެވެ. ފިރިހެންމީހާއަކީ ކިތަންމެ ނުރުހޭ މީހަކު ކަމުގައިވިޔަސް އެމީހުންގެ މޫނުމަތިން އެކަމެއް ފާޅެއް ނުކުރެއެވެ.]

ރަމްލާގެ ހިތް ތެޅިގަތެވެ.

އޭނާ އިސްޖަހާލިއެވެ. ނޭވާ ހިފެހެއްޓިއެވެ.

މުޢާޒު ދެތިން ފަހަރަކު ސިގިރޭޓް ދަމާލިއެވެ. މުޢާޒަކީ ޢާންމުގޮތެއްގައި ސިގިރޭޓް ބޮއިއުޅޭ މީހެއްނޫންކަން ރަމްލާއަށް އެނގެއެވެ. އެކަމަކު ކޮންމެވެސްކަމަކާ ކަންބޮޑުވެ ނުވަތަ މަސައްކަތް ބުރަވާ ދުވަސްތަކުގައި މަދުމަދުން ސިގިރޭޓް ބޮއިއުޅޭތަން ފެނެއެވެ.

އޭނާގެ އާދައިގެ މަތިން ސިގިރެޓް މުޅިން ހުލިނުކޮށް ނިވާލައިފިއެވެ. ދެން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް ވައްދާލާފައި ހިފެހެއްޓިއެވެ. އަދި ހިތްހަމަ ނުޖެހުމުގެ ހިނިތުންވުމެއް މޫނު މައްޗަށް ގެންނަމުން ބުންޏެވެ.

[ފިރިހެނަކު ޢައްޔާޝީ މަގުގައި ހިނގަން ގަސްތުކޮށްފިއްޔާ އެމީހެއްގެމަގަށް ހުރަސްއަޅާނެ އެއްވެސްކަމެއް ނޯންނާނެއެވެ. ފިރިހެނުންނަށްޓަކާ ހުރިހާ މަގެއްވަނީ ހުޅުވިފައެވެ. އަހަންނަކީ އަދި މުޅިން އެހެން ވައްތަރެއްގެ ފިރިހެނެކެވެ. އަހަރެންގެ އެއްވެސް ކަހަލަ ބަލިފައެއް ނެތެވެ. އަހަރެން ލިބުމަށް އެދިއެދިހުރި ވައްތަރުގެ އަންބަކު ލިބިއްޖެއެވެ. ރީތި އަންބެކެވެ. ނާޒުކު އަންބެކެވެ. ކޮންމެ ހުތުރު ފިރިހެނަކު ރީތި އަންހެނަކާ އިންނަން އެދެއެވެ. އޭނާގެ ނަސްލު ރީތިކުރުމަށް ޓަކައެވެ.]

ރަމްލާގެ ނޭވާ މޭގައި އަޅައިގަތެވެ.

[އެކަމަކު ދުނިޔޭގައި އަންހެނުންނަށް ބޭނުންވަނީ ކޮންއެއްޗެއް ހެއްޔެވެ. މީގެ އަންދާޒާއެއްވެސް ނުކުރެވެއެވެ. އަންހެނުން ބޭނުންވަނީ ހަމައެކަނި ފިރިހެނުންގެ ލޯތްބޭ ބުނާ އަޑުވެސް އިވެއެވެ. އެކަމަކު..........]

އޭނާ ހިމޭންވެއްޖެއެވެ.......

އެކަމަކު .............

އަނެއްކާވެސް މުޢާޒު އޮށޯވެއްޖެއެވެ. އަދި މަތި ބަލަހައްޓައިގެން އޮވެބުނަން ފެށިއެވެ.

[އެކަމަކު ޚިޔާލުތަކުގައި އުޅޭ އަންހެނުން ފިރިންގެ އަތުގެ ތެރެއަށް ނާންނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ.]

ރަމްލާގެ އެތެރެހަށީގައި ލަދުވެތިކަމުގެ ފާނޫޒެއް ތެޅިއްޖެއެވެ. މުޅި ތަންމަތި ފުޅިތޮށިން ފުރިއްޖެއެވެ.

މުޢާޒު ފުރޮޅިލިއެވެ. އެނދުގެ ބޯލާކޮޅުގައި ހުރި ބޮކި ނިއްވާލިއެވެ.

ކޮޓަރިތެރޭގައި މަޑުއަލިކަމެއް އުފެދިއްޖެއެވެ. ރަމްލާގެ އެތެރެހަށީގައިވެސް ފަނޑުއަލިކަމެއް އުފެދިއްޖެ ކަމުގައި އިޙްސާސް ކުރެވުނެވެ.

ހެނދުނު ދިހައެއްޖެހިއިރު ހުރިހާކަމަކުން ނިމިގެން ރަމްލާ އިސްތިރިކުރަން ފަށައިފިއެވެ. އެވަގުތު ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. ދުވެފައިގޮސް ރަމްލާ ފޯނު ނެގިއިރު އަނެއްކޮޅުން ވާހަކަ ދައްކަނީ ޖައްޔިދާއެވެ.

[ރަމްލާ އަދިވެސް އަންނާކަން ނޫޅެމުއެވެ. އަހަރެން އިންޒާރު ކުރާތާ މިހާރު ކިހާއިރެއް ހެއްޔެވެ؟]

[މިހާރު މިނިމުނީއެވެ. މި ތައްޔާރުވަނީއެވެ.]

[ވަރަށް ރަނގަޅެވެ.....] ޖައްޔިދާ އުފާވެއްޖެއެވެ. [ކިހާއިރަކުން އާދެވިދާނެ ހެއްޔެވެ.]

[ބައިގަނޑިއެއްހާ އިރުވާނެއެވެ......]

[މިވަގުތު ގޭގައި މިއުޅެނީ އަހަރެން އެކަންޏެވެ. ދޮރުހުރީ ހުޅުވާފައެވެ. ވަދެގެން ސީދާއެތެރެއަށް އަންނާށެވެ.]

[އާނއެކެވެ.....]

ރަމްލާ މަޑުމަޑުން ފޯނުގެ އަތްގަނޑު ބާއްވައިފިއެވެ. އޭނާ އިއްޔެ ހަވީރު ޖައްޔިދާ ވަރަށްބޮޑަށް ބަލިވެއުޅޭ ވާހަކަ މުޢާޒު ގާތުގައި ބުންޏެވެ. އަދި އޭނާއަށް ގޮވާލަން ދާނަމޭވެސް ބުންޏެވެ.

މުޢާޒު އުފަލާއެކު ބުންޏެވެ.

[ރަމްލާ ހަވީރުން ދާން މަޑުކޮށްފިއްޔާ އަހަރެންވެސް ދާނަމެވެ.]

[މުޢާޒު އެހެން ދުވަހަކުން ދުރުވާނީއެވެ. ހަވީރުން އަޅުގަނޑަކަށް ވަގުތެއް ނުވާނެއެވެ.]

އަބަދުވެސް ރަމްލާ ދައްކާ ވާހަކަ މުޢާޒު ޤަބޫލުކުރެއެވެ. އެހެންކަމުން ރަމްލާ ހަމަ ހެނދުނާ ތެދުވެފައި މައިދައިތަ ގާތުގައި ގެއަށް ގޮސްލަން އުޅޭ ވާހަކަ ބުންޏެވެ. ގަޑިއެއްހާ އިރުގެ ތެރޭގައި އަންނާނޭކަމާއި މަޢޫޒު ބަލާދިނުމަށް އެދުނެވެ. ހެދުން ބަދަލުކުރުމަށްޓަކާ އަލަމާރި ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ އޭނާގެ ލޮލުގައި އަޅައިގަތީ މިފަހަރު މުޢާޒު ގެނެސްދިން ދޯޕައްޓާއެވެ. ދޯޕައްޓާގެ ކޮޅު އޮތީ ހުދުކުލައިގައެވެ. އެކަމަކު އޭގެ މެދުތެރޭގައި ރަމްކުލައިގެ ބޮޑެތި މާތަކެއް ޖަހާފައިވެއެވެ. ރަމްލާ އަދި މިދޯޕައްޓާއެއް ނާޅައެވެ. މުޢާޒުވެސް އެތައް ފަހަރަކު އޭނާއަށް ހަނދާން ކޮށްދިނެވެ. މިއަދު އެދޯޕައްޓާ އެއޮތީ ރުޅިއައިސްފައިވާ ލޯބިވެރިއެއް ފަދައިންނެވެ. ރަމްލާގެ ހިތުގައި އެއާއިމެދު ލޯބި ޖެހިއްޖެއެވެ. އޭނާ ދޯޕައްޓާ ނަގާފައި ބަލާލިއެވެ. ދެން ހަމަ ކުއްލިއަކަށް ހަމަ އެދޯޕައްޓާ އެޅުމަށް ނިންމިއެވެ. ހަމައެކަނި މުޢާޒު އުފާކުރުމަށްޓަކާ އޭނާ ހަވީރުވާން ދެން އެދޯޕައްޓާ އަޅައިގެން އުޅޭނެއެވެ. އޭނާ ތައްޔާރު ވެލައިގެން މޭކަޕްކޮށްލިއެވެ. ދެން މައިދައިތަ ގާތުގައި ބުނެފައި ބޭރަށް ނުކުމެއްޖެއެވެ.

ފުރަތަމަ އޭނާދިޔައީ މަންމަމެން ގެއަށެވެ. ދެން މަންމަގާތުގައި ބުނެފައި ޖައްޔިދާއަށް ގޮވާލަން ހިނގައްޖެއެވެ. މިއަދު އޭނާ އެދަނީ ކުރީގައި ދާފަދައިން ވައްކަން ކުރާކަށެއް ނޫނެވެ. މިއަދު އޭނާ ޖައްޔިދާއާއި ވާހަކަ ދައްކާފައި މީގެފަހުން ކުރީގައި އޮތްގުޅުމެއް ނުބޭއްވޭނެ ވާހަކަ އޭނާ ބުނާނެއެވެ.

ދޮރުހުރީ ހުޅުވާފައެވެ. އެހެންކަމުން އޭނާ ސީދާ ޖައްޔިދާގެ ކޮޓަރިއަށް ހިނގައްޖެއެވެ.

އެވަގުތު ޖައްޔިދާ އެނދަކުނެތެވެ. އެކަމަކު ހަމަދެންމެއަކު އެނދުގައި މީހަކުއޮތްކަން ދޭހަވާފަދަ ނިޝާންތަކެއް ފެންނަން ހުއްޓެވެ. އޭނާ ދެތިން ފަހަރަކު ޖައްޔިދާއަށް ގޮވާލިއެވެ. ފެންވަރާ ކޮޓަރިތެރޭން ފެން އޮހޭއަޑު ގަދަވެގެން ދިޔައެވެ. އެއާއެކު ޖައްޔިދާ ފެންވަރަނީކަން އޭނާއަށް އެނގިއްޖެއެވެ. އެހެންކަމުން އެތާގައި އޮތް މަޖައްލާއެއް ނަގައިގެން އެނދުގައި ޖައްސާލިއެވެ. ފޮތް ހުޅުވުމާއިއެކު އޭނާ ސިހިއްޖެއެވެ.... ޖައްޔިދާވެސް މިކަހަލަ ފޮތްބަލާ އުޅެނީތާއެވެ. މިއާދަ އޭނާއަށް ހިފުނީ އެހާގިނަދުވަސް ވަންދެން އިންގްލެންޑްގައި އުޅުމުން ނޫންކަމެއްވެސް ނޭނގެއެވެ.

މާގިނައިރު ވިސްނާކަށް ނީދެވުނެވެ. ފެންވަރާކޮޓަރީގެ ދޮރުހުޅުވާލާފައި ކޮންމެވެސްމީހަކު ބޭރަށް ނުކުމެއްޖެއެވެ. ރަމްލާ އެނބުރިލާފައި ބަލާލިއެވެ. އެކަމަކު ޖައްޔިދާގެ ބަދަލުގައި ބޭރަށް ނުކުތީ ޔާދިރެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 176 އިން 178 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޙިލްތަން

19-Mar-2021

ޥަރަށް ކަޑަ ވާހަކަ ލާލެއް ލަސްކަމުން


1

ހަލިމަގު

17-Mar-2021

ހާދަ ލަހޭ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަނެއްބަި ހުށަހަޅާ ދެވޭވަރު އެގޮތް ކަމަކު ނުދޭ


8

ހަލިމަގު

19-Mar-2021

ހާދަ ލަހޭ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަނެއްބަި ހުށަހަޅާ ދެވޭވަރު އެގޮތް ކަމަކު ނުދޭ


15

ޫޮހނގ

19-Mar-2021

މިހާ ކުރުކޮށް ގެންނައިރު ކީއްކުރަންތަ ކުރީ ދުވަހުގެ އެހާ ބޮޑު ޕެރެގްރާފެއް ލަނީ. ދެ ޖުމްލައެއްވަރު ލިޔަސް ވާހަަކަ ކިޔާ މީހުންނަށް އެނގޭނެ ކުރިން ވީ ކިހިނެއްކަން.



ޓްރެންޑިން