-
-
މިއަހަރުގެ ރަމަޟާން މަސް ފަށާފައި މިވަނީ މުޅި ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

24 އޭޕްރިލް ވީ ހުކުރު ދުވަހު ފެށި މި ރޯދަ މަހަކީ އެހެން ރޯދަ މަސްތަކާއި ވަރަށް ތަފާތު ރޯދަމަހެކެވެ. އެހެން އަހަރުތަކުގެ ރޯދަމަހުގައި މުސްލިމުންގެ އެންމެ ހަލަބޮލި ތަނެއްކަމަށް ވާނީ މިސްކިތްތައް ކަމުގައި ވީނަމަވެސް އިޖްތިމާޢީ ގައިދުރުކުރުމުގެ އާދަ ކުރިއެރުވުމަށްޓަކައި މިވަގުތު ދުނިޔޭގެ ގިނަ މިސްކިތްތައް ހުރީ ބަންދުކޮށްފައެވެ. މިފަހަރު ތަރާވީސް ނަމާދު ކުރާނަމަ ކުރަން މިޖެހެނީ ވެސް ގޭގައެވެ.

އާއިލާގެ އެންމެން ވަކިވެ އެކި އެކި ގެތަކުގައި ބަންދުވެފައި ތިބުމާއެކު، އާއިލީ ބައްދަލުވުންތަކާއި ރޯދަވީއްލުމާއި ތަރާވީސް ކެޔުންތައް އާއިލާގެ ތެރޭގައި ބޭއްވުމުގެ އާދަ މި ރޯދަ މަހަކު ކުރިއަކަށް ނުގެންދެވޭނެއެވެ.

މިއާއެކު މިއަދު އުފެދޭނެ އެންމެ ބޮޑު ސުވަލަކީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ރޯދަ ހިފުމުގެ ސަބަބުން ސިއްހަތަށް އެއްވެސް ނުރަނގަޅު އަސަރެއް ކޮށްފާނެތޯއާއި ރޯދައިގެ ސަބަބުން ކޯވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުވެދާނެތޯ ނުވަތަ ރޯދަހިފުމުން މި ބަލިމަޑުކަމަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ކަމާއިމެދު އުފެދޭ ސުވާލެވެ.

ރޯދަ ހިފުމަކީ ހަށިގަނޑަށް އެތައް ފައިދާއެއް ކުރާ ކަމެކެވެ. ރޯދަ ހިފުމުގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް މަންފާއަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ވެގެން ދިޔުމެވެ. ބަލިތަކާއި ވަބާއިން ސަލާމަތްވުމަށްޓަކައި މިސްރުގެ ގަދީމީ މީހުން ރޯދަ ހިފިކަމުގެ ހެކިތައް ފެންނަން ހުރިއިރު، ފަހުގެ ދިރާސާތަކުން ދައްކާފައިވާގޮތުގައި ރޯދަ ހިފުމުން ހަށިގަނޑުގެ ސެލްތައް އިންފްލޭމްވުމުގެ ފުރުސަތު ކުޑަކޮށްދިނުމުގެ ސަބަބުން ދިފާއީ ނިޒާމަށް އައު ބާރެއް ލިއްބައިދެއެވެ.

ރޯދަ ހިފުމުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ވަންނަ މާއްދާތައް ހުއްޓުމުގެ ސަބަބުން ހަކަތަ ރައްކާކުރާ ނިޒާމަކަށް ހަށިގަނޑު ބަރޯސާކުރުވައެވެ. ހަކަތަ ސަލާމަތްކުރުމަށްޓަކައި ހަށިގަނޑުގައި ކުރިން ހުރި ގިނަ ދިފާއީ ނިޒާމުގެ ސެލްތައް ބޭނުންކޮށް ހުސްކޮށްލުމުގެ ސަބަބުން، ރޯދަ ހިފައި ނިމުމުން ދިފާއީ ނިޒާމުގެ އައު، ދުޅަހެޔޮ ސެލްތައް އުފެއްދުމުގެ ފުރުސަތު އިތުރުކޮށްދޭކަން ސައިންސުން ވަނީ ސާބިތުކޮށްދީފައެވެ. މި އައު ސެލްތަކަކީ ބަލިމަޑުކަމާއި ހަނގުރާމަކުރުމުގައި މާ ފުރިހަމަ ސެލްތަކެކެވެ.

އެމީހަކު ދިރިއުޅޭ ގައުމެއްގެ ގޮތުން ރޯދަމަހު ރޯދަ ހިފަންޖެހޭ ވަގުތަށް ތަފާތު އާދެއެވެ. އެގޮތުން އާންމު ގޮތެއްގައި އިންސާނަކު ރޯދައަށް މިހުންނަނީ 12 ގަޑިއިރާއި 14 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކެއުން ބުއިން ދޫކޮށް 12 ގަޑިއިރުވާންދެން ރޯދައަށް ހުރުމުގެ ސަބަބުން ދިފާއީ ނިޒާމަށް ހެޔޮ އަސަރުތަކެއް ކުރެއެވެ.

އިސްލާމްދީނުގައި ރޯދަ ހިފުން ވާޖިބް ކުރައްވާފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ މުސްލިމުންނަށެވެ. ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގެ ނިޔަތުގައި ކުޅަދާނަކަން ނެތް މީހާ ރޯދަ ހިފުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ.

ރޯދައިގެ ސަބަބުން ކޮރޯނާވައިރަހަށް ސީދާ ކުރާނެ އަސަރެއް ދެނެގަތުމަކީ މިވަގުތު ކުރެވޭނެކަމެއް ނޫނެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށްޓަކައި، ދީނުގައި އަންގަވާފައިވާ ގޮތަށް ސަބަބުތަކުގައި ހިފާ، މާހިރުން ދެއްވާ ލަފާގެ މަތިން އިޖުތިމާއީ ގައިދުރުކަން އާދަކޮށް، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވެ، ފުރަބަންދުގައިވެސް ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ އެންމެ ބުއްދިވެރި ގޮތެވެ. މިބަލީގެ އޮތް ހަމަ އެކަނި ފަރުވާއަކީ އެއީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން