މިހާރަކަށްއައިސް އާންމުންގެ ގެދޮރާ މުދަލުން ވައްކަން ކުރުމުން ގިނަ ބަޔަކު ފުލުހުންނަށް ރިޕޯޓް ނުކޮށް މީސްމީޑިއާގެ އެކި ވަސީލަތްތައް ޚިޔާރު ކުރުން އިތުރުވުމަކީ ވަރަށް ހައްސާސް މައްސަލައެކެވެ. މިއީ ފުލުހުންނަށް އާންމުންގެ އޮންނަ އިތުބާރުގެ ވެސް މައްސަލައެކެވެ. އަދި މިއީ މިފަދަ މައްސަލަތައް ބަލައި އާންމު ރައްޔިތުންނަށް ވަގުންގެ ފަރާތުން ލިބޭ ގެއްލުމާއި ދުއްތުރާތައް ކުޑަކުރަން ނޫނީ އެކަމުން އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރަން ފުލުހުން ނުކުޅެދިފައިވާ ކަމަށް ގަބޫލުރަން މަޖުބޫރުވާ ސަބަބެކެވެ.


މާލެ ސަރަހައްދުގައި ކުރާ ވައްކަންތައް މަދެއް ނުވެއެވެ. މީގެ ސަބަބުން އާންމުންގެ މުދަލާއި ވިޔަފާރިއާއި ގެދޮރަށް ވަގުންގެ ފަރާތުން ލިބޭ ގެއްލުންތަކަށް ވެސް ކުޑަވެސް ހައްލެއް ނުލިބެއެވެ. މިއާއެކު އާންމުންގެ ޝަކުވާ މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މިހާރު ގެދޮރުގައި ބޮޑު ތަޅު އަޅުވައި ކިތަންމެ ވަރުގަދައަށް ސެކިއުރިޓީ ވަރުގަދަ ކުރިއަސް ވަގުންނަކަށް ގެދޮރެއް އަދި މުދަލެއް ވެސް ބަންދެން ނުކުރެވެއެވެ. ކިތަންމެ ވަރުގަދަ ކެމެރާ ސިސްޓަމެއް ލިޔަސް އެމީހުން އަތުލައެއް ނުގަނެއެވެ. އަދި އެމީހުން ޖެހިލުމެއް ވެސް ނުވެއެވެ. އަދި ކީއްތަ، ވައްކަން ކުރާކަށް މިހާރަކު ރެއެއް ދުވާލެއް ވެސް ނޯވެއެވެ.


(މިމަހުގެ 20 ވަނަ ދުވަހު މާލޭގެ ގެއަކުން ވައްކަން ކުރި މީހެއް. ފޮޓޯ:ސީސީޓީވީ)

މިހާތަނުން އުފެދޭ އެންމެ ހައްސާސް ސުވާލަކީ އާންމުންގެ ގެދޮރާއި މުދަލުން ކުރާ ބޮޑެތި ވައްކަންތައް ރިޕޯޓް ކުރުމަށް ކަމާބެހޭ ދައުލަތުގެ މުއައްސަސާ ޚިޔާރުނުކޮށް މީސް މީޑިއާ ޚިޔާރުކުރަން ޖެހުނު ސަބަބާއިމެދު އުފެދޭ ސުވާލެވެ. މިކަމާމެދު އާންމުން އެކި ފޯރަމްތަކާއި މީސްމީޑިއާގެ އެކި އޮޅިތަކުގައި ބަހުސްކޮށް ރުޅިގަދަވާތާ ކިތަންމެ ދުވަހެކެވެ. އެފަދަ އެތައް ހާދިސާއެއް ކޮންމެ ދުވަހަކު މީސްމީޑިއާގައި ރިޕޯޓް ކުރެއެވެ. އެކަން އެގޮތަށް ކުރަން ފެށި ސަބުތައްވެސް ވަރަށް ބައިވަރެވެ.

މުޅި ރަށުތެރޭގައި ފުލުހުން ފޯރިމަރާ ކަމަށް އެމުއްސަސާއިން ބުނެއެވެ. ރަށުތެރޭގެ އެކި ހިސާބުގައި ސަލާމަތީ ބާރުތަކުގެ ކެމެރާތައް ވެސް ހުންނަ ކަމަށް ވެއެވެ. އަދި އެމީހުންގެ މައި އޮފީހުގައި ބޮޑެތި ސްކްރީންތައް ބަހައްޓައިގެން ރެއާދުވާލު އޭގެ ދަށުގައި ބަޔަކު ތިބެގެން މޮނިޓާ ކުރާ ކަމަށް ވެސް ވެއެވެ. އެކަމަކު މިކަމުގެ ނަތީޖާއަކަށް ވަނީ އެހެންވެސް އެފަދަ ކަންކަމުގައި މިގައުމަށް ދިމާވެފައި އޮންނަ ގޮތެވެ. ދެން މިހާރު މިކަންވެސް ނިމެނީ ކޮންމެ ކަމެއްވެސް އެންމެ ފަހުން ގޮސް ނިމޭ ހިސާބުގައެވެ. ފަރުދީ ޒިންމާގައެވެ.

(މިމަހުގެ 20 ވަނަ ދުވަހު މާލޭގެ ގެއަކުން ވައްކަން ކުރި މީހެއް. ފޮޓޯ:ސީސީޓީވީ)

މިދެންނެވި ވަގުންގެ ކިބައިން ސަލާމަތްވާން ވެގެން އަދާކުރަންޖެހޭ ފަރުދީ ޒިންމާއަކީ ރޯމާ ދުވާލުވެސް ގޭގެ ބޭރުގައާއި ހުރިހާ ކޮޓަރި ތަކެއްގައި ބޮޑު ތަޅުލައިގެން ތިބުން ކަމަށް ވާނަމަ އެކަން ވެސް ގިނަ ރައްޔިތުން އެތިބީ ކޮށްގެންނެވެ. އަދި އެޒިންމާ އަދާ ކުރެވޭ ކަމަށް ވަނީ މުޅި ގޭގައި ކެމެރާ ހަރުކޮށްގެން ކަމަށް ވާނަމަ އެކަން ވެސް ގިނަ ރައްޔިތުން އެތިބީ ކޮށްގެންނެވެ. އެކަމަކު މި މާލޭގައި އުޅޭ ވަގުންގެ ކިބައަކުން މިއިން އެއްވެސް ކަމެއް ކުރިއަސް ސަލާމަތެއް ނުވެއެވެ.

އެބުނާ ރައްކާތެރިކަން ދޭ އިދާރާތަކުގެ ވެރީން ބުނާ ގޮތަށް އެމީހުން ރަށުތެރެ ބަލަހައްޓައިދީ ފޯރިމަރާކަން ގިނަ ރައްޔިތުންވެސް ގަބޫލު ކުރެއެވެ. އެއީ ހަގީގަތުގައިވެސް ވަކިވަކި ފުލުހުންގެ މައްސަލައެއް ނޫނެވެ. އެއީ މުޅި މުއައްސަސާގެ މައްސަލަ އެކެވެ. ކަންކުރާން ސިޔާސަތު ރާވާން ތިބި ބައެއްގެ މައްސަލައެވެ. އެމީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ އެމީހުން ޚާއްޞަ ކަމެއް ދީގެން ބަލަހައްޓާން ޖެހެނީ ވަކި ފެންވަރެއްގެ ސިޔާސީ ވެރީންގެ މޯހިރު އެކަނި ކަމަށެވެ. އެބުނާ ގާނޫނު ތަކެއްގައި އޮންނަ ބައެއްގެ ސަލާމަތާއި ރައްކާތެރިކަން އެކަނި ކަމަށެވެ. ދެން އޮންނަނީ އެބުނާ ގާނޫނަކުން ތަންމިނަށް ދީފައި އޮންނަ މިނިވަން ކަމެއްގެ ބޭނުން ކޮށްގެން މަގުމައްޗަށް ބަޔަކު އަޑު އުފުލާން ނުކުމޭތޯ ބެލުމެވެ. އަސޭމިރުން ދުމާއި ކަރުނަ ގޭހާއި ވަރުގަދަ ޝީލްޑް ތަކާއި މަގު ބަންދުތަކުގެ އެހީގައި އެކަން ނިކަން ރަނގަޅަށް ކުރާކަން ރައްޔިތުން ގަބޫލުކުރެއެވެ. އެމީހުން އެހުރަސް ބަހައްޓާލީމާ ދެންހަމަ ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ލާހިކެއްނޫނެވެ. ފަހަތުން ދުވެ ބަނޑުމުސާރައަށް ބައްދައި ހިފައި ވައްޓާލައިގެން ވެސް އެމީހުން ނިކަން ސަޅިކޮށް މީހުން މައިތިރި ކުރެއެވެ.


(މިމަހުގެ 20 ވަނަ ދުވަހު މާލޭގެ ގެއަކުން ވައްކަން ކުރި މީހެއް. ފޮޓޯ:ސީސީޓީވީ)

އެކަމަކު އާންމުންގެ ގެދޮރަށް ރޯމާ ދުވާލު ވަދެ ވައްކަން ކުރާ ވަގުންނެއް ނުހިފެހެއްޓެއެވެ. މިދައްކަނީ އެންމެ ދެ އަކަ ކިލޯމީޓަރުވެސް ހަމަނުވާ ވެރިކަން ކުރާ ސިޓީގެ ވާހަކައެވެ. ގިނައީ އެއްދޮރުން ވަދެގެން އަނެއް ދޮރުން ނުކުމެގެން އައިސް މިނިވަންކަމާއެކު އުޅޭ ވަގުންނެވެ. ކިތަންމެ އަވަހަށް އަފުއާމެއް ނެރުނަސް، ދެވަނަ ފުރުސަތެއް ދިނަސް އެންމެ އަވަހަށް ސަލާމަތްވާނީ އެމީހުންނެވެ. ދެން އޮތީ ވައްކަން ކުރީމާ އެބުނާ މުއައްސަސާ އަކަށް ރިޕޯޓް ކުރާ ވާހަކައެވެ. އާންމުން އެކަން ކޮށްކޮށް ބަލިވެއްޖެއެވެ. ވިޑިއޯ ފުޓޭޖް ހުއްޓަސް ފޮޓޯ ހުއްޓަސް ވާކަމެއް ހަރާމެވެ. ރިޕޯޓް ކުރާއިރަށް އެބުނާ ފޮރެންސިކަކާ ދުނިޔޭގެ ފެންވަރަށް ތަމްރީން ހޯދައިގެން ތިބޭ ތަހުގީގު ޓީމު އެތަނަކަށް ވައްޓާލައެވެ. އެ އުނގުޅާ އެއްޗެއް އުނގުޅައިގެން ނިކަން ބަލާ ހަދައެވެ. އެހުރިހާ ވަގުންގެ ހުރިހާ އިނގިއްޔަކާއި ފައިތިލައާއި މޫނާއި ކަނދުރާގެ ނިޝާންތައް އެމީހުން އަތުގައި ހުރެއެވެ. އެކަމަކު އަތް ފުނާއަޅައިގެން 24 ގަޑިއިރު ތެރޭގައި ހޯދެނީ އެއްކަލަ ގާނޫނު ތަކުގައި ބުނާ މީހުންގެ މައްސަލަތަކެވެ. މިއީ ގިނަ ބަޔަކު މީސްމީޑިއާގެ އޮޅިތަކުގައި ބުނާ ގޮތެވެ.

ރައްޔިތުން އެބުނާ ރިޕޯޓް ކުރުމުގެ މަސައްކަތް ހުއްޓާލާފައި މީސް މީޑިއާއަށް ފޭބީ އެހެން ވެގެންނެވެ. ވިޑިއޯ ހުއްޓަސް، ފޮޓޯ ހުއްޓަސް އެބުނާ ތާކަށް ރިޕޯޓްކޮށްގެން ނަތީޖާއެއް ނުލިބޭތީއެވެ. ގިނަ މީހުން މިހާރު ބުނަނީ އެމީހުންނަށް ރިޕޯޓް ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. އެކަން ކުރަން އުޅެގެން ތިމާގެ ވަގުތު ބޭކާރުވެ އިތުރަށް ރުޅިގަދަވެ، ބަޔަކާމެދު ހިތުގައި ނަފުރަތުގެ ހުޅު ރޯވުން ނޫން އެހެން ކަމެއް ނުވާކަމަށެވެ.

މިއީ ހަމަ ހުރެލާފާ އަޅުގަނޑު ދައްކާލާ ވާހަކައެއް ނޫނެވެ. އަމިއްލަ ތަޖުރިބާއާއި އެތައް ބައެއްގެ ޝަކުވާތަކާއި އަޑުތަކާއި މަންޒަރު ތަކާއި މީސްމިޑިއާއިން އެފެންނަ ޕޯސްޓްތަކުގެ ތަޖުރިބާގެ އަލީގައި ދަންނަވާ ވާހަކައެކެވެ. ރައްޔިތުންގެ މުދަލާ ނަފުސު ރައްކާތެރިކޮށްދީ އަމާން ވެށްޓެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެ މުއައްސަސާއަށް ގާނޫނު އަސާސީން ލާޒިމުކުރާ ކަމެކެވެ. އެޝަކުވާ މިކުރަނީ އެހެން ވެގެން ނެވެ. އެއްވެސް މުއައްސަސާއަކާއި އަދި އެއްވެސް މީހަކާމެދު ޒާތީ ކަމެއް އޮވެގެނެއް ނޫނެވެ.

މީގެ އަށެއްކަ އަހަރު ކުރިން ދިމާވި ހާދިސާއެއްގެ ވާހަކަ ފުރަތަމަ ހިއްސާ ކޮށްލާނަމެވެ. އަޅުގަނޑު ދިރިއުޅޭ އެޕާޓްމެންޓުން ވައްކަން ކޮށްގެން ރިޕޯޓް ކުރީމެވެ. ސާޅީހަކަށް ހާސް ރުފިޔާގެ މުދާ ވަގު ކަލޭގެ ވަގަށް ނަގައިގެންނެވެ. ފޮރެންސިކް ޓީމާއި ތަހުގީގު ޓީމު އައިސް ނިކަން ރަނގަޅަށް ބަލާ ހެދިއެވެ. އޭގެ ފަހުން ގެއްލުނު އެއްޗެހީގެ މޮޑެލާއި ސީރިއަލް ނަމްބަރުފަދަ ސާމާނުތައް ހޯދަން ގުޅިއެވެ. އޭގެފަހުން އަށެއްކަ އަހަރު ވީއެވެ. އަދި ޚަބަރެއް ނުވެއެވެ.

އޭގެ އަށް އަހަރު ފަހުން ހަމަ އެޝަކުވާއެވެ. ހުސްވި މަހުވެސް ވަގު ކަލޭގެ އެވަތް ގޮތަކަށް ވަދެ ގޭގައި ބިދޭސީއަކު އުޅޭ ކޮޓަރިއަކަށް ވަތް ގޮތަކަށް ވަދެ އޭނާ ގެންގުޅޭ ހުރިހާ ސާމާނުކޮޅު ވަގަށް ނަގައިގެން ދިޔައީމާ ރިޕޯޓް ކުރިއެވެ. ކަންތައްވީ ހަމަ ދާދި އެއްގޮަތަކަށެވެ. ރިޕޯޓް ކުރީމާ އެބުނާ ޓީމު އައިސް ވަރަށް ގޮތްގޮތަށް ބަލާ ހޯދާ ހެދިއެވެ. އަދި ހަފުތާއެއް ވަންދެން ޕެންޑްރައިވެއް ހިފައިގެން ވިޑިއޯ ފުޓޭޖް ނަގާން ވެގެން އައިސް ހޭކިހޭކިފައި އުޅުނެވެ. ގެންނަ ކޮންމެ ޕެންޑްރައިވެއް އޮންނަނީ ހަލާކުވެފައެވެ. އެކަމަކު އެއީ މިހާތަނަށް އެނގިފައި އޮންނަ ގޮތުން ޕެންޑްރައިވްގެ ފޮރެންސިކަށް ނިކަން ފަރިތަ މޮޅު ބައެކެވެ. އެކަމަކު އެއީ މާޒީ ވީމާވެސް ކަންނޭނގެއެވެ. މިހާރު އެހުނަރު ނެތީ ކަމަށް ވެސް ވެދާނެއެވެ. އެހާހިސާބުން ދެން ބަޚަބަރެވެ. ވީގޮތެއް ވެސް ނޭނގެއެވެ.

(މިމަހުގެ 20 ވަނަ ދުވަހު މާލޭގެ ގެއަކުން ވައްކަން ކުރި މީހެއް. ފޮޓޯ:ސީސީޓީވީ)

ދެން އިއްޔެގެ ވާހަކައެވެ. ހަންޏަސް މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް ގޯޅިގަނޑެވެ. ފިޓްނަސް ސެންޓަރަކާއި އާރްކޭއެލްގެ ވޯކްޝްޕާއި މަޖީދީ މަގާއި ޗާނަދަނީ މަގަށް ނުކުންނަށް އޮންނަ ވަންވޭ އެކެވެ. އެކަމަކު ވަގުންނަކަށް މިހާރު އެއީ އެއްވެސް ކަމެއް ނޫނެވެ. މެންދުރު ބާރަޖަހަން ކައިރިވަނީއެވެ. އެއްކަލަ ދެވަގުން ހަމަޖެހިލާފައި އައިސް ހަމަ ރީތިކޮށް ދޮރުމަތީގައި ތިބެލާފާ ދަނޑިވަޅުބަލާފައި ވަދެ ފަހަރަކު ދެބަސްތާ ސިމެންތި ކިހިލި ޖަހާލައިގެން އެހެރަދަނީއެވެ. އެންމެ ބުރަކުން ނޫނެވެ. ތިން ބުރު މަތީން އެމީހުން ބޭނުންވާވަރަށް އެގެންދިޔައީ ހަމަ ކުޑަވެސް ޖެހިލުމެއް، ބިރެއް ނެތިއެވެ. ވާނީ އެހެން ނޫންތޯއެވެ. މިތާ އުޅޭ އެބުނާ މީހުން ވަގުން ހިފާ ގޮތާއި ހައްޔަރުކުރާ ގޮތް އެމީހުންނަށް އެނގެއެވެ. އެހެންވީމާ ދުވާލު މެންދުރެއް މެންދަމެއް ފަތިހެއް އެމީހުންނަކަށް ނޯންނާނެ ތާއެވެ.

ދެން ކުރީގައި މިދެންނެވި ހާދިސާތަކާއި މީސް މީޑިއާއިން އެފެންނަ ޕޯސްޓްތަކުގެ ތަޖުރިބާއިން އަޅުގަނޑުމެންވެސް މިފަހަރު ޓަކި ދިނީ މީސްމީޑިއާގެ ދޮރުގައެވެ. އެއީ ވަގުކަލޭގެ ހިފޭނެ ކަމަކަށް ނޫނެވެ. ގެއްލުނު އެއްޗެހި ފެންނާނެ ކަމަކަށް ވެސް ނޫނެވެ. އަދި އެވަގުން ޖެހިލުންވެ ބިރު ގަންނާނެ ކަމަކަށް ވެސް ނޫނެވެ. އެ ފޮޓޯތައް ފެނިފައި އެބުނާ ސަލާމަތާއި ރައްކާތެރިކަން ދޭން ތިބި މީހުން އެކަމާ އަޅާލާނެ ކަމަކަށް ވެސް ނޫނެވެ. އެހެން އާންމު ރައްޔިތުންގެ ސަމާލުކަމަށް ޓަކައެވެ. ހިތުގައި އަޅާ ވޭނާއި އުދާސްތައް ބޭރުކޮށްލަން އެންމެ ފަސޭހަ ގޮތަކީ އެއީ ކަމުގައި ވާތީއެވެ. އަޅުގަނޑު މިދަންނަވަނީ "ޔަހުޔާ ވެސް ކާޅު ހިފައޭ" ބުނާހެއް އެމީހުން އެކަން ނުކުރެއެކޭ ނޫނެވެ. އަދި ޓްރެފިކް ބަލަހައްޓާ ވަރަށް ގިނައިން ދުއްވާ އެއްޗެހީގައި އިސްޓިކާ ނުޖަހާ ވާހަކައެއްވެސް ނޫނެވެ. ޑްރަގް އޮޕަރޭޝަންތައް ހިންގައި ހައްދުފަހަނައެޅި މީހުން ހޯދަން އޮޕަރޭޝަންތައް ނުހިންގާ ވާހަކައެއް ވެސް ނޫނެވެ.

ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު މީސް މީޑިއާ ހާވާލިއަސް ފެންނާނީ މިދެންނެވި ފަދަ ޕޯސްޓްތަކެވެ. ވަގު މީހާ ނުވަތަ މުދަލުގެ އަސްލު ވެރިމީހާ ގެއަށް ވަދެ، ކޮޓަރިއަށް ވަދެ، އެޕާޓްމެންޓަށް ވަދެ މުޅި ދިރިއުޅުމުގައި ހޯދާފައިވާ އެތިކޮޅު ކިހިލި ޖަހާލައިގެން ދިޔަ ވާހަކައެވެ. އެފަދަ ޝަކުވާތައް މަދުން ނަމަވެސް އާންމު މީޑިއާތަކުން ވެސް ރިޕޯޓް ކުރެއެވެ. ދާދިފަހުން މި ނޫހުގައި ވެސް އާންމު ރައްޔިތަކު ވަގެއް ހިފާން ވެގެން އުފުލި ތަކުލީފުގެ ވާހަކަ ގެނަސްދިނެވެ. އޭނާވެސް އެބުނާ ވަގު ހިފައި ހައްޔަރުކޮށް އާންމު ރައްުޔިތު މީހާއަށް ސަލާމަތާ ރައްކާތެރިކަން ދޭ ވުޒާރާއަށް ގުޅިއެވެ. އެކަމަކު އެވެރިންނަށް ގުޅައިގެން މެސެޖު ކޮށްގެން ކުރި މަސައްކަތް ހަމަ ވީ ވަރަށް ބޮޑު ބޭކާރު ކަމަކަށެވެ. އޭނާގެ ވަގުތު ބޭކާރުވުމާއި އިތުރަށް ރުޅި ގަދަވުން ނޫން ކަމެއް ނުވިއެވެ. އެންމެ ފަހުން ހިސާބުގަނޑު ފިހާރަތަކުން ވިޑިއޯ ފުޓޭޖް ހޯދައިގެން މީސް މީޑިއާގެ ދޮރުގައި ޓަކި ދީގެން ވަގު ހޯދައިގެން ވަގު ކަލޭގެ އުޅޭ ގެއަށް ވެސް ދާންޖެހުނީ އޭނާއެވެ. މިފަދަ އެތައް ހާދިސާއެއް ވެސް ކިޔައިދެވިދާނެއެވެ. އެކަމަކު ބަޔަކު އެވާހަކަތައް އަޑު އަހައިގެން ހެއުނިޔަތުގައި ކަމެއް ކުރާން އުޅޭނަމަތާއެވެ.

އެހެންވީމާ މިއަދު ވަގު ހިފާން މަސައްކަތް ކުރުމާއި ވަގު ހޯދައިގެން އެމީހުންނަށް އެކުށުގެ އަދަބު ދޭނަމޭ ހިތައި ނޫނީ ވަގަށް ގެންދިޔަ ސާމާނުކޮޅު ހޯދާނަމޭ ހިތައި އެބުނާ ވުޒާރާއަކަށް ހިނގައި، މެސެޖުކޮށް، ސިޓީލިޔެ، ގުޅައި ހެދުމަކީ ހަމަ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ. އެހެންވީމާ ގިނަ މީހުން އެތަނަށް ދާކަށް ޚިޔާރެއް ނުކުރެއެވެ. ފައިބަނީ ނޫނީ ވަންނަނީ މީސް މީޑިއާއަށެވެ. އެދޮރުގައި ޓަކި ދީފައި ވަގު ކަލޭގެ ނެގި އެއްޗެއްސާ ވިޑިއޯއާއި ފޮޓޯ ހިއްސާ ކޮށްލާފައި ކޮންމެވެސް ވަރެއްގެ ހައްގެއް ލިބިއްޖެ ކަމަށް ގަބޫލުކޮށްފައި ހިތްހަމަ ޖައްސާލަނީއެވެ.

ކިޔުންތެރިންގެ ހިޔާލު