ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ކޯލިޝަނުގައި ހިމެނޭ ބަޔަކު ރުއްސަން އެމަނިކުފާނު ކުރެއްވި ކަމެއް ނެތްކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ނަފުރަތުގެ ބިލް މަޖިލީހުން ފާސްނުކުރީ، ކޯލިޝަން ޕާޓީތަކާއި ދީނީ އިލްމްވެރިން ރުއްސަން ކަމަށް ދެކެވޭ ވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޯލިޝަން ސަރުކާރު ރުއްސަން ރައީސް ކުރެއްވި ކަމެއް ބޮޑުވާ ބިއްލޫރި އަޅައިގެން ބެލުމުން ވެސް ފެނިވަޑައިނުގެންނެވި ކަމަށެވެ. ރައީސް ސޯލިހު ގާނޫނު އަސާސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުން އެއީ ވަކި ބަޔަކު ރުއްސަން ކުރާ ކަމެއްގެ ގޮތުގައި ބެލުމަކީ ވަރަށް ބިރުވެރި ކަމެއް ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުތަކަށް ކުރިމަތިވެދާނެ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

ޝަރީފު ވިދާޅުވީ، ގާނޫނުވާންޖެހޭނީ އެންމެންގެ މަސްލަހަތު ހިމާޔަތްކުރާ އެއްޗަކަށް ކަމަށެވެ. ގާނޫނީ އިމުން ބޭރުން މީހުން ހިފާ ހައްޔަރުނުކުރުމަކީ ގާނޫނުގެ ވެރިކަން ދެމެހެއްޓުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ ހައްގުގައި ކުރެވޭ މަސައްކަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ، ނަފުރަތު އުފެއްދުން ހުއްޓުވުމުގެ ނަމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ ގާނޫނީ ހަމައެއް ނޫން ކަމަށެވެ. އަދި ނަފުރަތުގެ ބިލްގައި އިސްލާހުކުރަންޖެހޭ ކަންކަމާއި މެދު މަޝްވަރާ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ނަފުރަތުގެ ގާނޫނު ވާންޖެހޭނީ އޭގެ މަގުސަދު ހާސިލްކުރެވޭގޮތަށް ގިނަ ރައްޔިތުންނަށް ގަބޫލުކުރެވޭ ހަމަޔަކުން އެކުލަވާލެވޭ އެއްޗަކަށް. އެއީ ވަކި ބަޔަކު އަނގަ ބަންދުކުރަން ބޭނުންކުރާ ހަތިޔާރަކަށް ވެއްޖެނަމަ ނަތީޖާ ވަރަށް ގޯސްވެދާނެ." ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ނަފުރަތުގެ ބިލާ ގުޅިގެން އެމްޑީޕީގެ އެތެރޭގަައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދި އެޕާޓީ މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. މިކަން ޕާޓީގެ ލީޑަރޝިޕުންވެސް މިހާރު ގަބޫލުކުރެއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ އެމައްސަލައިގައި ރައީސް ސޯލިހާއި މެދު އޮންނަ ސިޔާސީ ގުޅުން ކަނޑާލާފައެވެ. ނަފުރަތުގެ ބިލަށް ސަރުކާރުން ތާއިދު ނުކުރާނަމަ ސަރުކާރަށް ތާއިދު ކުރެވެން ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަފުރަތުގެ އަމަލުތައް ކަނޑައަޅައި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުލްއުގޫބާތުގައި ކަނޑައެޅުމަށް އެކުލަވާލާ މަޖިލީހަށް ހުށައެޅި ބިލާމެދު ރާއްޖޭގެ ދީނީ ޢިލްމްވެރީންގެ އިތުރުން އާންމު ރައްޔިތުންގެ ގިނަ ބަޔަކު ވެސް އަންނަނީ ދެކޮޅު ހަދަމުންނެވެ. މުސްލިމަކާއި ދިމާއަށް ލާދީނީއޭ ބުނުމާއި ނުވަތަ އެފަދަ މާނައެއް ކުރެވޭފަދަ ނޭރުމަކުން އާންމުތަނެއްގައި ވާހަކަ ދެއްކުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމަކީ ވެސް ޖިނާއީ އަދަބު ކަނޑައެޅޭނެ ކުށެއްކަމަށް މި އިސްލާހުގައި ބުނެފައި ވާއިރު އެފަދަ ވާހަކަ ބްރޯޑްކާސްޓްކޮށް އަދި ލިއުމަކީވެސް ކުށެއްގެ ގޮތުގައި ބިލުގައި ހިމަނާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން