ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސް ވެރިން
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސް ވެރިން
އެޗްއައިވީ ފަދައިން ކޮރޯނާ ވައިރަހަކީ ވެސް ދުނިޔެއިން ފިލައިގެންދާނެ ވައިރަހެއް ކަމަށް ނުބެލެވޭ ކަމަށާއި އިންސާނުން ޖެހޭނީ މިވައިރަހާ އެކީގައި އުޅެން ދަސްކުރަން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔޫ އެޗް އޯ އިން ބުނެފިއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތައް ފުރަބަންދުކޮށް މުޅި އިގުތިސޯދު ހުއްޓާލާފައިވާއިރު ބައެއް ގައުމުތަކުން މިހާރުވަނީ ފުރަބަންދު އުވާލާ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ފަށާފައެވެ.

"އަހަރެމެން އެޖެންޑާގައި އޮންނަންވީ މިގޮތަށް: މިވައިރަހަކީ އަނެއްކާވެސް ދުނިޔެއަށް އުފަންވެފައިވާ، އަހަރެމެންގެ މުޖުތަމަޢުން މުޅިން ފިލައިގެން ނުދާނެ ވައިރަހެއްކަން. އަދި މިވައިރަސް ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށް ބަލައިގެން އުޅެންވީ. އެޗް އައި ވީ ވެސް އަހަރެމެންގެ ތެރެއަކުން ފިލައިގެނެއް ނުދިޔަ. އެކަމަކު އެއާއެކު އުޅެން ދަސްކޮށްގެން އަހަރެމެން މިތިބީ." ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ އެކްސްޕާޓް މައިކް ރަޔާން ވިދާޅުވިއެވެ.

"އެންމެންވެސް މިކަމުގައި ކަންއޮތް ގޮތަށް ހަގީގަތަށް ވިސްނަމާ ހިނގާ. އަހަރެންނަކަށް ހިއެއްނުވޭ މި ވައިރަސް ނެތިދާނީ ކޮން އިރަކުކަން ބުނަން އެނގޭނެ އެކަކުވެސް ހުންނާނެ ހެނެއް. މިކަން ޔަގީންކޮށްދެވޭނެ އެއްވެސް މީހަކު ނެތް. މިކަމަށް ތާރީޚެއް ދޭކަށް އެކަކަށްވެސް ނޭނގޭނެ. ފަހަރެއްގަ މި ބަލިމަޑުކަމަކީ ދުވަސްތަކެއް ވަންދެން އަހަރެމެން ތަހައްމަލު ކުރަން ޖެހޭ ބަލިމަޑުކަމަކަށް ވެދާނެ. ނޫނީ އެހެން ނުވެވެސް ހިނގައިދާނެ." ބުދަ ދުވަހު ބޭއްވި އޮންލައިން ނޫސްކޮންފަރެންސްގައި މައިކް ރަޔާން ވިދާޅުވިއެވެ.

ރަޔަން ވިދާޅުވީ މި ވައިރަހަށް ވެކްސިނެއް އުފެއްދުނު ކަމުގައި ވީނަމަވެސް ބައެއްް ކަންކަން ކޮންޓްރޯލް ކޮށްގެން، ތަހައްމަކުކޮށްގެން ދުނިޔެ ދެން އުޅެންޖެހޭނީ މި ވައިރަހާއި އެކުގައި ކަމަށެވެ.

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ހުއްޓުވުމަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގެ ރޭހުގައި ސަތޭކައަށްވުރެ ގިނަ ވެކްސިނެއްގެ މަސައްކަތް ހުއްޓުމެއް ނެތި އެބަ ކުރިއަށް ދެއެވެ. މީގެތެރެއިން ބައެއް ވެކްސިންތައް މިހާރު ދަނީ ކްލިނިކް ތަކުގައި ތަހުލީލު ކުރެވެމުންނެވެ. އަދި ބައެއް ވެކްސިން އިންސާނުންނަށް ދީގެން ވެސް ވަނީ ތަޖުރިބާ ކުރަންފަށާފައެވެ. ނަމަވެސް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާނެ މުޖައްރިބު ވެކްސިނެއް ދެނެގަތުން އަދި ވެފައިވަނީ ތަޖުރިބާކާރުންނަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަށެވެ.

ރަޔާން ފާހަގަކުރެއްވި ގޮތުގައި މީސްލްސްއަށްވެސް ވަނީ ވެކްސިނެއް ހޯދިފައެވެ. ނަމަވެސް އެބަލި ފިލައިގެން ނުދާތީ ދުނިޔެ އުޅެނީ އެބައްޔާއި އެކުގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސް ވެރިން ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން މިކަމުން އަރައިގަތުމަށް އެކި ފިޔަވަޅުތައް އެޅިނަމަވެސް އަދިވެސް ބަލީގެ ނުރައްކާ ގައުމުތަކަށް ކުޑަ ނޫންކަމަށެވެ.

ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެން ފެށިފަހުން ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ވަނީ ކޮންމެވެސް ކަހަލަ ބަންދެއްގައެވެ. ދުނިޔެއިން މިބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރުވަނީ 4.3 މިލިއަނަށް އަރާފައެވެ. އަދި 291 ހާސް މީހުން މިބަލީގައި ދުނިޔެއާއި ވަކިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން