މިދިޔަ ސެޕްޓެމްބަރުމަހު ރާއްޖެއަށް މުދާ އެތެރެކޮށްގެން ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެ އެތެރެކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް ފާއިތުވި ސެޕްޓެމްބަރުމަހު މިއަދަދު ވަނީ 3.6 ބިލިއަނަށް އިތުރުވެފައެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރުމަހު މުދާ އެތެރެކޮށްގެން ދައުލަތަށް 119 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރު އެމުއްދަތުގައި 281 މިލިއަން ރުފިޔާ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ 137 އިންސައްތައިގެ އިތުރުވުމެކެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައުލަތަށް މުދާ އެތެރެކުރެވުނު ނިސްބަތް އިތުރުވި ނަމަވެސް، އެކްސްޕޯޓު ސެޕްޓެމްބަރުމަހު އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން ފާއިތުވި އަހަރު ސެޕްޓެމްބަރު މަހު 378 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރެވުނުއިރު، މިއަހަރު މިމުއްދަތުގައި ބޭރުކުރެވިފައިވަނީ 328 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 13 އިންސައްތައިގެ ދަށްވުމެކެވެ.



މިދިޔަމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، ޗައިނާ، ޔޫ.އޭ.އީ އަދި އިންޑިއާއެވެ. އެގޮތުން އެމަހު އޮމާންއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާއިން 441 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އަދި އިންޑިއާ އިން 434 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީ އިން 418 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައި ވެއެވެ.

މިދިޔަމަހު ރާއްޖެއަށް ޕްރޮސެސްކުރެވުނު ޑިކްލަރޭޝަނާއި ރާއްޖެއިން ފުރާފައިވާ އުޅަނދުފަހަރުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ސެޕްޓެމްބަރ ރާއްޖެއަށް ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންގެ އަދަދަކީ 16458 އެވެ. 2020 ވަނަ އަހަރު މިއަދަދު އުޅުނީ 10231 ގައެވެ. މިދިޔަ މަހު ރާއްޖެއިން ބޭރުން އައިސްފައިވާ އުޅަނދުގެ އަދަދަކީ 103 އެވެ. އަދި ރާއްޖެއިން ފުރާފައިވަނީ 130 އުނޅަދުކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން