ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ 25 ސިފައިންނާއިއެކު އެ ގައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ ޖުމްލަ 75 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް އެމްއެންޑީއެފުން ރޭ ބުނެފި އެވެ.

އެމްއެންޑީއެފުން އެކަން ހާމަކޮށްފައިވަނީ ޑޯނިއާ އޮޕަރޭޓް ކުރުމަށް އިންޑިއާއާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައުލޫމާތު އޮޅުންފިލުވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ އިސްވެރިން މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކުރުމުންނެެވެ. ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް މައުލޫމާތު ދެެއްވަމުން އެމްއެންޑީއެފްގެ އިސްވެރިން ވިދާޅުވީ ޑޯނިއާ ދުއްވަން އެކަނި އިންޑިއާގެ 25 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި ދެ ހެލިކޮޕްޓަރު އޮތް ދެ ސަަރަހައްދުގެ ތެރެއިން ކޮންމެ ސަރަހައްދަކު ތިބޭ 25 ސިފައިންނާއެކު ޖުމުލަ އިންޑިޔާގެ 75 ސިފައިން އެބަތިބި ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން މަަޖިލީހުގެ ކޮމެޓީއަށް ހިއްސާކޮށްފައިވާ ޑޯނިއާ އެއްބަސްވުމުގައި ބުނެފައިވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާއި ޓެކްނިކަލް މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ނުވަތަ ހާއްސަ އިމްތިޔާޒުތަކެއް ލިބޭ ކަމަށެވެ. ޑޯނިއާއަށް ދަތުރުކުރެވޭނީ ޗީފް އޮފް ޑިފެންސް ފޯސްގެ ހުއްދައާއެކު، އަދި ކޯސްޓްގާޑް ކޮމާންޑުގެ ޓާސްކިން އޯޑަރެއް ލިބިގެން ކަމަށާއި، ފްލައިޓު ދުއްވާ އިންޑިއާ ސިފައިންނާއި ޓެކްނިކަލް މީހުން އަދި ފްލައިޓުގެ އެއްވެސް ވަސީލަތެއް ވެސް ބަދަލުކުރާނަމަ ދިވެހި ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެއްބަސްވުމުގައިވާ ކަމަށް ކޮމިޓީއާ ހިއްސާކުރި މައުލޫމާތުން އެނގެއެެވެ.

ޑޯނިއާ ބޭނުންކުރަން ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، ހާލުގައި ޖެހޭ މީހުންނާއި އެކިއެކި ހާދިސާތަކުގައި ގެއްލޭ މީހުން ހޯދާ ސަލާމަތްކުރުމަށާއި ދެ ގައުމުން ކުރަން ބޭނުންވާ އެހެން ބައެއް ދަތުރުތައް އެއްބަސްވެވޭ ގޮތަކަށް ކުރުމަށެވެ.

ޑޯނިއާ މަތިންދާ ބޯޓަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އެއްޗެއް ކަމަށް ކުރިން އަޑުފެތުރުނު ނަމަވެސް ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވަނީ އެއީ ހަދިޔާކޮށްފައިވާ ބޯޓެއް ނޫން ކަމަށް ވިދާޅުވެ އެކަން ދޮގުކުރައްވާފައެވެ. އެކަމަކު އެ ބޯޓު އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމަށް ޗީފް ވަނީ ވިދާޅުވެފައެެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުން ތިބެނީ ކީއްކުރަންކަން ސާފުކުރަން މީގެ ކުރިން މީޑިއާތަކުން ކުރި މަސައްކަތުގައި އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީން ވެސް އެއްބާރުލުންދީފައި ނުވާއިރު އެމައުލޫމާތު ހިއްސާ ކުރުމަށް ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން