އާމިނަތު ފައިހާ ފަޒީލް.
އާމިނަތު ފައިހާ ފަޒީލް.
އުގައިލް ފައުންޑޭޝަނުން ހިންގަމުންދާ ލީޑަރސް އޮފް ޓުމޯރޯ ޕްރޮގްރާމާއެކު ކަންކަމާ އިސްނަގައިގެން ކުރިއަށް ދިއުމަށް އަޒުމު ކަނޑައަޅައިގެން ހުރި އާމިނަތު ފައިހާ ފަޒީލަށް އިތުރު ހިތްވަރެއް ލިބިގެންދިއައެވެ.

ފައިހާ ބުނީ ކަންކަމާ އިސްނަގައިގެން ކުރިއަށް ދިއުމަށް ހުރި ޝައުގުވެރިކަމާއެކު، އުގައިލް ފައުންޑޭޝަންގެ ޕްރޮގްރާމްތަކަށް ފުރަތަމަ ތައާރަފްވި ހިސާބުންވެސް އެންމެ ބޭނުންވީ ލީޑަރސް އޮފް ޓުމޯރޯ ޕްރޮގްރާމްގައި ބައިވެރިވާން ކަމަށެވެ. ހާއްސަގޮތެއްގައި މިޕްރޮގްރާމުގެ ސަބަބުން ލީޑަރުންގެ އުސޫލުތައް ދަސްވެ، ސުކޫލު ދައުރުގައާއި ސުކޫލު ދައުރަށްފަހުވެސް ބޭނުންތެރި އަދި އެހާމެ މުހިންމު ކަންކަން ދަސްވެގެންދާތީކަމަށް ފައިހާ ފާހަގަކުރިއެވެ.

"މިއަދުގެ ކުޑަކުދިންނަކީ މާދަމާ ޤައުމު ބިނާކޮއްދޭން ތިބި މީހުން ކަމުގައި ވާއިރު އަޅުގަނޑު ދެކޭގޮތުގައި ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމުގެ ސަބަބުން ލީޑަރުންގެ އުސޫލުތައް ދަސްވެގެންދާތީ މިއީ ބައިވެރިވާން ވަރަށް ރަނގަޅު ޕްރޮގްރާމެއް." ރަސްއޮންލައިނާއި ވާހަކަ ދައްކަމުން ފައިހާ ބުނެފައިވެއެވެ.

އެގޮތުން މިޕްރޮގްރާމް މެދުވެރިކޮށް އާޓިކަލް ލިޔާއިރު ކިޔާމީހާގެ ޝައުގުވެރިކަން ހޯދާނެގޮތްތަކާއި، ގުރޫޕް ޙަރަކާތްތަކާއި ގްރޫޕް މެދުގައި މަޝްވަރާކުރުމުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން، ސައްޚަ މަޢުލޫމާތު ހޯދާނެ ގޮތާއި އަމިއްލަ ޚިޔާލު ފާޅުކުރަން ފުރުޞަތު ލިބި ޖެހިލުމެއްނެތި ވާހަކަދައްކަން ހިތްވަރު ލިބޭކަމަށް ފައިހާ ފާހަގަކުރިއެވެ. އަދި ވަގުތު ބަހައިލައިގެން ކަންތައް ކުރުމުގެ މުހިންމުކަން މިޕްރޮގްރާމުން ދަސްވެގެންދާކަމަށް ފައިހާ ބުންޏެވެ.

މިއަހަރު ކުރިއަށްދާ ލީޑަރސް އޮފް ޓުމޯރޯ ޕްރޮގްރާމުގައި ބައިވެރިވުމުގެ ކުރިން ފައިހާ ވަނީ އުގައިލް ފައުންޑޭޝަނުން މިދިޔަ އަހަރު ހިންގި ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިން ޕްރޮގްރާމްގައިވެސް ބައިވެރިވެފައެވެ.



ދަރުމަވަންތަ ސްކޫލް ގްރޭޑް އަށެއްގައި ކިޔަވަމުންދާ ފައިހާ އަކީ ތައުލީމީގޮތުންވެސް އެހާމެ ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ސްކޫލްގައިވެސް ކަންކަމާ އިސްނަގައި ކެރިގެން ކުރިއަށްދާ ފައިހާ އަކީ ސްކޫލްގެ ޕްރިފެކްޓެއްގެ އިތުރުން ގްރޭޑް އަށެއްގެ ގުރުއާން ކްލަބްގެ މަންދޫބުވެސްމެއެވެ.

ފައިހާ އަކީ ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމުގެ ދަރިވަރެއްގެ އިތުރުން ގަރލް ގައިޑާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޙިފްޒު ކުލާހުގައިވެސް ބައިވެރިވަމުންދާ ދަރިވަރެކެވެ.

ފައިހާ ވަނީ ސްކޫލްގައި ކުރިއަށްދިޔަ ޤުރުއާން މުބާރާތްތަކާއި، އިޔާރު ޤުރުއާން ކްލާހުން ކުރިއަށްގެންދިޔަ ޤުރުއާން މުބާރާތްތަކާއި، ޖަމިއްޔަތުއް ސަލަފުން ސްކޫލް ކުދިންނަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މުބާރާތްތަކާއި، އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވި ގުރުއާން މުބާރާތާއި، ސްކޫލްގެ އަދަބީ އެކި ހަރަކާތްތަކާއި ކުރެހުމުގެ މުބާރާތްތަކުން ރަންވަނަ ތަކެއް ހޯދާފައެވެ.



އަދި 2021 ވަނަ އަހަރު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ބޭއްވި ސޭފާ އިންޓަރނެޓް އާޓްސް މުބާރާތުން 12 އަހަރާއި 16 ދެމެދުގެ އުމުރުފުރާއިން ފައިހާ ވަނީ އެއްވަނަ ހާސިލުކޮށްފައިވެއެވެ. މީގެއިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގައި ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތަކުން 08 އަހަރާއި 13 ދެމެދު އުމުރުފުރާއިން އެއްވަނަ ހާސިލުކޮށްފައިވެއެވެ.



ޑިޖިޓަލް އާޓްސްއަށްވެސް ޝާއުގުވެރިކަން ހުންނަ ފައިހާ ދަނީ ހުސްވަގުތުގައި ކުރާ މަސައްކަތް އިންސްޓަގްރާމް މެދުވެރިކޮށް އާންމުންނާ ހިއްސާކުރަމުންނެވެ.

ފައިހާ ބުނީ ސްކޫލްގައި ކިޔަވަމުންވެސް ގިނަ މުބާރާތްތަކާއި، އިތުރު ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވަނީ ވަގުތު ހޯދައިގެން ކަމަށާއި، އެގޮތުން ޓައިމް ޓޭބަލެއް ހަދައި ޓައިމް ޓޭބަލާއި އެއްގޮތަށް ޢަމަލުކުރުމުން، ޝާއުގުވެރިކަން ހުންނަ ކޮންމެ ކަމަކާ ކުރިމަތިލުމަށް ފަސޭހަވެގެން ދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން