ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެމެދުގައި އޮތް ގުޅުމަށް ބުރޫއަރައި ދެބޭފުޅުންގެ މެދުގައި ސިޔާސީ ވާދަވެރިކަމެއް އުފެދިގެން އުޅެނީ ވެރިކަމުގެ ބާރުތަކުގެ މައްސަލައިގައިކަން މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އަދި މިހަގީގަތް ހާމަކޮށްދޭން މިއަދު މިސާލުތަކެއް ހުއްޖަތްތަކެއް ދައްކާނެ ބޭނުމެއް ނެތް މިންވަރަށް މިކަން ކަށަވަރުވެއެވެ. ރައީސް ނަޝީދު ގަބޫލުކުރަށްވާ ގޮތުންނަމަ ރައީސް ޞާލިހުގެ ވެރިކަމަކީ އިންތިގާލީ ވެރިކަމެކެވެ. އެހެންވީމާ އަލުން އިންތިހާބު ބާއްވައިގެން ވިޔަސް އަދި ނިޒާމު ބަދަލުކޮށްގެން ނުވަތަ ގާނޫނު އަސާސީ ބަދަލު ކޮށްގެން ވިޔަސް ވެރިކަމުގެ ބާރުތައް ފުރޮޅާލަން ޖެހެއެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިހާއި ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސް ކަމަކީ ވެރިކަމުގެ ބާރުތައް ފުރޮޅާލުމާމެދު އޮތް ނުތަނަވަސް ކަމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެގެން ދިޔަ އެއް ކަމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު ފެއްޓެވި މަސައްކަތެވެ. މިވާހަކަ އެކި މުނާސަބާ ތަކުގައާއި އެކި ފޯރަމު ތަކުގައި ދައްކަވަމުން ގޮސް އެންމެފަހުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވެސް އެވާހަކަ ދައްކަވައި އެމުހުތާދުގައި އަމިއްލަ ޕާޓީވެސް ދެފަޅި ކޮށްލެއްވީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ހަމައިން ފެންމަތިވި ދެބޭފުޅުންގެ މި ސިޔާސީ ވާދަވެރިކަން އާންމު ރައްޔިތުންނާއި ހަމައަށް ތިލަވެގެން ދިޔައީ މިދެންނެވި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާދަވެރިކަމުގެ ތެރެއިންނެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައި އެނިޒާމުގެ ދަށުން އައްޔަނު ކުރާ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަމުގެ ވާހަކަ ރައީސް ޞާލިޙަށް ހުށައަޅުއްވާފައި އެހާހިސާބުން އެކަން ނިންމަވާލެއްވީކީއެއް ނޫނެވެ. އެކަން ރައީސް ޞާލިހު ގަބޫލުފުޅު ނުކުރެއްވުމުން ޕާޓީތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން އެކަން ކާމިޔާބު ކުރަށްވަން މަސައްކަތް ފެއްޓެވީއެވެ.

މިކަމުގައި ރައީސް ނަޝީދު ގަބޫލުފުޅުކުރަށްވާ ވަރަށް މުހިންމު ކަމެއްވެސް އެބައޮތެވެ. އެއީ ވެރިކަމުގައި ގިނަ ދުވަހު އެމްޑީޕީން ދެމިއޮތުމެވެ. ވެރިކަމުގައި ގިނަ ދުވަހު އެއްބަޔަކު ނޫނީ އެކަކު ދެމި ހުރުމަކީ އެމްޑީޕީ މީގެކުރިން ގަބޫލުކުރާ ސިޔާސަތަކަށް ނުވި ނަމަވެސް ރައީސް ނަޝީދު މިއަދު އެގޮތަށް އެބަ ވިދާޅުވެއެވެ. އެވިސްނުން އެބަ ގެންގުޅުއްވައެވެ. 2008 ގައި އަމަލުކުރަން ފެށި ގާނޫނު އަސާސީ ރައީސް މައުމޫނުގެ ގައިކޮޅަށް ހެއުވަރުކުރަން އުޅުއްވި ގޮތަށް އެގާނޫނު އަސާސީ އަލުން އިސްލާހުކޮށް ރައީސް ނަޝީދަށް ހެއުވަރުވާ ގޮތަށް ފައްސަވަން އުޅުއްވާހެން ވެސް ހީވާ ކަހަލައެވެ. ކޮންމެއަކަސް ރައީސް ނަޝީދު މިހާރު ވިދާޅުވަނީ ނިޒާމު ބަދަލުކޮށްގެން ނޫން ގޮތަކަށް އެމްޑީޕީއަށް ގިނަ ދުވަހު ވެރިކަމުގައި ދެމި ނުތިބެވޭނެ ކަމަށެވެ. އެމަނިކުފާނުގެ ހުރިހާވެސް ވިސްނުންފުޅަކީ އެމްޑީޕީ ގިނަ ދުވަހު ވެރިކަމުގައި ދެމި އޮތުމެވެ. ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ މި ހުވަފެންފުޅަކީ ހަމަ ހަގީގަތަކަށް ވެސް ވެދާނެ އެވެ. ނަމަވެސް އަޅުގަނޑު މިއަދު ދައްކަން މިއުޅޭ ވާހަކައަކީ އެއީއެއް ނޫނެވެ. އެހެންވީމާ އެވާހަކަ އެހާހިސާބުގައި ބާއްވާފައި އަސްލު މައުޟޫއާއިގެން ކުރިއަށްދާނަމަވެ.

ޕާޓީގެ އެތެރޭގެ ވާދަވެރިކަމުގައި ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ޚިޔާލުފުޅު ދެކަފިވެފައިވާ މިންވަރު މިއަދު ހާމަވެގެންދިޔަ އެއްކަމަކީ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބެވެ. އެއިންތިހާބު އިޢުލާން ނުކުރަނީސް ދެފަރާތުން އިންތިހާބަށް ބޭފުޅުން ނެރެ ވާދަވެރި ރޭސް ފައްޓަވައިފިއެވެ. އަނެއްކާވެސް ހަމަ ރަނގަޅަށް ޕާޓީ ދެބައަށް ބެހި ބަހުގެ ހަމަލާތައް ބަދަލުކުރަން ފަށައިފިއެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއިންތިޚާބަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވާ އަޖުމަބެލުމުގެ އިންތިޚާބެކެވެ. ޕާޓީގެ އެތެރޭގައި ތާއީދު އޮތީ ކޮންބޭފުޅަކަށްކަން މިއިންތިޚާބުން އެނގިގެން ދާނެ ކަމަށް އެފަދަ ފަރާތްތަކުން ދެކެއެވެ. އަދި ޕާޓީގެ ރިޔާސީ ޓިކެޓްގައި އަތްޕުޅުލެވޭނެ ބޭފުަޅަކު މިއިންތިހާބުން ކަށަވަރުވެގެން ދާނެއެވެ.

މިދެންނެވި ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއިން ވެސް ރައީސް ނަޝީދު ވަރުގަދަ ގާބުރިއެއް ރައީސް ޞާލިޙާއި ދިމާއަށް ހޫރާލައްވައިފިއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ނުވަތަ ފެންނަ މަންޒަރުތަކަށް ބަލާއިރު އެގާބުރި އަމާޒު ނުވެ ވެއްޓުނީ ތަންފުކެއް ދުރަށެވެ. މިފަހަރު ކުރެއްވި ތުހުމަތަކީ ޕާޓީގެ މެންބަރަކު ސިޔާސީ މަގާމަކުން ވަކި ކުރެއްވި ކަމުގެ ތުހުމަތެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ސިޔާސީ ވާދަވެރިކަމުގައި ޕާޓީގެ މެންބަރުން މަގާމުތަކުން ވަކިކުރަމުންދާކަމަށް ވިދާޅުވެ އެކަން އެގޮތަށް ނުކުރެއްވުމަށް ރައީސް ޞާލިހަށް ގޮވައިލައްވާފައެވެ. އަދި އެކަން އެގޮތަށް ކުރަށްވާނަމަ ރައީސް ނަޝީދުވެސް ޕާޓީން ވަކިކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު އެވިދާޅުވާ ސިޔާސީ މީހަކު މަގާމުން ވަކިކުރެއްވުމާއި މިހާރު ހިނގަމުންމިދާ ޗެއާ ޕާސަންގެ އިންތިހާބުގެ ސިޔާސީ ވާދަވެރިކަމާ އެބަ ދިމާވެއެވެ. އެއީ އިއްތިފާގަކަށް ވިޔަސްވެސް މެއެވެ. ދެން އޮތީ ރައީސް ނަޝީދު އެކުރައްވާ ތުހުމަތަކީ ހަގީގަތެއްތޯ ބެލުމެވެ. އެމަސައްކަތް ސަރުކާރުގެ ފަރާތުން ނުކުރެއްވީ ކީއްވެގެން ކަމެއް ދަންނަވަން ނޭނގުނު ނަމަވެސް ޔަގީންވާ ކަމަކީ މިހާތަނަށް އައިއިރު ވެސް ރައީސް ޞާލިހު އެފަދަ އަމަލެއް ހިންގަވާފައި ނެތްކަން ކަށަވަރުވާ ކަމެވެ. ދެބޭފުޅުންގެ މެދުގައި މިހާރު މިހިނގާ ވާދަވެރިކަމުގައި ރައީސް ޞާލިހަށް އެފަދަ ތުހުމަތުތަކެއް ކުރެވޭނެ ޖާގަ އެބައޮތް ކަމަށް ގަބޫލުކުރާ މީހުން މަދީ ސަބަބުތަކެއް އޮވެގެންނެވެ.

މިހާރު މިހިނގާ ކަންކަން އެއްފަރާތުގައި ބާއްވާފައި މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި އެމްޑީޕީގެ އެކްޓިވިސްޓުން ނުވަތަ ސިޔާސީ މީހުން ރައީސް ޞާލިހާއި އަދި ސަރުކާރާއި ދެކޮޅަށް ފާޅުގައި ބަސްބުނެ ފާޑުކިޔައި ރައީސް ނަޝީދަށް އެމީހުންގެ ތާއީދު އޮތް މިންވަރު ފާޅުކޮށް ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތުގައި ފާޅުގައި އެއްބާރުލުން ދެމުން ގެންދާ ފަރާތްތަކާއިމެދު މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއްއަޅުއްވައި އެއިން އެއްވެސް މީހެއްގެ މަގާމާއި ވަޒީފާއަށް އެއްވެސް ބުރުލެއް އަރާފައި ނުވާއިރު އަދި އެފަދަ އެއްވެސް ކަމެއް މިހާތަނަށް ވެސް ހިނގާފައި ނުވާއިރު މިއަދު ކުއްލިއަކަށް އެފަދަ ކަމެއް ރައީސް ޞާލިހު ކުރަށްވަފާނެ ކަމާމެދު ސުވާލު އުފެދުމަކީ ހަމަ ހަގީގަތުގައި ވެސް ނުވެ ނުދާނެ ކަމެކެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވައިގެން ސަރުކާރަށާއި ރައީސް ޞާލިހަށް އެއްބާރުލުން ނުދޭތާނގައި ކަނޑައެޅިގެން ދެކޮޅަށް ބަސްބުނެ މީސްމީޑިއާގައި ޚިޔާލުފާޅުކުރަމުންދާ އެމްޑީޕީގެ ބަޔަކު ސަރުކާރުގައި އެބަތިބިކަން މިއީ ރައީސް ޞާލިހަށްވެސް އަދި ރައީސް ނަޝީދަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމެކެވެ.

މިހެން މިކަން އޮއްވާ ކުއްލިއަކަށް މިއަދު އަތޮޅެއްގެ ރަށެއްގެ ސިއްހީ މަރުކަޒެއްގައި ހުރި ސިޔާސީ މީހަކު މަގާމުން ވަކިކޮށްގެން ރައީސް ޞާލިހަށް އޮތީ ކޮންފައިދާއެއްތޯ ވެސް މިއަދު ސުވާލުކޮށްލަން ޖެހެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެބުނާ މީހަކު ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދަކު ނޫނެވެ. އެއީ މާކުރިއްސުރެ ހިނގަމުން އައި ކަމެކެވެ. އޭނާގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށާއި ރައީސް އޮފީހަށް ލިބެމުންދާތާ ކިތަންމެ ދުވަހެކެވެ. އޭނާގެ ޝަކުވާ ނުވަތަ އޭނާ ވަކިކޮށްދިނުމަށް އެދި އެތައްބަޔަކު ސޮއިކޮށް ޕެޓިޝަން ވެސް ވަނީ ހުށައަޅާފައެވެ. އެޝަކުވާ ކޮށްފައި ވަނީވެސް އެމްޑީޕީގެ މެންބަރުންނެވެ. އެޕާޓީގެ ކައުންސިލަރުންނެވެ. އޭނާއަކީ ކާކުކަމާއި އޭނާ މަގާމުން ވަކިކުރެއްވީ ކީއްވެގެންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް އެމްޑީޕީގެ އިސް ބޭފުޅުންނަށް ކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ.

މިހާ ފާޅުކަން ބޮޑުކޮށް އެނގި ހާމަވާން އޮތް ކަމެއް ދެބޭފުޅުންގެ ދެމެދުގައި ހިނގަމުންދާ ސިޔާސީ ވާދަވެރިކަމެއްގެ ތެރެއަށް ވެއްދުމަކީ ޕާޓީގެ މެންބަރުންގެ މެދުގައި އިތުރު ހިތްނުތަނަވަސްކަން ނުއުފެދި ނުދާނެ ކަމެކެވެ. އެކަން މިހާރުވެސް މީސް މީޑިއާގެ ތެރެއިން އެދަނީ ފެނި ހާމަވަމުންނެވެ. އަދި ކުރިއަށް އޮތްތާގައިވެސް ދެ ލީޑަރުންގެ ސިޔާސީ ވާދަވެރިކަމުގައި މިފަދަ އެތައް ކަމެއް ތަކުރާރުވާނެ ކަމީ ޔަގީންވާ ކަމެކެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ މިހާރު މިއޮތް ވެރިކަމަކީ ވެސް އެމްޑީޕީގެ ވެރިކަމެއް ކަމެވެ. މިވެރިކަމުގެ ބިންގާ ހަލާކުވެ ބަލިކަށިވެ ވެއްޓޭ ހިސާބަށް ދިއުމުން އެކަމުގެ ގެއްލުންވެސް ވާނީ ހަމަ އެމްޑީޕީއަށެވެ. މިފަދަ ކަންކަމުގެ ފައިދާ ކުރާނީ އިދިކޮޅުގައި ތިބި ބަޔަކަށެވެ. އެކަން މިއަދު ވެސް އެދަނީ ފެންނަމުންނެވެ. ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދުގެ ކޮޅަށް ފަހިވާގޮތަށް އިދިކޮޅުން ބަސްބުނުމުގެ ހަގީގީ މަގުސަދަކީ އެމްޑީޕީގެ ދެލީޑަރުންގެ މެދުގައި ރޯވެފައިވާ މިދެންނެވި ސިޔާސީ ވާދަވެރިކަމުގެ ހުޅުގަނޑު އިތުރަށް ބޮޑުކޮށް ފެތުރުމެވެ.

އެމްޑީޕީގެ ވެރިކަން އިތުރު ތިރީސް އަހަރަށް އޮންނާނެ ގޮތަކީ ރައީސް ޞާލިހުގެ ވެރިކަން ބަލިކަށިކޮށް އެމަނިކުފާނަށް ދެވަަނަ ދައުރެއް ނުދިނުން ކަމަށް ބަޔަކަށް ގަބޫލުކުރެވުނު ކަމުގައި ވިޔަސް އެއީ އަދި މުޅިން ހަގީގަތެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ. އެމްޑީޕީއަށް އަދިވެސް އެންމެ ޔަގީންކަމާއެކު ވެރިކަމުގައި ތިބެވޭތަން ގިނަ ބަޔަކަށް ފެންނަނީ ރައީސް ޞާލިހާއެކު މިހާރު އޮތް ފޯމިއުލާގައި ކުރިއަށް އޮތް އިންތިހާބަށް ނުކުތުމެވެ. ނޫނީ ދެން އޮތީ އަޖުމަ ބެލުމެވެ. ރައީސް ނަޝީދު ބޭނުންފުޅުވާގޮތަށް ނިޒާމު ބަދަލުކޮށްގެން ބޮޑުވަޒީރުކަން ހޯއްދެވުމެވެ. ނޫނީ ތިރީސް އިންސައްތައަށްވުރެ މަތީން ވޯޓުލިބޭ މީހަކަށް ވެރިކަން ލިބޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމެވެ.

ނިޒާމު ބަދަލު ކުރެވެން އޮތީ ރައްޔިތުންގެ ޚިޔާލަކަށް ހުށައަޅައިގެންނެވެ. 30 އިންސައްތައިގެ ވެރިކަމަށް ބަދަލު ކުރެވެން އޮތީ ގާނޫނު އަސާސީއާއި ކުޅެގެންނެވެ. ނިޒާމު ބަދަލުކޮށްގެން ދެންއޮތީ ގޮނޑިކޮއްކޮ ސަރުކާރެއް އުފެއްދުމެވެ. އަނެއް ގޮތަކީ 30 އިންސައްތަ ރައީސެއް ވެރިކަން ކުރާ ގޮތަށް ބަދަލުކޮށްގެން ޕާޓީގެ ރިޔާސީ ޓިކެޓާއި ދެލީޑަރުން ހިއްޕަވައިގެން ގަދަވާ ބޭފުޅަކު ބެލުމެވެ. ނޫނީ 30 އިންސައްތައިގެ ރައީސަކަށް ވެވަޑައިގެންނެވުމަށް މަގުފަހިވާނެ އެހެން ފޯމިއުލާއެއް ހޯއްދެވުމެވެ. މީގެތެރެއިން އެމްޑީޕީއަށް ގިނަ ދުވަހު ވެރިކަން ކުރެވޭނީ ކޮންގޮތަކަށްތޯ ނިންމާނީ އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާޓީގެ މެންބަރުންނެވެ.

ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހު ރަނގަޅަށް ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ވެރިކަމުގެ ޔަގީންކަން އަދިވެސް އޮތީ ރައީސް ޞާލިހު ގެންގުޅުއްވާ ފޯމިއުލާގައި 2023ގައި ވެސް ނުކުތުމުންނެވެ. އެއީ ރައީސް ޞާލިހު މިހާތަނަށް ވެސް އެދަމަހައްޓަވާ ކޯލިޝަނާއެކު ނުކުމެގެންނެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިހާރުވެސް ކޯލިޝަން އެއޮތީ ހަމަ ނަމަކަށް ކަމެވެ. ވެރިކަމުގެ ހުރިހާ ބާރުތަކެއް މިވެރިކަމުގެ ގިނަ މަގާމުތަކެއް ނިސްބަތްވަނީ އެމްޑީޕީއަށެވެ. މަޖިލީހާއި ހުރިހާ މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީގެ ބާރުތައް ވެސް ހަމަ މިގޮތަށެވެ. މިހެން މިކަން އޮއްވާ ހުރިހާ ކަމެއް ދޫކޮށްލާފައި އަޖުމަ ބެލުމަށް ދާން ހަމަ އޯކޭ ހެއްޔެވެ؟



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން