ދ. ކުޑަހުވަދޫގައި އެއަރޕޯޓް ބަންދުކޮށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އެންމެން ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފިއެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި އެންމެންގެ މުއްދަތު ޖެހުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން ރޭގެ ވަގުތެއްގައިވަނީ އެންމެންވެސް ދޫކޮށްލާފައެވެ. ކޯޓުން އެ ހުރިހާ މީހުންވެސް ދޫކޮށްލީ ރަށު ބަންދަށް 15 ދުވަސް ޖެހުމަށްފަހުއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތުދެމުން ފުލުހުން ރޭ ބުނެފައިވަނީ އެއްވުމާ ގުޅިގެން ފުރަތަމަ ހައްޔަރު ކުރި ހަތަރު ފިރިހެނުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އަނެއް ދެ މީހުންނަކީ، އެ މީހުން ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ކަމަށެވެ. އަދި ފަހުން އެ މައްސަލާގައި އިތުރު 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ޖުމުލަ އަދަދަކީ 17 ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަހުވަދޫ އެއާޕޯޓް ކައިރިއަށް ބަޔަކު އެއްވެ ހިންގި ހަމަނުޖެހުމުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ފުލުހުންނަށް ގަލުންނާއި ޖޯލިފަތިންވެސް ހަމަލާދީފައެވެ.

މިދިޔަ ހޯމަ ދުވަހު ހާޓް އެޓޭކެއް ޖެހުނު ކަމަށް ބުނާ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތިގެން ފެށި މުޒާހަރާ އާއި ގުޅިގެން ބަލިމީހުން އިމަޖެންސީގައި މާލެ ގެންދެވޭނެ އިންތިޒާމުތައް 3 މަސްތެރޭގައި ހަމަޖެއްސުމަށް މަންތާއާއި ވިލާ އެއާރއަށް ސަރުކާރުން މިހާރުވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން