މިމަހުގެ 8 ވަނަ ދުވަހު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ޖަމާވަމުންދާ މީހުންގެ އަދަދު ގިނަވެ، ކިޔޫގައި 24 ގަޑިއިރެއްހާއިރު ހުންނަންޖެހިދާނެކަމަށް ހަބަރުތައް ބުނެފިއެވެ.

ރާނީ އެލިޒަބަތުގެ ސަންދޯއް މިވަގުތު އޮތީ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލިސްތައް ކުރިއަށްދާ ވެސްޓް މިނިސްްޓަރ ހޯލްގައެވެ.

ރާނީގެ ސަންދޯއް ކައިރިއަށް ގޮސް އެންމެފަހުގެ އިހްތިރާމް އަދާކުރުމަށް ގިނަ ބަޔަކު ކިޔޫ ހަދަމުންދާއިރު، މި ކިޔޫގައި ގާތްގަނޑަކަށް 24 ގަޑިއެއްހާއިރު މަޑުކުރަންޖެހޭކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އެތައް މޭލަކަށް ދެމިގެން ގޮސްފައިވާ ކިޔުތަކުގައި އެތައް ހާސް ބަޔަކު ތިބިއިރު، ދުރު ހިސާބުތަކުން ދަތުރުކޮށްފައި ކިޔޫއަށް އެރުމަށް ނައުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.



ސިއްހީ މާހިރުން ވަނީ ކިޔޫގައި ތިބޭ މީހުންގެ ތެރެއިން ގަވާއިދުން ބޭސް ކާންޖެހޭ މީހުން ބޭސް ހިފައިގެން އައުމަށް ވެސް އިރުޝާދު ދީފައެވެ. އަދި ގިނައިން ފެން ބޮއެ، ކައިގެން ތިބުމަށްވެސް ސިއްހީ މާހިރުން ދަނީ ކިޔޫގައި ތިބި މީހުންނަށް އިރުޝާދު ދެމުންނެވެ.

ރާނީގެ ސަންދޯއް ކައިރިއަށް ގޮސް އެންމެފަހުގެ އިހްތިރާމް އަދާކުރުމަށް ގިނަ ބަޔަކު ޖަމާވަނުންދާއިރު އޭގެތެރޭގައި މަޝްހޫރު އެތައް ބަޔަކުވެސް ހިމެނެއެވެ.

ރާނީގެ ޖަނާޒާ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. މިއީ ފަހުގެ ތާރީހެއްގައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ ޖަނާޒާއަށްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން