މިއަހަރުގެ ފަހުކޮޅު މަސައްކަތް ނިންމަން ހަމަޖެހިފައިވާ އާ ސްޕޭސް ސްޓޭޝަނުން ހޮނިހިރު ދުވަހު ޗައިނާގެ ދެ އެސްޓްރޮނޯޓަކު ޖައްވުގައި ހިނގާލަައިފިއެވެ.

ކައި ޝުޒޭ އާއި ޗެން ޑޮންގް ނަމަކަށް ކިޔާ މިދެ އެސްޓްރޮނައުޓުން ސްޕޭސްވޯކް ފެށުމުގެ ކުރިން، ޕަމްޕްތަކާއި ކުއްލި ހާލަތެއްގައި ބޭރުން ހެޗް ދޮރު ހުޅުވުމަށް ބޭނުންވާ ދޮރުގެ އަތްގަނޑާއި، ޖައްވީ އުޅަނދުން ދުރަށް ނުދިއުމަށް ރޮބޮޓިކް އަތަކަށް އެމީހުންގެ ފައި ހަރުކޮށްފައިވާ ކަމަށް ޗައިނާގެ މީޑިއާތަކުން ބުނެ އެވެ.

ޗައިނާއިން އަމިއްލަ ސްޕޭސް ސްޓޭޝަނެއް ހަދަން ނިންމާފައިވަނީ، އެގައުމުގެ އަސްކަރިއްޔާއިން އެގައުމުގެ ސްޕޭސް ޕްރޮގްރާމް ހިންގާތީ އެމެރިކާއިން ހިންގާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން ބާކީކުރުމާއެކުއެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން ޗައިނާ ވަކިކޮށްފައިވަނީ ޗައިނާއިން ޖައްވީ ކަންކަމުގައި އޮންނަ ވާދަވެރިކަމާހެދިކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

ޗައިނާގެ އާ ސްޕޭސް ސްޓޭޝަނުން ކުރި އެންމެ ފަހުގެ ސްޕޭސްވޯކަކީ ސްޕޭސް ސްޓޭޝަންގެ މަސައްކަތް ނިންމުމުގެ މަސައްކަތް ބަލަހައްޓަން ހަމަޖެހިފައިވާ ހަ މަސް ދުވަހުގެ މިޝަންގެ ތެރެއިން ކުރިއަށް ގެންދިޔަ ދެވަނަ ސްޕޭސްވޯކެވެ. އަދި މިސްޓޭޝަނުގައި ދިރާސާކުރުމަށް ގާއިމުކުރާ ދެ ލެބޯޓްރީގެ ތެރެއިން ފުރަތަމަ ލެބޯޓްރީ ޖުލައި މަހު ގާއިމުކޮށްފައިވާއިރު، ދެވަނަ ލެބޯޓްރީ މިއަހަރުގެ ފަހުކޮޅު ފޮނުވަން ވަނީ ނިންމާފަ އެވެ.

ޗައިނާ އަކީ ކުރީގެ ސޯވިއެޓް ޔޫނިއަން އާއި އެމެރިކާ އަށް ފަހު ޖައްވަށް މީހަކު ފޮނުވި ތިން ވަނަ ގައުމެވެ. އެގޮތުން ޗައިނާއިން ވަނީ ހަނދާއި މާސްއަށް ރޯވަރުތައް ފޮނުވައި، ދިރާސާކުރަން ބޭނުންވާ ސާމްޕަލްތައްވެސް ދުނިޔެއަށް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން