ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކުގައި ގިނައީ ބިދޭސީން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ރާއްޖޭގައި 33 ރިސޯޓާއި 471 ގެސްޓްހައުސް ހުޅުވިއްޖެކަމަށް ރައީސް ޞާލިޙް ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޞާލިޙް ވިދާޅުވީ އަލަށް ހުޅުވި ތަންތަނުންވެސް އެތަށްހާސް ވަޒީފާއެއް އުފަންވެފައިވާނެކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ.

އެކަމާގުޅިގެން ޝަރީފް ވިދާޅުވީ އަލަށްހުޅުވި ރިސޯޓްތަކާއި، ގެސްޓް ހައުސްތަކުގައި ވަޒީފާ އަދާކުރާ ދިވެހިންގެ އަދަދުވެސް ހާމަކޮށްލުން ރަނގަޅުވާނެ ކަމަށެވެ.

"ގެސްޓްހައުސުން އުފެދުނީ ބަންގްލަދޭޝް މީހުންގެ ވަޒީފާ، ރިސޯޓްތަކުގައި އުފެދުނީ އޭޝިއާ އަދި ޔޫރަޕް މީހުންގެ ވަޒީފާ، އެތަންތަން ހެދީ ބޭރުގެ ކުންފުނިތަކުން." އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން ދޫކުރި ރަށްތަކަށް އިޝާރާތް ކުރަށްވައި ޝަރީފް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑެތި ގޮންޖެހުންތަކެއްވެސް ކުރިމަތިވެފައިވާ ކަމަށެވެ.

"އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލި އިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ. އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް މިއަންނަނީ ކުރަމުން." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގައި ފުރަތަމަ ޓޫރިސްޓު ރިސޯޓެއް ހުޅުވުނީ އެދުވަހުގައި ކަމަށްވާތީއެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން