މީގެ ކުރިން އެޗްޑީސީން ގިނަ ހިދުމަތްތައް ދެމުން އައީ ކަރުދާހުގައި ގިނަ ފޯމްތަކެއް ހުށަހަޅާ ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަކޮށްގެންނެވެ. މިކަމަށް އެތަކެއް ރައްޔިތުންނެއްގެ އަގުހުރި ވަގުތު ހޭދަކުރަންޖެހެއެވެ. ފޯމު ޕްރޮސެސްވުމުގައިވެސް ގިނަ ވަގުތު އަދި އުނދަގޫތަކާއި އާންމުން ކުރިމަތިލާންޖެހެއެވެ. މީގެއިތުރުން މިކަމަކީ އެހާމެ ހަރަދު ބޮޑު، އެތަކެއް ތަކުލީފަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ.

އެހެންނަމަވެސް މިހާރު އެޗްޑީސީން ދެމުންއައި ގިނަ ހިދުމަތްތަކަށް ބޮޑެތި ބަދަލުގެނެސް، ހުރިހާ ހިދުމަތެއް އެއް ތަނަކުން ހޯދޭނެހެން އޮންލައިން ޕޯޓަލް އެއްވަނީ ތައްޔާރު ކުރެވި ބޭނުންކުރަން ފަށާފައެވެ. މިގޮތުން މައިހުޅުމާލެ ޕޯޓަލް ގެ ނަމުގައި ތައާރަފް ކުރެވުނު ޕޯޓަލް ވެގެން ދިޔައީ އެތައް ބަޔަކަށް ގިނަގުނަ ލުއިތަކައެއް ލިބިގެން ދިޔަކަމަކަށެވެ. މީގެ އިތުރުން ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް އެޗްޑީސީން ފޯރުކޮށްދޭ ހިދުމަތްތަކާއި އެހެނިހެން މައުލޫމާތު އެއްތަނަކުން ފަސޭހަގޮތެއްގައި މައިހުޅުމާލެ ޕޯޓަލްއިން ލިބިގެން ދާނެއެވެ.


މި ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މުނިސިޕަލް ހިދުމަތް، އިވެންޓް ސްޕޭސް ފަދަތަންތަން ބުކްކުރުން، އަދި ހިދުމަތްތަކަށް އެދިލެއްވުން ފަދަ ކަންކަން ހިމެނެއެވެ. މިގޮތުން މަގުމަތީގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގު ބަންދުކުރުމުގެ ހުއްދަ ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މީގެއިތުރުން އެޗްޑީސީން އިވެންޓް ސްޕޭސްގެ ގޮތުގައި އާންމުންނަށް ދޫކުރާ އެންމެ މަގުބޫލު އެއްތަން ކަމަށްވާ ފަރުކޮޅުފުށިވެސް އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. ކައިވެނީގެ ހަފްލާތަކާއި ކޯޕަރޭޓް އިވެންޓްސް އަދި އެކި ކަހަލަ ފަންކްޝަންތަކަށް ފަރުކޮޅުފުށީގެ ކޯޓްޔާޑް އަދި ކޮންފަރެންސް ހޯލް އާންމުންނަށް ބޭނުންކޮށްލެވޭނެއެވެ.

އެޗްޑީސީން ބުނީ މި ޕޯޓަލް ތައާރަފްކުރެވުމުގެ ސަބަބުން އެޗްޑީސީން ހިދުމަތްހޯދާ ގިނަބައެއްގެ ވަގުތު ސަލާމަތްވެ، ދެވޭހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމާއި ހިދުމަތްތައް އަވަސްވެ އަދި ކުންފުނީގެ ހަރަދުވެސް ކުޑަވެގެންދާނެކަމަށެވެ. އަދި އެކޯޕަރޭޝަނުން ދަނީ ރައްޔިތުންއެދޭ ކަންކަން ގާތުން ބަލައި، ރައްޔިތުން އެދޭގޮތަށް ހިދުމަތް ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު