އަހުމަދު މަސްނޫމް   5 ފެބްރުއަރީ 2023 - 15:27
ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ ސިޓީއަކީ ތޮއްޖެހި ފުރިފައި އޮތްތަނެކެވެ. މާލެ މީހުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ބޭނުންތަކަށް ހިޖުރަކޮށްގެން އުޅޭ މީހުންނަށް މާލެ ކުޑަވެއްޖެއެވެ. އަދި ބޮޑުވަމުން އަންނަ ބިދޭސީ އާބާދީއާއެކު އެ ތޮއްޖެހުން އިތުރަށް ބޮޑުވެއްޖެއެވެ. ނަމަވެސް ދައްކަން މިއުޅެނީ މާލޭގައި އުޅޭ މީހުންގެ އަދަދު ގިނަވެގެން ދިމާވާ މައްސަލަ ތަކުގެ ވާހަކައެއް ނޫނެވެ. މީހުންނާއި އެއްވަރަށް ބުޅަލުގެ އާބާދީވެސް މާލޭގައި އިތުރުވެފައިވާ ވާހަކައެވެ.

ކުރިންވެސް މާލޭގެ މަގުތަކުގެމަތިން ބުޅާ ފެނެއެވެ. ނަމަވެސް މިހާރު މި ފެންނަ ވަރާއި ގާތަށްވެސް ކުރިއަކުން ނުފެނެއެވެ. މިއަދު މާލެ، ހުޅުމާލެ، އަދި ވިލިމާލެ މަގުމަތިން ހިނގާލާއިރު ބުޅަލެއް ނުފެނިދާނީ މަދުފަހަރަކުއެވެ. އާއްމުކޮށް ވަދެ ނިކުމެވޭ ތަނަކަށް ނުވާތީ އެއަރޕޯޓް ތެރޭގައި ބުޅަލުގެ ވެރިކަން އޮތް ހާލަތެއް ރަނގަޅަށް ނޭނގެއެވެ. ނަމަވެސް މާލެ ސަރަހައްދުގައި ހިމެނޭ 3 ރަށުގައިވެސް ބުޅާ ގިނަވެގެން އެކަމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ވާހަކަ ދައްކާ މީހުން މަދެއް ނޫނެވެ.



ބުޅާ އުޅުމަކީ އެއްވެސް ވަރަކަށް މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކީ އެސޮރުމެން އިންތިހާއަށް ގިނަވުމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކެވެ. މައްސަލައަކީ ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދިއުމެވެ. އަދި އެއް މައްސަލައިން އަނެއް މައްސަލަ އުފެދުމެވެ.

ސީދާ ބުޅަލުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އޭތީގެ ނަޖިހުގެ މައްސަލައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލެ މަގުތައް މަތީގައި ބުޅަލުގެ ނަޖިސް ހުރުމަކީ މައްސަލައެކެވެ. އެކަމުގެ ސަބަބުން އާއްމު ސިއްހަތަށް ބޮޑު ނުރައްކަލެއް އޮތް މައްސަލައެކެވެ. އަދި ވިއްސާރަވެ، ފެންބޮޑުވުމުން އެކަމުގެ ސަބަބުން އޮންނަ ނުރައްކާ އަދި މާބޮޑުވާނެއެވެ.



ބުޅަލުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކަށް އޮތް ހައްލަކީ ބުޅާތައް މަރާ، ނެތިކޮށްލުމެއް ނޫނެވެ. އެއީ އެއްވެސް ވަރަކަށް ތާއީދުކުރާނެ ކަމެެއް ނޫނެވެ. އަދި ހިތްވަރު ދޭނެކަމެއްވެސް ނޫނެވެ. ނަމަވެސް ކަމާއިބެހޭ ފަރާތްތަކުން މިކަމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފިނަމަ ވަރަށް ފަސޭހައިން ހައްލުކޮށްލެވޭނެ މައްސަލައެކެވެ.

އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައިވެސް މަގުމަތީގައި ގިނަވެގެން އުޅޭ ބުޅާތައް ގެންގުޅޭނެ ރަނގަޅު ތަނެއް ހެދިދާނެއެވެ. މާލެ ސަރަހައްދުގައި ނޫނަސް، ހުޅުމާލޭ އާއި މާލެ ކައިރީ އެހެން ރަށްރަށުގައި މިފަދަ ކިތަންމެ ޖާގައެއް އެބައޮތެވެ. ހަމަގައިމުވެސް ކޮންމެ ދުވަހަކު މަގުތަކަށް މުވައްޒަފުން ނެރެގެން ބުޅަލުގެ ނަޖިސް ސާފުކުރުމަށްވުރެ މަގުމަތިން ބުޅާތައް މަދުކުރުން ކަމާއިބެހޭ ފަރާތްތަކަށް ފަސޭހަވާނެއެވެ.



މާލޭ ސަރަހައްދުގައި އުޅޭ ބުޅާތައް ގިނަވެގެން ކުރިން އޮތް ސިޓީ ކައުންސިލްގައިވެސް މަޝްވަރާކޮށް ބުޅާ ގެންގުޅޭނެ ތަނެއް ހެދުމަށް ނިންމިއެވެ. ނަމަވެސް އެކަން ކޮށްފައެއް ނެތެވެ. މިހާރު ހިނގަމުންދާ ސިޓީ ކައުންސިލުންވެސް އެކަން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން ވިލިމާލޭގައި ބުޅާ ގެންގުޅޭ ތަނެއް ހެދުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ނިމިގެންދިޔަ ޖެނުއަރީމަހު އެ މަސައްކަތް ފެށޭނެކަމަށް ސިޓީ ކައުންސިލުން ބުނެފައި އޮތްނަމަވެސް އަދިވެސް އެ މަސައްކަތް ފެށޭ ގޮތެއް ނުވެއެވެ.



ރައްޔިތުންގެ އާއްމު ސިއްހަތާއި ގުޅިފައި ހުންނަ މިފަދަ މައްސަލަތަކަކީ އެެހާ އަދައިގެކަމެއއގެ ގޮތުގައި ނަގައިގެންވާނެ މައްސަލަތަކެއް ނޫނެވެ. މިއީ އަވަހަށް ހައްލު ހޯދައިދޭން ޖެހޭ ޒާތުގެ މައްސަލަތަކެވެ. ނޫނީ މި މައްސަލަތައް ބޮޑުވެގެން އާއްމުންނަށް ކުރިމަތިވާނެ ސިއްހީ މައްސަލަތައް މާބޮޑުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ޖެފްރީ

20-Feb-2023

އިންޑިޔާ ގެ ޓުރިވެންޑުރަމް މަގުތަކުގައި ކުއްތާ ގިނަ ވާތީ ސަރުކާރުން މަގުތަކުގައި އުޅޭ ކުއްތާތަކަށް ނުވިހާ ގޮތަށް ކޮންމެވެސް ކަމެއް ކުރީ, މީހާކު ބުނި ވެކްސިން އެކޭޖެހީ. އިނގޭހާވެސް ކަމަކީ އެކަން ހައްލު ކޮއްފިކަން.


1

ޒައިދު

22-Feb-2023

ހުޅުމާލެ ސެންޓުރަލް ޕާކަށް ކުދިންގެންދަން ބިރުގަނޭ ބިޅަލުގެ ނަޖިސްތައް ވިނަގަނޑު ފުރިފަހުންނާތީ..މަގުމަތި ހަޑިކަމުން މިހާރު ވެއްޖެ ބަންގުލާދޭޟް އަށް



ޓްރެންޑިން