ޝެއިޚް ޢަލީ ޒައިދު
ޝެއިޚް ޢަލީ ޒައިދު
އަމިއްލަ އިޚްތިޔާރުގައި މަސްތުވާ މީހާ، އޭނާގެ ޢަމަލުތަކަށް ފުރިހަމައަށް ޒިންމާވާން ޖެހޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިފަދައިން ޓްވީޓްކޮށްފައި މިވަނީ، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއް ހޫނުވެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ ދިވެހިން އެ ޢަމަލު ހިންގާފައިވަނީ ޕާޓީކޮށް މަސްތުގެ ޙާލަތުގައި ތިބެގެން ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގައި ބުނެފައިވަނިކޮށެވެ.

މި ކަމުގައި އަނިޔާ ލިބިފައިވާ އަންހެން މީހާ އާއި ޙަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، އޭނާއަށް ޖިންސީ ގޯނާކުރި ފިރިހެންމީހާ އެ ޢަމަލު ހިންގާފައިވަނީ، މަސްތުގެ ޙާލުގައި ހުރެގެން ކަމަށެވެ.

އެކަމާއި ގުޅިގެން ޝެއިޚް ޒައިދު ވިދާޅުވެފައިވަނީ، އެއްވެސް މީހަކު އޭނާގެ އަމިއްލަ އިޚްތިޔާރުގައި ރާ ބޮއިފިނަމަ، ދެން އޭނާ ޢަމަލުވެގެން މަސްތުވެގެން ދޭ ކޮންމެ ގެއްލުމެއްގެ ޒިންމާ އޭނާ އުފުލަން ޖެހޭނެ ކަމަށެވެ.

"އަމިއްލަ ބުއްދި ދުއްވާލީ އޭނާ ގަސްދުގަ! އެހެންވީމާ އޭގެ ޢުޤޫބާތް ވެސް އޭނާ ތަޙައްމަލް ކުރަންވާނެ." ޝައިޚް ޒައިދު ވިދާޅުވިއެވެ.



ރާއްޖޭގައި މިހާރު ރޭޕް ޢާއްމު ވެފައިވާއިރު، ޝައިޚް ޒައިދު އިތުރަށް ވިދާޅުވީ، ރޭޕިސްޓުންނަށް "ޙައްޤު" އަދަބް ނުދީ، ޕޯން ސައިޓްތައް (ބަރަހަނާ ސައިޓްތައް) ބްލޮކް ނުކޮށް، ފަސޭހައިން ބަނގުރާ ލިބޭގޮތަށް އޮވެފައި، ޙަރާމް ޕާޓީ ކުރުމާ ދުރަށް ނުދާނަމަ ރޭޕެއް ނުހުއްޓުވޭނެ ކަމަށެވެ. އަދި ފަރުދީ ޒިންމާ ނަގައި މިކަހަލަ ޖަރީމާތަކަށް ކިރިޔާވެސް މަގުފަހިވާ އެންމެހާ ކަންކަމާ ދުރުހެލިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިޚް ޒައިދުގެ އިތުރުން، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢިޔާޡް ވެސް ވަނީ، ބަނގުރަލަކީ ހުރިހާ ނުބައިކަމެއްގެ މަންމަ ކަމަށް ވިދާޅުވެ ޓްވީޓް ކުރަށްވާފައެވެ.



ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގައި އެ އަންހެންމީހާއާއި ޙަވާލާދީ ރިޕޯޓް ކޮށްފައި ވަނިކޮށް، މިއަދު ކުއްލި ގޮތަކަށް "މިހާރު" ނިއުސް އަށް ދިން އިންޓަވިއު އެއްގައި އެ އަންހެން މީހާ ވަނީ އޭނާ ރޭޕްކޮށްފައި ނުވާ ކަމަށާއި، އޭނާގެ ޖިންސީ ގުނަވަންތަކުގައި ތުހުމަތު ކުރެވޭ މީހުން އަތްލީ ކަމަށްބުނެ މުޅި މައްސަލައިގެ މަންޒަރު ބަދަލުކޮށްލާފައެވެ.

ރޭޕްގެ މިޢަމަލު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ހިމެނޭކަމަށް ތުހުމަތު ކުރެވޭއިރު، މި މައްސަލައިގެ މިސްރާބު މުޅިން އެހެން ގޮތަކަށް އެނބުރިގެން ދިއުމުގައި އަޑިނޭނގޭ ނުފޫޒުތަކެއް ފޯރާފައިވާ ކަމަށް ބުނެ މާލޭގައި މިއަދު ވަނީ މުޒާހަރާވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން