ސިޔާސީ ގޮތުން މޮޅެއް ހޯދަން ޖުމުހޫރީ ޕާޓީ ދޫކޮށް ދާންޖެހޭ ޕާޓީއެއް ނޯންނާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަޙްމަދު މިރޭ ވިދާޅުވެެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުވަމުންދާ ގޮތަށް ބަލާއިރު އެއްވެސް ބޭފުޅަކު އެޕާޓީ ދޫކޮށް އެހެން ދިމާލަކަށް ވަޑަައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ސިޔާސީ ގޮތުން ހަަމަ ބުއްދިން ރަނގަޅަށް ވިސްނައިފިނަމަ ސިޔާސީ ކުރިމަގު އުޖާލާކުރުމަށް މޮޅެއް ހޯދުމަށް އެޕާޓީ ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަން ހާމަވާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ގޮތުން ވަރުގަދަ ލީޑަރުންގެ ތާއިދު ވެސް ގާސިމަށް ލިބެމުންދާ ކަމީ ޝޯޝަލް މީޑިޔާ އިން އެންމެން ދަންނަ ހަގީގަތެއް ކަމަށް އަޒްލީން ވިދާޅުވިއެވެ.



"އެހެންވީމަ މި ޕާޓީ ދޫކުރަށްވާފައި ސިޔާސީ ގޮތުން ކުރިއެރުމެއް ލިބިދާނެ ކަމަށް މިވަގުތު އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ފުރުސަތެއްގައި ވަޑައިގަތުމަކީ އެއީ އަޅުގަނޑުމެންގެ އެެއްވެސް ފަރުވާލެއް އޮތްކަމެއް ނޫން، ކޮންމެ ބޭފުޅެއް ވެސް އެބޭފުޅެއްގެ އަމިއްލަ މިނިވަންކަން އޮންނާނެ، ސިޔާސީ ގޮތުން ކުރިއަށް ވަޑަައިގަތުމަށް. އެހެންނަމަވެސް ސިޔާސީ ކަލްކިއުލޭޝަން ހައްދަވައިގެން 2023 ގެ ނަތީޖާއަށް ރަނގަޅަށް ވިސްނައިގެން ބަލައިފިއްޔާ މިހާރު އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ރަނގަޅަށް ވިސްނާ ބޭފުޅަކު ޖުމުހޫރީ ޕާޓީގެ ސިޔާސީ މައިދާން ދޫކުރަށްވައި މިހާރު، މި ޕާޓީ، ދޫކުރަށްވައި ވަޑަައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ކުރީގެ ހޯމް މިނިސްޓަރު ކަން ކުރެއްވި އަޒްލީން ވިދާޅުވިއެވެ.

މީގެ އިތުރުން އަޒްލީން ވަނީ މި ސަރުކާރުގެ ކޯލިޝަންގައި ތިއްބެވި ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން ސާބިތުކަމާއެކު އެޕާޓީގެ ފަހަތުގައި ސާބިތުކަމާއެކު ތިބުމަށް ގޮވާލައްވާފައެެވެ. އަޒްލީން ވިދާޅުވީ އެޕާޓީގެ އިސްބޭފުޅުން އެދިވަޑައިގަންނަވަނީ ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކަމަށެވެ.

އެހެން ނަމަވެސް އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ނިއްމެވުމެއް ކަމަށް އަޒްލީން ވިދާޅުވިއެވެެ. އަދި މުޅި ޖުމުހޫރީ ޕާޓީ އޮތީ ގާސިމްގެ ފަހަތްޕުޅުގައި ކަމަށް އަޒްލީން ވިދާޅުވިއެވެ. ރާއްޖެއަށް ހެއުގޮތް ހޯދައިދީ ހަމަޖެހުން ގެނެސްދީ ރައްޔިތުން ބޭނުންވާ ކަންކަމާއި މައްސަލަތަކަށް ހައްލު ގެނެސްދެވޭނީ ގާސިމަށް ކަމަށް އަޒްލީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން