ޞާދިރު ޢަލީދީދީ   24 މޭ 2023 - 12:30
ކީރިތި ރަސޫލާގެ ސުންނަތް - 2
ކީރިތި ރަސޫލާގެ ސުންނަތް - 2
(ކުރީގެ އަދަދާގުޅޭ)

.

ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހު މައްކާ ފަތަޙަވެ ޢަރަބިކަރައިގެ ވެރިކަމުގެ މަރުކަޒު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ބާރުފުޅުގެ ދަށަށް އަތުވެއްޖެއެވެ. ނަމަވެސް ތާރީޚުން ސާބިތުވާގޮތުގައި ބައިތު ﷲ އާމެދު ޝަރުޢީ ޙުމުކުމްތައް ހިންގަވައިލެއްވުމުގައިވެސް އިތުރު ސާހިބާ އަވަސްއަރައިވަޑައެއް ނުގަންނަވައެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެގާނު ކުރައްވާން ބޭނުންފުޅު ކަންތައްތައް ކުރެއްވީ ލަސްލަހުން މަޑުމަޑުނެވެ.

މައްކާ ފަތަޙަވެ މައްކާގައި އިސްލާމީ ދައުލަތުގެ ބާާރު ހިނގަން ފެށުމާއެކުވެސް ހިޖުރައިން 8 ވަނަ އަހަރު ޙައްޖު ކުރެވުނީ އިހުގައިވެސް ޙައްޖު ކުރެވެމުން ދިޔަ ގޮތަށެވެ. އެއަށްފަހު ހިޖުރައިން 9 ވަނަ އަހަރު އިސްލާމީ ދައުރުގެ ދެވަނަ ޙައްޖުވެސް ކުރެވުނީ މުސްލިމުން މުސްލިމުންގެގޮތަށް މުޝްރިކުން އެބައިމީހުންގެ ގޮތަށެވެ. އެއަށްފަހު ހިޖުރައިން 10 ވަނަ އަހަރު މުސްލިމުންގެ ދައުރުގެ ތިންވަނަ ޙައްޖު ކުރެވުނީ އިތުރު ސާހިބާގެ އަމުރުފުޅާ އެއްގޮތަށް އިސްލާމީ ގޮތަށެވެ. އިސްލާމީ ތާރީޚުގައި އެޙައްޖުގެ ނަން މަޝްހޫރުވެފައިވަނީ ޙައްޖަތުލް ވަދާޢުގެ ނަމުންނެވެ.

މުޝްރިކުން ބައިތު ﷲ އަށް އައިސް އެބައިމަިހުންގެ ޝިރުކުގެ އާދަކާދަޔާ އެއްގޮތަށް ޙައްޖުގެ ރަސްމުތައް އަދާކުރުމަކީ ޠަބީޢީގޮތުންވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނުހަނު ރުހިވޮޑިނުގަންނަވާ ކަމެކެވެ. ނަމަވެސް ވެރިކަމުގެ ބާރު ލިބިވަޑައިގަތުމުންވެސް ޝަރުޢީ ޙުކުމް ހިންގެވުމުގައި އިތުރު ސާހިބާ އަވަސްއަރައިވަޑައެއް ނުގަންނަވައެވެ. އިތުރު ސާހިބާ މައްކާ ފަތަޙަ ކުރެއްވުމަށްފަހުވެސް ދެއަހަރު ވަންދެން ޙައްޖަށް ވަޑައިނުގެން މަޑުކުރެއްވިއެވެ. ޙައްޖު މޫސުމް އައުމުން އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. މުޝްރިކުން ގެފުޅުގެ އަރިހަށް އައިސް އޮރިޔާމުން ތިބެ ޙައްޖުވާނެއެވެ. އެކަންތައް ނުހުއްޓޭހާ ހިނދަކު ތިމަންކަލޭގެފާނު ޙައްޖުކުރައްވާ ހިތްޕުޅެއް ނުވެއެވެ.

އާދެ، މައްކާ ފަތަޙަ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ އަހަރުވެސް މުސްލިމުން ޙައްޖުވިއެވެ. ނަމަވެސް ކުރިންވެސް ދެންނެވިފަދައިން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެއަހަރު ޙައްޖަކަށް ވަޑައެއް ނުގަންނަވައެވެ. ދެވަނައަށްވީ އަހަރު ހިޖުރައިން 9 ވަނަ އަހަރު ابو بكر رضي الله عنه ގެ ވެރިކަމުގެ ދަށުގައި މުސްލިމް ޙައްޖުވެރީންގެ ޤާފިލާއެއް މަދީނާއިން މައްކާއަށް ފޮނުއްވިއެވެ. ابو بكر ގެފާނު މަދީނާއިން ފުރައިވަޑައިގެންނެވިފަހުން ކީރިތި ޤުރުއާނުގެ ސޫރަތުއްތައުބާގެ 28 ވަނަ އާޔަތް ބާވައިލެެއްވުނެވެ. މުޝްރިކުންނަކީ ނަޖިސްބައެއް ކަމުގައްޔާއި ޙުރްމަތްތެރި ވެގެންވާ މިސްކިތާ މިއަހަރަށްފަހު އެބައިމީހުން ކައިރިވިޔަ ނުދިނުމަށް އެއާޔަތުގައި މާތް ﷲ ގެ އަމުރުފުޅު އައިސްފައިވެއެވެ.

އެހެންކަމުން އިތުރު ސާހިބާ، މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެ އަމުރުފުޅު އިޢުލާން ކުރެއްވުމަށްޓަކައި علي بن ابي طالب رضي الله عنه މައްކާއަށް ފޮނުއްވެވިއެވެ. އިތުރު ސާހިބާ ޢަލީގެފާނަށް އެންގެވިއެވެ. ޙައްޖުގެ އެކިއެކި އެއްވުންތަކުގެ ތެރޭގައި މީސްތަކުންގެ ގާތަށް ހިންގަވައި އިޢުލާން ކުރައްވާށެވެ. މިއަހަރަށް ފަހު އެއްވެސް މުޝްރިކަކަށް ޙައްޖަކަށް ނާދެވޭނެއެވެ. މީގެފަހުން އެއްވެސް މީހަކު އޮރިޔާމުންހުރެ ގެފުޅުގައި ޠަވާފުކޮށްގެން ނުވާނެއެވެ. އާދެ، މިގޮތުން މަޑުމަޑުން ޝިރުކުގެ ގޮތްތައް ކަނޑުވައިލެއްވުމަށްފަހު އިސްލާމީ ދައުރުގެ ތިންވަނަ އަހަރު އިތުރު ސާހިބާ މައްކާއަށް ވަޑައިގެން ޙައްޖުވެ ވަޑައިގެންނެވިއެވެ. އެއީ އިތުރު ސާހިބާ އެންމެ ފަހުން ކުރެެއްވި ޙައްޖެވެ.

އިސްވެދިޔަ ޙާދިޘާއިން އެނގެނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކިއެކި ޙުކުމްތައް ތަންފީޒު ކުރެއްވުމުގައިވެސް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިޔަށް ވަޑައިގަތުމުގެ ޙިކުމަތްތެރި އުސޫލަށް ބެހެއްޓެވި ސަމާލުކަމެވެ. ވެރުކަމާއި ބާރު ލިބިވަޑައިގަތުމަށްފަހުވެސް ތަދުރީޖުގެ އުސޫލު ދޫކޮށް ނުލައްވާކަމެވެ. އާދެ، މާތް ﷲ ގެ ނަބިއްޔާ އަމިއްލަފުޅަށް މަޑުކޮށްލެއްވިއެވެ. ނަމަވެސް ވަގުތު އައުމުގެ ކުރިން މުޝްރިކުން ހުއްޓުވާކަށެއް ފިޔަވަޅެއް ނޭޅުއްވިއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަކީ ހަމައެކަނި ޢާއްމުން "ސުންނަތު" ގެ ގޮތުގައި ފާހަގަކުރާ ކަންތައްތަކެއް ނޫނެވެ. އޭގެ އިތުރަށްވެސް ރަސޫލު ﷲ ގެފާނުގެ ސުންނަތްތައް އެބަހުއްޓެވެ. އޭގެތެރެއިން އެއްކަމަކީ ކުރީންވެސް ދެންނެވިފަދައިން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް ވަޑައިގަތުން ނުވަތަ ޙަޤީޤަތަށް ރިޢާޔަތް ކުރެއްވުމެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަބީބޭކަލެއްގެ ޙައިޘިއްޔަތުން މައްކާގައި 13 އަހަރު ހޭދަކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު ކަޢުބާގެ ޙުރުމަތްތެރިކަން ކެނޑޭތީ އެކަމާދެކޮޅަށް އަޑުއުފުއްލެވުމުގެ އެއްވުންތަކެއް އެކެއް ނުކުރައްވައެވެ. އަދި ކީއްތޯއެވެ؟ ފަތަޙާއާއި ނަޞްރު ލިބިވަޑައިގަތުމަށްފަހުވެސް، މުޝްރިކުންގެ ވިޔާނުދާ އާދަކާދަތައް ހުއްޓުވުމުގައި އަވަސްއަރައިވަޑައެއް ނުގަންނަވައެވެ. ބާރު ލިބިވަޑައިގެން ހުންނެވުމާއެކުވެސް އެކަލޭގެފާނު 2 އަހަރު ދުވަހު އިންތިޒާރު ކުރެއްވިއެވެ. އެއަށްފަހު ޙައްޖުގެ ކަންތައްތަކަށް އެކަލޭގެފާނު ގެންނަވަން ބޭނުންފުޅުވެވަޑައިގަންނަވާ ހުރިހާ އިސްލާޙުތަކެއް 3 ވަނަ އަހަރު ތަންފީޒު ކުރެއްވިއެވެ.

ތަދްރީޖީގޮތަށް ޢަމަލުކުރުމަކީ އެނޫން ގޮތަކަށް ޢަމަލުކޮށްގެން ހޯދައި ނުގަނެވޭނެ ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކީ ބޭނުންވާ ނަތީޖާއާ ހަމަޔަށް ދެވޭނެކަމުގެ ޔަޤީންކަން ލިބުމެވެ. ތަދްރީޖީގޮތުން ކުރިޔަށް ދިޔުމަކީ އެހެން ޢިބާރާތަކުން ދަންނަވާނަމަ އަޅާކޮންމެ ފިޔަވަޅަކަށް ފުރިހަމަޔަށް ސަމާލުވެ އެފިޔަވަޅެއް ހަރުދަނާ ކުރުމަށްފަހު އިތުރު ފިޔަވަޅަކަށް ކުރިޔަށް ދިޔުމެވެ. އެގޮތަށް ކުރިޔަށްދާމީހާ ވަގުތީ ފޯރިއެއްގައި މައިދާނަކަށް ފުންމައެއް ނުލާނެއެވެ. އަދި ކީއްތޯއެވެ؟ އޭނާގެ މަޤްޞަދާ ދިމާޔަށް ކުރިޔަށްދާނީ ބޭރުފުށުގެ ސަބަބުތަކަށް ރިޢާޔަތް ކުރަމުން، މޫސުމް ތަންދޭގޮތެއް ބަލަމުންނެވެ. ތިމާގެ ދަތުރުތަކުގައި މިދެންނެވި ޙިކްމަތްތެރި އުސޫލަށް ޢަމަލުކުރާ މީހަކީ އެމީހެއްގެ މަންޒިލަށް ވާޞިލުވެވޭނެކަން ޔަޤީންވާ މީހާއެވެ.

މިކަމުގެ ދެވަނަ ފައިދާއަކީ ބޭނުމެއްނެތް ގޮތުގައި ލިބޭ ގެއްލުންތަކުން ސަލާމަތް ވެވުމެވެ. ކުއްލިޔަކަށް ފުންމައިގެންގޮސް ތިމާގެ މަންޒިލަށްދާން ބޭނުންވާ މީހާއަށް ތިމާ އެބާރުތަކަކާ ހަރުދަނާކަމާއެކު ކުރިމަތިލާން ތައްޔާރުވެފައި ނެތް އެތަކެއް ބާރުތަކަކާ ބޭނުމެއްނެތް ހަނގުރާމަތަކެއް ކުރާން ޖެހެއެވެ. އޭގެ ނަތީޖާއަކަށްވަނީ އެތައް ދުވަހަކުންވެސް ފޫނުބެއްދޭފަދަ ޖާނީ އަދި މާލީ ގެއްލުންތަކެއް ލިބުމެވެ.



ނިމުނީ

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން