ގަދަ އަވީގައި އުޅެންޖެހުމުގެ ސަބަބުން އަވީގެ ހޫނުން މޫނާއި ހަށިގަނޑުގެ ހެދުމުން ނުފޮރުވޭބައި އަނދައި ކަޅުވެއެވެ. މިހެންވުމުން ބުރުގާއިން ފޮރުވިފައި ހުންނަ ބަޔާއި ފެންނަން ހުންނަ ބައިގައި ހުންނަނީ ދެކުލައެވެ. މިކަން ހައްލުކުރުމަށް ގޭގައި ޑީ-ޓޭން މާސްކު ތައްޔާރުކޮށްގެން ބޭނުން ކުރެވިދާނެއެވެ.

ބާޒާރުގައި ވިއްކަން ހުންނަ ޑީ-ޓޭން މާސްކުތައް އަގުބޮޑުވެފައި ނުގުޅޭ ކެމިކަލްއެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިލިޔުމުގައި ހިމަނާލާފައިވާނީ ގޭގައި ޑީ-ޓޭން މާސްކު ތައްޔާރުކޮށްލާނެ ގޮތެވެ.

1. ލުނބޯއާއި މާމުއި



ލުނބޯ ފަޅިއެއްގެ ހުތާއި އެއްވަރަށް މާމުއި ނުވަތަ ދެބައިން އެއްވަރުވާނެހެން ދެބާވަތް އެއްކޮށްލާށެވެ. އަދި 15 ނުވަތަ 20 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ރީއްޗަށް ފެނުން ދޮވެލާށެވެ. މީގެ ސަބަބުން ހަންގަނޑުގެ އަސްލު ކުލަ އަނބުރާ ގެނެސްދިނުމުގެ އިތުރުން ހަންގަނޑު މޮއިސްޗުރައިޒްކޮށް ދޭނެއެވެ.

2. ޔޯގަޓްއާއި ޓޮމާޓޯ މާސްކު



ޓޮމާޓޯއަކީ ހަންގަނޑު އަލިކުރުމަށް ބޭނުންވާ ލައިކޮޕީން މާއްދާ ހިމެނޭ އެއްޗެކެވެ. ޔޯގަޓަކީ ހަންގަނޑުގެ ތެތްކަން އަނބުރާ ގެނުވައިދީ ހައިޓްރޭޓްކޮށްދޭ އެއްޗެކެވެ. ޓޮމާޓޯ ރަނގަޅަށް ޗަސްކޮށްފައި ނުވަތަ ދެބައި މިކްސަރަށް އަޅައި ގިރުމަށްފަހު މޫނުގައި އަދި އަނދާފައިވާ ހަށިގަނޑުގެ އެހެން ހިސާބުތަކުގައި އުނގުޅައި 20-30 މިނެޓްވަރު ބަހައްޓާށެވެ. އެއަށްފަހު ރަނގަޅަށް ދޮވެލާށެވެ.

3. ސަނާމުގު ފުށާއި ރީނދޫ



ސަނާމުގު މުގުރާފައި ރީނދުލާއި ކުޑަ ފެންފޮދެއް ނުވަތަ ރޯޒް ވޯޓާ އެއްކޮށްލުމަށްފަހު މޫނާއި ކަޅުވެފައިވާ ތަންތަނުގައި ހާކާށެވެ. އަދި ހިކުމުން ނުވަތަ 15 މިނެޓުވަރު ބެހެއްޓުމަށްފަހު ދޮވެލާށެވެ. ރީނދުލަކީ ހަންގަނޑު އަލިކޮށްދީ ފިނިކޮށްދޭ އެއްޗެކެވެ. ސަނާމުގުން ހަންގަނޑުގައި ހުންނަ ޖަރާސީމާއި ހަޑިތައް ސާފުކޮށްދީ ހަންގަނޑު ތާޒާކޮށްދެއެވެ.

4. ކިއުކަމްބާ އާއި ފަޅޯ



ފަޅޮލަކީ ހަންގަނޑު އެކްސްފޮލިއޭޓް ނުވަތަ ހަންގަނޑުގައި ހުންނަ ޖަރާސިމާއި ހަޑިތައް ސާފުކުރުމަށް ބޭނުންވާ ގިނަ އެންޒައިމްސް އެކުލެވޭ އެއްޗެކެވެ. އަދި ކިއުކަމްބާއަކީ ހަންގަނޑު އޮމާންކޮށްދީ ހަންގަނޑު ތާޒާކޮށްދޭ އެއްޗެކެވެ. މިދެބާވަތް އެއްވަރަކަށް މިކްސަރަށް އަޅައި އެއްކޮށްލުމަށްފަހު ތައްޔާރުވާ ޕޭސްޓު މޫނާއި ކަޅުވެފައިވާ ތަންތަނުގައި ހާކާށެވެ. އަދި 20 މިނެޓުވަންދެން ބެހެއްޓުމަށްފަހު ރަނގަޅަށް ދޮވެލާށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން