(ކުރީގެ އަދަދާގުޅޭ)

.

4. ފަތަޙައާއި ކާމިޔާބު ލިބުމަށްފަހު ދެން ކުރިމަތިވަނީ އިޖްތިމާޢީ ކަންތައްތައް އިޞްލާޙްކުރުމުގެ މަރްޙަލާއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަމުގައިވެސް އަވަސްއަރައިވަޑައިގަތުމުގެ މަގު ޚިޔާރެއް ނުކުރައްވައެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނުގެ އިޞްލާޙީ މަސައްކަތްޕުޅު ހިންގަވައިލެއްވީ ކެތްތެރިވެވަޑައިގަތުމާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް ވަޑައިގެންނެވެ.

މައްކާގެ ޤުރައިޝުންނަކީ إبراهيم عليه السلام ގެ ދީނުގެ ވާރިޘުންނެވެ. ނަމަވެސް އެބައިމީހުން إبراهيمގެފާނުގެ އޮޅުވައިލީއެވެ. ވަރަށް ގިނަ ބިދުޢަތަކެއް އެދީނުގެ ތެރޭގައި ހިމަނައިލިއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ إبراهيمގެފާނު ޙައްޖުކުރެއްވީ ހަނދުމަހުގެ އަހަރުގެ ބިންގަލުގެ މައްޗަށް ބިނާކުރައްވައި ޙައްޖުމަހެއްގައެވެ. ހަނދުމަހުގެ އަހަރެއްގައި އިރުމަހުގެ އަހަރަކަށްވުރެ އެގާރަދުވަސް މަދެވެ. އެހެންކަމުން ހަނދުމަހާ އެއްގޮތަކަށް މޫސުން ދިމާވަނުންނެއް ނާދެއެވެ. ނަތީޖާއެއްގެގޮތުން އެއްއަހަރުގެ ޙައްޖުމޫސުމާ އަނެއް އަހަރުގެ ޙައްޖުމޫސުމާ ތަފާތުވެއެވެ. މިއީ ޤުރައިޝުންގެ ވިޔަފާރީގެ މަޞްލަޙަތަށް ބުރޫއަރާކަމެކެވެ. އެހެންކަމުން އަބަދުވެސް ހޫނު މޫސުމާ ޙައްޖާ ދިމާކުރުމަށްޓަކައި ޤުރައިޝުން ނަސީއު (ކަބީސާ) ގެ ދުވަސްތައް އީޖާދު ކުރިއެވެ. އެގޮތުން އެބައިމީހުން ކޮންމެ އަހަރަކުވެސް ހަނދުމަހުގެ މައްސަރުތަކަށް އެގާރަ ދުވަސް އިތުރުކުރެއެވެ. މިގޮތުން ދުވަސް އިތުރުކުރުމުން ހަނދުމަހުގެ މައްސަރުތަކުގެ ނަން ބޭނުން ކުރިކަމުގައިވިޔަސް ޢަމަލީގޮތުން އަހަރުގެ މައްސަރުތައް ހިނގަމުންދަނީ އިރުމަހުގެ އަހަރާ އެކުގައެވެ. ނަތީޖާއެއްގެ ގޮތުން ތެއްތިރީސް އަހަރާ ހަމަޔަށް ތާރީޚް ބަދަލުވެގެން ހިނގައިދެއެވެ. މައްސަރުތަކަށް އެއްފަހަރު ބަދަލުގެނެސްފިނަމަ إبراهيمي ސުންނަތާ އެއްގޮތަށް އަޞްލު ޙައްޖުމަހު އަލުން ޙައްޖު ކުރެވެނީ ތެއްތިރީސް އަހަރު ފަހުންނެވެ.

ޤުރައިޝުންގެ ބިދުޢަތައް ނައްތަވައިލައްވައި إبراهيمي ސުންނަތާ އެއްގޮތަށް އަލުން ޙައްޖުގެ ކަންތައް ހިންގަވައިލެއްވުމަކީވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މަސްއޫލިއްޔަތެކެވެ. ހިޖްރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ މައްކާފަތަޙަ ކުރެއްވުމާ ވިދިގެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށްވަނީ ޢަރަބިކަރައިގެ ވެރިކަން ލިބިވަޑައިގެންފައެވެ. ނަސީއުގެ ބިދުޢަ ވަގުތުން އުވައިލައްވައި އެކަލޭގެފާނަށް އެކަން އިޢުލާންވެސް ކުރެވިއްޖެއީހެވެ. ނަމަވެސް އެކަލޭގެފާނު ކެތްތެރިވެވަޑައިގެންނެވިއެވެ. އޭރު ނަސީއުގެ ތެއްތިރީސް އަހަރުގެ ދައުރު ފުރިހަމަވާން އޮތީ އެންމެ ދެއަހަރު ދުވަހެވެ. އިތުރުސާހިބާ އެދެއަހަރު އިންތިޒާރު ކުރެއްވިއެވެ. މައްކާގެ ފާތިޙު ކަމުގައި ހިމެނިވަޑައިގަތުމާއެކުވެސް އެކަލޭގެފާނު އެދެއަހަރަކު ޙައްޖަކަށް ވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވަޑައިގަތީ ތިންވަނައަށްވީ އަހަރުއެވެ. އެއީ ހިޖްރައިން 10 ވަނަ އަހަރެވެ. އެއީ ތެއްތިރީސް އަހަރުގެ ބުރެއް ފުރިހަމަވެ إبراهيمي ތާރީޚާ އެއްގޮތަށް ބަރާބަރަށް ޙައްޖުމަހު ކުރެވޭ ޙައްޖެވެ.

އިތުރު ސާހިބާގެ މިދެންނެވި ޙައްޖު އިސްލާމީ ތާރީޚުގައި މަޝްހޫރު ވެފައިވަނީ ޙައްޖަތުލްވަދާޢުގެ ނަމުންނެވެ. ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އެއަހަރަށްފަހު ޙައްޖު ކުރެވެމުންދާނީ އެއަހަރު ޙައްޖުކުރެވުނު ގޮތަށްކަމާއި، ނަސީއުގެ އުޞޫލު އަބަދަށްޓަކައި އުވާލެއްވިކަން އެންގެވިއެވެ. އިތުރު ސާހިބާ އިޢުލާން ކުރެއްވިއެވެ.

އޭމީސްތަކުންނޭވެ! ހަމަކަށަވަރުން ޒަމާން ދައުރުވެއްޖެއެވެ. މިއަދު މިއޮތީ މާތް ﷲ އުޑުތަކާއި ބިން ހެއްދެވިއިރު އޮތްގޮތަށް ދިމާވެ ސީދާވެފައެވެ. ހަމަކަށަވަރުން މާތް ﷲ ގެ ޙަޟުރަތުގައި މައްސަރުތަކުގެ ޢަދަދަކީ ބާރައެވެ.

މިދެންނެވި ލަސްކުރެއްވުމުގައި ވަރަށް ބޮޑު މަޞްލަޙަތެއް އެކުލެވިފައިވެއެވެ. ދީނުގެ ކަމެއްގައި ވަކިގޮތެއް އާދަވެ ގިނަ ދުވަސްތަކަކަށް އެގޮތަކަށް ދެމިއޮވެއްޖެނަމަ އެގޮތަކީވެސް މުޤައްދަސް ގޮތަކަށްވެދެއެވެ. އެގޮތަކާ ޚިލާފުގޮތަކަށް ވިސްނުމަކީ ޢާއްމުންނަށް އުނދަގޫ ކަމަކަށް ވެދެއެވެ. އެހެންކަމުން އިތުރު ސާހިބާ ބޭނުންފުޅު ގޮތަށް ޒަމާނުގެ ބުރު ފުރިހަމަވާން އެންމެ ދެއަހަރަށް ވެފައިވަނިކޮށް ވަގުތުގެ ކުރިން ފައިދާއެއްނެތް މައްސަލަތަކެއް އުފައްދަވާކަށް އިތުރު ސާހިބާ ބޭނުންފުޅެއް ނުވިއެވެ. ނަމަވެސް ޙައްޖުގެ ޙަޤީޤީ ދުވަސްވަރު ޙައްޖު ކުރެވޭނެގޮތް ފިޠުރީގޮތަށް އައިސް ދިމާވުމުން އެކަލޭގެފާނު އެކަން އިޢުލާން ކުރެއްވިއެވެ. ޙައްޖުގެ ޙަޤީޤީ ތާރީޚަކީ މިއީއެވެ. ދެން މީގެފަހުން ޙައްޖު ކުރެވެމުންދާނީ މިތާރީޚްގައެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ މުޅި މަސައްކަތްޕުޅުގައި މާތް ﷲ ރާއްވަވައިފައިވާ ފިޠުރީ ޙިކްމަތްތެރި އުސޫލަށް ރިޢާޔަތް ކުރެއްވި މިންވަރު މިޙާދީޘާތަކުން ވިސްނިވަޑައިގަންނަވާނެއެވެ. އެކަލޭގެފާނު އިލާހީ "ފުރޮޅާ" އެކަލޭގެފާނުގެ "ފުރޮޅު" ގުޅުއްވައިލެއްވިއެވެ. އިލާހީ މަޝްރޫޢާ އެއްގޮތަށް އެކަލޭގެފާނުގެ ހުރިހާ މަސައްކަތްޕުޅެއް ގެންދެވިއެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅުގެ ކުލަގަދަ ނަތީޖާތަކެއް ފެނިގެންދިޔައީ އެސަބަބާހުރެއެވެ.********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން