ކިޑްނީއަކީ ހަށިގަނޑުން ވިހަ މާއްދާތައް ވަކިކޮށްދީ ހަށިގަނޑު ބަލިތަކުން ދިފާޢުކުރުމަށް މުހިންމު ރޯލެއް އަދާކުރާ ގުނަވަނެކެވެ. ބީންސް އޮށެއްގެ ސިފަޔަށް ހުންނަ 2 ކިޑްނީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވެއެވެ. އެހެން ކެންސަރުތަކެކޭ އެއްފަދައިން އެންމެ ފުރަތަމަ ސްޓޭޖްގައި ކިޑްނީ ކެންސަރު ދެނެގަތުމަކީވެސް ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް، ކިޑްނީގައި ޓިއުމަރެއް އުފެދި އެޓިއުމަރަށް ގިނަދުވަސްވާވަރަކަށް ހަށިގަނޑަށް ބަދަލުތަކެއް އަންނަމުން ދާނެއެވެ.

ނެފްރޮލޮޖިސްޓް އެންޑް ޓްރާންސްޕްލާންޓް ސްޕެޝަލިސްޓްއެއް ކަމުގައިވާ އިންޑިއާގެ ވަށި ހޮސްޕިޓަލުގެ ޑޮކްޓަރ އަތުލް އިންގޭލް ފާހަގަކުރައްވާ ކިޑްނީ ކެންސަރުގެ ބައެއް އަލާމާތްތައް ތިރީގައި ހިމަނާލާނަމެވެ.

1. ކުޑަކަމުދާ ތަކެތީން ލޭފެނުން؛

ކުޑަކަމުދާ ތަކެއްޗާއިއެއްކޮށް ލޭ އަންނަނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެއްކަމުގައި ޑޮކްޓަރ އަތޫލް ފާހަގަ ކުރައްވައެވެ. ހިމަޓޫރިއާ ނުވަތަ ކުޑަކަމުދާ ތަކެތީގައި ލޭ އެކުލެވޭނަމަ ކުޑަކަމުދާތަކެތީގެ ކުލަ މަޑު ފިޔާތޮށި، ރަތް އަދި މުށި ކުލައިގައި ކުޑަކަމުދާތަކެތި ހުރެއެވެ. މިއިން ކަމެއް ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ. މިއީ ކިޑްނީ މައްސަލަ ފިޔަވާ ކުޑަކަމުދާ ހޮޅީގެ މައްސައެއް ނުވަތަ ކުޑަކަމުދާ ނިޒޒާމުގެ އެހެން މައްސަލައެއް ކަމުގައިވެސް ވެދާނެއެވެ.

2. ކިޑްނީ ހުންނަ ސަރަހައްދުގައި ނުވަތަ އުނަގަނޑާއި ދިމާލަށް ގަނޑުލާފައި ހުރުން؛

ބަނޑުގައި ނުވަތަ ބުރަކަށީގެ ތިރީގައި އާދަޔާ ޚިލާފަށް ހަރު ގަނޑެއް ފަދަ އެއްޗެއް ހުރިނަމަ ސަމާލުވާންވާނެއެވެ. މިއީ ކިޑްނީ ކެންސަރުގެ އަލާމާތެއް ކަމުގައި ވެދާނެއެވެ. އާދަޔާ ޚިލާފަށް މަސްއަރާފައި ހަރުވެ ދުޅަވެފައި ހުރުމަކީ ކިޑްނީއަށް ގެއްލުމެއް ލިބި ކިޑްނީގައި ޓިއުމަރެއްފަދަ އެއްޗެއް ހުރި ކަމުގެ އަލާމާތެކެވެ.

3. ފަސޭހަނުވާ ހުމެއް ގިނަ ދުވަހަށް ދެމިގެން ދިއުން؛

ބައެއް ހާލަތްތަކުގައި ކިޑްނީ ކެންސަރ ޖެހުމުން ގޮތްނޭނގޭ ހުމެއް އަތުވެދާނެއެވެ. އަދި މިހުން ވަރަށް ގިނަ ދުވަހަށް ދިގުދެމިގެން ދެއެވެ. އެހެންނަމަވެސް މިއީ ކިޑްނީ ކެންސަރުގެ އާއްމު އަލާމާތެއް ނޫނެވެ. މިއީ ކިޑްނީއަށް ގެއްލުންވަމުންދާތީ ހަށިގަނޑަށް ޓޮކްސިންސް ރަނގަޅަށް ފުރޭނެމުން ނުދާތީ ވާކަމެއް ކަމުގައިވެދާނެއެވެ. މިއީ ކެންސަރުގެ އާއްމު އަލާމާތެއް ކަމުގައިނުވިނަމަވެސް އެހެން ހުރިހާ ކަމަކާއިއެކު ހުން އަންނަ ނަމަ މިއީވެސް ސަމާލުވާންޖެހޭ އަލާމާތެކެވެ.

4. ކުއްލިޔަކަށް މީހާގެ ބަރުދަން ލުއިވުން؛

ކިޑްނީ ކެންސަރު ޖެހުމުން ކުއްލިޔަކަށް ބަރުދަން ލުއިވެއެވެ. މިއީ ހަށިގަނޑުގެ އެތެރޭގައި ކެންސަރާއި ގުޅިގެން މެޓަބޮލިކް ބަދަލެއް އަތުވުމުން ވާކަމެކެވެ. އެހެންކަމުން އެއްވެސް ސަބަބަކާއި ނުލައި ކުއްލިޔަކަށް މީހާގެ ބަރުދަން ލުއިވާނަމަ ޑޮކްޓަރަށް ދައްކަންވާނެއެވެ.

5. ވަރުބަލިވުމާއި އާއްމު ޞިއްޙަތު ބަލިކަށިވުން؛

އަބަދުހެން ވަރުބަލިވެފައި ހުރުމަކީ ކިޑްނީ ކެންސަރު ޖެހުމުން ދިމާވެދާނެ ކަމެކެވެ. ކާހިތް ކެނޑުމާއި އެހެނިހެން ކަންކަން ކުރުމުގެ ހިއްވަރުނެތުމަކީވެސް މިކަމުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ.

6. ކަށިމައްޗާއި ފައި ދުޅަވުން؛

ކިޑްނީ ކެންސަރުގެ ސަބަބުން މީހާގެ ފަޔާއި ފައިގެ ކަށިމަތި ދުޅަވެއެވެ. މިއީ ވަރަށް ގިނަ މީހުން ފަރުވާ ކުޑަކުރާ އެހެންނަމަވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ އަލާމާތެކެވެ. މިއީ ހަށިގަނޑުގައި އެހެން މައްސަލައެއް ދިމާވެގެންވެސް މެދުވެރިވެދާނެ ކަމެކެވެ. އެހެންކަމުން، މިހެން ދިމާވާނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ކިޑްނީ ބަލި ޖެހުމަށް މެދުވެރިކުރުވާ ވަކިވަކި ސަބަބުތައް ދެނެގަނެވިފައި ނުވިނަމަވެސް މީގެ ރިސްކު ބޮޑަށް ކުރިމަތިވަނީ ޑައިބެޓިކް މީހުންނާއި ބްލަޑް ޕްރެޝަރ މަތި މީހުންނަށެވެ. މީގެ އިތުރުން ސޮޑާއާއި އެކިކަހަލަ ދަޅާއި ފުޅި އަދި މާގިނައިން ކޮފީ ބުއިމަކީވެސް މީގެ ރިސްކު ބޮޑުވެދާނެ ކަންކަމެވެ. އަދި މީގެ އިތުރުން ސިނގިރޭޓު ބުއިމާއި އާއިލާގައި ކިޑްނީބަލި ހުންނަ މީހުން ތިބުމާއި މާބޮޑަށް ފަލަވުމަކީވެސް ކިޑްނީގެ ކެންސަރު ބައްޔަށް މީހާ ހުށަހެޅުމަށް ފުރުސަތު ބޮޑުވެގެންދާ ސަބަބުތަކެކެވެ.

އެހެންކަމާއެކު މަތީގައި ފާހަގަކުރެވުނު އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދައްކައި މެޑިކަލް ޗެކަޕް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަލީގެ ކުރީކޮޅުގައި ކެންސަރު ދެނެގަނެވިއްޖެނަމަ ބަލި ފަސޭހަވުމަކީ ފުރުޞަތު ބޮޑު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން