މަރިޔަމް ލަމްޙާ ރަޝީދު   14 އޯގަސްޓު 2023 - 12:52
ލޯމަތީގައި ކިއުކަމްބާ ފޮތްޗެއް ބާއްވައިގެން މޫނުގައި ކޮންމެވެސް މާސްކެއް އުނގުޅައިގެން މީހުންތިބޭތަން ޓީވީތަކުން ވަރަށް އާއްމުކޮށް ފެނެއެވެ. މިހެން ކިއުކަމްބާ ފޮތްޗެއް ލޯމަތީގައި ބޭއްވުމަކީ އަސްލުވެސް ވަރަށް ފައިދާހުރި ކަމެކެވެ. މިގޮތަށް ހެދުމުން ލޮލަށް އަރާމުލިއްބައިދީ ލޯވަށައިގެންވާ ސަރަހައްދުގައި ހުންނަ ދުޅަތައް ތިރިކޮށްދީ ލޯކައިރި ރީތިކޮށްދެއެވެ.

ލޯކައިރި ރީތި ކުރުމަށް ކިއުކަމްބާގެ ސްލައިސްއެއް ނުވަތަ ތުނި ފޮއްޗެއް ލޯމަތީގައި ބާއްވާށެވެ. އޭރުން ކިއުކަމްބާގައި ހިމެނޭ 'ކޫލިން' ނުވަތަ ފިނިކޮށްދޭ މާއްދާތަކުން ލޮލަށް އަރާމުލިއްބައިދޭނެއެވެ. ކިއުކަމްބާ ފޮތީގެ ބަދަލުގައި ކިއުކަމްބާ މިކްސަރުން ފުނޑާލުމަށްފަހު އޭގެ ދިޔަތައް ނަގައި ލޯކައިރީގައި އުނގުޅިދާނެއެވެ. އަދި ކެއުމުގައިވެސް ކިއުކަމްބާ ހިމަނާލުމުން ގނަގުނަ ފައިދާތަކެއް ލިއްބައިދީ ހަންގަނޑުގެ ރީތިކަން ދަމަހައްޓައިދިނުމަށް އެހީތެރިވެދޭނެއެވެ. ދުވާލަކު އެއްއިރު ކެއުމުގެ ތެރޭގައި 3-2 ކިއުކަމްބާ ސްލައިސް ބޭނުންކޮށްލާށެވެ. މިފަހަރު މިހިމަނާލަނީ ކިއުކަމްބާއިން ލޮލަށް ފައިދާ ލިއްބައިދޭ ބައެއް ގޮތްތަކެވެ.

1. ވިޓަމިން ސީ ލިއްބައިދިނުން

ކިއުކަމްބާއަކީ ޤުދުރަތީގޮތުން ވިޓަމިންސީ ގިނައިން ހިމެނޭ ބާވަތެކެވެ. އެހެންކަމުން ލޮލާއި ލޯކައިރީގައި ހުންނަ ނާޒުކު ހަމަށް ބޭނުންވާ ތާޒާކަން ގެނުވައިދިނުމަށް ކިއުކަމްބާއަކީ ވަރަށް ފައިދާހުރި ބާވަތެކެވެ. ކިއުކަމްބާގައި ހިމެނޭ ވިޓަމިންސީގެ ސަބަބުން ލޯކައިރީގައި ޖަމާވާ ޖައްވީ ވިހަތަކާއި ލޮލަށް ނުފެންނަ ބެކްޓީރިއާތައް ސާފުކޮށްދީ ލޯކައިރީގައި ހުންނަ ދުޅަކަން ތިރިކޮށްދީ ރޯތާޒާކޮށްދެއެވެ. ކިއުކަމްބާ ފޮއްޗަކުން ނުވަތަ ކިއުކަމްބާ ދިޔަ ލޯކައިރީގައި އުނގުޅުމުން މިފައިދާތައް ބޮޑަށް ލިއްބައިދޭނެއެވެ.

2. ކިއުކަމްބާއަކީ ހައިޑްރޭޓްކޮށްދޭ ބާވަތެއް

ކިއުކަމްބާގައި އެހެން ތަރުކާރީއަށްވުރެ ފެން ހިމެނޭ މިންވަރު ގިނައެވެ. އެހެންކަމުން ލޯމަތީގައި ކިއުކަމްބާ ފޮއްޗެއް ބާއްވާލުމުން ލޮލަށް ތެއްކަންގެނުވައިދީ ލޯކައިރި ހައިޑްރޭޓްކޮށްދެއެވެ. މީގެ ސަބަބުން ހަމުގެ އިލާސްޓިސިޓީ ވަރުގަދަކޮށްދީ ރޫޖެހުމުން ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން ކިއުކަމްބާގައި ހުންނަ ފެނުގެ ސަބަބުން ލޮލަށް ފިނިކަން ގެނުވައިދީ ލޮލަށް އަރާމުލިއްބައިދެއެވެ.

3. އެންޓި އިންފްލެމޭޓަރީ ޕްރޮޕަޓީސް

ކިއުކަމްބާގައި އެންޓި އިންފްލެމޭޓަރީ މާއްދާތައް އެކުލެވިގެންވުމުން ލޯކައިރި ދުޅަވުމުން ރައްކާތެރިކޮށްދީ ލޯކައިރި ރީތިކޮށްދެއެވެ. މިގޮތުން ލޯކައިރި ދުޅަތިރިކުރުމަށް ކިއުކަމްބާ ސްލައިސް ގަނޑުކޮށްގެން ލޯމަތީގައި ބޭއްވިދާނެއެވެ. އޭގެ ސަބަބުން ލޮލުގެ ހަންގަނޑުގައި ހުންނަ ދުޅަކަން ތިރިކޮށްދީ ވަރުބަލިކަމާއި ސްޓެސް ހަންގަނޑުން ފިލުވައިދޭނެއެވެ.

4. ވިޓަމިން ކޭ ހިމެނުން

ވިޓަމިން ކޭގެ ސަބަބުން ލޯކައިރީގައި ކަޅުވެފައި ހުންނަ ތަން އަލިކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. ރަނގަޅަށް ނިދިނުލިބުމުގެ ސަބަބުން ނުވަތަ ސްޓްރެސްގެ ސަބަބުން ލޯކައިރި ކަޅުވާނަމަ ކިއުކަމްބާ 2 ސްލައިސް ނަގައި ލޯމަތީގައި ބާއްވައި ލޮލަށް ބޭނުންވާ ވިޓަމިންތައް ފޯރުކޮށްދޭށެވެ. އަވަސް ނަތީޖާއެއް ބޭނުންނަމަ އެންމެ ރަނގަޅީ ގަނޑުކޮށްފައި ހުންނަ ކިއުކަމްބާ ސްލައިސް ބޭނުންކުރުމެވެ.

5. ޤުދުރަތީ އެންޓި އޮކްސިޑެންޓް

ކިއުކަމްބާގައި އެންޓިއޮކްސިޑެންޓްތައް ހިމެނޭ މިންވަރު ގިނައެވެ. އެންޓި އޮކްސިޑެންޓަކީ ހަންގަނޑު ހަލާކުރުކުރާ ނުރައްކާތެރި މާއްދާތައް ސާފުކޮށްލައި ގެއްލުންދޭ ފްރީ ރެޑިކަލްތަކުން ހަންގަނޑު ސަލާމަތްކޮށްދޭ މާއްދާތަކެކެވެ. މީގެ ސަބަބުން ލޯކައިރީގައި ހުންނަ ނާޒުކު ހަންގަނޑު ސާފުކޮށްދީ ހިރަފުހާއި ޕޮލިއުޝަންފަދަ ލޮލަށް ގެއްލުންދޭ އެއްޗެހި ސާފުކޮށްދެއެވެ. އަދި ލޯހިރުވުމާއި ދިލަނެގުންފަދަ ކަންކަމަށްވެސް ލުއިކަން ގެނެސްދީ ލޮލަށް އަރާމުލިއްބައިދެއެވެ.



އިރުގެ ދޯދިތަކާއި ސްކްރީންތަކުގެ ބްލޫ ލައިޓުގެ ސަބަބުން ލޯކައިރިއަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ކިއުކަމްބާ ބޭނުންކުރުމުގައި ތިރީގައި މިވާ ބައެއް ގޮތްތައް ޚިޔާރުކުރެވިދާނެއެވެ.

- އޮއްތައް ނުނަގައި ބޭނުންކުރުން

ކިއުކަމްބާ އޮށުގައިވެސް ލޯހައިޑްރޭޓްކޮށްދޭ މާއްދާތައް އެކުލެވިގެންވެއެވެ. އެހެންކަމުން ކިއުކަމްބާ ސްލައިސް ބޭނުންކުރާއިރު އޮށްނުނަގައި ބޭނުންކުރުމުން އެންމެ ބޮޑަށް ފައިދާ ލިބިގެންދާނެއެވެ.



- ބޭރު ތޮށި ނުމެށުން

ކިއުކަމްބާ ރީތިކޮށް ދޮވެލުމަށްފަހު ސްލައިސް ކުރާށެވެ. ތޮޅިކޮޅު ހުރުމުން ތުނިކޮށް ކޮށާ ކިއުކަމްބާ ސްލައިސްކޮޅު ވަކިނުވެ ރީތިކޮށް ބޭއްވުމަށް އެހީތެރިވެދޭނެއެވެ.

- ހަމަޖެހިގެން އޮތުން

އެންމެ އެދެވިގެންވާ ނަތީޖާ ނެރެން ބޭނުންނަމަ ގޮނޑިއެއްގައި ލެނގިލައި ނުވަތަ އެނދުގައިވިޔަސް ލޯމަތިގައި ކިއުކަމްބާ ފޮތި ބާއްވައިގެން ހަމަޖެހިލާށެވެ. އަދި 10 މިނެޓުވަރު ވަންދެން ލޮލުން ކިއުކަމްބާ ފޮތި ނުނަގައި ބާއްވާށެވެ.

- ހެނދުނު ވަގުތުގައި ބޭނުންކުރުން

ރޭގަނޑު ގަޑިއަށްވުރެ ކިއުކަމްބާ ސްލައިސް ބޭނުންކުރުން ރަނގަޅީ ހޭލުމަށްފަހުއެވެ. އޭރުން ނިދާ ހޭލުމަށްފަހު ހަންގަނޑަށް ތާޒާކަން ލިއްބައިދީ ނުނިދި އުޅެންޖެހުމުން ލޯކައިރި ކަޅުވުމުންވެސް ރައްކާތެރިކޮށްދޭނެއެވެ.

- ގަނޑުކޮށްފައި ހުންނަ ސްލައިސް ބޭނުންކުރުން

ކިއުކަމްބާއިން ލިއްބައިދޭ ފައިދާ އެންމެ ބޮޑަށް ލިއްބައިދޭނީ ގަނޑުކުރުމުންނެވެ. އެއީ ލޯދުޅަވެފައި ހުންނަ ހުރުމާއި ކަޅުވެފައި ހުންނަ ސަރަހައްދު އަވަހަށް ރަނގަޅުވާނީ ގަނޑުކޮށްފައި ހުންނަ ކިއުކަމްބާފޮތި ބޭނުންކުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން