މަރިޔަމް ލަމްޙާ ރަޝީދު   6 ސެޕްޓެމްބަރު 2023 - 13:51
ވަރިއަކީ ރާއްޖޭގައި ވަރަށް އާއްމު އެއްޗެކެވެ. ދެން އެއާއި ވިދިގެން މިއަންނަނީ ދަރިންނަށް ކުރަންޖެހޭ ޚަރަދުގެ މައްސަލައެވެ. އެކަނިވެރި މަދު މައެއް ފިޔަވައި އެންމެގެ ހާލަކީ ދަރިންގެ ކަންކަމުގައި އަބަދުމެ ޝަކުވާކުރަންޖެހުމެވެ. ދަރިންގެ އަސާސީ ހައްޤުތައް އަދާނުކުރެވިގެންނެވެ. ސްކޫލުން ބުނާ އެއްޗެހި ހޯދައި ނުދެވިގެންނެވެ. އެކަންކަމަށް ޚަރަދު ކުރާނެ ގޮތެއްނެތިފައެވެ.

ދިވެހި ރާއްޖޭގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ކޮންމެ ދަރިޔަކަށް މަހެއްގެ މައްޗަށް 1000 ރުފިޔާ ދަރިފުޅަށްޓަކައި ޚަރަދުކުރުމަށް ދަރިންގެ ބަފައިންނަށް އަމުރުކުރެއެވެ. އަދި ދަރިން ބަލާ މީހާއާއަށް 1000 އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ދިނުމަށްވެސް މިޤާނޫނުގައި ލާޒިމް ކުރެވި، އެދަރީންގެ އުމުރުން 18 ވަންދެން ކޮންމެ މަހަކު މި ޚަރަދު ދިނުމަށް ބަފައިމީހާގެ މައްޗަށް މިޤާނޫނުގައި ލާޒިމްކުރެއެވެ. އަދި ހަމައެހެންމެ ދަރިން ބަލިވެއްޖެނަމަ އާސަންދައިން ނުވާކަންކަމުގެ ބޭސްފަރުވާއާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމާއި އަހަރެއްގެ މައްޗަށް 3 ހެދުން ހޯދައިދިނުމަށްވެސް އަމުރުކުރެވެއެވެ.

ތަކެތީގެ އަގު އުފުލި ޒަމާން ބަދަލުވީހެން ދިރިއުޅުމުގެ ވައްޓަފާޅިއާއި މިހާރުގެ ކުދީންނަށް ބޭނުންވެފައިވާ ކަންކަން އެހާމެ ގިނައެވެ. ހަމައެއާއެކު ދުވަހުންދުވަހަށް ކުރަންޖެހިފައިވާ ޚަރަދުބަރަދުތައް މިވަނީ އަތްނުފޯރާވަރަށް މައްޗަށް ގޮސްފައެވެ. އެހެންކަމުން އެންމެ ދަރިއަކަށްވިޔަސް 1000 ރުފިޔާއިން އެކުއްޖާއަށް ބޭނުންވާ ކަންތައްތައް ހަމަޖައްސާނީ ކޮންހަމައަކުންތޯއެވެ. އެއިން ދަރިފުޅު ބޯނެ ކިރުވެސް ގަނެނުލެވޭނެއެވެ. ދެން މި 1000 ރުފިޔާއިން ދަރިފުޅަށް ބޭނުންވާ ކާނާއަށް މިއަދަދުން ފަރުޖައްސާނީ ކިހިނަކުންހެއްޔެވެ؟

އާދައިގެ މީހެއްގެ ގެއަށްވެސް ހަފްތާއެއްގެ ކެއުމަށް 2000 ރުފިޔާއިންވެސް ނުވާނެކަން މިހާރުގެ އަގުތަކަށް ބަލައިފިނަމަ އެންމެންވެސް ޤަބޫލުކުރާނެއެވެ. އަދި ތުއްތު ކުއްޖެއްނަމަ ނެޕީއާއި ކުއްޖާ ބޮޑުވަމުންދާވަރަކަށް ބަދަލު ކުރަންޖެހޭ އަންނައުނަށްވެސް ބޮޑު ޚަރަދެއްދާއިރު 1000 ރުފިޔާއިން ފުއްދައިލާނީ ކިހިނަކުންތޯ؟ މިއީ އެކަނިވެރިމައިންގެ އެންމެ ބޮޑު އެއްޝަކުވާކަން އެންމެންވެސް ޤަބޫލުކުރާނައެވެ.

ދަރިން ބޮޑުވުމަށްފަހު އެކުދިންގެ ސްކޫލްތަކުން ހޯދަން އެބޭނުންވާ އެއްޗެއްސާއި އެކުދިންގެ ބޭނުންކުރާ ފައިވާނާއި ބޫޓޫއި އަންނައުނު ހަލާކުވުމުން ނުވަތަ ކުޑަވުމުން ދެންޖެހެނީ ދަރިންގެ ބައްޕަ ގާތުގައި އާދޭސްކުރާށެވެ. ދެން މިގޮތަށް އާދޭސްކުރަމުންގޮސް ބައްޕަ ދިނިއްޔާދިނީއެވެ. ނުދިނިއްޔާ އެހެން މީހެއްގެ އަތުން އާދޭސްކޮށްގެން އެފައިސާހޯދާފައިނަމަވެސް ދަރިންނަށް ކޮށްދޭންޖެހޭ ކަންތައްތައް މައިމީހާ އެކަނި މާއެކަނި ކޮށްދެއެވެ.

މިއީ ވިސްނާލަންޖެހޭ ކަމެކެވެ. މިއީ ފިރިހެންމީހާގެވެސް ދަރިންނެވެ. އެހެނަމަވެސް ރޫޅިފައިވާ ގިނަ ޢާއިލާތަކަށް ބަލާއިރު، ފިރިހެންމީހާއަށް މަތިކޮށްފައިވާ 1000 ރުފިޔާއިން މިކަންކަން ނުކުރެވުމުން ދެންއެވީ ދަރިފުޅަށް ތަކެތި ހޯދުމަށް އެކިމީހުން ކައިރިން އާދޭސްކޮށްގެން ދަރަންޏަށްނަމަވެސް ހޯދި ފައިސާ ބަފައިމީހާގެ އަތުން ހޯދުމަށްވެސް ކޯޓުތަކަށްދާށެވެ. ހުރިހާ ބިލްތަކެއް ހިފައިގެން ދަރިންގެ ކަންކަންކުރަމުން އަވަދިނެތިވެ އުޅޭމައިމީހާއަށް ދަރިންގެ ޚަރަދު ހޯދުމަށް އަދިވެސް އިތުރަށް މިޖެހެނީ ގަނަތެޅޭށެވެ. ދެން ކޯޓުތަކުގައިވެސް އެތަށް ދުވެހެއް މިކަންކަމުގައި ހޭދަވެދާނެއެވެ. ހިތާމައަކީ މިހުރިހާ ކަމެއްވެސް ތަހައްމަލު ކުރަމުންގެންދަނީ ދަރިން ބަލަމުންދާ އެއްކަލަ މައިމީހާއެވެ.

ކަންމިހެން އޮތްއިރުވެސް ޘާބިތު ޚަރަދު ނުދީގެން ކޯޓުތަކުގައި މައްސަލަ ޖައްސައިގެން އެޚަރަދު ނުލިބިގެން އުޅޭ މައިން މިރާއްޖޭގައި ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިދަންނަވާ 1000 ރުފިޔާ ގަނޑުވެސް ނުދޭ ބައްޕައިން ވާހަކަވެސް ދައްކަން އެބަޖެހެއެވެ. ކަންހިނގާގޮތަށްބަލާއިރު، އެމީހުންނާއިމެދު މާބޮޑު ފިޔަވަޅެއް ނޭޅެއެވެ. ކޯޓުތަކުގައި މައްސަލަތައް އޮންނަނީއެވެ.

2013 ވަނަ އަހަރު އާއިލާއާއި ބެހޭ ޤާނޫނުގެ 55 ވަނަ މާއްދާއަށް ގެނައި އިސްލާހަށްފަހު ކަނޑައެޅި މި 1000 ރުފިޔާގެ މިންވަރަކަށް އެއަށްފަހު ބަދަލެއް ގެނައުމަކަށް އެއްވެސް އިތުރު އިސްލާހުތަކެއް އައިސްފައިނުވެއެވެ. ނަމަވެސް އަޅުގަނޑުމެން ބަލަބަލައި ތިއްބައި 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި މިނިމަމް ވޭޖެއް ކަނޑައަޅައި 2022 ން ފެށިގެން އެންމެންގެ މުސާރައަށްމިވަނީ ބަދަލުތަކެއް ގެނެވިފައެވެ.

މިގޮތުން އެންމެ ކުޑަމުސާރަ ލިބޭ ސަރުކާރުގެ މުވައްޒަފު މީހާއަށްވެސް މިނިމަމް ވޭޖު އެލަވަންސްލާފައި އަސާސީމުސާރަ 5000 ރުފިޔާއާއިއެކު މުޅި ޖުމުލަ އެހެނިހެން އެލަވަންސްތައް ލާފައި 7000 ރުފިޔާ ލިބެއެވެ. ބޮޑެތި ވިޔަފާރި ކުންފުނި ތަކުގައި 8000 ރުފިޔާ އަދި ކުދި ވިޔަފާރިތަކުން 4500 ރުފިޔާ ދޭންފަށައި އެންމެންގެ މުސާރަތައް ބޮޑުވިއެވެ. އެހެންކަމުން ވަޒީފާތަކުގައި އުޅޭ ދަރިންގެ ބަފައިމީހާ އަދިވެސް ދަރިންނަށް ހައްޤުވާކަމަށް ޤަބޫލުކުރަންވީ 1000 ރުފިޔާ އެކަނިތޯއެވެ. ނުވަތަ ތަކެތީގެ އަގުއުފުލުމުން ހަމައެކަނި ދައުލަތަށްވެސް ޤަބޫލު ކުރެވުނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން އެކަނި ފުދުނީ ކަމަށްތޯއެވެ؟

ދަރިންގެ ޚަރަދު މިއަށްވުރެ ލުއިވާނެގޮތަކަށް އެދަރިންގެ ކަންކަމުގައި ރެއާއިދުވާލު ހަތަރުދަމު އެކުދިންގެ ހައްޤުގައި ޤުރުބާން ކުރަމުންދާ މައިންނަށް ހޯދައިދޭން އެބަޖެހެއެވެ. ތަކެތީގެ އަގުތައް އުފުލެމުންދާވަރަކަށް އެކިއެކި ދާއިރާތަކުގެ މުސާރަތައް ރިވައިސްކުރެވެމުން އެބަދެއެވެ. ހަމައެގޮތަށް ޤާނޫނުގައި މީގެ 10 އަހަރު ކުރިން ކަނޑައެޅި 1000 ރުފިޔާ ރިވައިސްކޮށް ދަރިންގެ ޚަރަދު ހިފައިންގެ ކޯޓުތަކަށް ދުވަންޖެހޭ ޖެހުމަށް ހައްލެއް ހޯދައިދިނުމަކީ ކަމާބެހޭ މުއަސަސާތަކުން މިއަދު ކުރަންވެފައިވާ ވަރަށްވެސް މުޙިއްމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން