ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ އެންމެ ފަހުގެ މިއުޒިކް ވީޑިއޯ "އެލް ހެފޭ"ގެ ކާމިޔާބީއަށްފަހު އަނެއްކާވެސް ސްޕެއިންގެ ސަރުކާރުން ޝަކީރާގެ މައްޗަށް ޓެކުހަށް މަކަރު ހެދިކަމުގެ އިތުރު ދައުވާއެއް ކޮށްފިއެވެ.

"އެލް ހެފޭ" ގެ މާނައަކީ މަސައްކަތް ހަވާލުކުރާ ބޮސް ނުވަތަ ވެރިމީހާއެވެ. "އެލް ހެފޭ" ވީޑިއޯގައި ޝަކީރާ ވަނީ އޭނާއާއި ޕީކޭގެ ދަރިން ބަލަމުން ގެންދިޔަ އަންހެން މުވައްޒަފު ލިލީ މެލްގާގެ މަންޒަރެއް ވެސް ހިމަނާފައެވެ. މެކްސިކޯގެ މިއުޒިކަލް ބޭންޑަކާއި އެއްކޮށް ކުޅުނު މި ލަވައިގެ ވާހަކަ ބިނާކޮށްފައިވަނީ ދާ އޮހޮރުވައިގެން ބުރަ މަސައްކަތް ކުރާ މީހުން ކުރާ މަސައްކަތުގެ މައްޗަށެވެ.

ލަވަ ނިމިގެންދާއިރު މި އަންހެންމީހާގެ ޚާއްސަ ފެނިލުމެއް ދައްކުވައިދެއެވެ. އޭނާ ފެންނަނީ ކެމެރާއާއި ދިމާލަށް ބަލާފައި ރުޅި މޫނެއް ދައްކާ ތަނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޕީކޭ އެ އަންހެންމީހާ ވަޒީފާއިން ވަކިކުރީ މުސާރަ ނުދީއެވެ.

އެ އަންހެންމީހާއަކީ މިލާންއާއި ސާޝާ ކުޑައިރުއްސުރެ ބެލެހެއްޓި އަންހެނެކެވެ. އަދި ޝަކީރާގެ ފިރިމީހާ ޖެރާޑް ޕީކޭ ޝަކީރާއަށް ބޭވަފާތެރިވީކަން ޝަކީރާއަށް ފަޅާއެރުވީ އެ އަންހެންމީހާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ޖެރާޑް ޕީކޭއަކީ ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަނެވެ.

ޝަކީރާ އެއަށްވުރެ ކުރިން އުފެއްދި "ތެ ފެލިސިތޯ،" "ރެޕް ސެޝަން 53" ފަދަ ލަވަތަކަކީ ޕީކޭގެ ބޭވަފާތެރިކަމާއި ގުޅުވައި އުފެއްދި ލަވަތަކެކެވެ. އެ ލަވަތަކުން އޭނާއަށް ވަރަށް ބޮޑު އާމްދަނީއަކާއި މަގްބޫލުކަމެއް ލިބިގެންދިޔައެވެ.

ޝަކީރާއަށް މީގެ ކުރީގައި ސްޕެއިނުން ދައުވާކުރަނީ 2012 އިން 2014 އަށް އޭނާ ސްޕެއިންގައި އުޅުނުއިރު ދައްކަންޖެހޭ 14.5 މިލިއަން ޔޫރޯގެ ޓެކްސް ނުދައްކާ، މަކަރު ހެދިކަމަށް ބުނެއެވެ. ޝަކީރާ ބުނާގޮތުގައި އެމުއްދަތުގެ ތެރޭގައި އޭނާ ސްޕެއިންގައި ދިރިއުޅެފައިވެސް ނުވާނެއެވެ.

އެ ދައުވާގެ އަޑުއެހުން ނުނިމެނީސް މިފަހަރު އެ ގައުމުގެ ސަރުކާރުން އުފުލި ދައުވާގައި ބުނާ ގޮތުންނަމަ ޝަކީރާ ވަނީ 2018 ވަނަ އަހަރުގައި ޓެކްސްގެ ގޮތުގައި އިތުރު 6.7 މިލިއަން ޔޫރޯގެ ޓެކްސް ދެއްކުމުގައި ފަރުވާ ކުޑަކޮށްފައެވެ.

ސްޕެއިންގެ ޓެކްސް އޮތޯރިޓީތަކުން ވަނީ ފާއިތުވި ދިހަ އަހަރު ތެރޭގައި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ފުޓްބޯޅަ ކުޅުންތެރިންނަށްވެސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފުރިހަމަ ފައިސާ ނުދައްކާތީ ފިޔަވަޅު އަޅާފައެވެ. އެ ކުޅުންތެރިންގެ މައްޗަށް ޓެކްސް ނުދައްކާ ކަމުގެ ކުށް ސާބިތުވި ނަމަވެސް ޖަލު ހުކުމަކުން ސަލާމަތްވީ ފުރަތަމަ ފަހަރަށް ކުށްކުރާ މީހުންނަށް ދެ އަހަރުން ދަށުގެ ހުކުމްތައް މައާފު ކުރެވޭނެ މާއްދާއެއްގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން