އިންފީރިއާ ކޮމްޕްލެކްސްއަކީ އަމިއްލަ ނަފްސަށް އޮންނަންޖެހޭ އިތުބާރު ނެތުމާއި ތިމާގެ ހަށިގަނޑާއި ނަފްސުގައި އުނިކަންތައް ހުރިކަމަށް ޤަބޫލުކުރެވުމާއި އެހެން އެންމެނަށްވުރެ ތިމާއަކީ ދަށްމީހެއްކަމަށް ޤަބޫލުކުރެވުމެވެ. މިއީ ކުއްޖާ ދިރިއުޅުމުގައި އެކިއެކި ކަންކަން ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ހުރަހަކަށްވެގެންދާ ކަމެކެވެ. ނައްސި ވިސްނުންތައް ކުރިއަށް ނެރެވުމުގެ ނަތީޖާއަކަށްވެގެންދަނީ ކުއްޖާ ކުރަންޖެހޭ މިންވަރަށް ކުއްޖާއަށް މަސައްކަތްނުކުރެވުމެވެ. މިފަދަ ހާލަތުގައި ކުއްޖާގެ އަމިއްލަ ނަފްސަށް ވިސްނޭގޮތުގައި ތިމާއަކީ ކަންކަމަށް މޮޅު އަދި ޤާބިލްނޫން މީހެއްކަމެވެ. މިފަދަ ނައްސި ވިސްނުމުގެ ސަބަބުން ކުއްޖާ އެއްވެސް ކަމެއް ކާމިޔާބުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަމެއް ނުހުންނާނެވެ. އެފަދަ ވިސްނުން ގެންގުޅޭނަމަ އަބަދުވެސް ޤަބޫލުކުރާނީ އެއީ ތިމާއަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އަމިއްލަ ނަފްސަށް ގެއްލުންދެނިވި ވިސްނުންތައް ބޮލުތެރޭގައި އެނބުރުމަކީ ކުދިން ބޭނުންވާނެ ކަމެއް ނޫނެނެވެ. އަދި ހުރިހާ ކުދިންނަކީވެސް ކާމިޔާބު ބަޔަކަށް ވުމަށް އެދޭނެ ކުދިންތަކެކެވެ. އެހެންނަމަވެސް ކުދިންގެ ކިބައިގައި މިފަދަ ވިސްނުންތަކެއް އުފެދެންފެށުމުން ކާމިޔާބީއަށް ވާސިލްވުމަށް އަމިއްލަ ޟަމީރަށް މަސައްކަތްނުކުރެވެނީއެވެ. މިހެން ދިމާވާން މެދުވެރިވާ ގިނަ ސަބަބުތައް އެބަހުއްޓެވެ. ތިރީގައި މިގެނެސްދެނީ 'އިންފީރިއޯރިޓީ ކޮމްޕްލެކްސް' ނުވަތަ އަމިއްލަ ނަފްސަކީ އުނިއަދި ކަމެއް ހާސިލްކުރުމުގެ ޤާބިލުކަންނުވާ ބޭކާރު މީހެއްކަމުގެ ވިސްނުން ކުދިންގެ ސިކުނޑީގައި ހަރުލުމަށް މެދުވެރިވާ ބައެއް ސަބަބުތަކަށެވެ.

1. ބެލެނިވެރިންނަކީ 'ސެލްފް އެސްޓީމް' ދަށް ބަޔަކަށްވުން؛

ސެލްފް އެސްޓީމްއަކީ އަހަރުމެން ނަފްސާއިމެދު ދެކޭގޮތެވެ. ސެލްފް އެސްޓީމް ދަށްވުމަކީ އަމިއްލަ ނަފްސަކީ ޤާބިލް ކަންކަން ކުރެވިދާނެ އަދި ކާމިޔާބީއަށް ވާސިލްވެވޭނެ ބައެއްކަމުގައި ޤަބޫލުނުކުރުމެވެ. ބެލެނިވެރިން ކުރާ މަސައްކަތްތަކުގައި ކާމިޔާބު ނުވާނެ ކަމަށް އަބަދު ޝައްކު އުފެއްދުމާއި އަމިއްލަ ނަފްސު ކުއްވެރިކޮށްފައި ވާހަކަ ދެއްކުމަކީ ކުދިން ކޮޕީކުރާނެ ކަންކަމެވެ. މިހެންވުމުން އެކުދިންނަކީވެސް ކަންކަން ހާސިލްކުރުމަށް ކުރިމަތިލުމުން ދުރުހެލުވާ އަމިއްލަ ނަފްސަށް އިތުބާރުނުކުރާ ބަޔަކށް ވެގެންދެއެވެ.

2. ކާމިޔާބީގައި ތަރުހީބުދިނުމުގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތުން؛

ބައެއްފަހަރު ކުދިން ކުރާ މަސައްކަތްތައް އެކުދިން ބެލެނިވެރިންނަށް ދައްކައެވެ. މިސާލަކަށް އެކުދިން ކުރަހާފައިވާ އާއިލާގެ މެންބަރުން ދައްކާލައެވެ. އެންމެ ފުރަތަމަވެސް މަލާމާތުގެ ރާގަށް ހީނލާނެއެވެ. ދެން އެއަށްފަހު ހާދަ މޮޅޭ ދަރިފުޅާއޭ ބުނެ ތައުރީފުކުރާނެއެވެ. މިއީ ކުދިންގެ ވިސްނުމުގައި ތިމަންނައަކީ އަސްލު މޮޅު މީހެއް ނޫންކަމަށާއި މަންމަ ތިމަންނަ އުފާކޮށްލަން ބުނެލާ ބަސްތަކެއް ކަމުގައި ބޮލުގައި ހަރުލާނެއެވެ. އަދި އަމިއްލަ ނަފްސަށް އޮންނަންޖެހޭ އިތުބާރު ގެއްލިދެއެވެ.

3. ކުދިންނަށް ގެއްލުންދެނިވި ބަސްތައް ރައްދުކުރުން؛

މައިންބަފައިން ކުދިންދެކެ ރުޅި އަންނަ ހާލަތުގައިވެސް 'މިކުއްޖާ ހުރުމަކުން އެއްވެސް ފައިދާއެއް ނުވެޔޭ' 'ކިހާ ބޮޑު ކަމެއް ހެއްޔޭ' 'ބޭކާރު މީހެކޭ' " ، "އެއްވެސްކަމެއް ދަންނަނީއެއް ނޫނޭ' ފަދަ ބަސްތައް ރައްދުކުރުމުން ކުއްޖާގެ ސެލްފް އެސްޓީމް މުޅިން ފުނޑުފުނޑުވެގެންދާނެއެވެ. އަދި ހަޤީގަތުގައިވެސް އެހުރިހާ ނައްސި ވިސްނުންތައް ޤަބޫލުކުރެވި ކުއްޖާއަކީ އެއްވެސް ހެވެއް ނުވާ ބޭކާރު މީހެއް ކަމުގައި ޤަބޫލުކުރެވެންފަށައެވެ. އަދި ކަންކަމާއި ބައިވެރިވިޔަސް އެންމެ މޮޅު ކުއްޖާއަށް ތިމަންނުވާނޭ ބޮލުގައި ހަރުލާފައި ހުރެއެވެ.

4. އެހެން ކުދިންނާއި އަޅާކިއުން؛

ކުދިންގެ ތެރޭގައި އެކި ހުނަރު ހުންނާނީ އެކިކުދިންގެ ކިބައިގައި އެކި މިންވަރަށެވެ. އެތުލެޓިކްސްއަށް މޮޅު ކުއްޖަކު ކިޔެވުމަށް އެހައި މޮޅުނުވުމަކީ އެކަށީގެންވާ ކަމެކެވެ. ކިޔެވުމަށް މޮޅު ކުއްޖާ ފަހަރުގައި ކުރެހުމާއި ބާސްކެޓް ބޯޅައަށް މޮޅުނުވެދާނެއެވެ. ކޮންމެ ކުއްޖަކަށްވެސް ހިއްވަރުދޭންވާނެއެވެ. އެހެންނަމެވެސް އެކަމުގައި އަނެއް ކުއްޖާ ދެރަކޮށްލައިގެންނުވާނެއެވެ. މިހެން ކަންތައް ކުރުމުން ދެރަ އިހުސާސްވާ ކުއްޖާ އެހެން ކަންކަމުގައި ކާމިޔާބު ނަމަވެސް، ތިމަންމީ މޮޅު މީހެއް ނޫންކަމުގެ އިހުސާސްކުރެވި ހުނަރުހުރި ކަންކަމުގައިވެސް ނައްސި ވިސްނުން އިސްކުރެވެންފަށައިފާނެއެވެ.

5. ހަނގާކުރުމާއި މަލާމަތްކުރުން؛

ހަނގާކުރުމާއި މަލާމާތްކުރުމާއިމެދު ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ. މިއީ ހަމައެކަނި ކުދިންކުދިންނަށް ކުރާކަމެއް ނޫނެވެ. ގޭތެރޭގައި ބޮޑެތި މީހުންގެ ފަރާތުން އަންނަ މިމައްސަލަ ދިވެހި މުޖުތަމައުގައި މާބޮޑެވެ. ކުދިންގެ ސިފަޔާއި ކުދިންގެ މަސައްކަތްތަކަށް ފާޑުކިޔައި މަލާމާތްކުރާނަމަ، އަމިއްލަ ޤާބިލުކަމާއިމެދު ކުދިންގެ ކިބައިގައި އޮންނަ އިތުބާރާއި ޔަޤީންކަން ކުޑަވެ އިންފީރިއޮރިޓީ ކޮމްޕްލެކްސްއަށް ކުދިން ދަންމުވާނެއެވެ.

6. ކުދިންނަށް ކާމިޔާބުނުވާނެފަދަ ކަންކަމަށް މަސައްކަތްކުރުވުން/ ލަނޑުދަނޑި ކަނޑައެޅުން؛

'އަންރިއަލިސްޓިކް ސްޓޭންޑާޑްސް' އަކީ ހަގީޤަތުގައި ހާސިލްނުވާނެފަދަ ލަނޑުދަނޑިތައް ކަނޑައަޅައި ކުދިން ލައްވައި އެކަންކަން ހާސިލްކުރުމަށް މަސައްކަތްކުރުމެވެ. ނަމަވެސް ކުދިންގެ ފެންވަރާއި އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަމާއި ނުގުޅޭ ކަންކަން ހަވާލުކުރުމުން ގިނަކުދިންނަށް ކާމިޔާބެއް ނުވާނެއެވެ. އެހެންކަމުން އަބަދުވެސް އެކުދިންގެ ސިކުނޑީގައި ތިމަންނައަށް ދުވަހަކުވެސް ކަމެއް ހާސިލްނުވާނެކަމުގެ ނައްސި ވިސްނުން އަށަގަންނަންފަށައެވެ.

ކުދިންގެ ދިރިއުޅުމުގައި އެކިއެކި ގޮންޖެހުންތައް ކުރިމަތިވާނެއެވެ. ކުއްޖާގެ ނަފްސު އެކަންކަމަށް ހާނުވައި އަނެއްކާވެސް އާހިއްވަރަކާއި އާއަޒުމަކާއެކު އެ މަސައްކަތް ކުރުމަށް ހިއްވަރުދޭންވާނީ ބެލެނިވެރިންނެވެ. އެހެންކަމުން ބެލެނިވެރިން އަބަދުވެސް ވާންވާނީ އެކުދިންގެ ކިބައިގައިހުރި ހުނަރެއް ކުރިއަރުވަން މަސައްކަތްކޮށް، އެކުދީންނަކީ ޤާބިލިއްޔަތު އަދި ކާމިޔާބު ބަޔަކަށް ހެދުމަށްޓަކައި އެކުދީން ކުރާ މަސައްކަތް ކާމިޔާބީއާ ހަމައަށް ވާސިލްވުމުގައި އެކުދީންނަށް ހިއްވަރުދޭ ބަޔަކަށެވެ. ކުދިންގެ ހުނަރު ކުރިއަރާނީ އޭރުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން