ކޮވިޑް 19 އާއިގުޅިގެން އައި ލޮކްޑައުންއަށްފަހު ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަ ބަދަލުތަކާއެކު ދިވެހިންގެ ދިރިއުޅުމަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިގޮތުން އާއްމުކޮށް ހަވީރު ފިންޏަށް ހިނގާލަންދިޔަ ގިނަ މީހުންވެސް މިހާރު މިއީ އެހައި މުހިންމު ކަމެއްކަމުގައި ނުދެކެއެވެ. ކުރީގައި ގިނަ ދިވެހިންނަކީ ހަވީރު ގަޑި ހުސްކޮށްލައި ކޮންމެވެސް އާއިލީ މީހަކަށް ނުވަތަ އެކުވެރިއަކަށް ޒިޔާރަތްކުރާ ބައެކެވެ. ނަމަވެސް މިހާރު މިކަންވެސްވަނީ ވަރަށް މަދުބަޔަކަށް ވަރަށް މަދުފަހަރެއްގައެވެ.

ހަވީރު ފިންޏަށް ހިނގާލުމުން ލިބޭ ފައިދާތައް



1. ހަށިގަނޑަށް ބޭނުންވާ އަރާމު ލިއްބައިދނުން:

ގިނަ ދިވެހީންނަކީ ފަތިހުންފެށިގެން ދުވާލުގެ ބޮޑުބައެއް ވަރަށް ބުރަކޮށް ހޭދުކުރާބައެކެވެ. މިގޮތުން ދުވާލުގެ ބުރަ މަސައްކަތަށްފަހު ހާމަ އުޑުދަށަށް ނުކުމެ، ވަށައިގެންވާ ޖައްވުގެ ހަމަވައިލިބޭ މާހައުލެއްގެ ހިތްގައިމުކަން ދެކެލުމަކީ މީހާއަށް ހިތްހަމަޖެހުން ލިބި އަރާމު ލިބިގެންދާނެ ކަމެކެވެ. އެގޮތުން އެންމެ ފައިދާ ކުރަނިވި ކަމަކީ ހަވީރު ފިނީގައި ހިނގާލަން ދިޔުމެވެ. ހަވީރު ފިނީގައި ހިނގާލަން ދިއުމުން ހަށިގަނޑު ހަރަކާތްތެރިވެ މަސްތަކަށް ކަސްރަތުވެސް ލިބިގެންދާނެއެވެ. މިގޮތުން ދުވާލަކު 30 މިނެޓަށް ހިނގާލުމުން ސިކުނޑިއާއި ހަށިގަނޑަށް ތާޒާކަން ގެނުވައިދީ ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކުރުވާނެ ކަމެކެވެ.

2. ދިފާއީ ނިޒާމް ވަރުގަދަވުން:

ހިނގާލަން ދިއުމުން ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ހަރަކާތްތެރި ކުރެވޭނެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ލޭދައުރުމުން ރަނގަޅުވެ މުޅި ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދެއެވެ.

3. މަސްތަކުގެ ބާރުގަދަވުން:

ހަވީރު ފިންޏަށް މަޑުމަޑުން ހިނގާލުމުން ހަށިގަނޑުގެ މަސްތައް ހަރަކާތްތެރި ކުރުވައެވެ. އަބަދުހެން ގޮނޑީގައި އިނުމުގެ ސަބަބުން އެއްގޮތަކަށް އަބަދު ހުރުމަށް ހޭނިފައިވާ މަސްތަކަށް ލުޔެއް ލިބި މަސްތައް ހަރަކާތްތެރިވުމުން މަސްތައް ވަރުގަދަވާނެއެވެ.

4. ބުރަކަށީގެ ތަދުތަކަށް ލުއި ލިބުން:

ބުރަކަށީގެ ތަދުތަކަށްވެސް މިގޮތަށް ހިނގާލަން ދިއުމުން ލުއިލިބެއެވެ. އެއީ އަބަދުހެން ގޭތެރެ ނުވަތަ އޮފީހުގައި އިނދެ ކުރަންޖެހޭ މަސައްކަތްތަކުގައި އިށީނދެ ގިނަވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން ބުރަކައްޓަށް ގުދުލައި އަބަދު ހުންނާނީ ބަރުވެފައެވެ. އެހެންކަމުން ދުވަހުގެ މަސައްކަތްތައް ނިމުމުން ބުރަކަށި ސީދާކޮށްލައި ހިނގާލުމުން ބުރަކަށިގެ ބަދަތަކަށް ލިބިފައިވާ ސްޓްރެސް ކުޑަކޮށްދީ ތަދުތަކަށް ލުއިލިބިގެންދާނެއެވެ.

5. ބަރުދަން ލުއިވުން:

ފަސޭހަގޮތަކަށް ބަރުދަން ލުއިކުރަން ބޭނުންނަމަ ހަވީރު ގަޑީގައި ހިނގާލަން ދިއުމަކީ ރަނގަޅުކަމެކެވެ. މިގޮތުން މީހާ މާބޮޑަށް ވަރުބަލިކޮށްނުލައި ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިބިދީ ހަށިގަނޑުގެ ސަރުބީ ވިރުވައިލެވޭނެއެވެ. އެހެންކަމުން ވަރުގަދަ 'ވޯކް އައުޓް' ތައް ހަދަން ބޭނުންނުވާނަމަ މިއީ ބަރުދަން ލުއިކޮށްލަން

ކުރެވިދާނެ ފަސޭހަކަމެކެވެ.

6. ނިދަން ފަސޭހަވުން:

ހަށިގަނޑަށް ބޭނުންވާ އަރާމު ލިބިގަތުމަށް ރޭގަނޑުގެ ނިދި ވަރަށް މުހިންމެވެ. ރަނގަޅަށް ނިދި ހަމަނުކުރެވުމުން ހަށިގަނޑުގެ އެކި މަސްތަކާއި ކަށިތަކުގައި ރިއްސާނެއެވެ. ހަވީރު ފިންޏަށް ހިނގާލުމަކީ މީހާގެ ސްޓްރެސް ކުޑަކޮށްދީ ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން