ވެރިކަމުން ވަކިވެޑައިގެންނެވިއިރު ކުރީގެ ރައީސް ޔާމިންގެ އެކައުންޓުތަކުގައި 47 މިލިއަން ރުފިޔާއާއި 3.9 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނެފިއެވެ.

ދައުލަތުން އެގޮތަށް ބުނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ރައީސް ޔާމިންގެ އިސްތިއުނާފް މައްސަލައިގައި މިއަދު ބޭއްްވި އަޑުއެހުމުގައެވެ. މިމައްސަލައިގައި އެންމެ ފަހު އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވަން ލިބުނު ފުރުސަތުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވަމުން ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމިން ވެރިކަމަށް ވަޑައިގެން ހުށައެޅުއްވި މާލީ ބަޔާނުން އެމަނިކުފާނުގެ އެކައުންޓުގައި 560000 އެމެރިކާ ޑޮލަރު ދިވެހި ރުފިޔާއިން ބަލާނަމަ 15 މިލިއަން ދިވެހި ރުފިޔާކަން އެނގޭ ކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށް ރައީސް ޔާމިންގެ މާލީ ބަޔާން ހުށައަޅުއްވާފައިނުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އޭގެފަހުން ރައީސް ޔާމިން މާލީ ބަޔާން ހުށައެޅުއްވީ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2018 ވަނަ އަހަރު ކަމަށާއި އެ މާލީ ބަޔާނުގައި އެމަނިކުފާނުގެ އެކައުންޓް ތަކުގައި 47 މިލިއަން ދިވެހި ރުފިޔާ އާއި 3.9 މިލިއަން އެމެރިކާ ޑޮލަރު ހުރިކަން ހާމަވެފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެެ.

"2018 ވަނަ އަހަރު ވެރިކަމުގެ ފަހު އަހަރު މާލީ ބަޔާން ހުށައެޅުއްވިއިރު ރައީސް ޔާމިންގެ އެކައުންޓުތަކުގައި 47 މިލިއަން ދިވެހި ރުފިޔާ އާއި 3.9 މިލިއަން އެމެރިކާ ޑޮލަރު ހުރި. ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުންނަވަނިކޮށް މާލިއްޔަތަށް 80 މިލިއަނެއްހާ ދިވެހި ރުފިޔާ އިތުރުވެފައިވޭ، މިއީ ރައީސް ޔާމިން އޮޑިޓަރ ޖެނެރަލަށް ހުށައެޅުއްވި މާލީ ބަޔާނުގައި އެމަނިކުފާނު އަމިއްލަފުޅަށް ބަޔާންކޮށްފައި ހުރިކަންކަން." ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ އިތުރަށް ވިދާޅުވީ ރައީސް އަކީ އާމްދަނީ ހޯދުމަށް އިތުރު އެއްވެސް މަސައްކަތެއް ކުރެވޭ ބޭފުޅެއް ނޫން ކަމަށެވެ. ރައީސް އަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ އެއްލައްކަ ރުފިޔާ ކަމަށާއި ފަސްއަހަރުގެ ދައުރެއް ނިމިގެންދާއިރު 6 މިލިއަނެއްހާ ރުފިޔާ އަަށް ވުރެ އިތުރު އަދަދެއް އެކައުންޓްތަކަށް އިތުރުވެގެން ނުވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެެ.

މި މައްސަލައިގައި ޚުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

އަޑުއެހުމުގައި ފަހު ބަސް ހުށަހަޅަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ދަށު ކޯޓުގެ މަރުހަލާގައި ފަނޑިޔާރު ހެކި ބަލައިގަތީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކާ ޚިލާފަށްކަމަށެވެ. އެގޮތުން ދައުލަތަށް ވެސް ހުށަހެޅި އެއްވެސް ކަމެއް ސާބިތުކޮށްދެވިފައި ނުވާކަމަށް ވިދާޅުވެ ޖަމީލް ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކަމަށް ކަނޑަައަޅައިދިނުމަށް އެދިވަޑަައިގެންފައެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ދެއްކި ވާހަކަތައް ނިމުމުން މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލައިގެ އަޑުއެހުންތައް ނިމުނީކަން އިއުލާން ކުރައްވައި އިތުރުކަމެއް ސާފު ކުރަން ނުޖެހޭނަމަ ދެން ބާއްވާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތްކަން އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން