ވޭތުވެ ދިޔަ 24 ގަޑިއަރަށް ބަލާއިރުވެސް ކޮރޯނާ ވައިރަސް އެއްވެސް މަޑުޖެހުމެއްނެތި ހަލުއިކަމާއެކު ފެތުރެމުންދާކަމަށް ކޮރޯނާ ވައިރަހާއި ބެހޭ ތަފާސް ހިސާބުތައް ބަލަހައްޓަމުންދާ ފަރާތްތަކުން ހާމަކޮށްފިއެވެ.

ދަ ގާރޑިއަން ނޫހުން މިއަދު ހާމަކޮށްފައިވާ ދުނިޔޭގެ ބައެއް ޤައުމުތަކުގެ ހާލަތު ހާމަކޮށްދޭ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފްރާންސްގައި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 292 އަށް އަރާފައެވެ. ފްރާންސްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 40174 އަށް އަރާފައެވެ.

ކޯވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ އެއްޤައުމު ކަމަށްވާ އިޓަލީގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް މިހާރު ލޮކްޑައުން ކޮށްފައިވާ އެއް މަސްދުވަހުގެ މުހުލަތު އިތުރުކޮށް އަންނަ އެޕްރީލް މަހުގެ ތިންވަނަ ދުވަހާއި ހަމައަށް ޤައުމުގެ ލޮކްޑައުން މުއްދަތު ވަނީ އިތުރުކޮށްފައެވެ. އިޓަލީން ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމީ 24 ގަޑިއިރުގެ ތެރޭގައި ބަލީގައި މަރުވި މީހުންގެ އަދަދު 756 އަށް އަރައި ކޯވިޑް-19 ގައި މަރުވި މީހުންގެ ޖުމްލަ 10779 އަށް އެރުމުންނެވެ.

ކޮންޓްރޯލެއްނެތި ހަލުއިކަމާއެކު ބަލި ފެތުރެމުންދާ އިނގިރޭސި ވިލާތުން މިހާރު ކުރަމުންދާ އެއްކަމަކީ އެކި ޤައުމުތަކުގައި ބަންދުވެފައި ތިބި އެޤައުމުގެ ރައްޔިތުން އަނބުރާ ރަށަށް ގެނައުމުގެ މަސައްކަތެވެ. އެގޮތުން ޕެރޫގައި ތާށިވެފައި ތިބި ހާހެއްހާ އިނގިރޭސިން މިރޭ ޤައުމަށް ގެންނާނެ ކަމަށް ޚާރިޖީ އޮފީހުން ބުނެފައިވެއެވެ. އީޔޫގެ އެކި ޤައުމުތަކުގައި ތިބި ގިނަ އަދަދެއްގެ އިނގިރޭސިން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް ވެސް މިހާރުވަނީ ފަށާފައެވެ. ޤައުމުތަކުގެ ސަރަހައްދީ ރޮނގުތައް ހުރަސް ކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާތީ މީހުން އުފަލަނީ އިމަޖެންސީ ރެސްކިއު ފްލައިޓް ތަކުގައެވެ.

އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެން ކޮރޯނާ ވައިރަސްއާއި ހަނގުރާމަ ކުރައްވަމުން ގެންދަވާ އިނގިރޭސި ބޮޑުވަޒީރު ނެރުއްވި ވިޑިއޯ މެސެއްގައި، ޤައުމީ ޞިއްޙީ ޚިދުމަތުގައި ކުރިން މަސައްކަތް ކޮށްފައިވާ 20 ހާސް މީހުން މިހާރު ޞިއްޙީ ދާއިރާއަށް އެހީތެރި ވުމަށް ޞިއްޙީ ދާއިރާގެ މަސައްކަތަށް ނުކުމެފައިވާކަމުގައި ވިދާޅުވެފައި ވެއެވެ.

ބޮލީވިއާއާއި އުރުގުއޭއިން ކޮރޯނާ ވައިރަސްގައި ފުރަތަމަ ފަހަރަށް ބަލި މީހަކު މަރުވިކަން މިއަދު އާންމު ކޮށްފައި ވާއިރު ކޮސްޓަރިކާއިން ވަނީ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް 19 މީހަކު ފެނި އެޤައުމުގެ ޖުމްލަ އަދަދު 314 އަށް އަރާފައިވާކަން އިޢުލާން ކޮށްފައެވެ.

މި ރޯގާ ބަލިމަޑުކަމާއި ގުޅިގެން އިޤްތިޞާދީ އެކި ކަހަލަ ފިޔަވަޅުތައް ވެސް ޤައުމުތަކުން ދަނީ އަޅަމުންނެވެ. އެގޮތުން މިސްރުން މިހާރުވަނީ ބޭންކް ތަކުން ފައިސާ ނެގޭ މިންވަރާއި ޖަމާ ކުރެވޭ މިންވަރު ކޮންޓްރޯލް ކޮށްފައެވެ. ޒިމްބާބްވޭ އިން ވަނީ ޤައުމުގެ އެތެރޭގެ ފައިސާގެ މުމަލާތްތަކުގައި އެއްވެސް ވަރަކަށް ބޭރުފައިސާ ބޭނުން ނުކުރުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން